ސަރުކާރުގެ އިޤްޠިސާދީ ސިޔާސަތުގެ ދަށުން، އަދުގެ ދުނިޔެ މިސާލުޖަހާފަދަ "ސްމާޓް ނޭޝަން" އަކަށްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙުކޮށްދެއްވައިފިއެވެ. އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާޙުކޮށްދެއްވާފައިވަނީ މިރޭ މޯލްޑިވްސް މަނީޓަރީ އޮތޯރިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޙަފްލާގައެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުނިޔެއަށް އަންނަ ބަދަލުތަކާއި ފައިހަމަކުރުމަށް ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލު ފާހަގަކުރައްވައި އެބަދަލުގެ ސަބަބުން ޤައުމަށްކުރާނެ ފައިދާތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ފައިހަމަކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީގެ ރޮގުންކަން ފާހަގަކުރައްވައި އެކަންކަމުން ކުރިއެރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރޭ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ވަރަށް އީޖާދީ މަސައްކަތްތެރި ޒުވާނުންތިބިކަން ފާހަގަކުރައްވާފައެވެ. އަދި އެފަރާތްތަކުން އިޤްތިޞާދީ ބަދަލުގެނެސް އިޤްތިޞާދު ދެގުނަކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފުޅާކުރުމަށް، ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފައެވެ.
މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޤައުމު ބިނާވެގެންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް އެންމެން ގުޅިގެން ކޮށްގެންކަމުގައެވެ. އަދި ޤައުމެއް ތަރައްޤީ ކުރުމަށް އާބާދީ ކުޑަކަމަށް ނުބަލައި ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އީޖާދީ ވިސްނުންގެނެސް ޤައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު ޤައުމަށްޓަކައި އެކި ދާއިރާތަކުން ވިސްނުންބަހައްޓައި ޤައުމު ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
"ފަވަރަ" މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ޕޭމަންޓް ޚިދުމަތަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުވެ، އެ ޚިދުމަތްތައް އެންމެންނަށް ވެސް ލިބިގެންދާނެއެވެ. މި ސިސްޓަމްގެ ފްލެކްސިބަލް ޑިޒައިންގެ ސަބަބުން ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ފައިސާ ދެއްކުމުގެ ޚިދުމަތް ކުރިއަށް ގެންދިއުމާއި އެކްސެސް ކުރުމަށް ފަސޭހަވެގެންދެއެވެ. ހަމަ އެއާއެކު ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަ ވެގެންދާނެއެވެ. މި ސިސްޓަމް ޤާއިމުކުރުމުން ފިންޓެކް އަދި އީ-ކޮމާސްގެ ޚިދުމަތްތަކަށް މަގުފަހިކޮށްދެއެވެ.