بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެމް.ޑަބްލިޔު.އެސް.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހު، ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް، ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް، އެމް.ޑަބްލިޔު.އެސް.ސީ.ގެ އެންމެހައި ހީވާގި މުވައްޒަފުން، އަދި މި ޚިދުމަތް ހޯއްދަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، 2019 ވަނަ އަހަރުގެ ޖަނަވަރީ މަސް ހިސާބުގައި އެންމެ ފުރަތަމަ އެމް.ޑަބްލިޔު.އެސް.ސީ.ގެ މާލޭ އޮފީހަށް، އެތަނުގެ ކަންތައްތައް ބަލައިލުމަށް އަޅުގަނޑު ޒިޔާރަތް ކުރި ހަނދާން. އޭރު މެނޭޖިންގ ޑައިރެކްޓަރަކަށް ހުންނެވި ބޭފުޅާއާއި، މެނޭޖްމަންޓުން އެ ދުވަހު ފާހަގަކުރެއްވި ކަމަކީވެސް، ފެނުގެ ރިޒަރވް ނުވަތަ ފެން ރައްކާކުރާ މިންވަރު، ފެން އުފައްދާފައި ބެހެއްޓޭނެ މިންވަރު އިތުރުކުރުމަށްޓަކައި ދެކެވުނު އެ ވާހަކަ، އެދުވަހުގެ އެންމެ މުހިންމު ކަމަކަށް ވެގެންދިޔައީ. މާލޭ ސަރަޙައްދުގައި ފެނުގެ ޑިމާންޑް އޮތްލެއް ބޮޑުކަމުން ފެން ރައްކާކުރެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި އެވާހަކަ އެ ދުވަހުގެ މީޓިންގގައި އެންމެބޮޑަށް އަޅުގަނޑުމެން ދެއްކީ.

އަޅުގަނޑު ހަނދާން އެބަހުރި، ޖެހިގެން އައި ދުވަހު ހަމަ އެ ވާހަކަ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުން، އެދުވަހު، ވަގުތުން ވަގުތަށް، ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އަޅުގަނޑު ހަނދާންވާ ގޮތުގައި މާލޭ އެސް.ޓީ.އޯ.ގެ ރެޑީމިކްސް ޕްލާންޓް ހުރި ތަނުގައި، އެ ކޮށީގައި ފެން ރައްކާކުރެވޭގޮތް ހަމަޖެއްސުމަށް. މިއަދު ތޭރަހާސް ޓަނުގެ ދެ ޓޭންކުގެ މަސައްކަތް ފެށިގެން މިހާރުވެސް ކުރިއަށް އެދަނީ. އެހެންވީމާ، އަޅުގަނޑު އެންމެ ފުރަތަމަ އެމް.ޑަބްލިޔު.އެސް.ސީ.ގެ މުވައްޒަފުންނާ ބައްދަލުވި ދުވަހުވެސް ފެށިގެންދިޔައީވެސް ފެނާ ގުޅޭ ކަމެއް އިނގޭތޯ.

ދެން މިއަދު އަނެއްކާ އަޅުގަނޑު ވަރަށް އުފާކުރަން، ދިވެހިރައްޔިތުންގެ ވަރަށް ގިނަ ބަޔަކު އާބާދުވަމުން މިދަނީ ޚާއްޞަކޮށް، ހުޅުމާލޭ ފޭސް ދޭއްގައި. އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަބަދުވެސް މި އޮންނަނީ، މީހުން އާބާދުވެގެންދާ މިންވަރަށް، ފެން ފޯރުކޮށްދިނުމަށްޓަކައި އޭގައި ހުރި ހުރަސްތައް ނައްތާލައި، އެއާ އެއްވަރަށް އެކަންތައް ކޮށްދިނުން. އެކަމާ ގުޅޭގޮތުން ވަރަށްގިނަފަހަރަށް ޚާއްޞަކޮށް، މެނޭޖިންގ ޑައިރެކްޓަރާއި އަދި އިސްބޭފުޅުންނާ ބައްދަލުވެ، ދެންމެ އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެންނަށް ސަރުކާރުން މި ކަންތައްތައް ހަމަ ބެލެމުން މިދިޔައީ. ދޭތެރެއަކުން ހީވި ކޮންމެވެސް ތަނަކުން ފެން ގެންނަންވެސް ޖެހިދާނެއޭ. އެކަހަލަ ގޮތަކަށް ގޮސް އިރާދަކުރެއްވީތީ، މިއަދު ތިންހާސް ޓަނުގެ ފެން އުފައްދާ މި ޕްލާންޓް ބެހެއްޓުމާއެކު، މިހާރު މި ވަގުތަށް ކޭޓަރ ކުރެވޭނެކަމުގެ ޔަޤީންކަންވެސް ލިބިގެން މިދަނީ.

