بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ޢަލީ ހާޝިމް، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، އެމް.އެމް.އޭ.ގެ ބޯޑު މެންބަރުން، އެސިސްޓެންޓް ގަވަރނަރ، އެމް.އެމް.އޭ.ގެ ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުން، މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ މާލީ އިދާރާތަކުގެ އިސްވެރިން، ސަފީރުން، އަދި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، މުޅި ދުނިޔެއަށް މި އަންނަ ބަދަލާއެކު، ފައި ހަމަކުރުމަށްޓަކައި، ޚާއްޞަކޮށް، ޓެކްނޯލޮޖީން މި ބަދަލުކޮށްލާ ދުނިޔޭގައި، އެހެން މީހުން އެ ކުރާ ކަންތައްތަކާ އެއްހަމައެއްގައި، ކަންތައްތައް ކުރެވޭނެފަދަ ގޮތަކަށް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް މި ގެނެވުނު މި ބަދަލު، މި އިނީޝިއޭޓިވްއަށްޓަކައި، އަޅުގަނޑު ޚާއްޞަކޮށް، ގަވަރނަރ ޢަލީ ހާޝިމް އަދި އެމް.އެމް.އޭ.ގެ ހުރިހާ މުވައްޒަފުންނަށް ވަރަށްބޮޑަށް ތަހުނިޔާ ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ދުނިޔެއަށް އަންނަ ބަދަލުތަކަކީ، އަޅުގަނޑުމެންގެ ކޮންޓްރޯލުގައި އޮތް ކަމެއް ނޫން. އަޅުގަނޑުމެންނަށް ހަމައެކަނި ކުރެވޭނެ ކަމަކަށް އޮތީ، އެއް މިސްރާބަކަށް ދަތުރުކުރަން ބޭނުންވާ ކަމަށްވަންޏާ، ފައިހަމަކުރަން ބޭނުންވާ ކަމަށްވަންޏާ، ޓެކްނޯލޮޖީއައިގެން އަޅުގަނޑުމެން ކުރިއަށް ދިއުން. އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ ދަތި ދުވަސްތައް، އަޅުގަނޑުމެން އެންމެ އެކްސްޕެކްޓް ނުކުރާ ފަދަ ގޮތަކަށް އަޅުގަނޑުމެންގެ މުޅި ދިރިއުޅުމާއި، މާލީ ކަންތައްތަކާއި، އަދި މަސައްކަތްކުރުމުގެ ކަންތައްތައް ބަދަލުވެގެންދިޔަ ވަގުތު، އަޅުގަނޑުމެންނަށް އެއިން ލިބުނު ފިލާވަޅުތަކެއް ހުރި. މުޅި ކޯވިޑުން އަޅުގަނޑުމެންނަށް މަޖުބޫރުކުރުވި އެއްކަމަކީ، އަޅުގަނޑުމެން ކުރަމުންދިޔަ ކަންތައްތަކުގެ ކޮންޓިނިއުޓީ ހިފެހެއްޓުމަށްޓަކައި އެހެންގޮތެއް ހޯދުން. އެއީ ކިޔަވައިދިނުން ކަމުގައިވިޔަސް، ޕޭމަންޓް ފޮނުވުން ކަމުގައިވިޔަސް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދުރުގައި ތިބި ފަރާތްތަކާއެކު އަޅުގަނޑުމެން  މުޢާމަލާތްތައް ކުރިއަށް ގެންދިއުން ކަމުގައިވިޔަސް، މިއިން ކޮންމެ ކަމަކަށް އަޅުގަނޑުމެންނަށް ހުޅުވުނު ފުޅާ ދޮރަކަށް ވެގެންދިޔައީ ޓެކްނޯލޮޖީ.

އާދެ، އެނގިވަޑައިގަންނަވާނެ، ރާއްޖެއަކީ، އަޅުގަނޑުމެން ހަމަ ފަޚުރުވެރިވާފަދަ ޒުވާނުން، މި ދާއިރާއިން ވަރަށް ފުންނާބު އުސް ޒުވާނުން ތިބި ތަނެއް. ޚާއްޞަކޮށް، ޓެކްނޯލޮޖީގެ ދާއިރާއަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން ހުންނަ، ވަރަށް އީޖާދީ މަސައްކަތްތައް ޝައުޤުވެރިކަމާއެކު ކުރާހިތްވާކަހަލަ ޒުވާނުންތަކެއް ތިބި ޤައުމެއް. އަޅުގަނޑުމެންނަށް މިއަދު މިފަދަ ކޮންމެ ކަމަކުންވެސް މި ދެވެނީ އެއް މިސްރާބަކަށް. ޙަޤީޤަތަކީ މުޅި ސަރުކާރުގެ، މުޅި ޤައުމުގެ ވިސްނުންވެސް އޮތީ ހަމަ އެންމެ ދިމާއަކަށްކަން. އެއީ އިޤްތިޞާދީ ބަދަލަކަށް. އަޅުގަނޑުމެން އެ ކަންތައް ކުރަން އެބަޖެހޭ. އިޤްތިޞާދު އަޅުގަނޑުމެން ދެ ގުނަކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ވިޔަފާރިތައް ފުޅާކުރަން އެބަޖެހޭ. އަޅުގަނޑުމެން މާ ދުރަށް ވިސްނައިފި ކަމަށްވަންޏާ، ވިއްސަކަށް، ފަންސަވީހަކަށް އަހަރު ކުރިއަށް އަޅުގަނޑުމެން ވިސްނައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ޚާއްޞަކޮށް، މުޅި ދުނިޔޭގެ ޞިނާޢަތްތަކަށް، ވިޔަފާރިއަށް، ކަންތައްތަކަށް އަންނާނެ ބަދަލުތައް.

