بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ކެއަރ ސޮސައިޓީގެ ޗެއަރޕަރސަން އިސްމާޢީލް އަދުހަމް، އަރބަންކޯގެ މެނޭޖިންގ ޑައިރެކްޓަރ، އަދި ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ، ދެ ބޭފުޅުންނަށްވެސް ޢާޠިފް ކިޔަނީ. ފައުންޑިންގ މެންބަރުން، ބޯޑު މެންބަރުން، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ މި ކެއަރ ސޮސައިޓީގެ ޚިދުމަތް، ފަރުވާ ލިބިގަންނަ ތުއްތުކުދިންނާއި ބެލެނިވެރިން، އަދި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ހަމަ އެންމެ ފުރަތަމަވެސް ޝުކުރު އަދާކުރަން ބޭނުންވަނީ، މީގެ ފަންސަވީހަކަށް އަހަރު ކުރިން، މި މަސައްކަތް ފެށްޓެވި ފަރާތްތަކަށް. އަޅުގަނޑަށް ހީވަނީ، އެންމެ ބޮޑު ޝުކުރެއް ޙައްޤުވަނީ އެ ފަރާތްތަކަށްހެން. އޭރު ވަސީލަތްތައްވެސް މަދުވާނެ. އަދި އެހީތެރިކަން ދޭން ތިބި ފަރާތްތައްވެސް މަދުވާނެ. ވަރަށް ދަތި އުނދަގޫ ގޮތަކަށް، މީގެ ފަންސަވީސް އަހަރު ކުރިން މި މަސައްކަތް ފެށްޓެވިކަމީ، މިއީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އެ ފަރާތްތަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އަޅުގަނޑުމެން މީގައި ފާހަގަކޮށްލަންޖެހޭ، މިއަދާ ހަމައަށް މި މަސައްކަތް ކުރިއަށް ގެންދެވުނީ، ދެންމެ އަދުހަމް ވިދާޅުވިގޮތުންވެސް، ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު. އެނގިވަޑައިގަންނަވާނެ، މިބާވަތުގެ އިޖުތިމާޢީ ކަންތައްތައް ޚާއްޞަކޮށް، މުޖުތަމަޢުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، އެ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއީ، އަޅުގަނޑުމެން ވަރަށް ކުރާހިތުން އަމިއްލައަށް ކޮށްދޭ ކަންތައްތައް. މިއިން ކޮންމެ ކަމެއްވެސް ކާމިޔާބުކަމާއެކު، ދެމެހެއްޓެނިވި ގޮތަކަށް އަޅުގަނޑުމެންނަށް މި ކުރެވެނީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަން އެކަމުގައި އޮވެގެން.

މިއަދާ ހަމައަށް ފަންސަވީސް އަހަރު ވެގެންދާއިރު، އަޅުގަނޑު ގަބޫލުކުރަނީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަން އެކި ގޮތްގޮތުން ލިބިގެން ހިނގައްޖެ ކަމަށް. އަދި މިއަދުވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މިއަދު މި ހުޅުވިގެންދާ ސެންޓަރުވެސް ހެދުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންދިޔަ ތަން. ޚާއްޞަކޮށް، މިކަހަލަ އިޖުތިމާޢީ ރަނގަޅު ކަންތައްތަކަށް ހޭދަކުރައްވާ އެ ފަރާތްތަކުގެ މަތިން ހަނދާންކޮށް، އެ ހުރިހާ ފަރާތްތަކަށް މި ފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ކެއަރ ސޮސައިޓީއަކީ، އަޅުގަނޑަށްވެސް ކޮންމެވެސްވަރަކަށް އެކުގައި މަސައްކަތް ކުރެވޭ ތަނެއް. ނޫނީ އަދި އެ ކުރައްވާ މަސައްކަތް ހަމަ ކައިރިން އަޅުގަނޑަށްވެސް އެނގޭމެ. މި ފަސް އަހަރުގެ ކުރިންވެސް ކޮންމެވެސްވަރަކަށް އަޅުގަނޑާ ބައްދަލުވެ، ކަންތައްތަކެއް ކުރެވިފައި އެބަހުރި. އަޅުގަނޑަށް ވަރަށް ގާތުން މަސައްކަތްތައް ފެނުނު. އެ މަސައްކަތްތަކުގެ ސަބަބުން މައިންބަފައިންނަށް، ބެލެނިވެރިންނަށް އެތައް ފަސޭހަތަކެއް ލިބި، ކުދިންނަށް ހެޔޮ ބަދަލުތަކެއް އަންނަތަން އަޅުގަނޑުމެންނަށް ފެނޭ.

