بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.
އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު މިހާދު، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް އަދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އިސްވެރިން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ކެޕްޓަނުން، އަދި ވަކިން ޚާއްޞަކޮށް، މިއަދު މި ޙަފްލާގައި ދަސްވެނިވާ އެންމެހައި ދަރިވަރުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، 2018 ގައި ރައީސުލްޖުމްހޫރިއްޔާ މަގާމަށް ވަޑައިގަތުމާއެކު، އޭރު ދިވެހިރާއްޖޭގައި އެކި އިންސްޓިޓިއުޝަންތަކުން، އެކިއެކި މުއައްސަސާތަކުގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އައީ، އޭރު އައްޑޫގައި ހިންގަމުންދިޔަ ފްލައިންގ އެކަޑަމީގައި އޭރު ކިޔަވަމުންދިޔަ ދަރިވަރުންގެ ފަރާތުން. އޭރުގެ ދަރިވަރުންނަށް އެ ދިމާވި ގޮންޖެހުންތަކާއި، މައްސަލަތަކާ ގުޅިގެން، އެކަމުގައި ކަންބޮޑުވުން އޮވެގެން އަޅުގަނޑުމެންނާ ހަމައަށް އައިސް އެ ދަރިވަރުން އެ ވާހަކަތައް ދެއްކި.
އާދެ، މިކަމަށް ޙައްލެއް ހޯދުމަކީ، ސަރުކާރަށް ވަރަށް މުހިންމުވި ކަމެއް. އާދެ، ދެ ސަބަބެއް އޮތީ. އެންމެ ފުރަތަމަ އެކަން ކުރުމުގައި އަޅުގަނޑުމެންގެ ބޭނުމަކަށް ވެގެންދިޔައީ، އޭރުތިބި 170 ވަރަކަށް ކުދިންނަށް މި ފުރުޞަތު ހޯދައިދިނުން. ކޯސް ފުރިހަމަކުރުމުގެ އުންމީދުގައި 4 އަހަރު ނުވަތަ 5 އަހަރު ވެފައި ތިބި ދަރިވަރުންނަށް ޙައްލެއް ހޯދުން، އެއީ އަޅުގަނޑުމެންގެ މިކަމުގެ އެންމެ ފުރަތަމަ ބޭނުމަކަށް ވެގެންދިޔައީ.
ދެން ސަރުކާރުން ބެލީ، ޚާއްޞަކޮށް، އޭވިއޭޝަން އިންޑަސްޓްރީއަކީ އެއީ، ދިވެހިރާއްޖެއަށް ބަލާއިރުވެސް އަދި އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ބަލާއިރުވެސް އެންމެ ބޮޑަށް ފުޅާވެގެންދާ ދާއިރާއަކަށް ވެފައި އަދި މުޅި ދުނިޔޭގައިވެސް އޭވިއޭޝަނަކީ އެއީ ހުއްޓުމެއް އަންނަ ކަމެއް ނޫން ކަމަށްވާތީ، މި އިންޑަސްޓްރީ ކުރިއެރުވުމަށް. އަޅުގަނޑަކަށް ކެޕްޓަނުން، ޕައިލެޓުން ކައިރީގައި މިކަމާ ގުޅޭ މާގިނަ ތަފްޞީލް ވާހަކަތަކެއް ކިޔައެއްނުވެސްދެވޭނެ. ކިތައްހާސް އެއަރ ކްރާފްޓްކަން އަބަދު އަޅުގަނޑުމެން ބޯމަތީގައި އުދުހި އުދުހި މި ހުންނަނީ. އެހެންވީމާ، ރާއްޖެއާއި ރާއްޖެއިން ބޭރުން އެ ފުރުޞަތު ފަހިކޮށްދިނުން، ހޯދައިދިނުން އެކަންވެސް ވެގެންދިޔައީ އަޅުގަނޑުމެން މިކަން ކުރުމުގެ ބޭނުމަކަށް.
އަޅުގަނޑު ހަނދާން އެބަހުރި، އޭރު 2019 ގައި އޭރުގެ މެނޭޖިންގ ޑައިރެކްޓަރާ އެކީގައި އަޅުގަނޑުމެންނަށް ބައްދަލުވުންތަކެއް ބޭއްވިގެންދިޔަ. އަދި އަޅުގަނޑުމެންގެ މިއިން ކޮންމެ ބައްދަލުވުމެއްގައި، އަޅުގަނޑުމެންގެ ސްޕެޝަލް އެޑްވައިޒަރ، ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ ބައިވެރިވުން މިކަމުގައި ވަރަށް ބޮޑަށް އޮތް.
އެއަށްފަހު މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއެއް އުފެއްދުމާ ގުޅޭގޮތުން އަޅުގަނޑު ހަނދާންވާ ގޮތުން، 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު މިއަދު މިތަނުގައި މި ތިއްބެވި އިންޖިނިއަރުންނާއި ކެޕްޓަނުން ހުށަހެޅުއްވީ. އޭރު އައިލެންޑް އޭވިއޭޝަންގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުން. އެހެންވީމާ، މިއީ ހަމަ މި ކަންތައްތައް ފެށިގެން ދިޔަގޮތް. ހަމަ ކުރުގޮތަކަށް އަޅުގަނޑު މި ދަންނަވާލީ.
ދެންމެ މެނޭޖިންގ ޑައިރެކްޓަރގެ ވާހަކަފުޅުންނާއި އަދި ޕްރެޒެންޓޭޝަން ވީޑިއޯއިންވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ކިތައް ދަރިވަރުންކަން މިއަދު މި ނިމިގެން މި ދިޔައީ. އަދި މިހާރު އޮންގޮއިންގގައި އަދި މަޑުކޮށްގެން ތިބީ ކިތައް ދަރިވަރުންކަން.
އަޅުގަނޑު މީގައި ދަންނަވާލަން ބޭނުންވަނީ، އަޞްލު ވަރަށްދަތި، ވަރަށްދަތި އުނދަގޫ ދުވަސްވަރެއްގައިކަން މިކަން އަޅުގަނޑުމެން ފެށީ. އެންމެ ފުރަތަމަ އަޅުގަނޑުމެން ރައީސް އޮފީހުގައި މެނޭޖްމަންޓް ޓީމާ އެކީގައި މީޓިންގ ބޭއްވިއިރު އޮތް ޙާލަތެއް ނޫން ދެން ކުރިމަތިވީކީ.