އެހެންވީމާ، މިއަދު މި ޤައުމުގައި އަޅުގަނޑުމެންނަށް އޮތް ހަމައެކަނި ޗޮއިސްއެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރުން. އެ މަސައްކަތް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންނަށް މި މަސައްކަތްތައް މިކުރެވެނީވެސް، މާލީ ހުރިހާ އިދާރާތަކަކާއި، ވިޔަފާރިކުރާ ހުރިހާ އެންމެން، ޚާއްޞަކޮށް، ރެގިއުލޭޓަރީ ބޮޑީގެ ވަރަށް ބޮޑު ކޮންޓްރިބިއުޝަނެއް އޮވެގެން. އެންމެން އެކުގައި އެ މަސައްކަތްތައް ކުރަން އެބަޖެހޭ.

ވޭތުވެދިޔަ ދުވަސްތައް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އަޅުގަނޑު ކުރީގައި މި ދެންނެވި، ކޯވިޑުގެ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ހީވި، ގާތްގަނޑަކަށް އަޅުގަނޑުމެންގެ އިޤްތިޞާދު އެކީގައި އިނދަޖެހުނީއޭ. ހަމަ ފުނޑުފުނޑުވީއޭ. އެއީ ޙަޤީޤަތް. ކަންބޮޑުވުމެއްގެ ތެރޭގައި ނެތް ހަމަ އެކަކުވެސް ނެތް. މާލީ އިދާރާތަކުގެ ބޭފުޅުން، ވިޔަފާރި ކުރައްވާ ބޭފުޅުން، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން، ދަނޑުވެރިކަން، މަސްވެރިކަން، ވަޒީފާ އަދާކުރާ ފަރާތްތައް، ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި. އޭރުގެ އިޙްސާސްތައް، އޭރު އަޅުގަނޑުމެން ދިވެހި ރައްޔިތުން ކުރި އިޙްސާސްތަކުގެ ހަނދާންތައް މިއަދު އަޅުގަނޑުމެން އާކޮށްލަމާ ހިނގާ. އަޅުގަނޑުމެން ބޭނުންވާނެ، ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރަން. ޤައުމުގެ އިޤްތިޞާދު ދެގުނަވެގެން، ނޫނީ ބޮޑު ބަދަލެއް މިއަށް މި އަންނަނީ، ހުރިހާ ދިމާއަކުން މަސައްކަތްތައް ކުރެވިގެން. ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކުރެވިގެން. އަޅުގަނޑުމެން ފަސޭހަކޮށް ނަގައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ހާސިލެއް ނުކުރެވޭނެ.

ކުޑަކުޑަކޮށް ވިސްނާލަންޖެހޭނީ ތަންކޮޅެއް ދުރަށް. މީގެ، ގާތްގަނޑަކަށް ފަންސާސް އެއް އަހަރު، ނުވަތަ ދެ އަހަރު ކުރިއަށް އަޅުގަނޑުމެން ޖެހިލާއިރު، އަޅުގަނޑަށް ދެން ފަންސާސް އަހަރު އަދި ކިރިޔާ މިވީ. އަޅުގަނޑުގެ ހަނދާނެއް ނެތް. އެކަމަކު އަޅުގަނޑަށް ފޮތްތަކުންނާއި، ޓީ.ވީ. ރިޕޯޓްތަކުންނާއި އަދި އަޅުގަނޑުމެންގެ އެކުވެރި ބައެއް ރައްޓެހިންގެ ދުލުން އަޅުގަނޑުމެންނަށް ކިޔައިދެއްވަނީ. އޭރު އެ ނެގި ރިސްކުތައް. ފައިނޭންސް ހޯދުމުގައިވެސް އޮތީ ފަސޭހަ ގޮތްތަކެއް ނޫން. ވަރަށް އުނދަގޫ ގޮތަކަށް ފައިސާ ހޯދައިގެން އޭރު އެ މަސައްކަތްތައް ފެށްޓީ ދިވެހިރާއްޖޭގައި. ޚާއްޞަކޮށް ފަތުރުވެރިކަން ތަޢާރުފުވެގެން އައިއިރު، ވަރަށް ވަރަށް ބޮޑު ރިސްކެއް ނެގި. ވަރަށް ބޮޑު ރިސްކެއް ނެގީ. މާބޮޑު ޔަގީންކަމެއްވެސް ނެތި. ބައެއް މީހުން ބުނި ތިއީކީ ކާމިޔާބުވާނެ ކަމެއްވެސް ނޫނޭ. ވަރަށްބޮޑު ޗެލެންޖްތަކެއް އޭގައި ހުރި.

