بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، ދައުލަތުގެ ވަޒީރުން، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ، ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަދި ވެމްކޯގެ ހީވާގި މުވައްޒަފުން، އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެނގިވަޑައިގަންނަވާނެ، މުޅި ދުނިޔޭގައިވެސް، ތިމާވެށްޓަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި، އަދި ހަމައެއާއެކު، ރާއްޖެއަށްވެސް މި އަސަރު އެންމެ ބޮޑަށް ކުރަމުންދާ ދުވަސްވަރެއްގައި، އެންމެ މުހިންމު މަސައްކަތެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރަކުން ކުރެވޭނެ ކަމަކީ، ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތް ކަމަށް.

އާދެ، އެނގިވަޑައިގަންނަވާނެ، މުޅި ރާއްޖޭގެ ހުރިހާ ރަށްތަކަށާއި އަދި ވަކިން ޚާއްޞަކޮށް، މާލޭ ސަރަޙައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި އޮތީ، ރައްކާތެރިގޮތުގައި ކުނި މެނޭޖް ކުރުމުގެ މައްސަލަ. އާދެ، މިއަދު ހުޅުވިގެންދާ މި ސެންޓަރުގެ މަސައްކަތް، ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ފެށުމާއެކު، ވަރަށް ގިނަ ފަސޭހަތަކެއް ވެގެން އެބަދޭ. ޚާއްޞަކޮށް، މާލޭ ސަރަޙައްދުގައި އުފުދޭ ކުނި، ރައްކާތެރި ގޮތުގައި އުފުލުމާއި، އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި ތިލަފުށްޓަށް ގެންދިއުމާއި، މި ހުރިހާ ކަމަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ވެގެން އެބަދޭ.

އާދެ، މިއީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެއް. ވޭތުވެދިޔަ އަހަރުތަކުގައި މި ކުރެވުނު މަސައްކަތްތަކުން އަޅުގަނޑުމެންނަށް މިހާހިސާބަށް އާދެވިފައި މިއޮތީ. އެހެންނަމަވެސް، މިއީ އަދި މުޅި މަޝްރޫޢުގެ އެއްބައި. އެނގިވަޑައިގަންނަވާނެ، ވަރަށް ބޮޑު ޚަރަދެއް ކުރެވޭ މަޝްރޫޢެއްގެ ގޮތުގައި މި މަޝްރޫޢު ފެށިގެން މިދަނީ. ކުރިއަށް އޮތް ތާނގައި، އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު އެކީގައި ނިމުމުން، އޭގެ ސަބަބުން އަޅުގަނޑު ދަންނަވާނީ، ކުނި ބަދަލުވެގެން މިދަނީ އޭގެ ޒާތުގައި، އަޅުގަނޑުމެންނަށް ބޭނުން ހިފޭ އެއްޗެއްގެ ގޮތުގައި. ވޭސްޓް މި ބަދަލު ވަނީ. އަޅުގަނޑުމެންނަށް އެހެން ކަމަކަށް ރޯ މެޓީރިއަލްއެއްގެ ގޮތުގައި. ނޫނީ މިހާރު ހަމަ ކުންޏަކީ ހަމަ ''ރަނޭ'' ކިޔާ އުސޫލުން އޭގެ ބޭނުން ހިފި، އޭގެ ފައިދާތަކެއް އަޅުގަނޑުމެންނަށް ކުރާނެ.

އެނގިވަޑައިގަންނަވާނެ، ވޭސްޓް އެނަރޖީ ޕްރޮޖެކްޓް، އެއީ އެންމެ ބޮޑު ބިޔަ ޕްރޮޖެކްޓްގެ ގޮތުގައި ކުރިއަށް މިއޮތީ. އެ ކަންތައްތަކަށް އަޅުގަނޑު މި ދެންނެވިގޮތަށް، މީގެ ސަބަބުން ކުނި ރައްކާކޮށް، ރައްކާތެރިކަމާއެކު އެ އުފުލައި، މި ހުރިހާ ކަމަކަށް މަގު ފަހިވެގެންދާނެ.

