بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ހުޅުމާލެ ހޮސްޕިޓަލްގެ ސީ.އީ.އޯ. މާރިޔާ ސަޢީދު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ހައިކޮމިޝަނަރ، ހުޅުމާލެ ހޮސްޕިޓަލްގެ އިސްވެރިން، ފޮރިން ސެކްރެޓެރީ، މިނިސްޓްރީ އޮފް ހެލްތުން ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު ވަރަށް އުފަލާއެކު، މި ފާހަގަކުރަނީ މިއަދު މި ފެށިގެން މިދާ ޚިދުމަތުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާ ތަން. އާދެ، އެނގިވަޑައިގަންނަވާނެ، މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރެއްގެ ނިމުމާއެކު، އެ އުފާވެރި، އެ ބޭނުންވާ ކަންތައްތަކުގެ ފެށުން.

މި ސަރުކާރު ވުޖޫދުވެގެން އައުމާއެކު، އަޅުގަނޑުމެން އެންމެ ބޮޑަށް އެ ދާއިރާއަކަށް ފޯކަސްކުރި ދާއިރާއަކީ، ޚާއްޞަކޮށް، ވަލްނަރަބްލް ކޮމިއުނިޓީސް. ބާކީވެފައި ތިބި ފަރާތްތަކަށް، އެކަހެރިވެފައި ތިބި ފަރާތްތަކަށް، އެންމެ ބޮޑަށް ކަންތައްތަކަށް ބޭނުންވެފައި ތިބި ފަރާތްތަކަށް، ކަންކަމުން މަޙްރޫމްވެފައި ތިބި ފަރާތްތަކަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުން. ނަސީބު ކަންދިމާކުރި ގޮތުން، އަޅުގަނޑުމެންގެ މުޅި ޓީމުގެ ވިސްނުންހުރީވެސް އެގޮތަށް. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ މިކަމަށް ވަރަށް ބޮޑަށް ބާރުއެޅުއްވި. އަދި މިކަމުގައި ކުރިއަށް ދިއުމަށްޓަކައި އެކަމަށް ވަރަށް ބޮޑަށް އިރުޝާދު ދެއްވި.

ހަމަ އެއާއެކު، އަޅުގަނޑު މިއަދު ހަމަ ފާހަގަކޮށްލަން ބޭނުން، އަޅުގަނޑު މި ދެންނެވި ކަންތައްތައް ކާމިޔާބު ކުރުމަށްޓަކައި، އެ ކަންތައްތައް ހާސިލުކުރުމަށްޓަކައި ކަމާ ގުޅުންހުރި ދާއިރާތައް ގުޅިގެން ވަރަށް ގިނަގުނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވުނު. އޭގެތެރޭގައި އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުން، ޚާއްޞަގޮތެއްގައި ހެލްތު ދާއިރާއާ ގުޅޭ ގިނަ ކަންތައްތަކެއް ފަސޭހަކުރުމަށްޓަކައި، ސްޓްރީމްލައިން ކުރުމަށްޓަކައި، ޒަމާނާ އެއްގޮތަށް ކަންތައްތައް ކުރުމަށްޓަކައި، ހެލްތު މިނިސްޓްރީއާއި، މިހާރުގެ ޖެންޑަރ މިނިސްޓްރީއާއި، ހުޅުމާލެ ހޮސްޕިޓަލާ އެކީގައި ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް އެކުގައި ކުރެވުނު. އެކަމަށް އެންމެ ބޮޑަށް އެއްބާރުލުން ދެއްވި އެއް ބޭފުޅަކީ، ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް.

ހަމަ އެއާއެކު، ސޯޝަލް ދާއިރާގައި ޚާއްޞަކޮށް، އަޅުގަނޑު ފަށަމުން މި ދެންނެވި ކަންތައްތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި، މުޅި ސަރުކާރުގެ ޓީމު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި، ކޮންމެ ދުވަހަކު ސޯޝަލް ކައުންސިލް ބަލަހައްޓާ މީހެއްގެ ގޮތުގައި އަޅުގަނޑާއެކު ހަމަ އެއްވަރަކަށް، އެކަމުގައި ކަންތައްތައް ކުރަންޖެހޭ ގޮތާއި، ދާންޖެހޭ މަގު ދައްކަވައިދެއްވައި، ވަރަށް ގިނަ އިރުޝާދުތަކާއި ލަފާތަކެއް އަޅުގަނޑަށް ދެއްވަމުން ގެންދެވި ބޭފުޅަކީ، އަޅުގަނޑުމެންގެ ސޯޝަލް ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީ. މި ވާހަކަ ދައްކާ ކަމަށްވަންޏާ، ދެއްކިދާނެ އިނގޭތޯ. ހަމަ ވަރަށް ގިނަ ބޭފުޅުންގެ ނަންފުޅު އަޅުގަނޑަށް ފާހަގަކުރެވިދާނެ. އެހެންނަމަވެސް، މިކަހަލަ ޙަފްލާއެއްގައި، ދެން އެހާ ވަގުތު އޮންނަ ކަމެއް ނޫން، އެ ހުރިހާ ބޭފުޅުންގެ ނަންތައް ގެނައުމަކީ.