މިއަދު ހުޅުމާލޭގައި ޚާއްޞަކޮށް، ހިޔާ ސަރަޙައްދުގައި، ނޫނީ ފޭސް ދޭއްގައި ގިނަ ބަޔަކު ވަޒަންވެރިވެގެން ދާއިރު، މި ބާވަތުގެ ކަންތައްތަކަށް ވަރަށް ބޮޑަށް ބޭނުންވެފައި މިއޮތީ. ހަމައެކަނި މާލެއިން ޚިދުމަތްތައް ލިބެން ހުރުމުން، ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި. އެހެންވުމުން ސަރުކާރުގެވެސް، ހަމަ އަޅުގަނޑުމެންގެވެސް ސިޔާސަތަކީ، ހުރިހާ ދިމާއަކުންވެސް ޚިދުމަތްތައް ފުޅާކުރުން.

އެގޮތުން، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ހުޅުމާލެ ހޮސްޕިޓަލްގައިވެސް ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ ނަމުގައި ވަރަށް ރަނގަޅު ޚިދުމަތްތަކެއް އަޅުގަނޑުމެންނަށް މިހާރު ދެވެމުން އެބަދޭ. އަދި ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ، އެ ކަންތައްތައްވެސް ރަނގަޅު ވެގެންދާނެ ކަމުގެ އުންމީދު އަޅުގަނޑުގެ އޮތީ.

މިއަދު މި ހުޅުވުނު ސެންޓަރާއެކު، ފަސޭހަތަކެއް ވެގެންދާނެ. އަޅުގަނޑުމެންނަށް ކައިރިން މި ފެންނަނީ ސްކޫލެއް. ޞަލާޙުއްދީން ސްކޫލް. ސްކޫލްގައިވެސް އެ ނިޒާމު ޤާއިމުކުރުމަށް އަޅުގަނޑުމެން ވިސްނައި، ޕްލޭންކޮށްފައި އޮތީ. ޚާއްޞަކޮށް، ސްޕެޝަލް ނީޑް ކުދިންނަށްވެސް އަޅައިލެވޭނެ ގޮތަށް، ސަމާލުކަން ދެވޭނެ ގޮތަށް، ސްކޫލްގެ ކިޔަވައިދިނުމުގެ ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް ގެންދާނީ. އެހެންވީމާ، އެ ވާހަކަވެސް ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން ބޭނުންވީ.

މިއަދު މިތަން ހުޅުވިގެންދާއިރު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އަރބަންކޯ، ކުރީގެ އެޗް.ޑީ.ސީ. މި ހުޅުމާލޭގެ ކަންތައްތައް ބަލަހައްޓަމުން މި ގެންދާ ކުންފުންޏާ ގުޅިގެންވެސް، ވަރަށް ގިނަ މަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވިއްޖެ. ޚާއްޞަކޮށް، ހިޔާ ފްލެޓްތަކުގައި، ނުވަތަ ހިޔާ ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށްވެސް ފަސޭހަކުރުމަށްޓަކައި، ވަރަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެ. އޭގެތެރެއިން އަޅުގަނޑުމެންނަށް ކްލިނިކެއްވެސް ހުޅުވުނު. އަދި ޔޫތު ސެންޓަރުތަކާއި، އަދި މިތަނާއި އަދި މިނޫނަސް، ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނުއިރު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މި ކަންތައްތައް މި ކުރެވެނީ، އަރބަންކޯގެ މެނޭޖްމަންޓް، އަދި ކުރީގެ މެނޭޖިންގ ޑައިރެކްޓަރ، އަދި ވަކިން ޚާއްޞަކޮށް، މިހާރުގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޢާޠިފާއި އަދި މުޅި ޓީމުގެ އެއްބާރުލުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބިގެންކަން. މި ކަންތައްތައް ފަސޭހަކޮށް މި ކުރެވެނީ، ވަރަށް ޕޮޒިޓިވް ވިސްނެވުމެއްގައި ޢާޠިފްމެން ޚާއްޞަކޮށް، އަރބަންކޯގެ މެނޭޖްމަންޓުންވެސް މި ކަންތައް ކުރާތީކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށް، ޢާޠިފަށާއި ޢާޠިފްގެ ޓީމަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވާލަން ބޭނުން.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކެއަރ ސޮސައިޓީއަށް ބޭނުންވާ އިތުރު އެހީތެރިކަމެއްގެ ގޮތުގައި، އަރބަންކޯގެ ފަރާތުން މިހާރުވެސް ވަނީ ހަތަރު ސްކޮލަރޝިޕެއް، ކެއަރ ސޮސައިޓީއަށް ހަމަޖައްސަވައި ދެއްވައިފައި. މިއީ ވަރަށް ރަނގަޅު ކަމެއް. އަރބަންކޯއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަދުހަމްގެ ވާހަކަފުޅުގައި، އިތުރު ތަފްސީލުތަކެއް ދެއްވައިފި. އަރލީ އައިޑެންޓިފިކޭޝަނާއި އަދި ވަޒީފާތަކަށް ތައްޔާރުކުރުމާއި، ވަރަށް ގިނަ ކަންތައްތަކެއް މީގެތެރޭގައި ހިމެނިގެން މިދަނީ.