އާދެ، ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑު ހަމަ ވަކިން ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުން، މިނިސްޓަރ ޝައުނާ، އަދި މިނިސްޓަރ ޝައުނާގެ ޓީމް، ވެމްކޯއިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. އަޅުގަނޑަށްވެސް މިތަނަށް، މި ސައިޓަށް ތިން ހަތަރު ފަހަރަކު އާދެވުނު. އަދި ތިލަފުށީގައި އެ ކުރެވޭ މަސައްކަތް ބަލައިލުމަށާއި، އަދި ވެމްކޯގެ އެހެނިހެން މަސައްކަތް ކުރާ ސަރަޙައްދުތަކަށްވެސް އަޅުގަނޑަށް ދެވުނު. އަޅުގަނޑަށް ފެނުނީ، ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ މުވައްޒަފުންތަކެއް. އަދި ވަކިން ޚާއްޞަކޮށް، މި ދެންނެވިގޮތަށް، މިއަދު އަޅުގަނޑުމެންނަށް މިހާ ހިސާބަށް މި އާދެވުނީ، އަޅުގަނޑު ގަބޫލުކުރަނީ މުހިންމު މަސައްކަތެއް ކަމުގައި ދެކިގެން މިކަމަށްޓަކައި ޚާއްޞަކޮށް، މިނިސްޓަރާއި އަދި މިނިސްޓަރުގެ ޓީމުން ކުރެވުނު މަސައްކަތުން ކަމުގައި. އާދެ، އެހެންކަމުން އަޅުގަނޑު ހަމަ ޚާއްޞަކޮށް، މިނިސްޓަރަށާއި އަދި މިނިސްޓަރުގެ ޓީމަށް، ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރަށް، އަދި ވެމްކޯގެ ހީވާގި ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ކުނީގެ ވާހަކަ ދައްކާއިރު، އަޅުގަނޑަށް ހީވަނީ ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކަށްވުރެ ބޮޑަށް އަޅުގަނޑުމެން އެކަމަށް ސަމާލުވާންޖެހޭ. އަޅުގަނޑުމެންނަކީ މިއީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އެކުލެވިފައި އޮތް ޤައުމެއް. އަޅުގަނޑުމެންނަށް ނަފާ ލިބެނީ، އަޅުގަނޑުމެންގެ އިޤްތިޞާދަށްވެސް އެންމެ ބޮޑު އެއްޗެއް މި ވަންނަނީ، ޤުދުރަތީ ރީތިކަމުން. އެހެންވީމާ، އަޅުގަނޑުމެންގެ ޤުދުރަތީ ރީތިކަން، އަބަދުގެ އަބަދަށް ދަމަހައްޓަން މަސައްކަތްކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ކަނޑާއި، ފަޅާއި، ފަރުތަކާއި، ރީތި ގޮނޑުދޮށްތައް، އެހެން ގޮތަކަށް ދަންނަވާ ކަމަށްވަންޏާ ވިއްކައިގެން، އަޅުގަނޑުމެން ނުވަތަ އަޅުގަނޑުމެންނަށް ޒިޔާރަތްކުރާ މީހުންނަށް އެ ރީތި އެއްޗެއްގެ ގޮތުގައި، ހިތްހަމަޖެހޭ އެއްޗެއްގެ ގޮތުގައި، އެ ދައްކައިދީގެން އަޅުގަނޑުމެންގެ އިޤްތިޞާދަށް އެންމެ ބޮޑު ފައިދާއެއް މި ކުރަނީ. އެހެންވީމާ، އެގޮތުން ބެލި ނަމަވެސް، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ހުރިހާ އެންމެންގެ ޒިންމާއެއްގެ ގޮތުގައި އޮތް ކަމެއް މިއީ. މި ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި، އަދި ކުނި މަދުކުރެވޭނެ ގޮތަކަށް، ނޫނީ ކުނި އުފެއްދުން މަދުކުރެވޭނެ ގޮތަކަށް މަސައްކަތްތައް ކުރުން.