ފަސް އަހަރު ވެގެންދާއިރު، އަޅުގަނޑަށް ހަމަގައިމުވެސް ފެނިގެންދިޔަ ކަމަކީ، އެކިއެކި މުއައްސަސާތައް، މިސާލަކަށް އަޅުގަނޑުމެން ބަލައިލަމާ ހިނގާ، އާސަންދަ ކުންފުނި ނުވަތަ އެންސްޕާއަށް. ބަލައިފި ކަމަށްވަންޏާވެސް، އެތަނުގައި ތިއްބެވި ވެރިންނާއެކުވެސް، އަޅުގަނޑުމެންނަށް ކުރެވުނީ، އަޅުގަނޑު ފަށަމުންވެސް ދެންނެވި މަސައްކަތްތައް. އެ މަސައްކަތްތައް އެންމެ ރަނގަޅަށް ރައްޔިތުންނަށް ޑެލިވަރ ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް. އެހެންވީމާ، އެ ލެވެލްއިން މީގައި އަޅުގަނޑުމެންނާއެކު، އެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި. މިކަމުގައި އެކިއެކި މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން، އަމިއްލަ ބޭފުޅުން، މިސާލަކަށް، އަޅުގަނޑަށް ފަހަތު ސަފުންވެސް އެބަ ފެނޭ، މެޑަމް އަނީސާމެން ފަދަ ބޭފުޅުން. މި ބާވަތުގެ ކަންތައްތަކުގައި ވަރަށްގިނަފަހަރު މަތިން ފޯނުން ގުޅުއްވައި، ރައީސް އޮފީހަށް ވަޑައިގެން، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް، އެ ބޭފުޅުން ބޭނުންފުޅުވާ ގޮތް، ވިސްނުންފުޅުގައި ހުރިގޮތްވެސް ވިދާޅުވެދެއްވާ.

އެހެންވީމާ، ދަންނަވަން މިއުޅެނީ، އަޅުގަނޑުމެންނަށް ކުރެވުނު ކޮންމެ ކަމެއްގައި، ދިވެހި ޤައުމަށް ހެޔޮއެދޭ އެތައް ބައެއްގެވެސް ބައިވެރިވުން އޮތް ވާހަކަ. ޚާއްޞަކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ދާއިރާއިން ނުކުޅެދުންތެރިކަން ހުރި ނުވަތަ އަޅުގަނޑުމެން މި ކިޔާ ތަންކޮޅެއް ބޮޑަށް އަޅައިނުލެވި، ދޫކޮށްލެވިފައި އޮތް ފަރާތްތަކަށް އެހީވުމުގައި.

އެނގިވަޑައިގަންނަވާނެ، މި ދެންނެވި މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ 2019 ގައި އަޅުގަނޑުމެން ފެށި މަސައްކަތެއް މިއީ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ ޤާއިމުކުރުމުގެ މަސައްކަތަކީ. ވަރަށް ޝައުޤުވެރިކަމާއެކު، ވަރަށް ޕެޝަނޭޓްކޮށް އަޅުގަނޑުމެންގެ ތެރެއިން ހަމަ ހުރިހާ އެންމެން މި މަސައްކަތް ކުރީ. އަޅުގަނޑު ކުރީގައި މި ދެންނެވި މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި އަދި ވަރަށް ގިނަ ސްޓޭކް ހޯލްޑަރސް މީގައި ތިބީ އިނގޭތޯ. އިންޓްރެސްޓަޑް ޕާޓީސްތައް މީގައި އުޅުނު ވަރަށް ބޮޑަށް މިކަން ކުރަން. މިއަދު އަޅުގަނޑަށް ވަރަށް ގިނައިން ބެލިއްޖެ މި ބޯޑަށް. މިތާ ހުރިއިރު، މީހުންގެ މޫނަށްވުރެ ބޮޑަށް އަޅުގަނޑަށް މި ބެލުނީ ބޯޑަށް. އެއީ، އެކަމުގައި މި ދެންނެވި ބޭފުޅުންގެ އޮތް ޝައުޤުވެރިކަން ބޮޑުކަމުން. އެއިން ހާސިލުކުރެވޭނެ ނަތީޖާ، 2019ގެ ޖަނަވަރީން ފެށިގެން އަޅުގަނޑުމެންނަށް ފެންނަން ފަށައިފި. މިކަމުން ލިބޭނެ ފައިދާ އަޅުގަނޑުމެންނަށް ފެނުނު. ދެންމެ އެ ވިދާޅުވީ، 18 އަހަރުން ދަށުގެ 480 ކުދިންނޭ. ވިސްނައިލައްވާ.