ދެން އެހެންނަމަވެސް، މިއީ ނިމުމެއް އޮތް ކަމެއް ނޫން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މުޅި މާލޭ ސަރަޙައްދަށް، ގްރޭޓަރ މާލޭ އޭރިޔާއަށް ބަލައިފި ކަމަށްވަންޏާ މިހާރު ގުޅީފަޅާއި އަދި ތިލަފުށި އެކްސްޕޭންޑް ވެގެން އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި އެދާ ދިއުމާއެކު، އަދި ގިރާވަރުފަޅަށް ދިވެހިރައްޔިތުން ވަޒަންވެރިވެގެންދާއިރުވެސް، އެންމެ ބޮޑު ޑިމާންޑެއް އޮންނާނެ އެއްކަމަކީ ހަމަގައިމުވެސް ފެން. ދެން އެއާއެކު މި ޕަވަރ، ކަރަންޓް މި ދެ ކަންތައް. އެހެންވީމާ، ތިޔަބޭފުޅުން ހިންދަމާލަން އަދި މާ އަވަސް. އަޅުގަނޑަށް ގަބޫލުކުރެވެނީ ގާތްގަނޑަކަށް ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހަމަ ފުލް ގިއަރގައި މަސައްކަތްތައް ކުރަން އެބަޖެހޭ ކަމަށް.

އެނގިވަޑައިގަންނަވާނެ، ފެނަށް ޖެހިއްޖެ ކަމަށްވަންޏާ، ފެން ނުލިބި، ފެނުގެ ދަތިކަމެއް އިޙްސާސްކުރަން ޖެހިއްޖެ ކަމަށްވަންޏާ، އެކަން މިވަނީ އަޅުގަނޑުމެންގެ މުޅި ދިރިއުޅުމުގެ ޙަޔާތަށް ދިމާވާ އެންމެ އުނދަގޫ ކަމަކަށް. އަޅުގަނޑުމެން މާލޭ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ކަންތައްވެސް ވަނީ ތަޖުރިބާ ކުރެވިފައި. އެހެންވީމާ، ފެން ފޯރުކޮށްދިނުމަށްޓަކައި ސައުވީސް ގަޑިއިރު، އެ ކުރެވޭ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެންމެ ވަގުތުކޮޅަކަށްވެސް އަޅުގަނޑުމެންގެ ގޭގެ ފާޚާނާތަކަށް، ނޫނީ ބަދިގެޔަށް ފެން ނުލިބިއްޖެ ކަމަށްވަންޏާ، ހަމަ އަޅުގަނޑުމެންގެ ދިރިއުޅުން ހުއްޓުމަކަށް އާދޭ މިހާރު.