އެހެންނަމަވެސް، ކާމިޔާބު ކުރެވުނީ، އެކުގައި އޭރުވެސް ވަރަށްބޮޑަށް ކުރެވުނު މަސައްކަތްތަކުން. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، އަޅުގަނޑު މި ދެންނެވި ޚާއްޞަކޮށް ކުދި ވިޔަފާރިތަކާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ބަލައިފި ކަމަށްވަންޏާ، މި ވާހަކައަކީ އެހާ ދައްކާހިތްވާ ވާހަކައެއް ނޫން.

އެހެންނަމަވެސް، އަޅުގަނޑުމެންގެ ނިޒާމުތައް ވަރުގަދަކުރަން އެބަޖެހޭ. އެކަންވެސް މިކުރެވެނީކީ އަޅުގަނޑުމެން އެއްވެސް ހާލެއްގައި ވިސްނައިގެންނުވާނެ، ހަމައެކަނި ސަރުކާރުންނޭ. ހަމައެކަނި ސަރުކާރުންވެސް އަދި ކުރާ ކަމަކުންނެއް އެކަމެއް ނުކުރެވޭ. ޒިންމާ، ޝައުޤުވެރިކަން، ކަން ކުރާހިތުން ކުރުން، އަޅުގަނޑުމެންގެ ހިތުގައި އޮންނަން އެބަޖެހޭ. އަޅުގަނޑުމެން މަގުގެ އެއްކޮޅުން އަނެއްކޮޅަށް މިއަދު ހިނގާލާއިރު އަޅުގަނޑުމެންނަށް އެބަ ފެނޭ، ބީވެގެން ދާތަން ބައެއްކަހަލަ ވިޔަފާރިތައް. މިއަދު ވެދާނެ އެއީ، ތަންކޮޅެއް ކުދިކުދި ވިޔަފާރިތައް ކަމަށް. ތަންކޮޅެއް ކުދިކުދި ކަންތައްތައް ކަމަށް ވެދާނެ. އެކަމަކު ފަހުން، ވަރަށް ބޮޑު ކަންތައްތަކަކަށް އެކަންތައް ބަދަލުވެގެންދާނީ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ޒިންމާދާރުކަމާއެކު މަސައްކަތްތައް ކުރަން އެބަޖެހޭ. އަޅުގަނޑުމެން މިއަދު ބަލަންވީ، މިފަދަ ކޮންމެ ފަސޭހައަކާއެކު، ބޭންކިންގ ނިޒާމުގެ ތެރެއަށް އަންނަ ބަދަލުތަކާއެކު، ހުރިހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިދިނުމަށާއި، އޭގައި އެންމެ ލުއިގޮތްތަކަށް ޓްރާންސެކްޝަންތަކާއި، އަދި ލޯނުތައް، ނުވަތަ ފައިނޭންސް ލިބުމުގެ ކަންތައްތައް ހަމަޖެހިގެންދާއިރު އެއާ އެއްވަރަށް މަސައްކަތްތައް ކުރުމަށް.

އަޅުގަނޑުމެން ވިސްނާލަންވީ މިއަދު ދިވެހިރާއްޖެއިން، ރެމިޓެންސްގެ ގޮތުގައި، ކިތައް މިލިއަން ޑޮލަރު ޤައުމުން ބޭރުވެގެންދޭތޯ މަހެއްގެ މައްޗަށް. އަޅުގަނޑުމެން ހަމަ ވިސްނާލަންވީ ކަމެއް މިއީ. ރަނގަޅު ވާހަކައެއް. އަޅުގަނޑުވެސް ހަމަ ގަބޫލުކުރަން އެއްވެސް ޤައުމެއް ތަރައްޤީވެފައިވެސް ނެތް އެކްސްޕަޓީޒްއާ ނުލައި. ނޯހައު ބޭނުންވޭ. ނޮލެޖް ބޭނުންވޭ. އެކްސްޕާޓުން އަޅުގަނޑުމެންނަށް ބޭނުންވޭ. އަދި މަސައްކަތް ކުރާނެ ލޭބަރ، އަޅުގަނޑުމެންގެ މި މާކެޓަށް ބޭނުންވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ކަންބޮޑުވާންޖެހޭނެ ކަމަކީ، ބޭނުން ނުވާނެ ކަމަކަށްވާންޖެހެނީ އަޅުގަނޑުމެންގެ އެއްވެސް ބަޔަކު މަސައްކަތްނުކޮށް، މަސައްކަތުގެ މާޙައުލުން ބާކީވެގެން ދިއުން. އެކަންނުކޮށް ތިބޭ ކަމަށްވަންޏާ، އެއީ މައްސަލައެއް.