އެހެންވީމާ، އެކަން ކުރުމުގައި މި ދެންނެވި ގޮތަށް އަޅުގަނޑުމެން ވިސްނުން ގެނައީ. މި ދާއިރާއަށް އަޅުގަނޑުމެން އެބަޖެހެއޭ ކަންތައްތަކެއް ކުރަން. އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނީ، މާލޭ އޭރިއާގައި، މުޅި ރާއްޖޭގައި، މިއީ ތަންކޮޅެއް ބޮޑަށް ދޫކޮށްލެވިފައި އޮތް ކަމެއް ކަމަށް. ކުރީ ސަރުކާރުތަކުންވެސް މަސައްކަތްތަކެއް ކުރެވިފައި ހުރި.

ދެން އެހެންނަމަވެސް، މިކަމާ ގުޅިގެން އަޅުގަނޑުމެންގެ އޭރު ވިސްނުމަކަށް ވެގެންދިޔައީ، މުޅި ރާއްޖޭގައި މިކަން ފުޅާކުރަން. ﷲ އިރާދަކުރެއްވީތީ، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ދަށުން، އަޅުގަނޑުމެންނަށް ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ މަސައްކަތްތަކެއް ފެށިއްޖެ. އަޅުގަނޑާ ބައްދަލުވެއްޖެ ޕޭރަންޓުންނާ. ވަރަށް ރަނގަޅު ކޮމެންޓްސްތައް އަޅުގަނޑު ގާތުގައި ވިދާޅުވި. ހަމަ އެއާއެކު، މިދިޔަ މަހު އަޅުގަނޑަށް ދެވުނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް. ގޮސްފައި ހަމަ އޭރުގެ ވިސްނުމުގައި، ނޯދަން ސެންޓަރުގެ ގޮތުގައި އަޅުގަނޑުމެން ވިސްނީ. އެތަން ވުޖޫދުވެފައި އެބަހުރި. އެތަން ބަލައިލުމުން، ވަރަށް ބޮޑު އުފާވެރި ކަމެއް ލިބުނު. ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު. އެއީ، 2019ގެ ޖަނަވަރީ މަހު އަޅުގަނޑުމެން ފެށި މަސައްކަތް، ލަހުން ނަމަވެސް، ހަތަރު އަހަރުގެ ތެރޭގައި ނަމަވެސް، ކަމެއް ކުރެވުނީތީ. އޭގެ ސަބަބުން އާރު.ޓީ.އެލް. މެދުވެރިކޮށްވެސް މުޅި ސަރަޙައްދަށް އެ ފަސޭހަކަން ލިބިގެންދާތީވެ. އެ މަންޒަރު ފެނުނީމާ ލިބުނީ ހަމަ އާދަޔާޚިލާފް އުފާވެރި ކަމެއް.

އަދި އެހިސާބަކުންވެސް އަޅުގަނޑުމެން ނިންމައެއްނުލަން. ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއި، މިހާރުވެސް ބައެއް ހޮސްޕިޓަލްތަކުގައި، ސްޕީޗް ތެރަޕީ ސެންޓަރުތައް ޤާއިމުކުރެވިފައި އެބަހުރި. ރެކްރޫޓް ކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ހެލްތުން މިހާރުވެސް ކުރިޔަށް އެބަ ގެންދަވާ. އެހެންވީމާ، ފުޅާވަމުން މިދަނީ. ހަމަ ބެލޫނަކަށް މިހެން ވައިޖަހާލީމާ ފުޅާވާގޮތަށް، ވަރަށް ބޮޑަށް ޚިދުމަތްތައް ފުޅާވެގެން މިދަނީ. މީގެ ނަތީޖާ އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް ރަނގަޅުވާނެ.

