ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ގާދިއްފުއްޓާއި، އެ އަތޮޅު މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ، ތ. ގާދިއްފުށީ ފެނާއި ނަރުދަމާގެ ނިޒާމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވާފައެވެ.

ތ. ގާދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެންނެވެ. ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ގެތަކަށާއި މުއައްސަސާތަކަށް ފެނާ ނަރުދަމާގެ ކަނެކްޝަންތައް މިހާރު ވަނީ ގުޅައިދީފައެވެ. އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 500 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 15 މީޓަރު ސަރަހައްދެއްގައި ގްރޮއިން ވަނީ ޖަހާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ތ. ގާދިއްފުށީ ފެނަކަ އައު އޮފީހަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޒަމާނީ އޮފީސް ޢިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ތ. މަޑިފުށީ ވޮލީކޯޓަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވޮލީ ކޯޓެކެވެ. މިވޮލީކޯޓު އެޅުމުގެ މަސައްކަތްކޮށްފައި ވަނީ، ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.