އަޅުގަނޑުމެންގެ ގާތްގަނޑަކަށް ތިންލައްކަ ފަންސާސްހާސް އާބާދީއެއްގައި ކިހާވަރަކަށްތޯ ބޭރުމީހުން ތިބޭނީ. އެ ކޮން ރޭޝިއޯއެއްގައިތޯ ތިބޭނީ. އަޅުގަނޑަށް އެނގޭ އަޅުގަނޑު މި ވާހަކަ ދައްކާއިރު، ދުނިޔޭގެ އެހެން ޤައުމުތައް އެބަހުރި 80 ޕަސެންޓް ފޮރިން މީހުން ދިރިއުޅޭ. އެކަމަކު އަޅުގަނޑުމެންނަކަށް ކޮންމެ ކޮންމެ ޤައުމަކާ އަޅުގަނޑުމެންގެ ޤައުމު ކޮމްޕެއަރވެސް ނުކުރެވޭނެ. އެހެންވީމާ، މިއަދު ޚާއްޞަކޮށް އަޅުގަނޑުމެންގެ ޒުވާނުން، ފަހަރެއްގައި ވެދާނެ މިއަދު އެ ކުދިން ތިބީ، ގްރޭޑް 8, 9, 10 ގައި ކަމަށް. މިއަދު މަސައްކަތްތައް ދަސްކުރަންވީ. އަޅުގަނޑުމެން ބަލަންވީ ރިޒޯޓްތަކަށް. ބަލައިފި ކަމަށްވަންޏާވެސް، މީގެ ދިހަ އަހަރު ފަހުން، ފަނަރަ އަހަރު ފަހުން، ފަސް އަހަރު ފަހުން، ބޮޑެތި މުސާރަތައް ލިބޭ މަތީ މަގާމުތަކުގައި އަޅުގަނޑުމެންގެ މީހުންނަށް ނުތިބެވެންވީ ސަބަބެއް އަޅުގަނޑަކަށް ހަމަގައިމުވެސް ނޭނގެ.

އަޅުގަނޑު ހަމަގައިމުވެސް ފެށްޓީ ޓުއަރިޒަމް އިންޑަސްޓްރީން. އަޅުގަނޑުގެ ޢުމުރުން 20 އަހަރުގައި އަޅުގަނޑު ރިޒޯޓެއްގެ މެނޭޖަރު ކަމުގައި ހުރީ. އޭރުވެސް ދުނިޔޭގެ ޤައުމުތައް މާބޮޑަށް ކުރިއަރައިފައި އޮތީ. އެހެންނަމަވެސް، ފުރުޞަތު އޮތަސް، ފުރުޞަތު ލިބުނަސް، ފުރުޞަތު ހޯދަން އުޅުމަކީ، ކަންކަމަށް ތައްޔާރުވުމަކީވެސް ކުރަންޖެހޭކަމެއް. ފުރުޞަތު ދިނުމަކީވެސް އެއީ ކުރަންޖެހޭކަމެއް. ހަމައެކަނި އޮތީކީ ޓުއަރިޒަމް ދާއިރާއަކު ނޫން. ރާއްޖޭގައި މިހާރު ގާތްގަނޑަކަށް 160 އަށްވުރެ ގިނަ ރިޒޯޓުތައް އެބަހުރި. އެއީ ރިޒޯޓު އެކަނި ހުޅުވިގެން އެންމެ މަތީ ފަންތީގައި ހުރިއިރު، ބަދަލުތައް އެބައާދޭ. އަޅުގަނޑަށް މިއަދު ދެވުނު ފަސްތަރީގެ ރަށަކަށް. ދެވުނުއިރުވެސް ހަމަ ގިނަ އަދަދަކަށް ދިވެހި ޒުވާނުންނާ އަޅުގަނޑާ ބައްދަލުވި. ދެން އެހެންނަމަވެސް، އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ މިންވަރަކަށް ނޫން ރަށްރަށުގައި އަދިވެސް މި ދަންނަވާ އެގްޒެކެޓިވް ލެވެލްގައި ދިވެހިން ތިބީ. ދިވެހިންނަށް ވާނެ. ވާނެ އިނގޭތޯ ދިވެހިންނަށް. އަޅުގަނޑުމެންގެ ޓުއަރިޒަމް މިނިސްޓަރަކީވެސް ޓުއަރިޒަމް ދާއިރާގެ ބޭފުޅެއް. ޖެނެރަލް މެނޭޖަރކަންވެސް ހަމަ ކުރެއްވި. ރާއްޖޭގައި އެވަގުތު އޮތް ހަމަގައިމުވެސް އެންމެ ބޮޑު ރިޒޯޓުގައި އެކަންވެސް ކުރެއްވީ. އެހެންވީމާ ވާނެ. އެކަން އެކަންޏެއްނޫން އޮތީކީ އިނގޭތޯ. އަޅުގަނޑުމެން ކުރަންޖެހޭ އެތައް ކަމެއް އެބައޮތް. އެކިއެކި ދިމަދިމާއިން، ޓެކްނިކަލް ދާއިރާތައް އެބަހުރި. އިންޖިނިއަރުން ބޭނުންވޭ.

އަޅުގަނޑުމެން ރަށްރަށަށް މި ދަތުރުކުރާއިރު، މިހާރުވެސް އަޅުގަނޑުމެން ހިނގައްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ރަށްރަށުގައި ތިބި ޑޮކްޓަރުންނަށް ބަލައިފި ކަމަށްވަންޏާ، 90 ޕަސެންޓް އަދިވެސް ތިބީ ބޭރު މީހުން. މިހާރު ފަސް އަހަރު އަޅުގަނޑުމެންނަށް މިވީ. އަދިވެސް ފަސް އަހަރު. ދުނިޔޭގައި ތިބި ކަމަށްވަންޏާ ފަސް އަހަރު ވާނެ. އޭގެ ފަހުންވެސް ފަސް އަހަރެއްވާނެ.