ދެން އެއާއެކު، ރަނގަޅު ވާހަކަފުޅެއް، މިއަދު މި ހުޅުވިގެންމިދާ ޕްރޮސްތެޓިކް އެންޑް އޯތޮޓިކް މި ލެބް ޤާއިމުކުރުމުގެ ވާހަކަ ދެކެވިގެން ދިޔައީ. އެކަމުން ލިބޭނެ ފަސޭހަތަކުގެ ވާހަކަ އޭރު ދެކެވިގެން ގޮސް މަސައްކަތްތަކެއް ފެށުނީ. ފެށުމާއެކު ދެން އެނގިވަޑައިގަންނަވާނެ، ކޮމިއުނިޓީ، މި ހައި އިމްޕެކްޓް ޕްރޮގްރާމްތަކެއް، ދެންމެ ހައިކޮމިޝަނަރ ވިދާޅުވިގޮތަށް، އިންޑިއާ އެއިޑްގެ ދަށުން އަޅުގަނޑުމެންނަށް ލިބިފައި ހުރި.

އޭގެތެރެއިން ފޮރިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން ބެލިން ސޯޝަލް ސެކްޓަރގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ވަރަށް ބޮޑު ބައެއް ހިމަނަން. މެންޓަލް ހެލްތާއި، މި ޕްރޮސްތެޓިކް މިބަޔާއި އަދި ސްކޫލްތަކުގައްޔާއި، ފުވައްމުލަކުގައްޔާއި، ކުޅުދުއްފުށްޓާއި މި ތަންތަނުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓުތައް ޤާއިމުކުރުމަށް އަޅުގަނޑުމެން ހުށަހެޅިން. އެއީ، މިނިސްޓްރީ އޮފް ހެލްތާއި، ޖެންޑަރ މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް އެއީ، ސޯޝަލް ސެކްޓަރ ތެރޭގައި މި ބައިތައް ހިމެނުން. އެކަމުގައި ފޮރިން މިނިސްޓްރީ އަދި ކުރީގެ ހައިކޮމިޝަނަރ ސަންޖޭ ސުދީރު އަދި މިހާރުގެ ހައިކޮމިޝަނަރާވެސް ޑައިރެކްޓްކޮށް ވާހަކަ ދެކެވިގެން، މިއީ، މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނު. އެހެންވީމާ، އެގޮތުން އަޅުގަނޑުމެންނަށް މިއަދު މި ހުޅުވިގެންދާ ލެބަށްވެސް އެހީތެރިކަން ލިބިގެންދަނީ.

އަދިވެސް ވަރަށް ގިނަ ކަންތައްތައް އެބަހުރި. އަދި ހަމަ ނިމޭކަށް ކައިރިވެސް ނުވޭ. އަދި ސޯޝަލް ސެކްޓަރގައިވެސް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ޑޮކްޓަރ މުޞްޠަފާއާއި އަޅުގަނޑުމެން ލިޔެފިން. އަޅުގަނޑުމެންގެ ވަރަށް ގިނަ ވާހަކަތައް އެބަހުރި. އަދި ހަމަ ނުނިމި ފަހަތުގައި ޞަފުޙާތަކެއް އޮތީ. އެ ކަންތައްތައް އިރާދަކުރެއްވިއްޔާ، ކުރެވިގެންދާނެ. ދިޔައީމާ ހަމަ ހަންޑްރެޑް ޕަރސެންޓް ޔަޤީން، މީގެ ހިތްހަމަޖެހުމާއި އުފާވެރިކަން މުޅި މުޖުތަމަޢަށް، މުޅި ރައްޔިތުންނަށް، ޚާއްޞަކޮށް، މި ދެންނެވި ޢާއިލާތަކަށް ލިބޭނެ. އަޅުގަނޑުމެންގެ ހިތުގައި ވަރަށް އިޙްސާސްތައް އުފެދޭ، އެގޮތަށް ތިބި ޢާއިލާތަކަށް ކޮށްދޭންޖެހޭ ކަންތައްތައް ނުކުރެވި އޮތީމަ. އެ ކަންތައްތައް ކޮށްދިނުމުގެ ޝައުޤުވެރިކަން އަބަދުވެސް އޮވޭ.

އެނގިވަޑައިގަންނަވާނެ، ހުޅުމާލޭގައި ވަޒަންވެރިވެ އާބާދުވެގެން މިދަނީ ހަމަ ވަރަށް ބާރު ސްޕީޑެއްގައި. ކޮންމެ ދުވަހަކު އެއަރޕޯޓަށް އެރައިވަލްސް އަންނަގޮތް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، ހުޅުމާލޭގައި ހެދިގެންދާ ފްލެޓްތަކާއި، ތަންތަނަށް މީހުން އަންނަ މަންޒަރު. ފޭސް 2 އަށް އެރައިވަލްސް. އެރައިވަލްސް ނަންބަރސްއިން އަންނަނީ. އެ ބޭފުޅުންނަށް ކޭޓަރ ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތައް ކުރަންޖެހޭ.

އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ފެށިން އެކަމުގައިވެސް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވީ، ފްލެޓުތަކަށް ބަދަލުވާ މީހުން އިތުރުވާތީ، ހަމަ މަސައްކަތްތަކެއް ކުރަން. ސްކޫލްތައް ހުޅުވަން، އަޅުގަނޑުމެން ވަރަށް ބާރަށް މަސައްކަތްކުރީ. ހަމަ ކޮންމެ ގޮތެއް ހަދާފައިވެސް، ދިރާސީ އާ އަހަރު ފެށޭ ދުވަހު ފޭސް 2 ގައި ސްކޫލްވެސް ހުޅުވާނަމޭ، އަޅުގަނޑުމެން ދެންނެވިން. އިރާދަކުރެއްވީތީ، އެކަންވެސް އަޅުގަނޑުމެންނަށް ހާސިލުވެއްޖެ. އެންމެ ރަނގަޅަށް އަދި މުޅިން ހުރިހާ ކަމެއް ކޮމްޕްލީޓް ވެފައި ނެތް ކަމުގައިވިޔަސް، އެކަމުން ލިބުނު ފަސޭހަ މާބޮޑު. ތަޙައްމަލް ކުރަންޖެހޭ ކުދިކުދި ދަތިތަކަށްވުރެ، މާބޮޑު ފަސޭހަތަކެއް ޚާއްޞަކޮށް، ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލިބުނު. ޞަލާޙުއްދީން ސްކޫލަށް ސަތާރަސަތޭކަ ވަރަކަށް ދަރިވަރުން އަޅުގަނޑުމެން ބަދަލުކޮށްފިން. އެހެންވީމާ، މިހުރީ މީހުން ޖަމާވުމާ ގުޅިގެން އަޅުގަނޑުމެން ކުރާ ކަންތައްތައް.

ދެން އޮތީ ހެލްތު ދާއިރާ. އެންމެ މުހިންމު ދާއިރާ މިއީ. ރައްޔިތަކަށް، އިންސާނަކަށް ދިރިދުނިޔޭގައި ހުރުމަށްޓަކައި އެންމެ ބޮޑަށް މި ބޭނުންވާ ކަމަކީ ދުޅަހެޔޮ ޞިއްޙަތެއް. ފުރިހަމަ ޞިއްޙަތެއް ލިބުން. އެއަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް. ދިރިހުރެގެން އަޅުގަނޑުމެންނަށް ކިޔެވެނީވެސް. އެހެން ކަމެއް ކުރެވެނީވެސް. މަސައްކަތެއް ކުރެވެނީވެސް. އެހެންވީމާ، ޞިއްޙަތަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް. އަޅުގަނޑު އިއްޔެވެސް ހެލްތު މިނިސްޓްރީއަށް ސަޕްރައިޒް ވިޒިޓެއް ކޮށްލިން، މިނިސްޓަރަށް ނުވެސް އަންގާ. އެވެސް ދެން ހެލްތަށް އަޅުގަނޑުމެންގެ ހިތުގައި އެ އޮންނަ ޤަދަރު ބޮޑުކަމުން.

ދަންނަވަން މި އުޅޭ ވާހަކައަކީ، ޚާއްޞަކޮށް، މިނިސްޓަރ ޢަލީ ޝިޔާމުގެ އިސްނެންގެވުމާއެކު، މާރިޔާ ސަޢީދު އަދި އެ ބޭފުޅުންގެ މެނޭޖްމަންޓާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވެމުން އެބަދެއޭ. ހަމަ އެއާއެކު އައި.ސީ.ޔޫ.، އަދި އެން.އައި.ސީ.ޔޫ.ގެ މަސައްކަތްވެސް ކުރިއަށް އެބަދޭ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މިނިސްޓަރ ވިދާޅުވެއްޖެ، ވިހެއުމުގެ ރޭޓް މިހާރުވެސް ދަށްކަމަށް. ރޭޓް ދަށޭ ވިދާޅުވީ. އެހެންވީމާ، ޤައުމެއްގައި ޕޮޕިއުލޭޝަނަކީ، މުހިންމު އެއްޗެއް. ކޮންމެ ސަރވިސްއެއް، ކޮންމެ ކަމެއް ކުރުމުގައި ރަނގަޅު އަދަދެއްގެ ޕޮޕިއުލޭޝަނެއް ނެތި، އެއްވެސް ކަމެއް ނުކުރެވޭ. ކޮންމެ ކަމެއް ފުރިހަމަވަނީ، ބޮޑު ޕޮޕިއުލޭޝަނެއް އޮވެގެން.

