بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ، އަޅުގަނޑުގެ އަޚް ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން، ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ، ޑެޕިއުޓީ ވައިސް ޗާންސެލަރުން، ބޭރު ޤައުމުތަކުން ވަޑައިގެން ތިއްބެވި ޢިއްޒަތްތެރި ބޭފުޅުން، ރާއްޖޭގެ މަޝްހޫރު ޤާރީން، އިސްލާމީ ޔުނިވަރސިޓީގެ އިސް ބޭފުޅުން، މުދައްރިސުން، އަދި ވަކިން ޚާއްޞަކޮށް، މި ޙަފްލާ ދުރާއި ގާތުން ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ފުރަތަމަވެސް މި އުފާވެރި މެހެފިލްގައި، މި ވަގުތުކޮޅު އަޅުގަނޑަށް ހޭދަކުރެވޭތީ އަދި އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީ، އެކަމަށްޓަކައި އިސްލާމީ ޔުނިވަރސިޓީގެ މެނޭޖްމަންޓަށާއި އަދި އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، މިއީ ވަރަށް މުހިންމު ހަރަކާތެއް. ވަރަށް މުހިންމު މަސައްކަތްތަކެއް މިއަދު މި ކުރެވިގެން މިދަނީ. އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކަށް، ކޮންމެ ދަރިޔަކަށް އަޅުގަނޑުމެން އެންމެ އިސްކަމެއްގެ ގޮތުގައި، އެންމެ ތުއްތުއިރުން ފެށިގެން އެކަމުގެ ނިމުމެއްނެތި ތާއަބަދަށް ކުރާ އެއްކަމަކީ ޚާއްޞަކޮށް، ޤުރްއާން އުނގަންނައިދިނުން. ރަނގަޅަށް، ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުން. އަދި ބަޔާންކޮށްފައިވާ އެއްޗެއް ރަނގަޅަށް ދޭހަކޮށްދިނުން. އެހެންވެ، އަޅުގަނޑު ޤަބޫލުކުރަނީ މި ކުރެވޭ މަސައްކަތް، މި މެހެފިލުން ފެށިގެން މިއަދުގެ މި ހުރިހާ ހަރަކާތްތަކުގެ ތެރެއިންވެސް ޚާއްޞަކޮށް، އަޅުގަނޑުމެންގެ މުދައްރިސުންނަށް ކިޔަވައިދިނުމަށްޓަކައި، ސްކޫލްތަކުގައި ކިޔަވައިދިނުމަށްޓަކައިވެސް ހުރި ގޮންޖެހުންތަކަށް އެކިއެކީ ޙައްލު ލިބި، ފަސޭހަކަމާއެކު އެ ކަންތައްތައް ކުރުމަށްޓަކައި ކޮންމެވެސްވަރެއްގެ ފިލާވަޅުތަކެއް، ކޮންމެވެސްވަރެއްގެ ޙައްލުތަކެއް، މި މަސައްކަތުގެ ތެރެއިން ހޯދައިދެވޭނެ ކަމަށް.

އާދެ، އަޅުގަނޑުމެން މި ދައްކަނީ ކީރިތި ޤުރްއާނުގެ ވާހަކަ. ހަތްއުޑު މަތިން اللَّـهُ سُبْحَانَهُ وَتَعَالَىٰ މި އުންމަތަށް ރަޙްމަތެއްގެ ގޮތުގައި، ހިދާޔަތެއްގެ ގޮތުގައި އަޅުގަނޑުމެންގެ އިންސާނީ ދަރިފަސްކޮޅަށް ފޮނުއްވި ފޮތެއްގެ ވާހަކަ. އާދެ މިއީ ދެމިގެންދާ، ނިމުމެއް ނެތް، ޤިޔާމަތާ ހަމައަށް، އޭގެ އަޖަލެއް ނެތް، މުޅި އިންސާނާ ދުނިޔެއަށް އައުމާއި، ދިރިހުރުމާއި، މަރުވުމާއި، ޤިޔާމަތާއި، ސުވަރުގެއާއި ނަރަކައިގެ ވާހަކަ އެކުލެވިގެންވާ، އެ ފޮތަކުން މުޅި އިންސާނާގެ މުޅި ޙަޔާތް ބާއްޖަވެރިކަންމަތީ، ހެޔޮގޮތުގައި ދުނިޔޭގައި އަޅުގަނޑުމެންގެ ޙަޔާތް ވޭތުކުރުމަށްޓަކައި ހަމައެކަނި އަޅުގަނޑުމެންނަށް އޮތް މަގު ދައްކައިދޭ ކީރިތި ޤުރްއާން.

އާދެ، އެނގިވަޑައިގަންނަވާނެ، ﷲ އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ދިވެހި ކޮންމެ ރައްޔިތަކީ މުސްލިމް ރައްޔިތެއް. އަޅުގަނޑުމެންނަކީ، ސައްތައިންސައްތަ މުސްލިމް ޤައުމެއް. އަޅުގަނޑު ކުރީގައި މި ދެންނެވި ގޮތަށް، އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ބަލަނީ ކީރިތި ޤުރްއާން. އަޅުގަނޑުމެންގެ އެންމެ ތުއްތުއިރުން ފެށިގެންވެސް ކޮންމެ ދުވަހަކު އަޅުގަނޑުމެން ޤުރްއާނުގެ އާޔަތްތައް، ސޫރަތްތައް ކިޔަވަން. އަޅުގަނޑުމެން ވަކިން ޚާއްޞަކޮށް، ކިޔަވައި، އެ ސޫރަތްތަކަކަށް ޚާއްޞަކަން ދެވިގެންވާ ސޫރަތްތަކެއްވެސްވޭ. ކޮންމެ ދުވަހަކުމެ އަލްފާތިޙާ ސޫރަތް އަޅުގަނޑުމެންނަށް ކިޔެވޭ. އިޚްލާޞް، ފަލަޤް، ނާސް ކިޔެވޭ. އަޅުގަނޑުމެންނަށް ޔާސީން ސޫރަތް ކިޔެވޭ. ހުކުރު ދުވަހު ޚާއްޞަކޮށް، ކަހަފް ސޫރަތް ކިޔެވޭ. ވާޤިޢަތު ސޫރަތް އަޅުގަނޑުމެންނަށް ކިޔެވޭ. ދެ ނަމާދު ދޭތެރޭގައި ތަބާރަ ސޫރަތް އަޅުގަނޑުމެންނަށް ކިޔެވޭ. ބަޤަރާ ސޫރަތް އަޅުގަނޑުމެންނަށް ކިޔެވޭ. ޠާހާ ސޫރަތް އަޅުގަނޑުމެންނަށް ކިޔެވޭ.

އެހެންނަމަވެސް، ފާތިޙާ ސޫރަތް، އަޅުގަނޑުމެން ހަމަ ގައިމުވެސް ދުވާލަކު ފަސް ވަގުތެއްގައި، އެކިފަހަރު މަތިން ކިޔަވަން. އަޅުގަނޑުމެން ކިޔަވާއިރު، ހުރިހާ އެންމެންނަށް މާނަ ނޭނގުނު ނަމަވެސް، އަޅުގަނޑުމެން އެބަ ޤަބޫލުކުރަން، ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ، މުޅި ދުނިޔެ އުފެއްދެވި ރަސްކަލާނގެ ޙަޟް ރަތުގައި، އަޅުގަނޑުމެންނަށް ތެދުމަގު ދެއްކެވުން އެދި އަޅުގަނޑުމެން އާދޭސް އެބަ ދަންނަވަން. އަޅުގަނޑުމެން ދުޢާ އެބަ ކުރަން. މާނަތަކެއް އެކުލެވިގެންވޭ. ޙަޝްރު ސޫރަތުގެ ވަކިން ޚާއްޞަކޮށް، "لَوْ أَنزَلْنَا هَـٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍۢ" މި އާޔަތްތައް. އެއާއެކީ، ވާޤިޢަތު ސޫރަތް، ޤިޔާމަތް ދުވަހުގެ ވާހަކަ. މާނަ އެނގޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޚުޝޫޢަތްތެރިކަން އިތުރުވެގެންދޭ. އެކަމަކާ ދޭތެރޭގައި އަޅުގަނޑުމެންގެ ސީރިއަސްކަން އިތުރުވެ، ފުންކޮށް އަޅުގަނޑުމެންގެ ވިސްނުން އިތުރުވެގެންދޭ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ދޭހަވާގޮތަށް ހުންނަ ބަސްތަކުން ހުންނަ ލަވައެއްގެ އަޑުއަހާލާއިރުވެސް، އަޅުގަނޑުމެންނަށް ހަމަ ވަރަށް ގޮތްގޮތަށް އިމޯޝަންސް އާދޭ. އެއީ ދިވެހިބަހުން ކަމަށްވިޔަސް އަދި ހިންދީބަހުން ކަމަށްވިޔަސް. އެހެންވީމާ، އެ ކިޔާ އެއްޗެއް އެނގުމަށްޓަކައި މަސައްކަތް ކުރުމަކީ އަޅުގަނޑަށް ހީވަނީ، އެއީ، ވަރަށް މުހިންމު ކަމެއްހެން. މުޅި މި ފޮތުގައި އަޅުގަނޑު ކުރީގައިވެސް މި ދެންނެވި ގޮތަށް، އިންސާނެއްގެ ދިރިއުޅުމަށްޓަކައި ދުނިޔޭގައި އުޅެންޖެހޭ ހުރިހާ ކަމެއް އެކުލެވިގެންވޭ. އެކުލެވިގެންނުވާ ހަމަ އެއްވެސް ކަމެއް ކީރިތި ޤުރްއާނުގައެއް ނެތް.

އެހެންވީމާ، އަޅުގަނޑުމެން ވަގުތު ހޯދައިގެން މި މާނަ އެނގުމަށް މަސައްކަތްކުރުމަކީ، ޚާއްޞަކޮށް، ބަޔާންކުރައްވާފައިވާ ކަންތައްތައް މި ދެންނެވި ގޮތަށް އެނގުމަކީ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެންގެ ނަފްސު އިތުރަށް ޠާހިރުކޮށް، އަދި މި އިމްތިޙާނުން، މި ޓެސްޓުން އަޅުގަނޑުމެން ރަނގަޅަށް ފާސްވުމަށްޓަކައި ކުރެވޭ ހަމަ އެންމެ ރަނގަޅު މަސައްކަތަށް ވެގެންދާނެ ކަމަށް.

އާދެ، އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ، ކީރިތި ޤުރްއާނުގައި އެންމެ ބޮޑަށް ބާރުއަޅުއްވައި، އަޅުގަނޑުމެންގެ މައްޗަށް އެންމެ ބޮޑަށް އަމުރުކުރައްވާފައި އޮތީ ކޮންކޮން ކަންތައްތަކެއްތޯ. އެއީވެސް އަޅުގަނޑުމެން ހަމަ ބަލައިލަންޖެހޭ ކަމެއް. އަޅުގަނޑު ހަނދާނަށް އަންނަނީ އިއްޔެގެ ހުކުރު ޚުޠުބާ. ހުކުރު ޚުޠުބާގައި ކޮން ވާހަކައެއްތޯ އައީ. އަޅުގަނޑުމެންނަށް ބާރުއެޅުއްވީ ކޮންކަމަކަށްތޯ. ރަޙިމުގެ ގުޅުން. ނަޙްލު ސޫރަތުގެ ނުވަދިހަ ވަނަ އާޔަތް ކޮންމެ ހުކުރު ދުވަހެއްގައި އަޅުގަނޑުމެންނަށް އަޑުއިވޭ. "إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَـٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ" ޢަދުލުވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުކޮށްދިނުމަށް، ނުވަތަ ގާތްތިމާގެ މީހުންނާ ދޭތެރޭގައި ހެޔޮކޮށްހިތުމުގެ ވާހަކަ. މީހުންނަށް ހެޔޮކޮށްހިތުން، މީހުންނަށް އޯގާތެރިވުން، މީހުންނަށް އަޅައިލުން، އެހީތެރިވެދިނުން. ކުޑަނަމަވެސް ކޮށްދެވެން އޮތް ކަމެއް އަނެކާއަށް ކޮށްދިނުން. ނުބައި ބަސްތައް ނުބުނުން، މަލާމަތް ނުކުރުން، ޖެއްސުން ނުކުރުން. މިބާވަތުގެ ކަންތައްތައް ނުކޮށް ދޫކޮށްލުމުންވެސް، އެއީ ރަނގަޅު މީހެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ވެވެނީ. ހެޔޮބަސްތައް ދުލުން ބުނުމުންވެސް، އަޅުގަނޑުމެންގެ ހިތަށް ގެނައުމުންވެސް، އަޅުގަނޑުމެންނަށް އެނގިފައި މި އޮންނަނީ އެއީ، ހެޔޮކަމެއްކަން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިފަދަ ކަންތައްތަކަށް ފުންކޮށް ވިސްނާ ބަޔަކަށްވާން.

އެއްވެސް މީހެއްގެ އަޖަލެއް އަޅުގަނޑުމެންނަކަށް ނޭނގެ. ނިމުން އަންނަނީކީ ހަމައެކަނި މަގާމުތަކަކަށް ނޫން. އިންސާނާ ދިރިހުރުން އެއީ، ވަކި ވަގުތެއް އޮންނަ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ މި މަދު ދުވަސްކޮޅު، މިފަދަ ކަންތައްތަކާ އަޅުގަނޑުމެން ވިސްނައި، ޚާއްޞަކޮށް މިފަދަ ޕްރޮގްރާމެއްގެ ތެރެއިން އަޅުގަނޑު ޤަބޫލުކުރަނީ، މިކަމަށް އަލިއަޅުއްވައިލައްވައި، މި މަޢުލޫމާތު ތަންކޮޅެއް ބޮޑަށް ފަތުރުއްވައި، މި ހޭލުންތެރިކަން އަޅުގަނޑުމެންގެ ތެރޭގައި އިތުރުކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެންމެންވެސް ބޭނުންވޭ، އުންމީދުކުރަން ރަނގަޅުވުމަށް. ކާކުތޯ އެ މީހަކު ކުރާ ކަންތައްތައް ރަނގަޅުވުމަށް ނޭދޭނީ. އެ މީހެއްގެ ޙަޔާތް ބާއްޖަވެރިވުމަށް ނޭދޭނީ. އެ މީހެއްގެ ދަރިންނަށް ހެޔޮގޮތްތައް ނޭދޭނީ، ކޮން އިންސާނެއްތޯ. އުންމީދު ނުކުރާނީ ކާކުތޯ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޢަމަލު ރަނގަޅުކުރަންޖެހޭ. އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މަޝްހޫރު އުރުދޫ ޅެން ބައިތެއް. އޮންނާނެ. "ނަތީޖާ ކިޔޫން ކަރް އައްޗާ ނަހޯ، ޖަބްތަކް ޢަމަލް އައްޗާ ނެހީ، ބޯޔާ ތުޚްމް އައްޗާ، ތޮ ކަބް ޕާއޯގެ ޕަލް އައްޗާ" އެހެންވީމާ، އަޅުގަނޑުމެންގެ ޢަމަލުތައް އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭނެ. ޓެސްޓުން ރަނގަޅު ނަތީޖާއެއް ލިބެނީވެސް ރަނގަޅަށް ޓެސްޓު ހަދައިގެން. ދުނިޔޭގައި މި ހަދާ ބޮޑު ޓެސްޓު، އަޅުގަނޑު ދެކެނީ ދެން މިއީ ވަރަށް ދިގު ޓެސްޓެއް ކަމަށް. މި ދައްކަނީ ދުނިޔެއަށް އައުމާއެކު، ނުވަތަ ފުރާވަރަށް އެރުމާއެކު، އަޅުގަނޑުމެންގެ މައްޗަށް ކަންކަން ވާޖިބުވެގެން ހަމަ ގައިމުވެސް ދިޔުމާއެކު، ދެން މަރުދުވަހާ ޖެހެންދެން ހަދާ ވަރަށް ދިގު އެގްޒާމެއްގެ ވާހަކަ. އޭގައިވެސް އަޅުގަނޑުމެން އުންމީދު ކުރަނީ، އާޚިރަތް ދުވަސް އަޅުގަނޑުމެންނަށް ލިބުން.

ދެން މީގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ، އިންސާނަކަށްވީތީވެ ދުނިޔޭގައި އުޅުމުގައި ކާކުތޯ އެހާ ޕަރފެކްޓް މީހަކަށްވަނީވެސް. ނޫން، އެއްވެސް މީހަކު ނުވޭ. އެއްވެސް މީހަކު ނުވޭ. އަޅުގަނޑުމެން ކަންކަމަށް އުންމީދުކޮށް، އަޅުގަނޑުމެންގެ މައްޗަށް މި އޮންނަނީ ހެޔޮދުޢާ ކުރުން. ކޮންމެ ދުވަހަކު ދުޢާކުރުން، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މިއޮތީ މާތްރަސްކަލާނގެ އަންގަވާފައި "لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ" އަޅުގަނޑުމެން އުންމީދު ކަނޑާނުލަންވީ. އަބަދުވެސް އަޅުގަނޑުމެން ދަންނަވަންވީ، ހެޔޮ ރަޙްމަތަށް އެދި، ހެޔޮ ގޮތްތަކަށް އެދި. މި އޮންނަ ގޮތަކީ ފާފަތައް ކޮށްފައި ހުންނަ މީހާވެސް، ރަނގަޅު ކަންތައްތައް ގިނައިން ކޮށްފިއްޔާ އެ ފާފަ ފުއްސަވާ. "إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًۭا صَـٰلِحًۭا فَأُو۟لَـٰٓئِكَ يُبَدِّلُ ٱللَّهُ." اللَّـهُ سُبْحَانَهُ وَتَعَالَىٰ ވަޙީކުރައްވާފައިވޭ، އެއްވެސް ޝައްކެއް ނެތް މިންވަރަށް އަޅުގަނޑުމެން އީމާންވާންޖެހޭނެ. އަޅުގަނޑުމެން ޤަބޫލުކުރަން މާތްވެގެންވާ ކީރިތި ޤުރްއާން. އެ ފޮތް މިއޮތީ. އެހެންވީމާ، އަޅުގަނޑުމެން މާޔޫސްނުވެ، ހެޔޮ ޢަމަލުވެސް ކޮށްގެން އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ.

އަޅުގަނޑު ހަމަ ހިތަށްއަރާ، ދެން މިވަގުތު މިއީ ވަރަށް އެހެންކަހަލަ ދުވަސްވަރެއް ޤައުމުގައި މި ހިނގަނީ. ދެން ފަސް އަހަރުން އެއްފަހަރު އަންނަ ކަންތައްތައްވެސް ހުރޭ. އަޅުގަނޑު މިއަދު ހެނދުނު ހޭލާފައި ކުޑަކޮށް ވިސްނާލިން. އަޞްލު އަޅުގަނޑުމެން ކުރަންވީ ކެމްޕެއިނަކީ ވަރަށް އެހެންކަހަލަ ކެމްޕެއިނެކޭ. ޤިޔާމަތް ދުވަހަށް، އެ ދުވަހު އަޅުގަނޑުމެންނަށް ބޭނުންވާ މަގާމު، ބޭނުންވާ މަންޒިލް ހޯދުމަށްޓަކައި ނޫންތޯއޭ، އަޞްލު އަޅުގަނޑުމެން ކެމްޕެއިން ކުރަންވީ. ކިހާ ފޯރިއާއެކުތޯ އަޅުގަނޑުމެން އުޅެނީ. ދެން އަޅުގަނޑަކީވެސް ހަމަ އެ ކެމްޕެއިނުގައި އުޅުނު މީހެއް އިނގޭތޯ. ތިޔަބޭފުޅުން ހީކުރައްވަފާނެ، އަޅުގަނޑު އަނެއްކާ ކޮންކަހަލަ ވާހަކައެއްހޭ މި ދައްކަނީ. އަޅުގަނޑުވެސް ކެމްޕެއިން ކުރިން އިނގޭތޯ. މަޖިލިސް ކެމްޕެއިން ކުރިން. އެހެންގޮސް ވަރަށް ގިނަ ކެމްޕެއިން ކުރިން. ކިހާ ފޯރިއާއެކުތޯ އަޅުގަނޑުމެން ކުރަނީ. އަޅުގަނޑުމެން ބޭނުންވާ ކަމެއް ހާސިލުކުރަން ވަރަށް ހެޔޮ ނިޔަތެއްގައި ކޮންމެ ބަޔަކު ކުރިޔަސް އެކަން މި ކުރަނީ. އުންމީދުތަކަކަށް އެދިގެން، ހެޔޮ ގޮތްތަކަކަށް އެދިގެން. އަޅުގަނޑުމެން ބޭނުންވާ ކަމެއް ހާސިލުކުރުމަށް މުޅި ޤައުމަށް، މުޅި ރައްޔިތަށް ހެޔޮ ބަދަލުތަކަކަށް އެދިގެން، ހަމަ ވަކި ދިމާއަކަށް ދާން ނޫންތޯ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ވަކި ކަމެއް ހާސިލުކުރަން ކިހާ ފޯރިއާއެކުތޯ. ރެއާއި ދުވާލު އަޅުގަނޑުމެން ހަމަ އެ މަސައްކަތް ކުރަނީ. އެއީވެސް ޤައުމަށްޓަކައި. އެއީވެސް ހަމަ ކުރަންޖެހޭ ކަމެއް އަޅުގަނޑުމެން.

އެގޮތަށް އަޅުގަނޑު ހިތަށްއެރީ، ޤިޔާމަތް ދުވަހުން އަޅުގަނޑުމެންނަށް އެ ބާއްޖަވެރިކަމާއި ސުވަރުގެ، އެ މަގާމު މާ ޢިއްޒަތްތެރި، މާ ޝަރަފުވެރި، މަތިވެރި. އަނެއްކާ ނިމުމެއްނުވާ އެއް ޓާރމް. ހަމަ އަޅުގަނޑުމެން ގަބޫލުކުރަނީ އެހެން ނޫންތޯ. ދިގުދެމިގެންވާ ޓާރމެއް. ފަސް އަހަރުން، ފަސް އަހަރުން އަނެއްކާ ދުނިޔެމަތީގައި މަގާމުތައް މި އޮންނަނީ. އާންމު ގޮތެއްގައި ފަސް އަހަރު، އެންމެ ދިގުވެގެން މި އޮންނަނީ. މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވާފައި މިވަނީ ދާއިމަށް، ނިމުމެއް ނެތް ނިޢުމަތެއް.

އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރި ދެން، އަޅުގަނޑަށް މިކަހަލަ ވާހަކަ ދެއްކޭނެ ޕޯޑިއަމެކޭ މިއީ. އެއީ، މި ދޭތެރެއިން އަޅުގަނޑަށްވެސް ފެނުނު ވީޑިއޯކޮޅެއް. އަޅުގަނޑު ހަމަ މި ޕޯޑިއަމްގައި މިތާ ހުރެގެން، މިދިޔަ އަހަރުގެ އިސްލާމީ ޔުނިވަރސިޓީގެ ގްރެޖުއޭޝަންގައި އަޅުގަނޑަށް ދެއްކުނު ވާހަކައެއް، މަގާމުތަކާ ގުޅޭގޮތުން. އެއީ ދެން އަޅުގަނޑާ ދިމާއަށް ކޮންމެވެސް މީހަކަށް ވިސްނައިނުލާ ބުނެވުނު އެއްޗަކުން، އަޅުގަނޑު ބޭނުންވީ އެއީކީ ނޫންކަން އެކަން އޮންނަ ގޮތަކީ، އެ ވާހަކަ ދަންނަވާލުން. އެއީ އަޅުގަނޑު ކާރުގެ ދޮރުފަތް ނުހުޅުވާ ވާހަކައާއި، ތަންތަނުގެ ދޮރު ނުހުޅުވާ ވާހަކަ، ކޮންމެވެސް މީހަކަށް ވިސްނައިނުލާ ބުނެވުނީ. ބުނެވުނީމާ، އަޅުގަނޑު ހިތަށްއެރި، ޖެހޭނެއޭ އެ ރަނގަޅުކޮށްލަން، ވިސްނައިދޭންވާނެއޭ. އެކަން ނޭނގޭ މީހެއްވިއްޔާ، އެ ވާހަކަ ބުނެފައި އޮންނާނީ. އެހެންވީމާ، މި ޕޯޑިއަމްގައި އަޅުގަނޑު ދަންނަވަން ޖެހުނީ. ތިޔަބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ތިއްބެވި އެރޭވެސް ހަމަ. އެއީ އަޅުގަނޑަށްވީމާ ކޮށްދޭ ކަމެއް ނޫންކަން. އެއީ އެއްގޮތަކަށްވެސް ފައިޞަލް ނަސީމަށް ކޮށްދޭ ކަމެއް ނޫންކަން. ނޮވެންބަރު 11 އަށްފަހުގައި ހަމަގައިމުވެސް އެގޮތަކަށް އެކަމެއް، ދޮރުފަތް ހުޅުވާކަށް މިހާރު އެ އޮތްގޮތަކަށް ދެން ނޯންނާނެ. އެހެންވީމާ، އަޅުގަނޑަށް މިކަހަލަ ވާހަކަ ވަރަށް ދެއްކޭ. އެއީ ހިތްހަމަޖެހުން ލިބޭތީ.

އިސްލާމީ ޔުނިވަރސީޓީއާ ދޭތެރޭ ވަކިން ޚާއްޞަކޮށް، އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެ ބޭފުޅަކަށްޓަކައި ޙަޤީޤަތުގައިވެސް ފަޚުރުވެރިވަން، އުފާކުރަން، ޝުކުރުވެރިވަން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް. އަޅުގަނޑުގެ އަޚް، އަދި ކަންދިމާކުރިގޮތުން އަޅުގަނޑުމެންގެ ފުވައްމުލަކަށް ނިސްބަތްވާ، ވަރަށް ޚިދުމަތްތެރި، ވަރަށް އޯގާތެރި، ވަރަށް ހިތްޕުޅުހެޔޮ، އެއްވެސްކަހަލަ އަމިއްލަ ބޭނުންފުޅުތަކަށްވުރެ މީހުންނަށް، ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއް. އެހެންވީމާ، އިސްލާމީ ޔުނިވަރސިޓީގައި، ވަކިން ޚާއްޞަކޮށް، ތިޔަބޭފުޅުން ކުރިމައްޗަށް މިހެން އެރީމާ، މިކަހަލަ ވާހަކަތައް އަޅުގަނޑުގެ ސިކުނޑިއަށްވެސް އާދޭ. އެ ދެން ވެދާނެ، ހަމަ އިސްލާމީ ޔުނިވަރސިޓީއަށް ވަނީމަ ވާގޮތެއްކަމަށްވެސް. އެކަހަލަ އެއްޗެހިތައް ހަމަ ސިކުނޑިއަށް އަންނަނީ. އައީމާ ދެއްކެނީ ހަމަ އަޅުގަނޑަށް. ބައެއްފަހަރު އަޅުގަނޑަށް އެނގޭ، ފަހަރެއްގައި މާ ވާހަކަ ދިގުވެގެން ތިޔަބޭފުޅުން ފޯނާ ކުޅުއްވަފާނެ. އެކަމަކު ވަރަށް ރަނގަޅު، އެއްވެސް ބޭފުޅަކު ފޯނާ ކުޅުއްވާ މަންޒަރެއް ނުފެނޭ. އަޅުގަނޑު ބަލަން، މިހާރު މިހެން ހުންނައިރު. ފޯނާ ކުޅެނީ، މެސެޖް ކުރަނީ ކިތައް ބޭފުޅުންތޯ ޖަލްސާގައި އެހެން ތިއްބަވާއިރު. އެއީ ދެން އެހާ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކޭތީވެ. އެހެންނަމަވެސް، އަޅުގަނޑަކަށް ދެން ނުފެނޭ ހަމަ އެގޮތަށް އެއްވެސް ބޭފުޅަކު ފޯނާ ކުޅުއްވާ ތަނެއް.

ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް ކުރިއެރުން ލިބި، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ހާސިލުކުރެވެން އޮތީ އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރެވިގެންނޭ. ޤައުމުގެ ޞުލްޙަމަސަލަސްކަން، އަމާންކަން އަޅުގަނޑުމެން އިސްކުރަންޖެހޭނީ ކޮންމެ ފަދަ ހާލަތެއްގައިވެސް. އަޅުގަނޑުމެން ކޮންމެ ކަމެއް ބޭނުންވެގެން މަސައްކަތް ކުރިނަމަވެސް، އެއްކަމެއް ހަނދާންނައްތާނުލަމާ ހިނގާށޭ. އެއީ، މި ހުރިހާ ކަމަކަށްވުރެ އަޅުގަނޑުމެންނަށް ބޮޑޭ، އަޅުގަނޑުމެންގެ ޤައުމު. ޤައުމުގައި އޮންނަން ޖެހޭނެ ހަމަޖެހުމާއި، އަޅުގަނޑުމެންގެ އެކުވެރިކަމާއި، އަޅުގަނޑުމެންގެ އެ އޮތް ރަޙްމަތްތެރިކަމާއި އަވަށްޓެރިކަން އެއީ މާ މުހިންމު ކަމެކޭ.

އެހެންވީމާ، ކޮންމެ ފަދަ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު، އެކިކަހަލަ ކަންތައްތަކުގައި ހުރިނަމަވެސް، އެ ކަންތައް ޤުރުބާންކޮށްލާ ބަޔަކަށް އަޅުގަނޑުމެން ނުވަމާ ހިނގާށޭ. އެއީ، ބޭނުންކަމެއް ނޫން. އަޅުގަނޑުވެސް މިއީ އޭގެ މީހެއް ހަމަ. އަޅުގަނޑުވެސް ބޭނުންވޭ ޤައުމަށް ހެޔޮ ގޮތްތައް ހޯދުމަށްޓަކައިވެސް މި ކުރެވޭ މަސައްކަތުގެ ތެރޭގައި، އެކަމުގައިވެސް ބައިވެރިވެ، އަޅުގަނޑުވެސް ޤަބޫލުކުރާގޮތަކަށް އެ މަސައްކަތްތައް ކުރަން. އެހެންނަމަވެސް، އެއަށްވުރެ އަޅުގަނޑަށް އަދި މުހިންމީ އަޅުގަނޑުމެންގެ ޤައުމާއި، ރައްޔިތުންނާއި، އޮންނަންޖެހޭ ހަމަޖެހުމާއި، ކުރިއެރުމާއި ތަރައްޤީއާއި، ތަޢުލީމީ ގޮތުން ހެޔޮލަފާ ޖީލަކާއި، ދުޅަހެޔޮ މުޖުތަމައެއް.

ވަރަށް ގިނަ މަސައްކަތް އެކުގައި މި ފަސްއަހަރު އަޅުގަނޑުމެންނަށް ކުރެވިއްޖެ. ކުރީ ސަފުންވެސް އަޅުގަނޑަށް އެބަ ފެނޭ. އަދި ފަހަތުންވެސް އަޅުގަނޑަށް އެބަ ފެނޭ ބައެއް ބޭފުޅުން. އެ ބޭފުޅުންނާއެކުވެސް ތަފާތު މަސައްކަތްތައް، ތަފާތު ބައްދަލުވުންތައް ބާއްވައި، ތަފާތު ހަރަކާތްތައް ހިންގައި، އެކިއެކި ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވިއްޖެ. ރޯދަމަހާއި، އެނޫން މަސްމަހުގައިވެސް އަޅުގަނޑުމެންނަށް ކުރެވިއްޖެ. ރައީސް އޮފީހުގައްޔާއި، ރައީސް އޮފީހުން ބޭރުގައްޔާއި އަދި އެކި ތަންތަނުގައި މަޝްވަރާތައް ކުރެވިއްޖެ.

އެހެންވީމާ، އަޅުގަނޑުގެ މިއަދުގެ ހަމަ އެދުމަކީ، މިކަންތައް ފަތުރަން އަޅުގަނޑުމެން އިތުރަށް މަސައްކަތް ކުރަމާ ހިނގާށޭ. ޤައުމީ ހަމަޖެހުމަކީ، އެންމެ މުހިންމު ކަންތައްކަން، ހުރިހާ ޒުވާނުންނަށާއި، ހުރިހާ އެންމެންނަށް ވިސްނައިދީ، އެ ވިސްނުމުގައި މަސައްކަތް ކުރާނޭ ގޮތަކަށް އަޅުގަނޑުމެންގެ ކަންތައްތައް ބައްޓަން ކުރުން. މިފަދަ މާތް ބަރަކާތްތެރި ހެޔޮ މަސައްކަތެއްގެ ތެރެއިންވެސް އެކަމަށް އަޅުގަނޑުމެން އިސްކަންދެމާ ހިނގާށޭ. މި މެހެފިލް، މި މުއައްސަސާ އަޅުގަނޑު ޤަބޫލުކުރަނީ މިއީ ވަރަށް އެކަށޭނަ، އެފަދަ ކަންތައްތަކަށްވެސް ވަރަށް ރަނގަޅު، އެންމެ ރަނގަޅު އެއް ތަން ކަމަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޚާއްޞަކޮށް، އިސްލާމީ ޔުނިވަރސިޓީއިން މި ކުރައްވާ މަސައްކަތްތައް، ދިގު މުއްދަތެއްގައި، 44 އަހަރުގެ މަސައްކަތްތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިއަދު މި ފެނިގެން މިދަނީ. އެހެންވީމާ، ތިޔަބޭފުޅުން ޤުރްއާނުގެ ޢިލްމު ފެތުރުއްވުމަށްޓަކައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، އަދި ޢިލްމީ ބަޔަކު ތައްޔާރުކުރެއްވުމަށްޓަކައި އެ ކުރައްވާ މަސައްކަތްވެސް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކުރަން. އަދި ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ އަޅުގަނޑާ ދޭތެރޭގައި ވިދާޅުވި ބަސްތަކަށްވެސް އަޅުގަނޑު އުފާކުރަން. ދެން ތަންކޮޅެއް ލަދުގަނޭ، އަޅުގަނޑާ ގުޅޭގޮތުން އެހެން ވިދާޅުވީމާ. ލަދުރަކި މީހެއް އަޅުގަނޑަކީ. އެހެންވެސްވޭ. އެހެންނަމަވެސް، ދެން އަޅުގަނޑު ހަމަ އޭރުވެސް ޤަބޫލުކުރި ގޮތް އެއީ. އެންމެ ބޮޑަށް ޚިދުމަތް ކުރަންޖެހޭނީވެސް އިސްލާމްދީނަށް ކަމަށް. ދީނީ ކަންތައްތަކަށް ކަމަށް. ޤުރްއާން މުބާރާތްތަކަށާއި، ހޭލުންތެރިކުރުވުމުގެ ކަންތައްތަކަށް ކަމަށް. އަޅުގަނޑާ އެކީގައި އެކަމުގައި މަސައްކަތް ކޮށްދެއްވި ބޭފުޅުންވެސް އެބަ ތިއްބެވި. އެއީ އަޅުގަނޑު ޤަބޫލުކުރާގޮތް. މިއަދުވެސް އަޅުގަނޑު ޤަބޫލުކުރާގޮތް. އަދި މާދަމާވެސް ދިރިދުނިޔޭގައި، އެންމެފަހު ނޭވާއާ ހަމަޔަށްވެސް އަޅުގަނޑު ޤަބޫލުކުރާނީ އެންމެ މުހިންމު ކަމަކީ އެއީކަން.

އެހެންވީމާ، ދެން އެކަހަލަ ކަންތައްތައް ނޭނގުމެއްގެ ތެރެއިން ގޮސްވެސް ކުރެވިފައި އެއޮތީ. ފެށިފައި އޮތީ. އަޅުގަނޑާ ދޭތެރޭގައި އަބަދުވެސް ވަރަށް އޯގާތެރިކޮށް ދެކެވަޑައިގަންނަވާ. އެގޮތަށް ކަންތައްތައް ދިޔައީ ފެށުނީއްސުރެ، އެންމެ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެންވެސް. އެކަމަށްޓަކައި ޖުމްލަކޮށް ހުރިހާ ޤާރީންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. ތިޔަބޭފުޅުންގެ އަޑު އަޅުގަނޑުމެން އަހާ ފޫހިނުވޭ. ފޫހިނުވާ އަޑެއް އެއީ ދިވެހި ރައްޔިތުން. އެހެންވީމާ، ތިޔަބޭފުޅުންގެ ޚިދުމަތަކީ އެއީ އެއްވެސް ގޮތަކަށް ކުޑަކުޑަ ކަމެއްގެ ގޮތަކަށް ދެކިވަޑައިނުގަންނަވާ. ތިޔަބޭފުޅުންގެ އަޑުގެ އެ ރީތިކަމާއި، އެ މަޚްރަޖްތަކާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވައިވިދާޅުވުމުން އެހެން މީހުން ކިޔަވާހިތްވޭ. އެގޮތަށް ކޮޕީ ކުރެވޭނީ މަސައްކަތްތަކެއް ކޮށްގެން. އެހެންވީމާ، ތިޔަބޭފުޅުންގެ ޚިދުމަތަކީ އެއީ، އެއްވެސް ގޮތަކަށް ކުޑަކުޑަ ކަމެއްގެ ގޮތަކަށް ދެކިވަޑައިނުގަންނަވާ.

އެހެންވީމާ ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން. އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖެއިން ބޭރުގެ ބޭފުޅުންނަށް އަޅުގަނޑުގެ ފަރާތުން މިއަދު ދެން ޝުކުރު އަދާކުރައްވާ. ޢަރަބިބަސް ދަސްކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު މި ކުރަނީ. މިއަދު އަޅުގަނޑަށް ޢަރަބިބަހުން އެއްޗެއް ބުނެލަން ދެން ތަންކޮޅެއް އުނދަގޫވާނެ. ދެން އެހެންވީމާ، ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ، އަޅުގަނޑުގެ ފަރާތުން އެ ބޭފުޅުންގެ އަރިހުގައި ފަހުން ޢަރަބިބަހުން ވިދާޅުވެދެއްވާ. އަޅުގަނޑު އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމާއި، އަޅުގަނޑުމެންގެ ވަރަށް އަވަށްޓެރި، ވަރަށް ހެޔޮ ބޭފުޅުންކަން. ޚާއްޞަކޮށް، ބަންގްލަދޭޝް، ޕާކިސްތާން، މެލޭޝިޔާ، މި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުވުމުގެ ފުރުޞަތުވެސް އަޅުގަނޑަށް ލިބިފައިވާތީ އެކަން ވަރަށް ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކުރަން ބޭނުންވޭ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ޙަސީނާ. އެއީ، އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ، ވަރަށްގިނަފަހަރު އަޅުގަނޑާވެސް ބައްދަލުވި ބޭފުޅެއް. ދިވެހިރާއްޖެ ދެކެ ވަރަށް ވަރަށް ލޯބިފުޅުވާ ބޭފުޅެއް. ޕާކިސްތާނުން އަޅުގަނޑުމެންނަށް ވަރަށް އެހީތެރިކަން ލިބޭ.

އެނގިވަޑައިގަންނަވާނެ، މިތަނުގައިމެ ތިއްބެވި ވަރަށް ގިނަ ބޭފުޅުންނަކީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވާ ވިދާޅުވި ބޭފުޅުން. އެހެންވީމާ، މެލޭޝިޔާގެ ސަރުކާރަށް އަޅުގަނޑުމެން ޖެހޭ އެކަމުގެ ޝުކުރު އަދާކުރަން. ދިވެހިރާއްޖޭގެ އެތައް ސަތޭކަ ދަރިވަރުންނެއް، އާއިލާތައް މިހާރުވެސް އެބަ ތިއްބެވި މެލޭޝިޔާގައި. އެހެންވީމާ، އަޅުގަނޑުގެ ފަރާތުން އެ ޝުކުރު އަދާކޮށްދެއްވާ.

ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ، ތިޔަބޭފުޅުންނާ އެކީގައި މި ވަގުތުކޮޅު ހޭދަކޮށްލެވުނީތީ، އަޅުގަނޑު އުފާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ، އަޅުގަނޑުމެން ދިވެހިންނަކީ އަބަދުވެސް ޤުރްއާނަށް ލޯބިކުރާ، ޤުރްއާނުގެ ޢިލްމަށް ލޯބިކުރާ އަދި ހެޔޮބަސްތައް ބުނާ، ހެޔޮބަސް އަޑުއަހާ، ރިވެތި ގޮތުގައި، އެންމެ ޞާލިޙް ރަނގަޅު ގޮތުގައި ދުނިޔޭގައި އަޅުގަނޑުމެންގެ ޙަޔާތުގެ ދުވަސްތައް ވޭތުކުރުމުގެ ހެޔޮ ނަސީބު ލިބިގެންވާ ބައެއްގެ ގޮތުގައި ލެއްވުން. އަޅުގަނޑުމެންގެ ދިވެހި އެންމެހައި ރައްޔިތުންނަށް، ދިވެހިންނަށް، ދިވެހި ޤައުމަށް އުފާ ފާގަތި، ނަސީބުވެރި ދުވަސްތަކެއް اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.