ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. ވާދޫގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ އެމަނިކުފާނު މިއަދު އެ ރަށަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވާދުއަށް ވަޑައިގެން ވާދޫ އިންޖީނުގެއާ ފެނަކަ އޮފީސް އަދި ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރި އިމާރާތް ހުޅުއްވައިދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ވާދޫ އިންޖީނުގެ އަދި ފެނަކަ އޮފީސް، އިމާރާތްކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި، ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާ އެކުގައެވެ. ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 528 ކިލޯވޮޓް ކަމުގައި ވީނަމަވެސް އައު އިންޖީނުގެއާއެކު އިންޖީނުގޭގެ ކެޕޭސިޓީ ވަނީ 800 ކިލޯވޮޓަށް އިތުރުކުރެވިފައެވެ.


ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ވާދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ކްލޭ އެލް.އެލް.ޕީ އާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި ކޮންފަރެންސް ހޯލް، އިދާރީ އޮފީސް، ޖެނެރަލް ސްޓޯރ މެޑިކަލް ސްޓޯރ، އޮފީސް ސްޓޯރ، ގަރާޖު ހިމެނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.