2020 ވަނަ އަހަރުގެ މާރިޗު މަހު ކޯވިޑުގެ ހާލަތާ އެކީގައިވެސް އަޅުގަނޑުމެން ގެންދިޔައީ، މިކަން ކުރެވޭނެ މަގެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދަމުން. ވަރަށް ގިނަ ގޮންޖެހުންތައް، ވަރަށް ގިނަ ދަތި އުނދަގޫ ކަންތައްތަކެއް ހުރި. އަޅުގަނޑަށް ހީވަނީ އަޅުގަނޑަށްވުރެ ރަނގަޅަށް އެ ކަންތައްވެސް ޚާއްޞަކޮށް، މި ދަރިވަރުންނަށް ވަރަށް ރަނގަޅަށް އެނގޭނެހެން، އޭރު ކަންތައްތައް ދިމާވިގޮތް. އެކި ފަރާތްތަކާއެކު މަޝްވަރާކުރި. އެންމެ ރަނގަޅަށް މި ކަންތައްތައް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށްޓަކައިވެސް އައިލެންޑް އޭވިއޭޝަންގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާ އެކީގައިވެސް މަސައްކަތްތަކެއް ކުރެވިގެންދިޔަ. އަދި ބޭރުގެ އެހެންފަރާތްތަކާ އެކީގައި އަޅުގަނޑުމެން ވާހަކަ ދައްކަމުން ދިޔައިން. އެއީ، އަޅުގަނޑުމެން އޭރުވެސް ސަރުކާރުން ޚާއްޞަކޮށް، އައިލެންޑް އޭވިއޭޝަނުން ވިސްނީ، އެއްގަމުގައި ދުއްވާ އެއްޗެއް ދުއްވަން ދަސްކޮށްދޭކަށެއް ނޫނޭ މި އުޅެނީކީ. އެވެސް މުހިންމު. ރައްކާތެރިކަމާއެކު އެކަންވެސް ކުރަންޖެހެނީ.
އެހެންނަމަވެސް، މި އޭވިއޭޝަންގެ ވާހަކަ ދައްކާއިރު، މަތިންދާބޯޓު ދުއްވާ ވާހަކަ މި ދައްކަނީ. އެހެންވީމާ، އެކަން ކުރުމުގައި އަޅުގަނޑުމެންގެ ނެތް، އެކަމުގައި ބޭނުންވާ އެކްސްޕަރޓީޒެއް. އަޅުގަނޑުމެން އެބަޖެހޭ ޕްރޮފެޝަނަލްކޮށް، އެ ސްޓޭންޑަޑްތަކާ އެއްގޮތަށް ކަންތައްތައް ކުރަން. ސިވިލްއޭވިއޭޝަނާއި، ކަމާ ގުޅުންހުރި އޮތޯރިޓީސްތަކުން ކަނޑައަޅައިފައިވާ މިންގަނޑަކަށް މިކަހަލަ ކަންތައްތައް ހުންނަން ޖެހެނީ.
އެހެންވީމާ، އެގޮތުންވެސް މިކަން ކުރުމަށްޓަކައި އަޅުގަނޑަށް ވަރަށް ކައިރިން ފެނިގެންދިޔަ، ދިމާވި ދަތި ކަންތައްތައް. ކޯވިޑުގެ ދުވަސްތަކުގައި ކޮމިއުނިކޭޝަން އެހާދަށް. ބަޔަކާ އަޅުގަނޑުމެންނާ ވާހަކަ ދެއްކެނީކީ ނޫން. ބޯޓެއް އެއްޗެއް ހޯދަންވިޔަސް، އޭގައި ހުރީވެސް ދަތިތައް. އަދި ހުރިހާ ކަމަކަށްވުރެ ބޮޑަށް ފައިސާގެ ދަތިކަން އިންތިހާއަށް އޭރުއޮތް. ފިއުޗަރއަށް ވާނެ ގޮތަކާމެދު ވިސްނަންޖެހުން. އަޅުގަނޑުމެންނަށް އުންމީދު އޮތް، ރަނގަޅުވާނެ ކަމަށް. އެހެންނަމަވެސް، ކަނޑައަޅައި އަޅުގަނޑުމެންނަށް ޕްރިޑިކްޓް ކުރަން ޙަޤީޤަތުގައިވެސް އުނދަގޫވި. އެއީ ހަމައެކަނި ޓޫރިޒަމަށް އަޅުގަނޑުމެންގެ ޤައުމުގެ ބޮޑު ބައެއް ބަރޯސާވެފައި އޮތީތީ.
އެހެންނަމަވެސް، ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ގޮތަށް ޚާއްޞަކޮށް، އޭރުވެސް ހަމަ ރައީސުލްޖުމްހޫރިއްޔާވެސް ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި އޮތީ، އައްޑޫގައި ކިޔަވަމުން އެ ގެންދިޔަ ދަރިވަރުންނަށް އެ ދިމާވި ކަންތައްތައް. އެހެންވީމާ، އެކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ.
އާދެ، އެނގިވަޑައިގަންނަވާނެ، މިފަދަ ކަމެއް ޚާއްޞަކޮށް، ފްލައިންގ ސްކޫލެއްގެ ކަންތައް ކުރިއަށް ގެންދިޔުމުގައި، ތަފާތު ވަކި ފައިދާތަކެއް އަޅުގަނޑުމެންނަށް އޭގައި ކުރޭ. އަޅުގަނޑުމެންގެ ހިއުމަން ރިސޯސް، އަޅުގަނޑުމެންގެ ކެޕޭސިޓީ، ދިވެހިރާއްޖޭގެ ލޯކަލް ޓެލެންޓް އަޅުގަނޑުމެންނަށް އެބަ އިތުރުކުރެވޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް.
