ޕްރައިވަޓައިޒޭޝަން ކޮމިޓީން ހިންގަވާ މައިގަނޑު މަސައްކަތްތަކާބެހޭ މަޢްލޫމާތު ޙިއްޞާ ކުރައްވައި، އެމަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާބެހޭ މަޢްލޫމާތު، ވަޒީރުންގެ މަޖިލީހަށް ދެއްވައިފިއެވެ. މިމަޢްލޫމާތުތައް މަޖިލީހަށް ދެއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީއެވެ.
ޕްރައިވަޓައިޒޭޝަން ކޮމިޓީން ހިންގަވާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ހިންގުން، އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލް ގްރޫޕާ ޙަވާލު ކުރެއްވުމުގެ ކަންތައް، އެކޮމިޓީން ގެންދެވިގޮތުގެ ތަފްޞީލު، ވަޒީރުންގެ މަޖިލީހަށް ދެއްވަމުން، ހޮސްޕިޓަލް ހިންގުމުގެ ކަންތައް ގެންދަވާފައިވަނީ، ޤާނޫނާއި ގަވާއިދުތައް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ކަމުގައި މަޙްމޫދު ރާޒީ ވިދާޅުވެ، އެކަމުގެ ތަފްޞީލު ދެއްވިއެވެ.
އައި.ޖީ.އެމް. ހޮސްޕިޓަލާއި، އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އައުޓްސޯސް ކުރެއްވުމަށްޓަކައި، އެކަމުގެ ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރްޞަތު، އިންވެސްޓް މޯލްޑިވްސުން ހުޅުއްވާލެއްވީ، 15 ޖަނަވަރީ 2009 ގައެވެ. އެ ފުރްޞަތު ހުޅުއްވާލެއްވުމާ ގުޅިގެން، 14 ފަރާތަކުން އެކަމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. އޭގެފަހުން، ޕްރޮޕޯސަލް ހުށަހެޅުމަށް ދެއްވި މުއްދަތު، 15 ނޮވެމްބަރު 2009 ގައި ހަމަވިއިރު، ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ 4 ފަރާތަކުންނެވެ.
ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީ ދެއްކެވި ވާހަކަފުޅުގައި، މިޕްރޮޕޯޒަލްތައް، ކަމާބެހޭ ކޮމިޓީއަކުން ބައްލަވައި، އެކަށީގެންވާ ހުށަހެޅުމެއް އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާ ކަމަށް އެކޮމިޓީން ނިންމެވި ކަމަށާއި، މިގޮތަށް ނިންމެވުމާ ގުޅިގެން، އެޕްރޮޕޯޒަލްތައް ހުށަހެޅި ފަރާތްތަކަށް އެކަން އެންގެވި ކަމުގައި ވިދާޅުވިއެވެ.
އައި.ޖީ.އެމް.އެޗަކީ އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިނގަމުންދާ ތަނަކަށްވުމާއެކު، ކޮމިޓީއިން ދެން ނިންމެވީ މިކަމުގައި ޢަމަލުކުރާނެ ގޮތަކާ ބެހޭގޮތުން ދިވެހި ސަރުކާރުން އިންޑިޔާ ސަރުކާރާއެކު މަޝްވަރާ ކުރެއްވުމަށް ކަމަށާއި، އިންޑިޔާ ސަރުކާރުން މަޝްވަރާ ދެއްވީ، އައި.ޖީ.އެމް.އެޗް ހިންގުން އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލް ގްރޫޕާ ޙަވާލުކުރެއްވުމަށް ކަމުގައި މަޙްމޫދު ރާޒީ ވިދާޅުވިއެވެ. އެހެންކަމުން، އެމަޝްވަރާގެ މަތިން ޕްރައިވަޓައިޒޭޝަން ކޮމިޓީއިން އެގޮތަށް ނިންމެވީ ކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް މިކަމުގައި ހިނގާފައިނުވާނެ ކަމުގައި މަޙްމޫދު ރާޒީ ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލް ހިންގުން، އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލް ގްރޫޕާ ޙަވާލުކުރައްވާފައިވަނީ، އެކަމުގެ ފުރިހަމަ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ވީހާވެސް ހަމަހަމަ ގޮތެއްގައި ލިބޭނެ އުޞޫލުތަކެއްގެ މަތިން ކަމަށާއި، ރައްޔިތުންނަށް ބުރަ ބޮޑުނުވާނެ ގޮތެއްގެ މަތިން ކަމުގައިވެސް މަޙްމޫދު ރާޒީ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި، ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ކަންތައް ގޮސްފައިވާ ހިސާބާއި އަދި ހައުސިންގ ޑިވެލޮޕްމަންޓްގެ މަސައްކަތް ގޮސްފައިވާ ހިސާބާ ބެހޭގޮތުންނާއި، އެކިއެކި މަރްޙަލާގައި މިކަންކަން ހިނގާދިޔަ ގޮތުގެ މަޢްލޫމާތުވެސް މަޙްމޫދު ރާޒީ ދެއްވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން މަޝްވަރާ ކުރެއްވި އަނެއް މައްސަލައަކީ، ދައުލަތުގެ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑް އުވާލެއްވުމާއި، އަދި ފަންޑްގައި ހިމެނޭ ފައިސާ އިންވެސްޓް ކުރުމުގެ މައްސަލައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައިވެސް މިކަމާ ބެހޭގޮތުން މެންބަރުންވަނީ މަޝްވަރާ ކުރައްވާފައެވެ. މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑާމެދު ޢަމަލުކުރައްވަން ފެނިވަޑައިގަންނަވާ ގޮތުގެ ދެހުށަހެޅުއްވުމެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ވަނީ ހުށަހަޅުއްވާފައެވެ. އެއް ހުށަހެޅުއްވުމަކީ، ފަންޑްގައި ޖަމާކޮށްފައިވާ ފައިސާ، ފަންޑްގެ ބައިވެރިންނަށް ދޫކުރެއްވުމެވެ. އަނެއް ހުށަހެޅުއްވުމަކީ ސަރުކާރު ޙިއްޞާވާ ޕަބްލިކް ލިސްޓަޑް ކުންފުންޏެއްގެ ޙިއްޞާ ގަތުމެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، މިއަދުގެ ޖަލްސާއިން ނިންމެވީ، މިދެހުށަހެޅުއްވުމުގެ ތެރެއިން އެމިނިސްޓްރީއަށް ފެނިވަޑައިގަންނަވާ ހުށަހެޅުމަކާ އެއްގޮތަށް ޕްރޮވިޑެންޓް ފަންޑްގެ ކަންތަކުގައި ޢަމަލު ކުރެއްވުމަށެވެ.
ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގެވުމަށްޓަކައި މިނިސްޓްރީތަކުން ކުރައްވާ ބައެއް މަސައްކަތްތައް، މިނިސްޓްރީތަކާއި ޕްރޮވިންސް އޮފީސްތަކާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން ޕްރޮވިންސް އޮފީސްތަކާ ޙަވާލުކުރެއްވުމަށް މި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވުމާއެކު، އެކަމާގުޅޭ ފުރަތަމަ އެއްބަސްވުން މިއަދުގެ ޖަލްސާއިން ފާސްކުރައްވައި، މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވުމަށް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. މި އެއްބަސްވުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޕްރޮވިންސް އޮފީސްތަކާ ދެމެދުވެވޭ އެއްބަސްވުމެކެވެ.