އެހެންވީމާ، މިހިރަ ކަންތައްތަކަށް އަޅުގަނޑުމެން އެބަޖެހޭ، ފުންކޮށް ވިސްނައި،މި ކަންތައްތައް ކުރަން. ބޮޑެތި މުސާރަވެސް ލިބޭ ކަންތައްތައް މިހުރީ. ވަރަށް ބޮޑެތި ޢިނާޔަތްތައް އޭގައި ލިބޭ ކަންތައްތައް. ޓެކްނިކަލް ދާއިރާތައް. ޓެކްނީޝަނުން. އެއްވެސް ރަށެއްގައި ޓެކްނީޝަނެއް ނެތް ރަށެއް ނުހުންނާނެ، މެޝިނަރީސް ހުރިކަމަށްވަންޏާ.

އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަންޖެހިއްޖެ ކަމެއް. އެހެންނޫން ކަމަށްވަންޏާ، މިހާރު ދުނިޔޭގެ ޤައުމުތަކުގައި އިންފްލޭޝަނާއި ޚާއްޞަކޮށް ސަޕްލައި ޗެއިންގައި މިހުރި މައްސަލަތައް، އަޅުގަނޑުމެންނަށް އެބަ އެނގޭ، އަބަދުވެސް ކޮންމެވެސް ބޮޑު ދެ ޤައުމެއްގެ ދެމެދުގައި ހިނގާ ކަމެއްގެ ސަބަބުން އެއްޤައުމުން އަނެއް ޤައުމަށް ދޭންޖެހޭ ތަކެއްޗެއް ނުދެވޭ. އަޅުގަނޑު ޤައުމުގެ ނަން ނުދަންނަވަން މިއުޅެނީ. އެ ދޭންޖެހޭ އެއްޗެއް ނުދިނުމުގެ ސަބަބުން، ދެން އެ އެއްޗެތިތައް ސަޕްލައި ކުރުމުގައި އެ ޕްރޮޑަކްޝަންގައި ހުރި ދަތިތަކާއި، އަގުބޮޑުވެގެން ދިއުމާއި، މި ހުރިހާ ކަންތައްތައް އެބަ ކުރިމަތިވޭ. އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް. އަޅުގަނޑުމެން މިއަދު ދިވެހިން ޔަޤީންކުރަންވީ ކަމަކީ، ޤައުމުގެ ސައިޒު، ޤައުމުގެ އާބާދީގެ ސައިޒު، އިޤްތިޞާދު ކުރިއަރަން، ޤައުމެއް ތަރައްޤީވުމަށްޓަކައި
.It’s doesn’t matter at all
ސިންގަޕޯރ، ވަރަށް ކުޑަ ޤައުމެއް. ތިން ހަތަރު ފަސް މިލިއަން މީހުން ދިރިއުޅޭ ޤައުމެއް އެއީ. ހުރިހާ ގޮތަކުން އެ އޮތީ ކުރިއަރާފައި. ސްކެންޑެނީވިއަރ ޤައުމުތައް. ފަސް މިލިއަން، ހަ މިލިއަންވަރު އާބާދީގައި އުޅޭނީ. އެއީ ކުދި ޤައުމުތައް އެހުރީ. ވިސްނުން ބަދަލުކުރަން ޖެހެނީ. މަސްވެރިކަމުގައިވެސް އަޅުގަނޑުމެން ސީރިއަސްވެ މަސައްކަތް ކުރަންވީ. އެ ކަންތައްތައް ކުރެވޭނެ ހުރިހާ ކަމަކަށް މަގުފަހިކުރަންވީ. ކަންކަން ކުރަންވީ. އަޅުގަނޑުމެން ކުރިއަށްދާމިނުގައި ތަރައްޤީގެ ހުރިހާ ކަންތައްތަކެއް އަޅުގަނޑުމެން ކުރަންވީ. ދަނޑުވެރިކަމުގެ މަސައްކަތްވެސް މިހާރު ވަރޓިކަލް ވަނީ. އެހެންވީމާ، މިހާރު މި ޤައުމުގައި ބިމެއް ނެތޭ، އެހެން ބުނާނެ ޖާގައެއްވެސް އަޅުގަނޑުމެންނަކަށް ނެތް. އެހެންވީމާ، އެކަން ކޮށްގެންވެސް އެ ނަފާ އަޅުގަނޑުމެންނަށް އެބަ ހޯދޭ.