ހަމައެއާއެކު، އަޅުގަނޑުމެންނަށް މިފަދަ ކަމެއް ޚާއްޞަކޮށް، އައްޑޫ ސިޓީ ނުވަތަ އަތޮޅެއްގައި އަޅުގަނޑުމެން އެ ކަމެއް ކުރުމުން، އެ ތަނަކަށްވެސް، އެ ރަށަކަށްވެސް އެކި ގޮތްގޮތުން އޭގައި ފައިދާތަކެއް ކުރޭ. އެތަނުގައި ތިބޭ ކުދިންގެ ފަރާތުން އެކި ގޮތްގޮތުން ކޮންޓްރިބިއުޝަންތަކެއް އާދޭ. އެ ރަށެއްގެ، އެ ސިޓީއެއްގެ އިކޮނޮމީއަށްވެސް އޭގެ ފައިދާތަކެއް ކުރޭ. ހަމަ އެއާއެކު، މި ފުޅާކޮށްގެން ރާއްޖެއިން ބޭރުން ސްޓޫޑަންޓުން އައިސްގެން، އަޅުގަނޑުމެންނަށް އިކޮނޮމީއަށް އަނެއްކާވެސް އިތުރު ފައިސާތަކެއް އެބަ ވަދޭ. އެހެންވީމާ، މި ހުރިހާ ފައިދާތަކެއް އަޅުގަނޑުމެންގެ އެބަހުރި.
އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އެއަރޕޯޓުތަކަށް ބަލައިލިޔަސް، މިހާރުވެސް ގާތްގަނޑަކަށް ނަވާރަވަރަކަށް އެއަރޕޯޓް މިއޮތީ އޮޕަރޭޝަންގައި. އިންޓަރނޭޝަނަލް އެއަރޕޯޓުގެ ގޮތުގައި އިތުރަށް ތަރައްޤީ ކުރެވިގެން ނުވަތަ ހުރި ތަންތަން އެއަށްވުރެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް އެބަ ހިނގާ. ހަނިމާދޫގައިވެސް އެބަދޭ. އަޅުގަނޑު އިހަށްދުވަހު މާފަރުން މިއައީ. މާފަރުން ކުރަމުންދާ މަސައްކަތްތައް، ރަންވޭގެ މަސައްކަތްތައް، ފިއުލް ފާރމާއި، މި ހުރިހާ ތަނެއް އަޅުގަނޑަށް ފެނުނު. އައްޑުއަށް މިދިޔަ މަހު އަޅުގަނޑަށް ދެވުނު. އަޅުގަނޑަށް އައްޑޫގައިވެސް އެ ތަޞައްވުރު، އެއަރޕޯޓު ބޮޑުވެގެންދާއިރު، ފުޅާވެގެންދާއިރު އޮންނާނެ ގޮތް ވަރަށް ރަނގަޅަށް އެބަ ފެނޭ. މި ދެންނެވި އެއަރޕޯޓުތަކަށް، ދުވާލެއްގެ މައްޗަށް އެތައް ފްލައިޓެއް މިހާރުވެސް އެދަނީ އަންނަމުން.
ޔޫރަޕްގެ ވިންޓަރ، ޕީކްގައި ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، މޫވްމަންޓްގެ ގޮތުން ބަލައިފިއްޔާ، ގާތްގަނޑަކަށް އަށެއްކަސަތޭކަ މޫވްމަންޓް އެބަހުރި. އެހާވަރަށް އަޅުގަނޑުމެންގެ އެއަރޕޯޓް، އޭވިއޭޝަން އިންޑަސްޓްރީ މިދަނީ ބިޒީވެގެން. މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ބޭރު ޕައިލެޓުން. ފުދޭވަރެއްގެ ޢަދަދަކަށް އެބަތިބި މިހާރުވެސް. އެއަރ ކްރާފްޓަށް ބަލައިފި ކަމަށްވަންޏާ، ސަތޭކައަށްވުރެ ގިނަ އެއަރކްރާފްޓް މިހާރުވެސް ރާއްޖޭގައި ސީޕްލޭންތަކާއި، އަޅުގަނޑުމެންގެ ޑޮމެސްޓިކް އެކިއެކި ކުންފުނިތަކަށް ނިސްބަތްވާ އެބަހުރި. ވަރަށް ގިނަ ޢަދަދަކަށް އެބަހުރި.
އެހެންވީމާ، އަޞްލު ފިއުޗަރއަށްޓަކައި، މީހުން ބިނާކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަން އެބަޖެހޭ. މިހާރު މިކަން ކުރެވޭ މިންވަރަކީ އަޅުގަނޑުމެން ހިތްހަމަޖެހޭ މިންވަރެއް ނޫން. އެކަމަކު މީގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ އެ ޢަދަދުގެ އެއަރ ކްރާފްޓްތަކާ އެކީގައި ނުފެށިނަމަ، މިކަން އޮންނާނީ ނުފެށިފައިކަން. ޑިމާންޑާ އެއްވަރަށް، އަޅުގަނޑުމެންގެ ކެޕޭސިޓީ އަޅުގަނޑުމެންނަށް އަބަދުވެސް އެކްސްޕޭންޑް ކުރެވޭނެ.
އެހެންވީމާ، މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ، ފްލައިންގ އެކަޑަމީ ފުޅާވެ، ދުނިޔޭގެ އެކިއެކި ހިސާބުތަކުންވެސް މިތަނަށް ކުދިން އައުން. ރާއްޖޭގައި، އެނގިވަޑައިގަންނަވާނެ، ފްލައި ކުރާ ކުދިންނަށް އެނގޭނީ، ދުނިޔޭގައި އެހެން ޤައުމުތަކުގައި ފްލައި ކުރުމުގައި ރާއްޖެކަހަލަ ވެދަރއެއް ނޫންކަން އޮންނަނީކީ. ޔޫރަޕްގައި، ސްލޮވޭނިޔާ، ނޫނީ ޗެކް ރިޕަބްލިކްގައި، ނޫނީ މިފަދަ ޤައުމުތަކުގައި ކަމަށްވަންޏާ، މޫސުމަށް އަންނަ ބަދަލުތަކާއި، ފިނިހޫނުމިނުގެ ކަންތައްތަކާއި، މި ހުރިހާ ކަމަކާއެކު އުނދަގޫތަކެއް ހުރޭ. އެހެންނަމަވެސް، އިރާދަކުރެއްވީތީ މި ރާއްޖޭގައި މިކަހަލަ ކަމެއް ކުރާ ކަމަށްވަންޏާވެސް ހަމަ އޯލް ތުރޫއައުޓް ދި އިޔަރ، ގާތްގަނޑަކަށް އަޅުގަނޑުމެންގެ ސްކައި ކްލިއަރ ހަމަ. އަޅުގަނޑުމެންނަށް ހަމަ ވަރަށް، ވަރަށް ފަސޭހައިން ކުރެވޭނެ. މި ހުރިހާ އެޑްވާންޓޭޖްތަކެއް އަޅުގަނޑުމެންނަށް ރާއްޖޭގައި އެބަހުރި.