އެހެންވީމާ، މިކަން މިގޮތަށް މި ފޯރުކޮށްދެވެނީ، އަޅުގަނޑު ޤަބޫލުކުރާގޮތުގައި ވަރަށް ހީވާގި، ވަރަށް މުރާލި މުވައްޒަފުންތަކެއް ތިބީތީވެ. އެނގިވަޑައިގަންނަވާނެ، އެމް.ޑަބްލިޔު.އެސް.ސީ.ގެ މުވައްޒަފުން، ދިވެހިރައްޔިތުންނަށްޓަކައި މިކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ އެއީ، އެންމެ އިސްކަމެއް ދީގެންވެސް ކުރެވޭ ކަންތައްތައް. އެއީ، އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެންނަށް ގޭގައި ފަސޭހަކަމާއެކު މި ތިބެވެނީ، އޮފީހުގައި މަސައްކަތް ކުރަން މި ތިބެވެނީ، މި ދެންނެވި ކަންތައްތައް ކުރާ ބަޔަކު، އަދި އަޅުގަނޑުމެންނަށް ނުފެނި ނަމަވެސް ފަހަތުގައި ތިބީތީވެ. އެހެންވީމާ، އެކަމަށްޓަކައި ޚާއްޞަކޮށް، އެމް.ޑަބްލިޔު.އެސް.ސީ.ގެ އެންމެހައި ހީވާގި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، މި ވޭތުވެދިޔަ އަހަރުތަކުގައި އެމް.ޑަބްލިޔު.އެސް.ސީ. އިން މިކުރީ ހަމައެކަނި ފެން ފޯރުކޮށްދިނުމުގެ މަސައްކަތެއް ނޫން. ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްތައް އެބަ ކުރެވޭ. މިހާރުވެސް މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދެމުންދާއިރުވެސް، މި ކުރެވޭ މަސައްކަތްތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެނގިވަޑައިގަންނަވާނެ، މީގެ އަހަރުތަކެއް ކުރިން މާލޭގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވުނުއިރު، އޭރު ވިސްނިފައި އޮތް ވަރަށްވުރެ މާގިނައިން މީހުން ދިރިއުޅެން ފެށީ. އެތައް ގުނައެއް އިތުރުވެގެން ހިނގައްޖެ. އެހެންވީމާ، ހޮޅިތައް ފަލަކުރަންވެސް ޖެހުނީ. ހޮޅިތައް އާކުރަންވެސް ޖެހުނީ. އެހެންވީމާ، އަލަށް އަދި ތަނެއްގައި ކުރާ މަސައްކަތަށްވުރެ، ރަށެއްގައި އަލަށް ހޮޅި އެޅުމަށްވުރެ އެއީ އުނދަގޫ ކަމަކަށްވި. އެ ބޭނުންކުރާ އެއްޗެއް ބަދަލުކުރުމަކީ އަދި މާ އުނދަގޫ މަސައްކަތެއް. އަޅުގަނޑުމެންނަށް އެހެންނަމަވެސް ފެނިގެން މިދަނީ، މި އެކްސްޕެންޝަނާ އެކީގައި، މީހުންގެ މި އިތުރުވުމާއެކު، މި މަސައްކަތްވެސް އެ ޚިދުމަތަށް ހުއްޓުމެއްނައިސް ކުރަމުންދާ ތަން. އެހެންވީމާ، އެކަމަށްޓަކައިވެސް އެ މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަދާކުރަން.

އާދެ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެތައް މަޝްރޫޢުތަކެއް އެބަ ހިނގާ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، އެކިއެކި ރަށްރަށުގައި ގާތްގަނޑަކަށް އެއްތިރީސް ޕްރޮޖެކްޓް ކުރިއަށް އެބަދޭ. ރަށްރަށުގައި އެ ކުރަމުންދާ މަސައްކަތްތައް ބަލައިލުމަށްޓަކައި މެނޭޖިންގ ޑައިރެކްޓަރާއި އަދި ބައެއް ބޭފުޅުންނާއެކުވެސް، ރާއްޖޭގެ އެތައް ރަށަކަށް އަޅުގަނޑަށް ދެވިއްޖެ. އެއީ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުން. މިއަދު މާލޭ ސަރަޙައްދުގައި ބޭނުންވާ ޚިދުމަތްތައް ހަމަ އަޅުގަނޑުމެންގެ ރަށްރަށަށްވެސް ބޭނުންވޭ. ހަމަ އެންމެ މުހިންމު ކަންތައްތައް. އެހެންވީމާ، މީގެ ތެރެއިން ވަރަށް ގިނަ ޕްރޮޖެކްޓްތަކެއްވެސް ގާތްގަނޑަކަށް ނިމިފައިވާކަން އަޅުގަނޑު ފާހަގަކުރަން. އެ މަސައްކަތަކީ މުހިންމު މަސައްކަތެއްކަން ދަނެ، އެ މަސައްކަތްތައް އެ ކުރާ ފަރާތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާން އާކުރަންޖެހޭ. އެ ފަރާތްތަކަށް މިއަދު އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން އިޚްލާޞްތެރި ޝުކުރެއް ދަންނަވަންޖެހޭ.

އާދެ، އަޅުގަނޑު ދަންނަވައިފިން، މިއަދު މިކަމުގައި ބައިވެރިވެވުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ވަރަށް ބޮޑު އުފަލެކޭ މި ލިބުނީ. މިއީ ނިމުމެއް އޮތް ކަމެއް ނޫން. މި ދެންނެވި ގޮތަށް މިހާރުވެސް މާލޭގައި ޓޭންކްތައް އިތުރުވެގެން މިދަނީ. ހުޅުމާލޭގައި އިތުރުވެގެން މިދަނީ. އަދި ޕްލާންޓްތައް އިތުރުވެގެން މިދަނީ. އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު ގަބޫލުކުރަނީ، މި ދެންނެވި ގޮތަށް، އެ ބޭނުންވާ މިންވަރަށް އިރާދަކުރެއްވިއްޔާ، މި އެކްސްޕޭންޑް ކުރެވިގެންދާނެ ކަމަށް.