އެހެންވީމާ، މި ހުރިހާ ދާއިރާތަކަކުން، އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތައް ކުރަން މިއަދު. އެހެން ނޫންކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެހާ ފަސޭހައެއް ނޫން، އަޅުގަނޑުމެންގެ ކުރިއަށް އޮތް ދުވަސްތައް. އަޅުގަނޑުމެން ހަމަ ގާތްގަނޑަކަށް މިއޮތީ އިމްޕޯޓަށް މުޅިން ބަރޯސާވެފައި. އެހެންވީމާ، މިއަދު އުފެއްދުންތެރިކަން އަޅުގަނޑުމެން އިތުރުކުރުމަށްޓަކައި، ހުރިހާ ދާއިރާއަކުން މަސައްކަތްކުރަން އެބަޖެހޭ. ދުނިޔޭގެ އެހެން ޤައުމުތައްވެސް އޮތީ އެހެން. އެއްބަޔަކު ތެޔޮ ނަގައި، ވަކި ދުވަސްތަކެއްވީމާ ދެން ވިސްނުން ބަދަލުކޮށްލަނީ އެވެސް ނެތިގެންދާނެ އެއްޗެކޭ، ނޫނީ އޭގެ އަގުތައް ބަދަލުވެދާނެއޭ. ނޫނީ އެ ތެޔޮ އެހެންގޮތަކަށް، ތެޔޮ ނާޅައި، އިންޖީނު ނުހިންގައި، އެ ކަރަންޓު ލިބޭނޭ ގޮތްތައް ހޯދާނީއޭ. އެދުވަހަށް އެހެން ކަމެއް އެ ގެންނަނީ. އެހެންވީމާ، އީޖާދީ ވިސްނުންތަކެއް އަޅުގަނޑުމެން ގެންނަންވީ. ސްކޫލްތެރެއިން، އަޅުގަނޑުމެންގެ ދަރިވަރުން އެބަޖެހޭ މި ވިސްނުން ގެންނަން. މުޅި މާލީ އިދާރާތަކާއި، ރެގިއުލޭޓަރީ ބޮޑީސްތަކާއި، އަޅުގަނޑުމެންގެ ހުރިހާ އެންމެން އެއްކޮށް މި މަސައްކަތް ކުރަން އެބަޖެހޭ.

މި ތިއްބެވީ ޚާއްޞަކޮށް، މާލީ އިދާރާގެ ވަރަށް ތަޖުރިބާކާރު، ފައިނޭންސް ދާއިރާގެ ބޭފުޅުން. އެހެންވީމާ، ތިޔަބޭފުޅުންގެ ކުރިމަތީގައި ފަހަރެއްގައި މާލީ ކަންތައްތަކާ ގުޅޭ މާބޮޑު ވާހަކަތަކެއް އަޅުގަނޑަށް ނުދެއްކިދާނެ. އެކަމަކު މިއީ މި ޤައުމުގައި ހުރި ކަންތައްތައްކަން އަޅުގަނޑަށް އެނގޭ. އެވަރު އަޅުގަނޑަށް އެނގޭ. އެހެންވީމާ، ދެން އަނެއްކާ އަޅުގަނޑަށް އެމް.އެމް.އޭ.ގެ މިފަދަ ކަމެއްގައި ބައިވެރިވެވޭވެސް ފުރަތަމަ ފަހަރު. ދެން އަޅުގަނޑަށް ހީވަނީ ފަހުފަހަރުކަމަށްހެން ވާނީ ހަމަގައިމުވެސް. އެއީ ބާކީ އެހާ ގިނަ ދުވަސްތަކެއް ނެތް. ދެން ތިޔަބޭފުޅުންގެ އިތުރު ކަމެއް އަޅުގަނޑަކަށް ހީއެއްނުވޭ ނޮވެންބަރު 11 ގެ ކުރިންނެއް އޮންނާނެހެނެއް. އެހެންވީމާ، ފަހަރެއްގައި މި ވާހަކަ ދައްކާލުމަކީ ހަމަ މުނާސަބު ކަމަކަށްވެދާނެ. ރާޒީ އެބަ ބައްލަވާ ވަރަށް ބޮޑަށް އަޅުގަނޑަށް.

އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މަގާމުގެ ގޮތުންވެސް ދައްކަންޖެހޭ ވާހަކަތައް ހުރޭ. ދޭންޖެހޭ ނަސޭހަތްތައްވެސް ހުރޭ. އެއީ އެ މަގާމުގައި ތިބޭތީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮންނަ ވާޖިބަކަށްވެސްވޭ. އަމިއްލަގޮތުން ދައްކަންޖެހޭ ވާހަކަތައްވެސް ހުރޭ. މަގާމުގައި ހުރީތީވެ ދައްކަންޖެހޭ ވާހަކަތައްވެސް ހުރޭ.

އެހެންވީމާ، މިއަދު އަޅުގަނޑު މި ވާހަކަތައް މި ދައްކަނީ، ދެ ހައިސިއްޔަތަކުން. އެއީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން. ދެން އެއީ އަބަދު އޮންނާނެ އެއްޗެއް. ރައްޔިތެއްގެ ހައިސިއްޔަތު އޮންނާނެ އަބަދުވެސް. ދެން އޮތީ މަގާމުގެ ހައިސިއްޔަތު. އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ތަންކޮޅެއް ދިގުކޮށްވެސް ވާހަކަ އެބަ ދެއްކޭހެން. އެހެންނަމަވެސް، މިކަމުގައި އަޅުގަނޑުމެން ވިސްނައިގެން މަސައްކަތްތަކެއް ކުރަންވީ އެކީގައި. މި ހުރިހާ ދުވަހުވެސް އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް މި ކުރެވުނީ، އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރުގެވެސް، އަޅުގަނޑުމެންނަށް ނަތީޖާއެއް ނެރެވުނު ކަމަށްވަންޏާ، އެއްވެސް ކަމެއް ހާސިލުވި ކަމަށްވަންޏާ، އެއްވެސްޝައްކެއްނެތް، ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ޓީމް ވާރކެއް އޮވެގެން އެކަން ވާނީ. އަޅުގަނޑުމެންގެ އެކި މީހުން ގުޅިގެން، ކުންފުނިތަކާއި، މިނިސްޓްރީތަކާއި، އަދި ޕްރައިވެޓް ކުންފުނިތަކާއި، މާލީ އިދާރާތަކާއި، ވަރަށްގިނަ ބައެއް އެކުގައި ގުޅިގެން ކުރެވުނު މަސައްކަތުން ނޫނީ އަޅުގަނޑުމެންނަށް ހޯދުނު ހަމަ އެއްވެސް ކުރިއެރުމެއް ނެތް.