އެހެންވީމާ، އަޅުގަނޑު މިއަދު ދަންނަވަން އޮތީ، އައިލެންޑް އޭވިއޭޝަނުން، އަޅުގަނޑުމެންގެ ޓްރާންސްޕޯޓް މިނިސްޓްރީ، އަޅުގަނޑުމެންގެ ސިވިލްއޭވިއޭޝަން އަދި މިކަމާ ގުޅުންހުރި އެހެނިހެން ހުރިހާ ފަރާތްތަކަކުންވެސް މިކަން ފުޅާކުރުމަށްޓަކައި މަސައްކަތް ފަށަންވީއޭ. ރާއްޖޭގައި އަޅުގަނޑުމެން ބަލަންވީ ތަނަވަސްކަމަށް. ތަނަވަސްކަން އިތުރުކުރަންވީ. އަޅުގަނޑުމެން އުފާ މިވަނީ ހިތްހަމަ މި ޖެހެނީ، އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވެގެން ދިޔައީމަ. އިޤްތިޞާދެއް އަޅުގަނޑުމެން ބިނާކުރަން މިއުޅެނީ. އިޤްތިޞާދެއް ނެތި އަޅުގަނޑުމެންނަށް ހަމަޖެހުމެއް ނުލިބޭނެ. އަމާންކަމެއްވެސް ނުލިބޭނެ. އެއީ، އިޤްތިޞާދު ވަރުގަދަވެގެން، ފުދުންތެރިކަން އިތުރުވެގެން ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް އެކަމެއް ނުވާނެ.
އެހެންވީމާ، މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ލޯކަލައިޒް ކުރަން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހެއޭ. އަޅުގަނޑުމެންގެ އޭވިއޭޝަން އިންޑަސްޓްރީވެސް ފިއުޗަރގައި އެ މަސައްކަތް ކުރަން އެބަޖެހޭ. އަދި އެ ހިސާބުން އަޅުގަނޑުމެން ނިންމަލައިގެން ނުވާނެ.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކިޔަވަން މާލެ އައި ދުވަސްވަރު، 1980ގެ މެދުތެރޭގައި، އޭރު ވަރަށް މަޝްހޫރު، ވަރަށް ޕޮޕިއުލަރ އިނގޭތޯ، ބޯޓު ދަތުރުކުރުން. ކަނޑު ބޯޓު ދަތުރުކުރުން އެއީ. މިހާރު މި ޒަމާން މިއީ އުދުހުމުގެ ޒަމާން. މަތިންދާބޯޓު ދަތުރުކުރުމުގެ ޒަމާން. އެމެރިކާގައި، އޮސްޓްރޭލިޔާގައި، ޔުނައިޓެޑް ކިންގްޑަމްގައި، ޕައިލެޓުންގެ ގޮތުގައި، އެކި ތަންތާނގައި މިއަދު އެބަ މަސައްކަތްކުރޭ ދިވެހިން. މިއީ، ކުޑަކުޑަ މުސާރައެއްގެ ވާހަކައެއް ނޫން އަޅުގަނޑު މި ދައްކަނީ. މީގައި އަޅުގަނޑުމެންނަށް ގެޔަށް ގެންދެވޭ ޢަދަދަކީ އެއީ، ބޮޑެތި ޢަދަދުތައް، ބެނެފިޓްތައް. މުޅި ޢާއިލާ އެކީގައި މިއިން ކޮންމެ ތަނެއްގައި އުޅެންޖެހުނަސް، އެ ފުރުޞަތު ލިބިގެންދޭ.
އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ވިސްނުން އަމާޒުކުރަންވީ، ހަމައެކަނި އިޤްތިޞާދަށް. އިޤްތިޞާދު ވަރުގަދަކުރަންވީ. އެކަން ކުރެވެން އޮތީ ޚާއްޞަކޮށް މިއަދު އަޅުގަނޑުމެން މި ފަށާފައިވާ މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވިގެން. ސަރުކާރުގެވެސް އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންނަށް މި ފަސް އަހަރުވެސް ކުރެވުނު އެންމެ ރަނގަޅު އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ، މީހުން ބިނާކުރުމަށްޓަކައި އެ ފެށި ދަތުރު.