އާދެ، އަޅުގަނޑުމެން ފަތުރުވެރިކަމުގެ ދާއިރާއަށް ބަލައިފި ކަމަށްވަންޏާ، ރާއްޖޭގެ ހަމަ އެއްވެސް ޢާއިލާއެއް ނެތް، އެ ކަމުން ހެޔޮ އަސަރުތަކެއް ނުކުރާ. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ، އިތުރު މަސައްކަތްތަކެއް ކުރަން. މި ދެންނެވި ގޮތަށް، އަޅުގަނޑުމެން ވިސްނައިނުލައި ނުވަތަ ސަމާލުކަން ދޭންޖެހޭވަރަށް ސަމާލުކަން ނުދެވިގެން ކުރެވޭ ކަންތައްތަކުން، އަޅުގަނޑުމެންނަށް ގެއްލުމެއް ލިބިދާނެ. އެކަމަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، މީގެ ސަބަބުން ހަލާކުވާނީ ނުވަތަ ހަޑިވާނީ ފަރުތައް ނުވަތަ ގޮނޑުދޮށްތައް އެކަންޏެއް ނޫން. މިހާރު އެނގޭ ގޮތުގައި ޞިއްޙީގޮތުން އަޅުގަނޑުމެންނަށް އޮތް ނުރައްކާ އަދި މާބޮޑު. އަޅުގަނޑުމެން މި ބާނާ މަސް، އެ މަސް މި ކަނީ އަޅުގަނޑުމެން އުކާލާ ޕްލާސްޓިކް. އެ މަސް އަޅުގަނޑުމެން ބާނައިގެން މިކަނީ. އެހެންވީމާ، އަނެއްކާވެސް، އަޅުގަނޑުމެން ވިސްނާނުލައި، ނުވަތަ ސަމާލުކަން ދޭންޖެހޭ މިންވަރަށް އަޅުގަނޑުމެންނަށް ސަމާލުކަން ނުދެވިގެން ކުރެވޭ ކަމެއްގެ ސަބަބުން، އިތުރު މައްސަލައެއް މި ކުރިމަތިވަނީ. އަޅުގަނޑުމެންގެ އިޤްތިޞާދު ހަލާކުވެ، އަޅުގަނޑުމެންގެ ތިމާވެށި ހަލާކުވެ، އޭގެ ފަހުން އަނެއްކާ އަޅުގަނޑުމެންގެ ޞިއްޙަތަށް ބޮޑު މައްސަލައެއް ކުރިމަތިވަނީ. އެހެންވީމާ، މި ހުރިހާ ކަމަކަށް ވިސްނާފައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، ކުރީގައިވެސް އަޅުގަނޑު މި ދެންނެވިގޮތަށް، ތިމާވެށްޓަށް އަންނަ ބަދަލުތަކަކީ އެއީ، އަޅުގަނޑުމެން އެކަށީގެންވާ ބާރުމިނެއްގައި، މަސައްކަތް ނުކޮށްފި ކަމަށްވަންޏާ، ހަމަ އަރާ ހަމަނުކުރެވޭނެ ބަދަލުތަކެއް. ކޮންމެ ދުވަހަކު މިހާރު ނޫސްތައް ނުވަތަ ޓީ.ވީ. ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެއްފަރާތުން މި ފެންނަނީ، ދުނިޔޭގެ ކޮންމެވެސް އެއް ހިސާބެއްގައި ހޫނު ގަދަވެގެން ގޮސް އަލިފާނުގެ ހާދިސާ ހިނގައި، ރޯވެގެން އެތައްހާސް، އެތައްލައްކަ ބަޔަކު، ގެދޮރު، މުދާ ދޫކޮށް، އެތައް ފުރާނައެއް ނެތިގެންދާތަން. އަނެއްކޮޅުން އަޅުގަނޑުމެންނަށް ފެންނަނީ، ފެންބޮޑުވެގެން މީހުންގެ މުޅި ދިރިއުޅުން ހަލާކުވެގެން އެތައް ފުރާނައެއް ނެތި ދާތަން. ކޮންމެ ކޮޅަކަށް ދިޔަޔަސް މި އޮންނަނީ، އެކްސްޓްރީމަށް ގޮސްފައި. އެހެންވީމާ، މި ކަންތައްތަކަށްވެސް ޙައްލު ހޯދެން އޮތީ، އަޅުގަނޑުމެން އެންމެން އެކުގައި ކުރެވޭ މަސައްކަތްތަކުން.