އެހެންވީމާ، ވިސްނުން ބަދަލުކޮށް އަޅުގަނޑުމެން އެބަޖެހޭ، ކުރިޔަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެންގެ ޕޮޕިއުލޭޝަން އިތުރުކުރަން. އަޅުގަނޑުމެން ޕޮޒިޓިވް ގޮތަކަށް ދެކެން އެބަޖެހޭ. ބާރތް ރޭޓް ކޮންޓްރޯލްކޮށްގެން ގޮސް، ކުޑަކުޑަ ޕޮޕިއުލޭޝަނެއް އޮވެގެން، ދެން ކޮންމެ ކަމެއް ކުރަން އަޅުގަނޑުމެން ބޭރުގެ ފަރާތްތަކަށް ޑިޕެންޑްވެގެން އައީމާ، މުޅިން ރީތިކޮށް ޤައުމީ ސިފަވަންތަކަން އަޅުގަނޑުމެންނަކަށް ނުފެންނާނެ. އަޅުގަނޑުމެންނަކީ، އެކުވެރި ޤައުމެއް. ސައްތައިންސައްތަ މުސްލިމް ޤައުމެއް. އެއް ބަހަކުން ވާހަކަ ދައްކާ، އެއް ނަސްލެއްގެ، އެއް ވައްތަރަކަށް ތިބޭ ބައެއް. ދެން އޮޅޭވެސްމެ، އެހެން މީހަކު ފެނުނީމާވެސް. އެހާވެސް ގުޅުންހުރި ބައެއް އަޅުގަނޑުމެން މިއީ.

އަޅުގަނޑު ޤަބޫލުކުރަނީ، ހެލްތު ދާއިރާ ފުޅާވެގެންމިދާ ދިއުމުގައި، އުތުރާއި ދެކުނުންވެސް މި ޚިދުމަތްތައް ލިބުނީމާ ޚާއްޞަކޮށް، މާބަނޑު މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް. އަޅުގަނޑުމެން އެ ބަޔަކަށްޓަކައި އެންމެ އަޅައިލަންޖެހޭ މީހުން އެއީ، މާބަނޑު މީހުން. އަދި ވިހެއުމަށް ދާންދެން، ހަމަ އެއީވެސް ފަރުވާދީ، ވަރަށް ބޮޑު އަޅައިލުމެއް އަޅުގަނޑުމެން ދޭންޖެހޭ ބައެއް. އެ ފަރާތްތަކަށް ހިތްހަމަޖެހުން ލިބެން އެބަޖެހޭ. ތިމަންނާއަށް ބޭނުންވާ ޚިދުމަތްތައް، ތިމަންނާގެ ފުރަތަމަ ހަފްތާއިން ފެށިގެން ގޮސް، 9 މަހާއި 9 ދުވަސް ވަންދެން، އެ ލިބެންޖެހޭ ޚިދުމަތްތަކާއި، އަދި ކުއްޖާ ވިހެއުމަށްފަހު، އެ ކުއްޖާއަށް އެންމެ ކްރިޓިކަލް ވަގުތުތަކުގައިވެސް ލިބެންޖެހޭ ޚިދުމަތްތައް ލިބެންޖެހޭ. މިއަށްވުރެ މުހިންމު ކަމެއް ނޯންނާނެ ސަރުކާރަކުން ކުރާކަށް. އެހެންވީމާ، ކުޅުދުއްފުށީގައްޔާއި، އައްޑޫގައި، އެން.އައި.ސީ.ޔޫ.އާއި އަދި ވިހެއުމުގެ ކަންތައްތަކާއި، މާބަނޑު މީހުންގެ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ފުރިހަމަވާން އެބަޖެހޭ. އެއީ، ސަރުކާރަކުން އެންމެ މުހިންމުކަން ދޭންޖެހޭ ކަންތައް.