އެހެންވީމާ، އެ ވަރުގަދަކުރަން އެބަޖެހޭ. އަޅުގަނޑުމެން އެމިރޭޓްސް ފްލައިޓަކަށް، އެއަރ ކްރާފްޓަކަށް އެރީމާ، މިހާރުވެސް ކިޔާނެ ''ދިސް އިޒް ކެޕްޓަން، ސްޕީކިންގ ފްރޮމް ދަ ފްލައިޓް'' އޭ. އޮސްޓްރޭލިޔާ، ބްރިޓިޝް، އެމެރިކަން ޕައިލެޓުން ގިނައިން. ދިވެހިންނަށް އޮތް ފުރުޞަތު އެއީ. އަޅުގަނޑުމެންނަށް އޮތް ފުރުޞަތު އެއީ. އެހެންވީމާ، ކީއްވެގެންތޯ އަޅުގަނޑުމެންގެ ދިވެހިން، ދިވެހި ޕައިލެޓުން، ދިވެހި ކެޕްޓަނުން، ގިނަ ޢަދަދަކަށް އަޅުގަނޑުމެންނަށް އެ ފުރުޞަތުތައް ހޯދޭނެ. އޭރުން ރާއްޖެއަށް އަންނަ ރެމިޓެންސް މައްޗަށްދާނެ. އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރެމިޓެންސް މަތި. އެ މީހުން ބިނާވަނީ، އެ މީހުންގެ ޤައުމުގެ ރައްޔިތުން އެހެން ޤައުމުތަކުގައި ތިބެ ކުރާ މަސައްކަތުން ރަށަށް ފޮނުވާ ފައިސާއަށް. އެތައް މިލިއަން ޑޮލަރެއް. މި ޤައުމުންވެސް އެބަދޭ ބޭރުވެގެން. އެކި ގޮތްގޮތުން އެތައް މިލިއަން ޑޮލަރެއް އެބަދޭ. އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކަށް ވިސްނާ ކަމަށްވަންޏާ، މި ކަންތައްތައް ކުރަންވީ. ސީރިއަސްގޮތަކަށް މިކަމުގައި ވިސްނާފައި، މި ކަންތައްތައް ފުޅާކުރަންވީ. މިއީ މުހިންމު ކަމަކީ. އިންވެސްޓް ކުރަންވީވެސް މި ދާއިރާއަށް. ކޮށްގެންވެސް އަޅުގަނޑުމެން މި ކަންތައް ފުޅާކުރުމުގެ މަސައްކަތް ކުރަންވީ. މިތަނުގައި ތިބެންޖެހޭނީކީ 17 މުވައްޒަފުންނެއް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަންވީ، ޑަބަލްކޮށްގެން، ގިނަ ކުދިންނަށް ފުރުޞަތު ހޯދައިގެން، ގިނަ އެއަރ ކްރާފްޓްތައް ގެނެސް، ކެޕޭސިޓީ އަޅުގަނޑުމެން ބިލްޑްކޮށްގެން، އެ ދުވަސް އަޅުގަނޑުމެން ހޯދަންވީ.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިހާރު ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކަށްވެސް މިއޮތީ، އަޅުގަނޑު މި ދެންނެވި ގޮތަށް އިޤްތިޞާދު. ސަރުކާރުން ކުރި މަސައްކަތްތަކެއް އެބަހުރި. ފްލައިންގ އެކަޑަމީއެއްގެ ކަންތައްތައް 2019 އިން ފެށިގެން ދިޔައީ. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު ވަރަށް އުފާވޭ މިއަދު. 2019 ގައި އަޅުގަނޑުމެން ހިތްވަރާއެކު، ޑޮކްޓަރ މުޞްޠަފާއާއި، އަޅުގަނޑުމެން އެންމެން އެކީގައި ފެށްޓި މަސައްކަތުގެ ކާމިޔާބީގެ ފޮނި މޭވާގެ ރަހަ ބަލައިލާފައި، އަޅުގަނޑުމެން ގެޔަށް ދާނީ. އެ ގޮތަށް ކަންތައްތައްވީމާ، އެއީ ހަމަގައިމުވެސް އަޅުގަނޑަށް މިއަދު ހަމަ ޙަޤީޤަތުގައިވެސް ލިބުނު ވަރަށް ބޮޑު އުފަލެއް.
އަޅުގަނޑުމެން ހަމައެކަނި ޕްލޭން ކުރީކީ، ފްލައިންގ އެކަޑަމީއެއްގެ ކަންތަކެއް ނޫން. މިތާ އެބަ އިންނެވި ޑޮކްޓަރ މުޞްޠަފާ. އަޅުގަނޑުމެން ޕްލޭން ކުރީ ވިއްސަކަށް އަހަރު ފަހުން، "އަހަރެން ކިޔެވީ މޯލްޑިވްސް ހޮޓެލް ސްކޫލުންނޭ" ބުނީމާ، އެމީހާއަށް ފުރުޞަތު، ޕޮއިންޓް އިތުރުވާ މިންވަރުގެ ހޮޓެލް ސްކޫލެއްވެސް ރާއްޖޭގައި ފަށަން. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއީ މުޅި ދުނިޔެއަށް އޮތް ނަމޫނާއެއް. ލީޑިންގ ޑެސްޓިނޭޝަން އޮފް ދަ ވާރލްޑް، އެތައް އަހަރަކު ހޯދި. ކޯވިޑް ތެރޭގައިވެސް ހޯދި. އަދިވެސް ހޯދަނީ. ސަތޭކަ ފަސްދޮޅަހެއްހާ ރިޒޯޓް އެބައޮތް. އެތައް ރިޒޯޓުތަކެއް ހެދެމުންދަނީ އެންމެ މަތީ ފަންތީގައި. ދުވާލަކަށް ވިހިހާސް، ތިރީސްހާސް، ސާޅީސްހާސް ޑޮލަރު ރެޔަކަށް ދައްކާ ވާހަކަ އަޅުގަނޑު މި ދައްކަނީ. މިއީކީ އަހަރުދުވަހަކަށް ދައްކާ އެއްޗެއްގެ ވާހަކައެއް ނޫން މި ދައްކަނީ. އެންމެ ރެޔަކަށް ސާޅީސްހާސް ޑޮލަރު ޕޭކޮށްފައި، އެންމެ މީހަކު އެބަހުރި ރާއްޖޭގައި. އެ ފެންވަރުގެ ހައި އެންޑް ޑެސްޓިނޭޝަނެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.
އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރީ، މި ރާއްޖޭގައި ހުންނަންޖެހޭނެއޭ، އެ ފެންވަރުގެ ތަންތަނަށް ކޭޓަރ ކުރެވޭވަރުގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީއަށް މީހުން ތައްޔާރުކުރެވޭ ކަހަލަ އިންސްޓިޓިއުޝަނެއްވެސް. އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކޮންމެވެސްވަރަކަށް ކުރެވިއްޖެ. މިހާރުވެސް އެ ބޯ ޖައްސަވަނީ ޑޮކްޓަރ މުޞްޠަފާ. އަޅުގަނޑުމެން އެ މަސައްކަތްވެސް ކުރިން. ގާތްގަނޑަކަށް ހަމަ މަސައްކަތް ފެށުމުގެ މަރުޙަލާގައި އޮއްވައި، ކޯވިޑް އައުމުގެ ސަބަބުން އަޅުގަނޑުމެންނަށް އޭރު އަޅުގަނޑުމެން އެ ނަގަން އުޅުނު ތަން، އެހެން ބޭނުމަކަށްދިޔައީ.
އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިއީ ހަމަ އޮތް ޕްލޭނެކޭ. އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތް ތާނގައި، މި މަސައްކަތްވެސް ކުރިއަށްގެންދާނެއޭ. ޓޭލަރސް ކޮލެޖަށް ކޮންމެހެން މިއަދު ކޮންމެ ކުއްޖަކު ދާކަށް ނުޖެހޭނެ. ނޫނީވިއްޔާ ފްރާންސަށްވެސް، ސްވިޓްޒަރލޭންޑަށްވެސް ދާކަށްނުޖެހޭނެ. އަޅުގަނޑަށް އެނގޭ، ރާއްޖެއިން ބޭރުން ދުނިޔޭގެ އެހެން ޤައުމުތަކުން މީހުން އަންނާނެކަން.
އަޅުގަނޑު މި ވާހަކަ މި ދައްކަނީ، މިކަމުގެ އެކްސްޕީރިއަންސް ކޮންމެވެސްވަރަކަށް ހުރީމާ. ރާއްޖެއަށް އިންޓަރންޝިޕް، ނޫނީވިއްޔާ މިގޮތަށް އެކްސްޕީރިއަންސް ހޯދުމަށްޓަކައި، ޔޫރަޕްގެ ޤައުމުތަކުން ވަރަށް ޝައުޤުވެރިކަން ފާޅުކުރޭ. މިހާރުވެސް ރިޒޯޓުތަކުގައި އެގޮތަށް ތިބޭ. އަޅުގަނޑުމެން ފެއަރތަކަށް ޔޫރަޕަށް ދާއިރު، ޑަބްލިޔު.ޓީ.އެމް.، އައި.ޓީ.ބީ.، މިލާން ބީ.އައި.ޓީ. އަދި މެޑްރިޑް، މި ހުރިހާ ތަނަކަށް އަޅުގަނޑުމެން ދާއިރު، އިންޓަރންޝިޕް ބޭނުންވާ، ވަރަށް ގިނަ ކުދިން އަންނާނެ. އެހެންވީމާ، މިއީ، އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި، އަޅުގަނޑުމެން ފަށާފައި މިވާ މީހުން ބިނާކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ ކުރެވިގެންދާނެ ކަންތައްތައް.
ހަމައެއާއެކު، މެޑިސިންއަށް ބަލައިފި ކަމަށްވަންޏާ، މިހާރުވެސް ގާތްގަނޑަކަށް ހަވަނަ ބެޗް މިހާރު މިއޮތީ އަޅުގަނޑުމެންގެ ސްކޫލް އޮފް މެޑިސިންއަށް ބަލާކަމަށްވަންޏާ. ގިނަ އަދަދަކަށް ކުދިން އެބަތިބި. މިހާރު ފުރަތަމަ ބެޗްގެ ކުދިން އެކްސްޕީރިއަންސަށް އެ ތައްޔާރުވަނީ. ފައިނަލް އިޔަރގައި މިހާރު އެތިބީ. އެހެންވީމާ، އަޅުގަނޑުމެން އެހެން ތަނަކުން ފުރުޞަތު ހޯދަންވެއްޖެ ކަމަށްވަންޏާ ދަތި އުނދަގޫ ކަންތައްތަކެއް ހުރޭ. މެޑިސިން ދާއިރާގައި ކިޔަވާ ކުދިންނަށްވެސް އެނގޭނެ، ސްޕެޝަލައިޒޭޝަނަށް ވިސްނައިފި ކަމަށްވަންޏާ އަދި މާ އުނދަގޫ. ނޭޕާލް ތަންތަނުން ޖާގަ ހޯދުމަކީ އުނދަގޫ ކަމެއް. އަޅުގަނޑުމެން ބަނގްލަދޭޝް ތަންތަނަށް ގޮސްގެން، އެތަނުގެ ސަރުކާރާ ވާހަކަ ދައްކައިގެން، ވަރަށް އުނދަގުލުން ފުރުޞަތުތައްވެސް މި ލިބެނީ.
އެހެންނަމަވެސް، މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރި. އަޅުގަނޑުމެންގެ އެ ޕްލޭންވެސް ހަމަ އެބައޮތް. އައްޑޫގައި ޚާއްޞަކޮށް، އޭ.އީ.އެޗް. ތަރައްޤީވެގެންދާއިރު، އަޅުގަނޑުމެންގެ ވިސްނުމުގައި މަސައްކަތްތަކެއް ކުރެވިފައި މިހާރުވެސް އޮތީ. ޑެންޓަލް ކޮލެޖެއް ހެދުމަށް ނުވަތަ މެޑިސިން އިތުރަށް ފުޅާކުރުމުގެ ގޮތުން ކަންތައްތަކެއް ކުރުމަށް.
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅެނީ، މި ދާއިރާއިން މިކަހަލަ ކަންތައްތަކަށް މީހުން ތައްޔާރުކުރުމަކީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށް. އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން އައީ. ކުރިއަށް އޮތް ތަނުގައި މިކަން ފުޅާކުރެވިގެން، އަޅުގަނޑުމެން އެ ބޭނުންވާ ތަނަވަސްކަން އަޅުގަނޑުމެންނަށް ގެނެވޭނީ.
އެނގިވަޑައިގަންނަވާނެ، މުޅި ދުނިޔެ މުޅިން ތަފާތުވެއްޖެ މިހާރު. އަޅުގަނޑުމެންގެ މަސައްކަތް ކުރުމާއި، ދިރިއުޅުމަށް ކުރަންޖެހޭ ހޭދަތަކާއި، މި ހުރިހާ ކަމެއް މިހާރު މިހުރީ އިހުނަށްވުރެ ތަފާތުކޮށް. ތަކެތީގެ އަގު މައްޗަށް އެބަދޭ. އެއީ ދެން ވާގޮތަކީ، ދިރިއުޅުމުގެ ޚަރަދުތައްވެސް ދުވަހެއް ދުވަހަކަށް ބޮޑުވެގެންދާއިރު، ޢިނާޔަތްތަކާ އެއްޗެތި، ނޫނީ ލިބޭ މިންވަރު ބޮޑުކުރެވޭނެ ގޮތްތަކަކަށްވެސް އަޅުގަނޑުމެން ކަންތައްތައް އަބަދުވެސް ކުރަން މި ޖެހެނީ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މިއަދު މި ވާހަކަ މިގޮތަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ޖެހޭނެއޭ.
ދެން، މީގައި އަޅުގަނޑުމެން އެދެނީ، ހަމަ ޓީމް ވާރކް އަޅުގަނޑުމެންގެ އޮންނަންޖެހޭ. ޚާއްޞަކޮށް، އެނގިވަޑައިގަންނަވާނެ، އައިލެންޑް އޭވިއޭޝަން ކަހަލަ ތަނެއްގައި، މޯލްޑިވިއަން، ވަރަށް އެކުއެކީގައި ހަމަ އަޅުގަނޑަށް އަނެއްކާވެސް ފެންނަނީ، ދެ މީހަކު ކޮކްޕިޓްގައި ދުއްވަން ތިބޭއިރު، އެ ދެ މީހެއްގެ ހުންނަ ކޯރޑިނޭޝަނާއި، އެ ހުރިހާ ކަމެއް. ޓީމް ވާރކެއްގެ ތެރެއިން މި އަންނަނީ. އެއީ ހަމަ ގްރައުންޑުގައިވެސް އެ ޕްރެކްޓިސް އަންނަން އެބަޖެހޭ.
އެހެންވީމާ، ކޮންމެ ދުވަހަކު އެތައްހާސް ބަޔަކު މި ދެންނެވި 19 އެއަރޕޯޓަށް އެބަ ދަތުރުކުރޭ. މިހާރު އަނެއްކާ އެތައް އެއަރޕޯޓުތަކެއްގެ މަސައްކަތް ކުރިއަށް އެބަދޭ. މިހާރުވެސް ހުޅުވުމަށް ތައްޔާރުވަމުންދާ ތަންތަން އެބަހުރި. އަދި ކުރިއަށްވެސް ހުޅުވޭނެ ތަންތަން އެބަހުރި.
އެހެންވީމާ، އެ ހުރިހާ ޚިދުމަތްދޭ ބަޔަކާ އެކީގައި އަޅުގަނޑުމެންނަށް ރަނގަޅަށް މަސައްކަތް ކުރެވެންޖެހޭނެ. ޚަރަދު ކުޑަކުރުމަށް، ވޭސްޓް ކުޑަކުރުމުގެ ވިސްނުން އަޅުގަނޑުމެން އަބަދުވެސް ގެންގުޅެން އެބަޖެހޭ. ސޭވްކުރުން، އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް މިހާރު. މި އަންނަ ހުރިހާ ބަދަލުތަކާއެކު، އަޅުގަނޑުމެން ފައިހަމަކުރަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް މިހުރީ. ކޮންމެހެން ކުރަންޖެހޭ ހޭދަތަކެއް އެބަހުރި. ކުރީގައި ވިސްނުމަށް ނާންނަ ކަންތައްތައް އެބަހުރި. މިސާލަކަށް، ތިމާވެށްޓަށް އަންނަ ބަދަލުތަކާއި، މި ހުރިހާ ކަމެއްގެ ސަބަބުން ސަރުކާރުން، ބޮޑުބައެއް އެކަމަށް ހޭދަކުރަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، މި ވާހަކަވެސް ޖެހޭނެއޭ ތިޔަބޭފުޅުންނަށް ދަންނަވާލަން.
ދެން މީގައި، އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ހަމަ ހުރިހާ ބޭފުޅުންނަށް މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ މެނެޖިންގ ޑައިރެކްޓަރ، އަދި ކެޕްޓަނުންނާއި، އިންޖިނިއަރުންނާއި، ހުރިހާ ޕައިލެޓުން، ހުރިހާ ބޭފުޅުންނާއި އަދި އެޑްމިނިސްޓްރޭޓިވް ހުރިހާ މުވައްޒަފުންނަށް، ގްރައުންޑް ސްޓާފުންނަށް އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން ބޭނުން. ޚާއްޞަކޮށް މި މަސައްކަތުގައި، މިކަން ކުރުމަށްޓަކައި، އެއޮތް ޑިޓަރމިނޭޝަން އަޅުގަނޑަށް ފެނިގެންދިޔަ. މި މަސައްކަތުގެ އަޕްޑޭޓް، ކޮންމެ ދުވަހަކު ގޮތަށް، އެމް.ޑީ. ދެއްވަމުން ގެންދަވާ އަޅުގަނޑަށް. ކޮންމެ ދުވަހަކު ފޯންކޯލަކުން، މިހާރު މިހާ ހިސާބަށޭ ދިޔައީ، މިހާރު މިހާހިސާބަށޭ ދިޔައީ. އެވަރަށް އެ މަސައްކަތް ކުރެއްވިކަން އަޅުގަނޑު ހަމަ ފާހަގަކުރަން.
ހަމައެއާއެކު، ސިވިލްއޭވިއޭޝަންސް އޮތޯރިޓީންވެސް އަޅުގަނޑުމެންނަށް މިކަމުގައި ހަމަ އެއްބާރުލުން ލިބެމުންދޭ. މިކަން ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން އެބަ ކުރެވޭ. ޖަލީލް، ވަރަށް ފަރިތަ މޫނެއް މިއީ. ސްކޫލްގައި އުޅުއްވިއިރުވެސް، މިއަދުވެސް ތަފާތެއް ނެތް. މިގެ 35 އަހަރު ކުރިންވެސް ފެންނަ ޖަލީލް އަޅުގަނޑުމެންނަށް މި ފެންނަނީ. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެއްބާރުލެއްވުން ދެއްވާ، ހަމަ ސިވިލްއޭވިއޭޝަންސް ތެރެއިންވެސް. އެހެންވީމާ، އެކަމަށްޓަކައި ހުރިހާ ބޭފުޅުން ހިމެނޭގޮތަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
މާގިނައިން މިހާރު އަޅުގަނޑަށް ވާހަކަވެސް ދެއްކިއްޖެކަންނޭނގެ. ދެން އަޅުގަނޑު ދަންނަވާލާ ވާހަކައެއް، ދެން އިތުރު ފުރުޞަތެއް ނުލިބޭނެއޭ މި ދުވަސްވަރު. އެހެންވީމާ، ދެން ދައްކަންހުރި ހުރިހާ ވާހަކައެއް ޖެހޭނީ ދައްކަންނޫންހޭ. ދެން މިހާރު ދުވަސް އައިސް ޖެހިއްޖެއޭ. އެހެންވީމާ، ހަނދާނުގައި ހުންނަ ހުރިހާ އެއްޗެއް އަޅުގަނޑުވެސް ކިޔައިލެވޭތޯ މި ބަލަނީ.
