ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ، ވައިކަރަދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޢިމާރާތް ހުޅުއްވައިދެއްވީ، މިހާރު އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ވައިކަރަދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގައި އިދާރީ މަސައްކަތް ކުރާނެ ބަޔަކާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ކައުންސިލިންގ ރޫމާއި، މީޓިންގ ރޫމް އަދި މެޑިކަލް ސްޓޯރ އާއި ޖެނެރަލް ސްޓޯރއަކާއި ގަރާޖެއް ހިމެނެއެވެ. މި ޢިމާރާތުގެ މަސައްކަތްކޮށްފައި ވަނީ، ޕަރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.