މިއަދު ހުޅުމާލެއަށް އެތައް ހާސް ބަޔަކު ޖަމާވެގެންދާއިރު، އެ ފަރާތްތަކަށް އަޅުގަނޑުމެންނަށް ދެވޭނެ ހިތްހަމަޖެހުމަކަށް މިވަނީ، ހުޅުމާލޭ ހޮސްޕިޓަލްގައި އަޅުގަނޑު ކުރީގައި މި ދެންނެވި އޮޕަރޭޝަން ތިއޭޓަރ، އަދި އެން.އައި.ސީ.ޔޫ.އާއި، އައި.ސީ.ޔޫ. މި ހުރިހާ ތަނެއް ފުރިހަމަވެ، މާބަނޑު މީހުންނަށްވެސް ރަނގަޅަށް ކޭޓަރ ކުރެވޭނެގޮތް ފުޅާވެގެންދިޔުން. އޭގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލްގައި މި އިނީޝިއޭޓިވްތަކުގެ، ފުޅާކުރުމުގެ، އެކްސްޕޭންޑް ކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން އަޅުގަނޑުމެން ފޭސް 2 ގައި މިހާރުވެސް ވާނެ، ޖެނެރަލް ޕްރެކްޓިޝަން ކްލިނިކެއް ހުޅުވާފައި. އަޅުގަނޑުމެންނަށް އެނގޭ، ފޭސް 2 ގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފަސޭހަކުރަން އެބަޖެހޭކަން. ޖެހޭ ހަމަ ކޮންމެ ކަމެއްގައި. ހަމަ ކެއްސައިލީމާ، ވެކްސިނެއް ޖަހަން، ނޫނީ ލޭގެ ސާމްޕަލް ނަގަން، ނޫނީ ކޮންމެ ކަމެއްވާއިރަށް މި ބާރުބޮޑު ބްރިޖު ހުރަސްކޮށްފައި ދާންނުޖެހޭ ގޮތަށް އޮތުން މުހިއްމު. އަޅުގަނޑުމެންނަށް މި ކުރެވުނު އެއް މަސައްކަތަކީ، އެކްސިޑެންޓްތަކުން މީހުން ސަލާމަތް ކުރުމަށްޓަކައި، މާލޭ އޭރިއާގެ މި ޓްރެފިކް މަގުގައި، ރޯޑް ސޭފްޓީ ޤާއިމުކުރުން.

އެހެންވީމާ، އެ ބޭކާރުގޮތުގައި ކޮންމެ ކަމެއްގައި ދުއްވާފައި އަންނަންޖެހޭ އައުމާއި، ވަގުތާއި، މި ހުރިހާ ކަމަކަށް ބަލާފައި، ހުޅުމާލެ ހޮސްޕިޓަލްގެ ދަށުން ފޭސް 2ގައި އަޅުގަނޑުމެންނަށް ކްލިނިކެއް މި ހުޅުވުނީ. އޭގެ ފަސޭހަކަން އެބަ ލިބޭ، ދުވާލަކު ސަތޭކައަށްވުރެ ގިނަ މީހުން އެތަނަށް ގޮސްގެން އެ ޚިދުމަތްތައްވެސް އެބަ ހޯދާ.

އެހެންވީމާ، މިއީ ވިޝަން. މިއީ އަޅުގަނޑުމެންގެ ބްރޯޑް ވިޝަން. ކޮންމެވެސް ދުވަހަކުން މި ކޮމްޕްލީޓް ކުރުން. ދެން ނޫނީ އިތުރަށް ފުރިހަމަކުރަމުންދާނީ. ދުވަހަކުވެސް ފުރިހަމަކުރުމަކަށް ނިމުމެއްވެސް ނާންނާނެ. ކޮންމެ ބަޔަކު ތިއްބަސް މިއީ ކުރާނެ މަސައްކަތެއް.

އެހެންވީމާ، އަޅުގަނޑު މިއަދު މި ކަންތައްތައް ފާހަގަކޮށްލީ. ޚާއްޞަކޮށް، ސީ.އީ.އޯ. މާރިޔާ ސަޢީދަކީވެސް ވަރަށް ޕެޝަނޭޓް ބޭފުޅެއް. އަޅުގަނޑާ ވަރަށް ގިނައިން ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާ. ވަރަށް ގިނަ ފަހަރަށް އަޅުގަނޑަށް މިތަނަށް އާދެވޭ. މިތަނުގެ މުވައްޒަފުންނާ އަޅުގަނޑާ ވަރަށް ގިނައިން ބައްދަލުވޭ. ޑޮކްޓަރ ޖުމައިލާއާއި، ޑޮކްޓަރ ފަރުޒާނާއާ ބޭފުޅުން، އަޅުގަނޑަށް ފެނުނުހެން ހީވަނީ. އާދެ، އެ އިންނެވީ އެ ބޭފުޅާ. މި ބޭފުޅުންނާ ވަރަށް ގިނަ ފަހަރު އަޅުގަނޑާ ބައްދަލުވެސްކުރެވި، މި ބޭފުޅުން ބޭނުންފުޅުވާ ގޮތާއި، ވިސްނުން ހުރިގޮތް އެނގުނީމާ އަޅުގަނޑު ވަރަށް އުފާވޭ. އެއީ ސަރުކާރުގެ ވިޝަން، ސީދާ މިޝަން. އަޅުގަނޑުމެން ބޭނުންވާ ގޮތަށް، އެ ބޭފުޅުންގެވެސް ވިސްނުންފުޅު ހުރީ.