އެހެންވީމާ، އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ އެންމެ ފަހު ބަހަކަށްވެސް ހަމަ ދަންނަވާލަން އޮތީ، ޤައުމަށްޓަކައި އެކިއެކި އޭންގަލްތަކުން އަޅުގަނޑުމެން ވިސްނަން އެބަޖެހެއޭ. އަބަދުވެސް އެއް ދިމާއަކުން ވިސްނައިގެނެއް، އަޅުގަނޑުމެން ބޭނުންވާ ކަމެއް އަޅުގަނޑުމެންނަކަށް ހާސިލް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެން ގިނައިން ފުރުޞަތުތައް ހޯދައިދޭންވީ. ފަސޭހަކަން ހޯދައިދޭންވީ. ބޭންކިންގ ނިޒާމުގެ ތެރޭގައިވެސް ހުރި ކަންބޮޑުވުމުގެ ކަންތައްތައް އަޅުގަނޑުމެން ހައްލުކުރަންޖެހޭނެ. އަޅުގަނޑުމެންނަށް އެތައްހާސް ގޯއްޗަކާއި، އެތައްހާސް ފްލެޓެއް އަންނައިރު، އެތަންތަން ހަދަންވެސްޖެހޭނެ އިނގޭތޯ. ހައުސިންގ ފައިނޭންސް، ފަސޭހަކޮށް ލިބޭނޭ ގޮތްތައް ޑިވެލޮޕްކޮށް، އިންވެސްޓްމަންޓް ބޭންކުތައް މި ރާއްޖެއަށް ގެނެސްގެން ނޫނީ ކިހިނެއްތޯ އެތައް ހާސް ފްލެޓެއް، އެތައް ހާސް ގޯއްޗެއް އިމާރާތް ކުރާނީ. މި ޤައުމުގެ ކޮންތާކުތޯ އެ ފައިސާ ހުރީ. ކޮން ބޭންކަކަށްތޯ އެތައް ބިލިއަން ޑޮލަރެއް ދެވޭނީ. ގެންނަން އެބަޖެހޭ. ރާއްޖެއަކީ މަޤްބޫލް ތަނެއް އިނގޭތޯ. ގަބޫލުކުރައްވާ، ރާއްޖެއަކީ މުޅި ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންގެވެސް، ވަރަށް މަޤްބޫލް ތަނެއް. ބަލައިގަންނަ ތަނެއް. އިތުބާރުކުރާ ޤައުމެއް. ދިވެހިރައްޔިތުންނަށް ވަރަށް އިތުބާރުކުރޭ. ރާއްޖެއަށް ރަނގަޅު ގޮތްތައްވުން، ތަރައްޤީ އައުން އެއީ ހަމަ ބޭނުންވާ ކަމެއް. އަޅުގަނޑުމެންނަށް އެކުއެކީގައި މަސައްކަތްކުރެވޭ، ޢަރަބި ޤައުމުތަކާއި، އަޅުގަނޑުމެންނާ ދުރުގައި ހުރި ޤައުމުތަކާއި، ކައިރިން އަވަށްޓެރި ޤައުމުތަކާ މި ހުރިހާ ޤައުމުތަކާއެކު. އެއީ، އަޅުގަނޑުމެންނަށް ލިބިފައި އޮތް ނަސީބެއް. އެހެންވީމާ، އޭގެވެސް ބޭނުން އަޅުގަނޑުމެން ހިފަން އެބަޖެހޭ.

އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ ވޭތުވެދިޔަ ދުވަސްތަކުގައި، އެކި ޤައުމުތަކުގެ ލީޑަރުންނާއި މީހުންނާވެސް ބައްދަލުވުމުގެ ފުރުޞަތުވެސް އަޅުގަނޑަށް ލިބުނު. ރާއްޖެއާމެދު އެމީހުންގެ އެ އޮންނަ ލޯބި ނޫނީ، އެ ބޭނުންވާގޮތް އަޅުގަނޑުމެންނަށް ކިޔައިދޭ. އެހެންވީމާ، ލިބިފައި އޮންނަ ޗާންސް "Fortune knocks once in every storm" އޭ މި އޮންނަނީ. އެއީ ދެން މާ ގިނަ ފަހަރަކު ލިބޭ އެއްޗެއްވެސް ނޫން. އެހެންވީމާ، އެ ވަގުތުގައި އަޅުގަނޑުމެން ޖެހޭނެ، އެ "ވެހޭތާ ފެންނަގަން" ޖެހޭ ގޮތަށް، އަޅުގަނޑުމެން ޖެހޭ، އޮތް ހުރިހާ ގުޅުމެއްގެ ބޭނުން ހިފައިގެން، ކައިރިންނާއި ދުރުން، އަޅުގަނޑުމެންނަށް އެހީތެރިކަން ހޯދައިގެން ޤައުމަށްޓަކައި މަސައްކަތް ކުރަން. It’s too late now އިނގޭތޯ އެކަމަކު

But still, better late than never. We still got to do that.