އަޅުގަނޑު މިއަދު ބެލެނިވެރިންނަށް ދަންނަވާލަން ބޭނުންވަނީ، މިހިސާބުންވެސް އަޅުގަނޑުމެންނެއް އަރބަންކޯ އިން، އަދި ކެއަރ ސޮސައިޓީންވެސް މިކަން އިރާދަކުރެއްވިއްޔާ ނުނިންމާނެ ވާހަކަ. އަޅުގަނޑުމެން މި އެކްސްޕޭންޑް ކުރަމުންދާނަން. އެ ނީޑް އޮތްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ނީޑް އޮތް މިންވަރަކުންނޭ ދަންނަވާކަށް މިއަދު އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑުމެންނަށް މިއަދު އެބަ އެނގޭ، ވަރަށް ބޮޑު ނީޑެއް އެބައޮތްކަމާއި، އަދި މިއަދު މި ހުޅުވިގެންދާ ސެންޓަރުންވެސް، އެންމެ ބޭނުންވާވަރަށް އެ ޚިދުމަތް ނުދެވިދާނެ. އެހެންނަމަވެސް، އަޅުގަނޑު ޤަބޫލުކުރަނީ، މިއީ ރަނގަޅު ފެށުމެއް ކަމަށް. ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެން ބަލައިފައި، އަރބަންކޯގެ އެހީތެރިކަމާއެކު، މި ސެންޓަރ ފުޅާކުރެވޭނެ ގޮތެއް، އިތުރު ޖާގަ ހޯދައި، އެ ކަންތައްތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނެ ވާހަކަ، ޚާއްޞަކޮށް، ބެލެނިވެރިންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން.

އަޅުގަނޑު ވަރަށް އުފާކުރަން. މި ދެންނެވި ގޮތަށް، މި ދާއިރާގެ ވަރަށް ގިނަ ބޭފުޅުންނާއެކު، މަސައްކަތްކުރުމުގެ ފުރުޞަތު، ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑަށްވެސް ލިބިގެން މިދިޔައީ. އަޅުގަނޑު ބެލެނިވެރިންނަށް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު، އަދި އަޅުގަނޑު ޤަބޫލުކުރަނީ، ކުރިއަށް އޮތް ދުވަސްތަކުގައި، އަހަރުތަކުގައި، މި ކަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރެވިގެންދާނެ ވާހަކަ. އެއާއެކު، ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ފަދައިން، މި ބާވަތުގެ ކަންތައްތަކަށް އަމިއްލަ ފަރާތްތަކުގެ، އަމިއްލަ ކުންފުނިތަކުގެ އެއްބާރުލުން ވަރަށް މުހިންމު.

އެހެންވީމާ، އެ ހުރިހާ އެންމެން ގުޅިގެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ބޭނުންވާ ކަންތައްތައް ކުރަމުން ގެންދާނެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑު އެދެނީ، މި ސެންޓަރުގެ ފަރާތުން ކުދިންނަށް އިތުރު ޚިދުމަތްތަކެއް ލިބި، ފަރުވާ ލިބި، އެކަމުގެ ފަސޭހަތަކެއް ލިބިގެންދިޔުން.  اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ހެޔޮގޮތުގައި ޚިދުމަތްކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރުކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.