އަޅުގަނޑުމެންނަށް އެނގޭ، ތިމާވެށްޓަށް މިކުރާ އަސަރުތަކަށް ރާއްޖެފަދަ ކުޑަ ޤައުމަކުން، އެއަށް ކޮންޓްރިބިއުޓް މި ކުރެވެނީ ވަރަށް ކުޑަ މިންވަރެއް. އަޅުގަނޑުމެންނަށް އޭގެ ގެއްލުން ކިތަންމެ ބޮޑުވި ނަމަވެސް، އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން، ކުރަނީ ތަންކޮޅެއް ކުޑަ އަސަރެއް ކަމަށް ވެދާނެ. އެހެންނަމަވެސް، ކަމުގެ މުހިންމުކަމާއި، އަދި ކަމެއް ދިމާވެއްޖެ ހިނދަކު، އެންމެ ބޮޑު އަސަރެއް ކުރާ ޤައުމެއްގެ ގޮތުގައިވެސް، އަޅުގަނޑުމެން ކަހަލަ ބިންތިރި، ކުދި ޖަޒީރާ ރަށްތަކަށްވެފައި އޮތް ޤައުމަކަށް ވީތީވެސް، ގިނަގުނަ މަސައްކަތްތަކެއް މިކަމުގައި އަޅުގަނޑުމެން ކުރަން އެބަޖެހޭ.

އާދެ، ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ގޮތަށް، މި ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތުން ކުރިއެރުންތަކެއް ލިބުނު. އެނގިވަޑައިގަންނަވާނެ، ކުރީގައި ވަކި ދިމާއެއްގައި ވައިރޯޅި ހުންނައިރު، މި ސަރަޙައްދަށް ނޭރޭނެ. އަޅުގަނޑުމެންނަށް ހަމަ ކޮންމެ ދުވަހެއްގެ ޝަކުވާއެއް ނޫން، އުނދަގޫތަކެއް ކުރިމަތިވަނީ. ބިރުވެރިކަމެއްގެ ގޮތުގައި އޮންނަ ކަމެއް. ވަކި ދިމާއެއްގައި ވައިރޯޅި ހުންނައިރު، ތިލަފުށީގައި ކުނި އަންދާއިރު މާލެއާއި، ވިލިމާލެއާއި އަދި ކައިރި އެއަރޕޯޓާއި، އަދި ކައިރި ރިޒޯޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ނޫނީ މަސައްކަތްކުރާ ފަރާތްތަކަށްވެސް އެ ލިބޭ ގެއްލުން. އެއީ، ވަރަށްބޮޑު މައްސަލައަކަށް ވެފައި އޮތް ކަމެއް. މިނިސްޓަރ ޝައުނާ އެ ވިދާޅުވިގޮތަށް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ވެމްކޯގެ މުވައްޒަފުން އަދި ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ކޮންސަލްޓަންޓުންނާއި، އަދި ބޭރުގެ އެތައް ފަންނީ ބައެއްގެ އެހީތެރިކަމާއެކު، ގިނަ ދުވަސްވެފައި އޮތް މައްސަލައަކަށް ޙައްލެއް މި ހޯދުނީ.

އެނގިވަޑައިގަންނަވާނެ، މިއީ މި ބައްތިރީސް ރަށަށް، ނޫނީ މާލޭ ސަރަޙައްދަށް ހަމައެކަނި އޮތް މައްސަލައެއްވެސް ނޫން. މުޅި ރާއްޖޭގައި މި މައްސަލަ އެބައޮތް. މި މައްސަލަ ހައްލު ކުރުމަށްޓަކައި، ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން މިހާރުވެސް ފެށިގެން ކުރިއަށް މިދަނީ. ރަނގަޅު ގޮތުގައި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި، އުފުލުމުގެ ކަންތައްތައް. އެކި ދިމަދިމާގައި، މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކާއި ވަސީލަތްތައް ޤާއިމުކުރެވިގެން މިދަނީ. އަޅުގަނޑުމެންގެ އުންމީދަކީ، ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް ދިރިއުޅޭ ފަރާތްތަކަށް މިކަމުން ދިމާވާނެ ޞިއްޙީ ނުރައްކަލާއި، އަދި މި ދެންނެވި ގޮތަށް، އެހެނިހެން ގޮތްގޮތުން އަޅުގަނޑުމެންގެ ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް އަހަރުތަކުގައި އިރާދަކުރެއްވިއްޔާ ކުރުން.