ގަވަރނަރވެސް ވަރަށް ބޮޑަށް އެބަ ބައްލަވާ އިނގޭތޯ. އަޅުގަނޑުގެ ހަމަ އެދުމަކީ ޚާއްޞަކޮށް އަޅުގަނޑުމެންގެ މާލީ ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރުން. ޓޫރިޒަމް މިނިސްޓަރ ވަރަށް ބޮޑު ރޯލެއް ކުޅުއްވާ ބޭފުޅެއް މިއީ، ފަތުރުވެރިކަމުގެ ދާއިރާގައި. މަސައްކަތް ކުރަމާ ހިންގަވާ އަޅުގަނޑުމެން. އަޅުގަނޑުމެން އެކީގައި މަސައްކަތް ކޮށްފި ކަމަށްވަންޏާ، "ވޮންޑަރޒް" އިނގޭތޯ. .We can reach the sky, Sky is the limit އެއީ ދިވެހިންނަށް.

It is my immense pleasure joining you today here, in this important initiative taken by Maldives Monetary Authority. I just said that the world is changing, and we got no time. We got to keep the pace with the rest of the world. Technology is changing the whole world.

Covid has come all the way. And taught us many lessons. It was not something that we expected. It came but gave us lot of lessons and we are compelled to change our lifestyle today.
And we are lucky, that especially the youth of this country is very eager, very much interested for changes. Change is something that we can do. And the time is always right to do what is right and today something right has happened.

So thank you so much. It is my immense pleasure to be with you, and I thank, from the Government of Maldives for all those our friends from abroad: all our banking partners here in the Maldives for immense support that you are giving. We need more. We got to do so many things in our line of our development. We got to do so many things in the area of tourism, in the area of fisheries, in the area of agriculture, building a “A” team for tomorrow. We have to build a team, that will take over the country tomorrow. And do a better job to keep the pace with the rest of the world.

So, Thank you so much.

އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް ގަވަރނަރ، މި ފުރުޞަތު އަޅުގަނޑަށް ދެއްވީތީވެ. ތިޔަބޭފުޅުންގެ ފަރާތުން މަޙްމޫދު ރާޒީއާ އަޅުގަނޑާ ބައްދަލުވި، މަނިކު އަޅުގަނޑާ ބައްދަލުވި. މި މޭޒުގައި މި ތިއްބެވި ބޭފުޅުން، ޝަރީފް، ޔަޒީދު، މި ބޭފުޅުންނާ އަޅުގަނޑާ ބައްދަލުވި. ތިޔަބޭފުޅުން ޤައުމާ ދޭތެރޭގައި ދެކެވަޑައިގަންނަވާ ގޮތް، ވަރަށް ގިނަފަހަރު ވިދާޅުވޭ. އަސްޢަދާ އަޅުގަނޑާ ވަރަށް ގިނައިން ބައްދަލުވޭ. ވަރަށް ގިނަފަހަރު ވިދާޅުވެދެއްވި މިއޭ ދިވެހި ޤައުމު، ތިމަންނަމެންގެ ލެންސުން ފެންނަ ގޮތަކީ.

އެހެންވީމާ، މަގާމުގައި އަޅުގަނޑު ހުރީތީވެ، އެހެން އެ ވިދާޅުވަނީ. އަޅުގަނޑުމެންގެ ޒިންމާ ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް. މިކަން ކުރާށޭ. އެކަން ކުރާށޭ. ދެން އަޅުގަނޑު ވަރަށް އުފާކުރަން، އެކަހަލަ ހެޔޮ ނަސޭހަތް ދެއްވައި، ވަރަށް ގިނަ ފަހަރު މަތިން ބައްދަލުވެ އެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީވެ.

އަޅުގަނޑު ޔަޤީންކުރާ އެއްކަމެއް އެބައޮތް. ކޮންމެ ބަޔަކު ދިވެހި ޤައުމާ ހަވާލުވެގެން ތިއްބަސް، ކޮންމެ ބަޔަކު ސަރުކާރުގައި ތިއްބަސް، ފަހަތަށް ދިއުމުގެ ފުރުޞަތެއް ނޯންނާނެ. ފަހަތަށް ދެވޭކަށް ދެނެއް ނޯންނާނެ. އެއީ ފަސް އަހަރު ފަހުން، ދިހަ އަހަރު، ފަނަރަ އަހަރު ފަހުން ވިޔަސް، ދިވެހިރާއްޖޭގެ ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް، އެ ބަޔަކު ދެން ދާނީ ހަމަ ބާރަށް، ހަމަ ކުރިއަށް ދެވޭނީ. އިޤްތިޞާދު ކުރިއަށް ދާނީ، މި ހުރިހާ ގޮތަކުންވެސް ކަންތައްތައް ރަނގަޅުވާނީ. އެ ރަނގަޅު ގޮތެއް ފެނުނީމަ، ދެން އެއްވެސް ބަޔަކު ފަހަތަކަށް ނުދާނެ. އެހެންވީމާ، އެކަން އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ޤައުމަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން. އެކުވެރި ރައްޔިތެއްގެ ގޮތުގައި މުޅި ޤައުމުގެ ތަރައްޤީއަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާށި. އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.