ދެން، ކޮންމެއަކަސް ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ވަރަށް ރަނގަޅު، ޚާއްޞަކޮށް ގްރައުންޑް ސްޓާފުންވެސް، ރިޒަރވޭޝަން، އަޅުގަނޑަކަށް ސުޕަރު ނުފެނުނު މިއަދު. ޝަރޫއާއި، ސުޕަރއާ، މިކޮޅުގައި ސަމީޙާ އެބަ އިންނެވި. ކިޔަވާމެން ދެން. ދެން ޖުހާ ނެތް މިހާރު. އިންތިއެއްވެސް ނެތް. މި ބޭފުޅުން ވަރަށް ރަނގަޅު އިނގޭތޯ. އަޅުގަނޑު ބައެއް ބޭފުޅުން ދަންނަތާ މިހާރު ތިރީސް ފަސްވަރަކަށް، ތިރީސްވަރަކަށް އަހަރުވެއްޖެ. ވަރަށް ރަނގަޅު އެ ރިޒަރވޭޝަން ޓީމް. ހަމައެއާއެކު، ގްރައުންޑް ސްޓާފުން، އަދި ކެބިން ކްރޫން، ޕައިލެޓުން، އަޅުގަނޑަށް ހައިދަރު އެބަ ފެނޭ. އަޅުގަނޑުމެންނާ އެކީގައި ސްކޫލް ދުވަސްވަރު އުޅުއްވި. ދެން އެއް ސްކޫލެއް ނޫން. އެކަމަކުވެސް އެއް ބެޗެއްގެ ގޮތުގައި ގާތްގަނޑަކަށް ދިޔައީ. ދެން އަޅުގަނޑު ހަމަ ހިތަށްއެރީ، މި ފުރުޞަތުގައި ޖެހޭނެއޭ އެކަންވެސް ހަމަ ފާހަގަކޮށްލަން. އޮން ބޯޑް ސަރވިސަސްގައިވެސް ވަރަށް ވަރަށް ރަނގަޅު ހަމަ. ވަރަށް ހިތްހަމަޖެހޭ.
އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ޚިދުމަތް ދިނުމުގައި، އަޅުގަނޑުމެން ބަލަންވާނެއޭ، އޮންބޯޑް އަދި ރިޒަރވޭޝަން، އަދި ކައުންޓަރުގައިވެސް ކޮންމެ މީހަކަށްވިޔަސް، އެއް މިންގަނޑެއްގައި އަބަދުވެސް ހިފަހައްޓައި، އެގޮތަށް އެ ކަންތައްތައް ކުރުމަށް. އެ ދަމަހައްޓަވާށޭ ތިޔަބޭފުޅުން. މެއިންޓެއިން ކުރައްވާށޭ. އެއީ ބައެއްފަހަރު ހިތްހަމަނުޖެހޭ މީހުންވެސް ތިބެދާނެ. އެހެންވީމާ، އެއީ ޢަޒުމަކަށް ހަދާށޭ.
ސިންގަޕޯރ އެއަރލައިން، ޤަޠަރު އެއަރވޭޒް، އެމިރޭޓްސް، ކެތޭ ޕެސިފިކް، މިހެން ގޮސް ވަރަށް ސަރވިސް ރަނގަޅު އެއަރލައިންތައް މިއީ. އޮންބޯޑް ސަރވިސް ވަރަށް ރަނގަޅު. އަޅުގަނޑުމެން އަރާއިރު ވަރަށް ހިތްހަމަޖެހޭ. އެހެންވީމާ، ބައެއް މީހުން ޚިޔާރުކުރަނީވެސް އެ ދޭ ސަރވިސް. ހަމަގައިމުވެސް އަޅުގަނޑު އެހެން ހަދަނީ. އަޅުގަނޑު ހިތްހަމަޖެހޭ އެއަރ ކްރާފްޓަކަށް އަޅުގަނޑު އަބަދުވެސް އަރާހިތްވަނީ، ތަނަކަށްދާ ކަމަށްވަންޏާ. ''އައި ފީލް އިޓްސް މައި ހޯމް އިން ދަ ސްކައި.'' އެހެންވީމާ، އެ ވާހަކަވެސް އަޅުގަނޑަށް ދެން މި ދަންނަވައިލެވުނީ، ހަމަ މި ދެންނެވި ގޮތަށް، އިތުރު ފުރުޞަތެއް މިފަހަރު ދެން ނުލިބިދާނެތީވެ.
އަޅުގަނޑުގެ އެދުމަކީ، އެކުވެރިކަމާއެކު މަސައްކަތް ކުރުން. އަޅުގަނޑުމެންގެ ޚިޔާލުތަފާތުވުމުގެ ތެރެއިންވެސް ޤައުމީ މަސައްކަތް އެކުގައި ކޮށް، ޚާއްޞަކޮށް ތަނަވަސް ރާއްޖެއަކަށް، އަޅުގަނޑުމެންގެ ހަރުދަނާކަން އަޅުގަނޑުމެން ދައްކައިދޭންޖެހޭނެ. އެކުގައި މަސައްކަތް ކުރެވެންޖެހޭނެ. ޤައުމަށްޓަކައި، ކަމެއް ކުރަންވެއްޖެ ކަމަށްވަންޏާ ދޫކޮށްނުލައްވާތި. ޤައުމަށްޓަކައި ކުރެވޭ ކުޑަކުޑަ ކަމަކީވެސް، ތިމާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަންވާނެ. އެއީ، ފަޚުރެއް ކަމަށް އަޅުގަނޑުމެން ބަލަންވާނެ. އެނޫންގޮތަކަށް އަޅުގަނޑުމެން ބޭނުންވާ ޤައުމެއް، އަޅުގަނޑުމެންނަކަށް ނުލިބޭނެ.
އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން އެންމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވައި، ޚާއްޞަކޮށް ޤައުމަށްޓަކައި ޚިދުމަތްކުރުމުގެ، ޤައުމު ކުރިއެރުވުމުގެ، އަމާންކަން ދެމެހެއްޓުމުގެ، ސާފު ވެށްޓެއް ދެމެހެއްޓުމުގެ، ރައްކާތެރި މަގުތަކެއް ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.