ރާއްޖޭގެ މާލީ ސިޔާސަތު އިޞްލާޙު ކުރެއްވުމަށް ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަ މިޝަންގެ ވެރިޔާ މިސްޓަރ ރޮޑްރީގޯ ކުބާރޓޯ ނެރުއްވި ބަޔާނަށް ދިވެހި ސަރުކާރުން މަރްޙަބާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް، ޚާއްޞަ ގޮތެއްގައި ސަރުކާރުގެ މުސާރަތައް ކުޑަކުރެއްވުމަށާއި، ބަޖެޓުން ކުރައްވަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އައި.އެމް.އެފް.ގެ ބަޔާނުގައި ތާއީދު ކުރައްވާފައިވެއެވެ.

މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދިވެހިރާއްޖެވަނީ އިޤްތިޞާދީ ގޮތުން ވަރަށް ބޮޑެތި ފޫނުބެއްދުންތަކަކާ ކުރިމަތިލާފައެވެ. ދިގުމުއްދަތަކަށް ހަމަހަމަ ގޮތެއްގައި އިޤްތިޞާދު ހިފެހެއްޓެވުމަށްޓަކައި ކުރީގެ ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތައް ދޫކޮށްލައްވައި، ސަރުކާރުން ކުރައްވާ ޚަރަދުތައް ކުޑަކުރައްވައި، ބަޖެޓް ޑެފިސިޓް ހަމައަކަށް ގެންނެވުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން މިއަދުވަނީ ކުރައްވަން ޖެހިވަޑައިގެންފައެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ، މިދަނޑިވަޅުގައި ބޮޑުކުރައްވައިފިނަމަ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދަށްވުމުގެ ސަބަބުން "އިންފްލޭޝަން ރޭޓް" އިތުރުވެ، މީހުންނަށް ލިބޭ އާމްދަނީއަށް ބާޒާރުން ގަނެވޭ ތަކެތީގެ މިންވަރު ދަށްވެ، ފައިސާއަށް ތަކެތި ގަތުމުގެ ޖުމްލަ ބާރު ދަށްވެގެންދާނެ ކަމަށް އައި.އެމް.އެފް އިން ނެރުއްވި ބަޔާނުގައި ބަޔާންކުރައްވާފައިވެއެވެ. މީގެއިތުރުން، ސަރުކާރުގެ މުވައްޒަފުންނަށްދޭ މުސާރައިގެ ޚަރަދު ބޮޑުނަމަ، ރާއްޖެއަށް ލިބެން ހުރި ބޭރުގެ އެހީތަކުގެ ފުރްޞަތު މަދުވެ، އިޤްތިޞާދު ރަނގަޅު ނުކުރެވޭވަރަށް ދަށަށް ހިނގައިދާނެ ކަމަށް އައި.އެމް.އެފް.ގެ ބަޔާނުގައިވެއެވެ.

ސަރުކާރުގެ ސިޔާސަތަކީ، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމެއް ރާއްޖެއަށް ހޯއްދަވައިދެއްވުމަށް ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކުރެއްވުމެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ، މި ދަނޑިވަޅުގައި ބޮޑުކުރައްވައިފިނަމަ، އިޤްތިޞާދު ރަނގަޅު ކުރުމަށާއި، ކޮންމެ ދިވެހި ރައްޔިތެއްގެ މުސްތަޤްބަލުގެ ކުރިއެރުމަށް އެޅޭ ހުރަހަކަށް އެކަން ވެގެންދާނެއެވެ.

އައި.އެމް.އެފް.ގެ އެހީތެރިކަމާއެކު މި ހިންގޭ ޕްރޮގްރާމްގެ ދަށުން ހުށަހަޅުއްވާފައިވާ މާލީ އޮނިގަނޑު ތަންފީޒު ކުރެއްވުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވާނެއެވެ. މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް މަސައްކަތް ކުރެއްވުމަށް، އައި.އެމް.އެފް.ގެ މި ބަޔާނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގަންނަވައެވެ.