بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ

ފުރަތަމަވެސް ހުރިހާ ކުދިންނަށް، ހުރިހާ އެކަޑަމީއަކުން ބައިވެރިވި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަން. ވަކިން ޚާއްޞަކޮށް، މިއަދު ޗެމްޕިއަންކަން ހޯދި މާޒިޔާ އެކަޑަމީއަށް ވަރަށް ބޮޑަށް މަރުޙަބާ. ސޮކަރ ވެޓަރަންސް އެސޯސިއޭޝަނުން މިފަދަ މުބާރާތެއްމި އުމުރުފުރާތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާކަން މިއީ، ސަރުކާރުންވެސް ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުންވާ ކަމެއް. ޚާއްޞަކޮށް، ފުޓްބޯޅައަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ފެށިގެން އެންމެ މަޤްބޫލް، ދިވެހި ރައްޔިތުން އެންމެ ބޮޑަށް ލޯބިކުރާ ކުޅިވަރު.

މި ކުޅިވަރު ކުރިއެރުވުމަށްޓަކައި ސޮކަރ ވެޓަރަންސްއާއި އަދި މި މުބާރާތް އިންތިޒާމުކުރާ، އެހީތެރިވެދޭ ހުރިހާ ފަރާތްތަކަކުން އެ ކުރައްވާ މަސައްކަތް، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކުރަން. މިގޮތަށް ދިހަވަރަކަށް އަހަރު ހުއްޓުމެއްނެތި ރަނގަޅަށް ގެންދެވިއްޖެ ކަމަށްވަންޏާ، މިކުދިން އަށާރަ، ނަވާރަ އަހަރަށްދާއިރު، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ނަތީޖާއެއް ފެންނާނެހެން.

ދެން ކުދިން ގާތުގައި ހަމަ ބުނެލަން އޮތީ، ރާއްޖޭގައި 1980 އިން ފެށިގެން މިއަދާ ހަމައަށް ފުޓްބޯޅައިގައި ވިދާލި ކުޅުންތެރިންނަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ދެން ބައެއް ބޭފުޅުންގެ ނަންތައް އަޅުގަނޑު ދަންނަވާލާ ކަމަށްވަންޏާ، އިބްރާހީމް ނޫރައްދީނާއި، ކުޑަ މޫސައާއި، މުޙައްމަދު ކަލީމާއި، މާއްޓެ މިތަނުން އަޅުގަނޑުމެންނަށް އެބަ ފެނޭ. މާއްޓޭ، އަދި ސައްޔިދު ޢަލީ. އަދި ފަހުން އައިސް، ޢަލީ އަޝްފާޤާއި، އަސްޢަދު ޢަބްދުލްޣަނީ. ވިކްޓްރީ ކައްޕި މުޙައްމަދު އިބްރާހީމް އަދި އަކްރަމް. މި ހުރިހާ ބޭފުޅުންނަށް ބަލައިލިނަމަވެސް، އަޅުގަނޑުމެންނަށް މި ފެންނަނީ، އެ ބޭފުޅަކު ޚިޔާރުކުރެއްވި ދާއިރާއެއްގައި ވަރަށް ކާމިޔާބުކަމާއެކު މަސައްކަތް ކުރައްވާތަން.

އެހެންވީމާ، ތިޔަކުދިންނަށް ހަމަ ނަސޭހަތެއްގެ ގޮތުން މިއަދު ބުނެލަން އޮތީ، ކުޅިވަރު ކުޅުމުންވެސް، ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއޭ. ޚާއްޞަކޮށް، މިގޮތަށް އެކަޑަމީގެ މުބާރާތްތަކުގައި ބައިވެރިވާ އެކިއެކި ސްކޫލްތަކުގެ ކުދިންނަށް، މިއަދު ވަރަށް ގިނަ ރައްޓެހިންވެސް ލިބިއްޖެ. ކުރީގައި ނުދަންނަ އެތައް ބަޔަކާ ބައްދަލުވެއްޖެ. އެހެންވީމާ، އެއިންވެސް ކުރިޔަށް އޮތް ދުވަސްތަކަށް ފަސޭހަތަކެއް ވެގެންދާނެ.

އެހެންވީމާ، ތިޔަކުދިން ހަމަ ސްކޫލްގެ ފިލާވަޅުތަކަށްވެސް އިސްކަންދެމުން، ޚާއްޞަކޮށް، މައިންބަފައިންނާއި އަދި މުދައްރިސުންގެ ބަސްއަހައި، އެ ދޭ ފިލާވަޅުތައް ބަލައިގަނެ ދަސްކުރަމުން، ކުޅިވަރުގެ ކަންތައްތަކުން މި ދެންނެވި ގޮތަށް ކަންތައްތައް ދަސްކުރަމުން ކުރިޔަށް ދިއުމަށް ހިތްވަރުދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

ޚާއްޞަކޮށް، ބެލެނިވެރިން، އަޅުގަނޑަށް އެނގޭ ވަރަށް ބޮޑަށް ހަމަ ވަރަށް ބުރަކޮށް އުޅުއްވައި، ފިލާވަޅުތައްވެސް ދަސްކޮށްދެއްވަމުން، އަދި ސްކޫލަށް ކުދިން ގެންދަވަމުން، ހަވީރު އަނެއްކާވެސް އެކަޑަމީގެ ޕްރެކްޓިސްއަށް ގެންދަވަމުން އެއީވެސް ބެލެނިވެރިން ކުރައްވާ ބުރަ މަސައްކަތެއްކަން. މީގެ ނަތީޖާއަކަށް ވެގެންދާނީ، އަޅުގަނޑު ޤަބޫލުކުރަނީ، ޤައުމަށްޓަކައިވެސް ރީތި ނަން ހޯދައިދޭނެ ދަރިންތަކެއް ތައްޔާރުކޮށްދެވުން.

އެހެންވީމާ، ދިވެހި ޤައުމަށް ރީތީ ނަން ހޯއްދަވައިދެއްވުމަށާއި، ޤައުމީ ޚިދުމަތަށްވެސް ޚާއްޞަކޮށް، ބެލެނިވެރިން އެ ކޮށްދެއްވާ ކަންތައްވެސް އަޅުގަނޑު ފާހަގަކުރަމުން، މި މުބާރާތް އިންތިޒާމުކުރާ ފަރާތްތަކަށް އަދިވެސް އެއްފަހަރު ޝުކުރު އަދާކުރަން. އަދި ވަކިން ޚާއްޞަކޮށް، ފާހަގަކޮށްލާނަން، ތުއްތުކުދިންގެ، ކުޑަކުދިންގެ މިކަހަލަ ކަމެއްގައި ބައިވެރިވެވުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން. ފުޓްބޯޅައަކީ އަޅުގަނޑުގެވެސް އެންމެ މަޤްބޫލު ކުޅިވަރު. އަޅުގަނޑުވެސް ކުޑައިރު މުޅިން އުޅުނީ ކުޅެން. އެހެންވީމާ، އެ އުފާވެސް އަޅުގަނޑު ލިބިގަންނަމުން، ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ބޮޑަށް މަރުޙަބާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.