އާދެ، މިފަދަ ކަމެއްގައި ވާހަކަދައްކާއިރު، އަޅުގަނޑުމެން ހަމަ ވިސްނާލަންޖެހޭނެ، ސާފުތާހިރު ކަމަށް. ހިތާމައާއެކު އަޅުގަނޑު ދަންނަވަންޖެހެނީ، އަދިވެސް އަޅުގަނޑުމެންނަށް މިކަމަށް ދެވޭ ސަމާލުކަން ތަންކޮޅެއް ކުޑައޭ. އެއީ، އަޅުގަނޑުމެން އިންޑަސްޓްރިއަލް ވިލެޖުގެ ސަރަޙައްދަށް ބަލައިލިއަސް. އަދި ގޯޅިގޯޅިތަކާއި، މާލެ ނުވަތަ ހުޅުމާލެ ގޮނޑުދޮށާއި ތަންތަން ބަލައިލާއިރު ހަމަ ވަރަށް ގިނަ އަދަދަކަށް މި ހުންނަނީ، އުކާލާ ބާވަތުގެ ތަކެތި. ޕްލާސްޓިކް ފުޅި، ޕްލާސްޓިކް ކޮތަޅު، ވަރަށް ގިނަ އަދަދަކަށް އެބަހުރޭ. އެނގިވަޑައިގަންނަވާނެ، ރަނގަޅު ތަހުޒީބު މުޖުތަމަޢެއްގެ ތެރޭގައި އެ ކަހަލަ ކަންތައްތައް ހުރެގެން ނުވާނެ.

އަޅުގަނޑުމެންނަށް އެބަ ފެނޭ. ދުނިޔޭގެ އެހެން ޤައުމުތަކަށް އަޅުގަނޑުމެން އެބަދަން. ވަރަށް ގިނަ ޤައުމުތަކަށް ދިވެހިން ދަތުރުކުރާނެ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ކައިރި ޤައުމުތަކަށް ބަލައިލިނަމަވެސް، ސާފުތާހިރުކޮށް ޤައުމެއްގެ މަގުމަތި، ސިޓީއެއްގެ މަގުމަތި ނޫނީ، އެހެނިހެން ޕާކުތަކާއި، އަދި ޕަބްލިކް ސްޕޭސްތައް މި ބޭއްވެނީ ހުރިހާ އެންމެންގެ މަސައްކަތުން. ހަމައެކަނި އުކާލީމާ ސާފުކުރާ ބަޔަކު ތިއްބަސް ރީއްޗަކަށް ނޯންނާނެ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން، އެކަމަށް ސަމާލުކަން ދޭން އެބަޖެހޭ. އަޅުގަނޑު މިހެން މި ވާހަކަ މި ދަންނަވަނީ، އަޅުގަނޑު ގުނާލިއިރު ގާތްގަނޑަކަށް އަށާރަ ވަރަކަށް ފަހަރު ދެވިއްޖެ ސާފު ކުރުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވާން. އާންމުކޮށް ހުކުރު ދުވަހު ނޫނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި އަޅުގަނޑަށް މި ދެވެނީވެސް. އަދި އެއީ އަޅުގަނޑަށް ދެވުނު އަދަދު. އަޅުގަނޑަށް ހަމަ ޔަޤީން ތިޔަބޭފުޅުން އަދި އެކަހަލަ މާގިނަ ޕްރޮގްރާމްތަކަށް ވަޑައިގެން، އެކަމުގައި ބައިވެރިވެވަޑައިގެންފައި ތިއްބަވާނީ. މިއިން ކޮންމެ ޕްރޮގްރާމެއްގެވެސް، ނޫނީ ކެމްޕެއިނެއްގެވެސް ބޭނުމަކަށް މިވަނީ އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުން. މިއަދު އަޅުގަނޑުމެން ކުރާ ކަމެއް، އަޅުގަނޑުމެންގެ ޅަ ދަރިންނަށްވެސް ދަސްވާނީ.

