މަސައްކަތު ވަގުތުގައި އާބަންކޯގެ މުވައްޒަފުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން ބެލެހެއްޓުމަށް އެކުންފުނިން ތަރައްޤީކުރި، "ޗައިލްޑްކެއާ ސްޕޭސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައި ދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ އާބަންކޯގެ ހެޑް އޮފީހުގައެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އެތަން ބައްލަވާލައްވައި، އެތަނުގައި އެވަގުތު ތިބި ކުޑަކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މިތަން ތަރައްޤީކޮށްފައި ވަނި، އާބަންކޯ ހެޑް އޮފީހުގެ 2 ވަނަ ފަންގިފިލާގައެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމަށް އެކަމަށް ޚާއްޞަކޮށް ތަމްރީންކޮށްފައިވާ 3 މުވައްޒަފަކު މަސައްކަތް ކުރަމުންދާނެއެވެ. އަދި އެތަން ޚާއްޞަކޮށްފައި ވަނީ އުމުރުން 3 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. މިގޮތުން އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ޤާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނެއެވެ. "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމުގެ ޚިދުމަތަކީ އެކުންފުނީގެ މުވައްޒަފުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ.

މުވައްޒަފުންގެ މަސައްކަތުގަޑީގައި، މުވައްޒަފުންގެ ދަރިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައިދީ، މުވައްޒަފުންނަށް ހާސްކަމެއްނެތި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ، މިސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.