އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ އަޙްމަދު ޝަފީޤް އިބްރާހީމް މޫސާ، މޯލްޑިވްސް ސައެންސް ސޮސައިޓީގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ސައެންސް ސޮސައިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ ސޮސައިޓީގެ ރައީސް މުޙަންމަދު އިޖާޒާއި، ސެކްރެޓަރީ ޖެނެރަލް އަޖްމަލް ޝަހީދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ ދެއްކެވި ވާހަކަފުޅުގައި، ބޮޑެތި ކަންތައްތައް ޙާޞިލް ކުރެވެނީ ވަރަށް ގިނަ ކުދިކުދި ކަންތައްތައްތަކެއް ކުރަމުން ކުރަމުން ގެންގޮސްގެން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ކުރިއަށް އޮތް ދިހައަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަކީ، ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ޕްލޭން ޙަޤީޤަތަކަށް ހެދުމަށް މަގުފަހިކުރުމުގައި މޯލްޑިވްސް ސައެންސް ސޮސައިޓީއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތަކަށް ދިވެހިން ހޭލުންތެރިކުރުމުގައި މުހިންމު ދައުރެއް އަދާކޮށްދެއްވުމަށް މޯލްޑިވްސް ސައެންސް ސޮސައިޓީގެ އިސްބޭފުޅުންގެ އަރިހުން އެންވޯއީ ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީ އެދިވަޑައިގެންނެވިއެވެ.

މޯލްޑިވްސް ސައެންސް ސޮސައިޓީން ހިންގަވާ ކަންތައްތަކަށް ސަރުކާރުގެ އެއްބާރުލުން ދެއްވައި، އެހީތެރިކަން ފޯރުއްވައިދެއްވިދާނެ ގޮތްތަކާބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.