އެހެންވީމާ، ޚާއްޞަކޮށް، އެއްވެސް ފުޅިއެއް އުކާނުލުން، ނުވަތަ މަދުކުރުން، އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް. ވޭސްޓް މަދުކުރުމަކީ، ކުރަންޖެހޭ ކަމެއް. އަޅުގަނޑު މި ދެންނެވިގޮތަށް، މުޅި ދުނިޔޭގެ ޤައުމުތަކަށް ބަލައިފި ކަމަށްވަންޏާވެސް، ވަރަށްބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މުޅި ދުނިޔޭގައިވެސް މި އޮތީ. ދުނިޔޭގައި އަހަރެއްގެ މައްޗަށް އެތައް ބިލިއަނެއް، ގާތްގަނޑަކަށް ދެ ބިލިއަނަށްވުރެ ގިނަ ޓަނުގެ ކުނި ޖަމާވެގެން ދާއިރު، ކުރިއަށް އޮތް ތާނގައި އަދި އެއަށްވުރެ މާ މައްޗަށްދާނެ. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލައިފި ކަމަށްވަންޏާ، އުފައްދާ ކުނި ނިސްބަތުން ވަރަށް ގިނަ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުން، މާލޭ ސަރަޙައްދުގައިވެސް  ވޭސްޓް އެކަނިވެސް ބޮލަކަށް ގާތްގަނޑަކަށް ކިލޯއެއްވަރު ދުވާލަކު އެބަ އުފައްދާ. މިއީ، ވަރަށް ބޮޑު އަދަދެއް. އެނގިވަޑައިގަންނަވާނެ، އެތައް ލައްކަ ބައެއް އަޅުގަނޑުމެންގެ މި ސަރަޙައްދުގައި ދިރިއުޅެމުން މިދަނީ.

އެހެންވީމާ، މިއީ އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެއް. ޚާއްޞަކޮށް، ސަރުކާރުން މިހާރުވެސް ޓާގެޓްތަކެއް ކަނޑައަޅާފައި އެބައޮތް. ދުނިޔޭގެ އެކި ޤައުމުތަކުގައި އެކި ދުވަސްވަރުތަކަށް ޓާގެޓްތައް މިއޮތީ ކަނޑައަޅާފައި. އުކާލެވޭ ބާވަތްތަކުގެ، އެއްފަހަރު ބޭނުންކުރެވޭ ޒާތްޒާތުގެ ޕްލާސްޓިކާއި، އެ ބާވަތުގެ ތަކެތި މަދުކުރުމަށް. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން އަޅުގަނޑުމެން މަސައްކަތް ކުރަންވީ. އަޅުގަނޑުމެން ސިންގަލް ޔޫޒްޑް ޕްލާސްޓިކް ނުގެންގުޅެންވީ. އެނގިވަޑައިގަންނަވާނެ، މީގެ ތެރޭގައި ބައެއް ތަކެއްޗަކީ، ކަނޑައެޅިގެން ހަމަ ޞިއްޙަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ ތަކެތި. އަޅުގަނޑުމެންނަށް ހަމަ ވަރަށް ގިނައިން ފެންނާނެ މަގުމަތިންވެސް، އެކިއެކި ކުދި ޕެކެޓްތަކާއި ޕްލާސްޓިކް ކޮތަޅު. އެކަހަލަ ޕެކެޓްތަކުގައި ގިނައިން ހުންނާނީ، ޞިއްޙަތަށް ގެއްލުންވާ، އޭގެ ސަބަބުން ބޮޑެތި ބަލިތަކަށް ހުށަހެޅޭ ކަހަލަ ކަންކަން ކަމަށް ޑޮކްޓަރުންގެ ފަރާތުން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާ.

އެހެންވީމާ، މިއީވެސް އަޅުގަނޑަށް ހީވަނީ، ވިސްނަންވާނެ ކަމެއްހެން. އަޅުގަނޑުމެންގެ ތެރޭގައި ޚާއްޞަކޮށް، ރާއްޖޭގައި ހަމަ އެއް ބައްޔެއްގެ ގޮތުގައި ބަލައިފި ކަމަށްވަންޏާވެސް، އަޅުގަނޑުމެންގެ ތެރޭގައި ކެންސަރު ބަލި ވަރަށް ގިނަ. އެހެންވީމާ، މިއީ ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން އިރުޝާދު ދޭ ގޮތުން ބަލިތައްވެސް ގުޅިފައި މި އޮންނަނީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބޭނުންކުރާ ތަކެއްޗާއި، ކައިބޮއިއުޅޭ ގޮތާ ގުޅިފައި. އެއަށް ބޮޑަށް ބަރޯސާވެފައި މި އޮންނަނީ. އެހެންވީމާ، މި ހުރިހާ ގޯސް އާދައެއް އަޅުގަނޑުމެން ދޫކޮށްލައިފި ކަމަށްވަންޏާ، މަދުކޮށްފި ކަމަށްވަންޏާ، އޭގެ ފައިދާތަކެއް އަޅުގަނޑުމެންނަށް އެބަކުރޭ.