މިއަދަކީ އަޅުގަނޑު މި މަގާމުގައި ހުރެގެން، އެމް.ޑަބްލިޔު.އެސް.ސީ.ގެ މުވައްޒަފުންނާ ބައްދަލުކުރެވޭ އެންމެފަހު ފަހަރު ކަމަށްވެސް ފަހަރެއްގައި ވެދާނެ. އަޅުގަނޑަށް ތިޔަބޭފުޅުންގެ ވަރަށް ގިނަ ކަންކަމުގައި ބައިވެރިވެވިއްޖެ. އަޅުގަނޑު ހަނދާން އެބަހުރި. ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ތިޔަބޭފުޅުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފި. އެކި ރަށްރަށުގެ ސްކޫލްތަކަށާއި، އެކި ރަށްރަށުގެ ހެލްތު ސެންޓަރުތަކަށާއި އަދި އެނޫންވެސް ވަރަށް ގިނަ އަމިއްލަ ފަރާތްތަކަށާއި، ޚާއްޞަކޮށް ކުޑަކުދިންގެ ކަންތައްތަކާ ގުޅުންހުރި ޕާކްތަކަށާއި އެނޫނަސް، އެމް.ޑަބްލިޔު.އެސް.ސީ.ގެ މި ދެންނެވި އިޖުތިމާޢީ ޒިންމާގެ ދަށުން، ވަރަށް ގިނަ ކަންތައްތައް ކުރެވިއްޖެ.

އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ، ސީދާ ސަރުކާރުން އަޅުގަނޑުމެން އެދިގެން ކުރައްވައިފައިވާ ކަންތައްތައް. އަދި އަޅުގަނޑު ދަންނަވައިގެންވެސް ވަރަށް ގިނަ ކަންތައްތައް އެބަހުރި ތިޔަބޭފުޅުން ކޮށްދެއްވާފައި. އެހެންވީމާ، އެ ކަންތައްވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކުރަން ބޭނުން، ކިތަންމެ ކުޑަ ކަމަކަށް ވީނަމަވެސް، އައި.ޖީ.އެމް.އެޗް.ގެ ނިއު ވިންގްގެ ކުރިމަތީގައި ހަދާފައި އެ ހުރި ކެނޮޕީ. ޚާއްޞަކޮށް، ވާރޭވެހޭ ދުވަހެއްގައި އޭގެ ބޭނުންތެރިކަން މި ފެންނަނީ. އެއީ، ކުޑަކަމެއް ނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ، އެއީވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި. މިގޮތަށްވެސް، ވަރަށް ގިނަ ކަންތައްތަކެއް ތިޔަބޭފުޅުން ކޮށްދެއްވައިފި. ހަމައެކަނި އެމް.ޑަބްލިޔު.އެސް.ސީ.އާ ގުޅުންހުރި ފެނުގެ، ނޫނީ ނަރުދަމާގެ ކަންތައްތައް އެކަންޏެއްނޫން ކޮށްދެއްވީކީ. އެހެންވީމާ، އެ ހުރިހާ ކަމަކަށް ޝުކުރު ދަންނަވަން. އަދި މީހުން ބިނާކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައްވެސް ކުރައްވާ. އަޅުގަނޑު މި ވާހަކަ ދައްކާ ކަމަށްވަންޏާވެސް ވަރަށް ގިނައިން ދެއްކިދާނެ. ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްވެސް ސަރުކާރުން އަޅުގަނޑުމެން ފެށްޓިން. އެ ޕްރޮގްރާމަށްވެސް އެމް.ޑަބްލިޔު.އެސް.ސީ.ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އަދި މީހުން ބިނާކުރުމަށްޓަކައި އެނޫނަސް ވަރަށް ގިނަ އެހީތެރިކަން ލިބިގެން ގޮސްފައިވޭ.

އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ، ގާތްގަނޑަކަށް ތޭރަސަތޭކައާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ތިބިއިރު، އަދި ކުރިއަށް އޮތް ތާނގައި އިތުރު މުވައްޒަފުން ބޭނުންވާނޭ ވާހަކަ. ޓެކްނިކަލް މީހުން ބޭނުންވޭ. އިންޖިނިއަރުން ބޭނުންވޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ ޒުވާނުން މި ދާއިރާ ޚިޔާރުކުރަން އެބަޖެހެއޭ. ޓެކްނިކަލް މަގާމުތަކަށް އައުމަށްޓަކައި މިއަދު ޒުވާނުން އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޤާއިމުކުރެވޭ ނަރުދަމާގެ ނިޒާމާއި، އަދި ފެނުގެ ވަސީލަތްތައް ރަނގަޅަށް ހެޔޮގޮތުގައި ބެލެހެއްޓުމާ، މި ހުރިހާ ކަމަކަށްވެސް މީހުން ބޭނުންވާނެ. ބެލެހެއްޓޭކަހަލަ ރަނގަޅު މީހުން ނެތް ކަމަށްވަންޏާ، އެ ތަކެތި ވަރަށް އަވަހަށް ހަލާކުވެގެންދާނެ. އެ އެއްޗެތި ބެލެހެއްޓުން، މެއިންޓެނަންސް ކޮސްޓް ވެގެންދާނީ އަދި އޭގެ އީނިޝިއަލް އިންވެސްޓްމަންޓް ޑިވެލޮޕް ކުރުމަށް ކުރާ ޚަރަދަށްވުރެ މާބޮޑު ޚަރަދަކަށް.

އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު އެންމެ މުހިންމު އެއްކަމަކީ، މި ދާއިރާއިން މީހުން އަދި އިތުރަށް ބިނާކުރުމަށްޓަކައި މަސައްކަތް ކުރުން. މިހާރުވެސް މީހުން ބިނާކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް އެބަކުރެވޭ. އެހެންނަމަވެސް، މީގައި އަޅުގަނޑުމެން ވިސްނަންޖެހެނީ، ކޮން ދާއިރާއަކުން، ކޮން ކަމެއް ދަސްކޮށްގެންތޯ ޤައުމަށް އެންމެ ފައިދާހުރީ. ތިމާއަށް އެންމެ ފައިދާހުރީ ކޮން ދާއިރަކުންތޯ ބަލައި، އެ ދާއިރާތަކުން ކުރިއަށްދިޔުމުގެ ވިސްނުން އިސްކުރަންޖެހޭ. އަޅުގަނޑު މިއަދު މެނޭޖްމަންޓްގައި ދަންނަވަން ބޭނުން، އިތުރު ހިތްވަރަކާއެކު، ތިޔަބޭފުޅުންވެސް މި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ވަކިން ޚާއްޞަކޮށް، މެނޭޖިންގ ޑައިރެކްޓަރ އަދި މެނޭޖްމަންޓް ޓީމަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ގާތްގަނޑަކަށް ފަސްވަރަކަށް އަހަރު ވެގެންދާއިރު، އަޅުގަނޑާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް އެ ބޭފުޅުން ބޭއްވެވި. އަދި ވަރަށް އެކުވެރިކަމާއެކު، ޓީމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވުނު. ވާހަކަ ދިގުވާނެތީ، އެ ހުރިހާ ވާހަކަ ނުދަންނަވާން އަޅުގަނޑު މިހުރީ. އެހެންނަމަވެސް، އެއް ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންގެ 6 އެސް.އޯ.އީ.އެއް ހިމެނޭގޮތަށް ކުޑަގިރީގެ ހުރިހާ ކަމެއް ކޮށްފައި އެއޮތީ. އެންމެ ޒަމާނީ، އެންމެ ހިތްގައިމު، މި ޒަމާނުގެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި. އެކަން ކުރުމަށްޓަކައި، މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީ.ގެ ޓީމު، ކޮންމެ ހަފްތާއަކު އަޅުގަނޑުމެން އެކުގައި ގޮސް، ހަމަ ވަރަށް ޝައުޤުވެރިކަމާއެކު، ކުޑަގިރީގައި އެ ކުރެވުނު މަސައްކަތްތައް އަޅުގަނޑު ހަމަ ފާހަގަކުރަން. އެހެންވީމާ، އެކަމަށްޓަކައިވެސް މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހަށް އަދި މުޅި ޓީމަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، އިސްރާފު ކުޑަކުރުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެއުޅެނީ ފެން ނުލިބިގެން. ބައެއް ޤައުމުތަކަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ. އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން އަދި ފެން ލިބުނު ނަމަވެސް، އަޅުގަނޑުމެން ފެނަށް ރައްކާތެރިވާންޖެހޭނެ. އަޅުގަނޑުމެން އިސްރާފު ކުޑަކުރަންޖެހޭ. އެހެންވީމާ، އެ ވާހަކަވެސް ދަންނަވާލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ. ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތް ލައްވައި، އަދި އަޅުގަނޑުމެންގެ ޤައުމަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.