މާލޭގެ ކަރަންޓް ފީގެ އަގަށް އައި ބަދަލުގެ ސަބަބުން ކަރަންޓް ފީ ދެއްކުމަށް ސަބްސިޑީގެ ގޮތުގައި ރައްޔިތުންނަށް ދޫކުރާ ހިލޭ އެހީ ޙައްޤުވާ ފަރާތްތަކަށް ސީދާގޮތުގައި، އެ އެހީ ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ދެއްވާ އެހީ ދެއްވުމަށް މިހާރު ކަނޑައަޅުއްވާފައިވާ ވަގުތީ އޮނިގަނޑުގެ ދަށުން ހިލޭ އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ މިދަންނަވާ ގޮތުގެ މަތިންނެވެ.

މާލޭގައި ބޭނުންކުރާ ޖުމްލަ އަށާރަހާސް ނުވަސަތޭކަ ފަސް މީޓަރުގެ ތެރެއިން ސާދަހާސް ދުއިސައްތަ ފަންސާސް މީޓަރުގެ ބިލުން ތަފާތުވާ ޢަދަދު އެކުގައި ހިލޭ އެހީގެ ގޮތުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އަދާކޮށްދެއްވާނެއެވެ. މީގެއިތުރުން، ތިންހާސް ނުވަސަތޭކަ އަށް މީޓަރުގެ ބިލުން ތަފާތުވާ ޢަދަދުގެ ފަސްދޮޅަސް އިންސައްތަ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން އަދާކޮށްދެއްވާނެއެވެ. މި ވަގުތީ އޮނިގަނޑުގެ ދަށުން ޢަމަލުކުރާން ފެށުމުން، މާލޭގެ ހުރިހާ އިލެކްޓްރިކް މީޓަރުތަކުން ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ސަރުކާރުން ދެއްވާ ހިލޭ އެހީ ނުލިބޭނީ ނުވަތަ ފޯރުންތެރިކަން އެބަހުރި ކަމުގައި ބެލެވިގެން ހިލޭ އެހީ މިވަގުތަށް ދޫނުކުރެވޭނީ، ހަމައެކަނި ހަތްސަތޭކަ ސާޅީސް ހަތަރު މީޓަރަށެވެ.

އިލެކްޓްރިކް ހަކަތައިގެ އަގު އަދާކުރުމަށް ޒަމާނުއްސުރެ ރައްޔިތުން ދައްކަމުން އަންނަ މަތީ މިންވަރު ދެމެހެއްޓެނިވި ގޮތެއްގައި ދަށްވާނެ އުޞޫލެއް ހިފެހެއްޓުމަށްޓަކައި، އިޢާދަކުރެވޭ ހަކަތަ އުފެއްދުމުގެ މެގަ ޕްރޮޖެކްޓްތައް، ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި ފެށްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ސަރުކާރުން ގެންދަވަނީ ވަމުންނެވެ.

ސްޓޭޓް އިލެކްޓްރިކް ކަމްޕެނީއަކީ ލިބޭ އެއްޗަކުން ޚަރަދުތައް ފޫބައްދައި، ވިޔަފާރީގެ އުޞޫލުން ހިންގާ ކުންފުންޏަކަށް ހެދުމަށް، އެކުންފުނިވަނީ ސަރުކާރުން މިނިވަންކުރައްވައި ބޯޑެއް ކަނޑައަޅުއްވާފައެވެ. މިބަދަލު ގެންނެވުމާ ގުޅިގެން، އެކުންފުނިން ވަނީ ކަރަންޓްގެ އަގަށް އަރާ ޢަދަދު، އޭގެ ހަމަ އަގަށް ގެނެސް، ކަރަންޓް ފީއަށް ބަދަލުތަކެއް ގެންނަވާފައެވެ. މިގެންނެވި ބަދަލުތަކުގެ ސަބަބުން، އިލެކްޓްރިކް ފީގެ ބިލުން ތަފާތުވާ ޢަދަދުތައް، ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަގުތީ އޮނިގަނޑުގެ މައިގަނޑު ސިޔާސަތަކީ، އެފަދަ އެހީ ބޭނުންވާ ފަރާތަށް ސީދާގޮތުގައި އެހީ ދެއްވުމުގެ ސިޔާސަތެވެ.