އަޅުގަނޑު މިއަދު ހުރިހާ ރައްޔިތުންނަށް ޚާއްޞަކޮށް، ރާއްޖޭގެ ލޮބުވެތި ހުރިހާ ޒުވާނުންނަށް ދަންނަވާލަން އޮތީ، އިލްތިމާސްކޮށްލަން ބޭނުންވަނީ، ވީހާވެސް ވަރަކަށް އެބަޖެހޭ ރެޑިއުސްކުރަން، ރީސައިކަލް، ރީޔޫސް ކުރަން. މިއީ އަޅުގަނޑުމެން ވަރަށް ފަރިތަ ބަހެއް. މިކަމަށް އަޅުގަނޑުމެން އަހުލުވެރި ބަޔަކަށްވެ، ވީހާވެސް ބޮޑަށް ކުނި އުކާނުލުމާއި، ޚާއްޞަކޮށް މޫދަށް، ގޮނޑުދޮށަށް އުކާނުލުމާއި، ބެހެއްޓިފައި ހުންނަ ތަނެއްގައި އެ އެއްޗެތިތައް ބެހެއްޓުމުގެ އާދަ ވީހާވެސް ބޮޑަކަށް އަޅުގަނޑުމެންގެ ގައިގައި އަށަގަންނުވައި، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދަރިންނަށް އެ ކަންތައްތައް ދަސްކޮށްދިނުމަކީ އެއީ، ވާޖިބެއްގެ ގޮތުގައި ދެކެ އަޅުގަނޑުމެން އަބަދުވެސް އެ ކަންތައްތައް ކުރަންވާނެ.

ދެން މިހެން ދަންނަވާއިރުވެސް، އަޅުގަނޑަށް އެނގޭ، ގިނަ ޕްރޮގްރާމްތަކެއް ހިންގޭކަން. އަދި ރާއްޖޭގެ ސްކޫލްތަކާއި، އަދި ބައެއް އެން.ޖީ.އޯސްތަކާއި، ކުންފުނިތަކާއި، އެސޯސިއޭޝަންތަކުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރޭ. އެހާ ވަރަށް މަސައްކަތް ކުރާތީކަންނޭނގެ މި ވަރަށްވެސް ކަންތައްތައް ކުރިއަރަމުން މިދަނީ. ރާއްޖޭގެ ސްކޫލްތަކުން ސާފުކުރުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރޭ. ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި، އަދި ސިންގަލް ޔޫޒްޑް ޕްލާސްޓިކާ އެކީގައި، ރަނގަޅުގޮތުގައި އެ ޓްރާންސްފަރ ކުރުމާއި، މި ހުރިހާ ކަންތައްތަކެއް ކުރޭ. ހަމައެއާއެކު، އެސޯސިއޭޝަންތަކާއި، އެން.ޖީ.އޯސްތަކުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދޭ. އެހެންވީމާ، އެފަދަ މަސައްކަތްތައް ކުރައްވާ ހުރިހާ ފަރާތްތަކަށް މި ފުރުޞަތުގައި، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ކަން ދިމާކުރިގޮތުން މި ޕްރޮޖެކްޓް ހަމަ ފެށްޓި ދުވަހު މި ސައިޓަށް އަޅުގަނޑަށް އާދެވުނު. އެދުވަހު ކިހާދުވަހެއް ވާނެހޭ ސިރާޖު އަރިހުގައި އަޅުގަނޑު ދަންނަވާލުމުން، ސިރާޖު ވިދާޅުވީ 14 މަސްދުވަހުން ނިންމޭނެއޭ. ދެން އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ދުވަސްތަކުގައި، ދުނިޔޭގައި ޕްރޮޖެކްޓެއް، އެ ކަނޑައަޅާ މުއްދަތުގައި ނިންމުން އެއީ ދަތިކަމަކަށް ވެފައި އޮތީ. ޚާއްޞަކޮށް، ކޯވިޑުގެ ދަތިކަމާހެދި ތަކެތި، މެޓީރިއަލް ގެނައުމާއި، އޭގެ ލޮޖިސްޓިކްސް އާއި، މި ހުރިހާ ކަމަކާ ގުޅިގެން އުނދަގޫތަކެއް ހުރި. ދުނިޔޭގެ ގިނަ ތަންތަނުގައިވެސް ހަމަ އެ މައްސަލަ ދިމާވެފައި އޮތީ. ތަކެތި ހޯދުމާއި، ގަޑިން ގަޑިއަށް އެ ކަންތައްތައް ނިންމުމުގައި. އެހެންނަމަވެސް، ހަމަގައިމުވެސް މި ޕްރޮޖެކްޓް އަޅުގަނޑުމެންނަށް މި ފެނުނީ، ބަރާބަރަށް، ޓައިމަށް ހަމަ ނިންމާލި ތަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު، މި މަސައްކަތުގެ ކޮންޓްރެކްޓަރ ޗައިނާ އިންޖިނިއަރިންގ ކޮންސްޓްރަކްޝަން ކޯޕަރޭޝަން ލިމިޓެޑްގެ ޖެނެރަލް މެނޭޖަރާއި، އަދި ހީވާގި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ހަމަ އަދާކޮށްލަން.