އެހެންވީމާ، އުންމީދަކީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ އަދި މިއަށްވުރެވެސް އިތުރަށް ފުޅާވެގެންދިޔުން. އަޅުގަނޑުމެންގެ ވިސްނުން ހުރީ އިރާދަކުރެއްވިއްޔާ، މުޅި ރާއްޖެއަށް މި ޚިދުމަތްތައް ފުޅާކޮށް، ކޮންމެ އަތޮޅެއްގައިވެސް ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ ފަރުވާ، އެ ޚިދުމަތް ލިބޭނެގޮތަށް ކަންތައްތައް ކުރުމަށް. ކޮންމެ ކަމެއްގައި މާލެ އަންނަންޖެހޭ އައުން ކުޑަކުރުމަކީ އެއީ، ސިޔާސަތު. އެއީ، އެންމެން ކުރަންޖެހޭ ކަމެއް. އެހެންވީމާ، ކުރިއަށް އޮތް އަހަރުތަކުގައި އިރާދަކުރެއްވިއްޔާ، އެކަން ހަމަ ބާރަށް ކުރިޔަށްދާނެ.

ދެން އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން، އިންޑިއަން ހައިކޮމިޝަނަރަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން.

Thank you very much. It has been a great pleasure and an honour for me to work with you in the last few years. I remember that we have had many discussions to pull out some of those projects from what you call the high impact programs for the social sector. And thank you so much, you have already done it and given to the education and health and gender, these areas you have allocated a lot and I am hundred percent sure we have years ahead, there is a long way to go and then there is so much we can do for the people of this country and we will always be. Thank you so much.

 އަޅުގަނޑު ފަށަމުން ދަންނަވާލި ގޮތަށް، ވޭތުވެދިޔަ ދުވަސްތަކުގައި ހުރިހާ މިނިސްޓަރުންނާއި، ހުރިހާ ބޭފުޅުން މި ދާއިރާއަށް ބެހެއްޓެވި ލޯތްބާއި، މި ކަންތައްތަކުގައި ކުރެވުނު އެކްސްޕީރިއަންސަކީ، ތަޖުރިބާއަކީ، ވޮންޑަރފުލް ތަޖުރިބާއެކޭ. އަޅުގަނޑު ދަންނަވާނީ، ހަމަ ވޮންޑަރފުލް އޭ. ފައިވް އިޔަރސް، ހަމަ މެމޮރީޒްގައި އަބަދުގެ އަބަދަށް ލިޔެވިފައި އޮންނާނެ. ދުވަހަކުވެސް ފިލައިގެން ނުދާހާ ރަނގަޅު ތަޖުރިބާތަކެއް ކުރެވުނީ. ކޮންމެ ބޭފުޅަކަށްވެސް މަސައްކަތްތަކެއް ކުރެއްވުނީ. ސަކަރާތެއް ނޫން ޖެއްސެވުނީކީ. ހަމަ ރިއަލް މަސައްކަތްތަކެއް ކުރެއްވުނީ އިނގޭތޯ. މިތާ އެބަ ތިއްބެވި ވަރަށް ގިނަ ބޭފުޅުން. ދެން އަޅުގަނޑު ނަމެއް ނުކިޔާނަން. މިތަނުން އަޅުގަނޑަށް، ވަރަށް ފަހަތުންވެސް އެބަ ފެނޭ. މި ދެންނެވި ގޮތަށް،

އެ ބޭފުޅުންނާވެސް ފޯނުން ވާހަކަ ދެކެވުނު. އެހެންވީމާ، ފޯނުން ވާހަކަ ދެކެވިގެން، މި ސަރުކާރުން، އަޅުގަނޑުމެން އަޑުއެހީ. އަޅުގަނޑު ޤަބޫލުކުރަނީ، ކުރެވުނު ކަމެއް ވެއްޖިއްޔާ ކުރެވުނީ، ހޯދުނު ކާމިޔާބީއެއް ވެއްޖިއްޔާ ހޯދުމުގެ އަޞްލަކަށް ވެގެންދިޔައީ، އެންމެން އެކުގައި ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށް.

It has been great, it has been a wonderful time. A great honour and pleasure for me to work with all of you, every one.

 މިކަމުގައި ބައިވެރިވެވުނީތީ އަޅުގަނޑު އުފާކުރަން. މިއީ، އަޅުގަނޑަށް ލިބުނު ޝަރަފެއް. މީގެ ފަސޭހަކަން އެންމެހައި ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން އޮތް ވާހަކަ ދަންނަވާލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމަލާނީ.

اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް ދުޅަހެޔޮ ޞިއްޙަތެއް އަބަދުމެ މިންވަރު ކުރައްވައި، އެކުގައި ކުރިއަށް ދިޔުމުގެ ހެޔޮ ވިސްނުން ދެއްވައި، މުޅި ޤައުމަށް އަމާންކަމާއި، ހަމަޖެހުން ގެނައުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.