.Thank you very much

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ޚާއްޞަކޮށް، ވެމްކޯ މުވައްޒަފުން ރެޔާއިދުވާލު ކުރައްވާ މަސައްކަތް ފާހަގަކުރަމުން. އަޅުގަނޑަށް ވެމްކޯ މުވައްޒަފުންނާވެސް ވަރަށް ގިނަ ފަހަރު ބައްދަލުކުރެވިއްޖެ. ޙަޤީޤަތުގައި ތިޔަބޭފުޅުން މާލޭ އޭރިއާގައިވެސް އަދި ރާއްޖޭގެ އެހެނިހެން ރަށްރަށުގައިވެސް އެ ކުރައްވާ މަސައްކަތްތަކަކީ، ވަރަށް މުހިންމު މަސައްކަތްތަކެއް. އަޅުގަނޑުމެން އެންމެ ބޭނުންވާ ކަމަކީ، ސާފުތާހިރުކޮށް، އަޅުގަނޑުމެންގެ ގެދޮރުވެސް ސާފުތާހިރުކޮށް، އަޅުގަނޑުމެންގެ ގޯތިތެރެވެސް ސާފުތާހިރުކޮށް އޮތުން. މަގުވެސް ސާފުތާހިރުކޮށް އޮތުން. އަދި އަޅުގަނޑުމެން ނުލާހިކު ލޯބިކުރަން ހަމަ އަޅުގަނޑުމެން ރީތިކޮށް، ރީތި ހެދުން ލައިގެން ރީތިކޮށް ތިބުމަށް. އެހެންވީމާ، ރީތިކަން އަޅުގަނޑުމެންނަށް ގެނެސްދޭ ކަމަކަށް މިވަނީ، ހިތްހަމަޖެހުން ގެނެސްދޭކަމަކަށް މިވަނީ، ހަމަގައިމުވެސް ވެމްކޯ މުވައްޒަފުން ރެޔާއި ދުވާލު އެ ކުރައްވާ ބުރަ މަސައްކަތް. އެހެންވީމާ، އެކަމަށްޓަކައި ޚާއްޞަކޮށް، މެނޭޖިންގ ޑައިރެކްޓަރ ސިރާޖަށާއި، ޓީމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، މިނިސްޓަރ ޝައުނާއަށާއި މިނިސްޓްރީގެ ޓީމަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑުމެންގެ އުންމީދަކީ މިގޮތަށް ތަޢާރުފު ކުރެވޭ ޚިދުމަތްތަކާއެކު، ކުރިއަށް އޮތް ތާނގައި އަސްލު ތަރައްޤީ، އަޅުގަނޑުމެން ބޭނުންވާ ޙަޤީޤީ ތަރައްޤީ މިކަހަލަ ކަންތައްތަކާއެކު އަޅުގަނޑުމެންނަށް ގެނެވުން. ސާފުތާހިރުކަމަށާއި، އެންވަޔަރަންމަންޓަށް އަދި ތިމާވެށްޓަށް ގެއްލުންވާކަހަލަ ކަންތައްތައް މަދުކުރުން. މި ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ޙަޤީޤީ ތަރައްޤީ މި އަންނަނީ ތަހުޒީބުގެ ތެރެއިން.

އެހެންވީމާ، އެކަމަށްޓަކައި ޝުކުރު އަދާކުރަމުން އަޅުގަނޑު ނިންމާލާނީ،اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ވެށި ސާފު ވެށްޓެއްގެ ގޮތުގައި ބޭއްވުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާކުރަމުން. ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ފާގަތި އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.