އިންޑިޔާއިން ޑިމޮކްރަސީއާއި، މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން ބަލައިގެންފައިވާ މިންވަރު އެއީ، ރާއްޖެއަށް ފިލާވަޅުތަކެއް ލިބެމުންދާނެ ކަންތައްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާދަމާ ފާހަގަކުރާ އިންޑިޔާގެ 60 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މިރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ހުންނަ އިންޑިޔަން ހައިކޮމިޝަނުން އިންތިޒާމް ކުރެއްވި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ޖުމްހޫރީ ވެރިކަމަށް ބައްލަވާލައްވަމުން، ކާމިޔާބުނުވާނެ ކަމަށް ބައެއް މީހުން ބުނެބުނެ ތިއްބާ، ޑިމޮކްރެސީއާއި މިނިވަންކަމުގެ މައްޗަށް ބިނާކޮށް ޖުމްހޫރިއްޔަތެއް އުފެއްދުމަށް އިންޑިޔާއިން ނިންމި ނިންމުމަކީ، އެ ޤައުމުން ނިންމި ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށާއި، މިއަދު އިންޑިޔާއަކީ މިނިވަންކަމާއި އުންމީދު އާލާކޮށްދޭ ހުޅުކޮޅެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު ޑިމޮކްރަސީ އަދި މިއޮތީ ވަރަށް ޅަފަތުގައި ކަމަށާއި، މިއީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ދުވަސްކޮޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގެ މުސްތަޤްބަލަށްވެސް އޮތް އެންމެ ބޮޑު އުންމީދަކީ، ޑިމޮކްރަސީ ކަމަށް ގަބޫލުފުޅުކުރައްވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިނިވަން މުޖްތަމަޢެއް އުފެއްދުމަށް އިންޑިޔާގެ ފަރާތުން ރާއްޖެއަށް ފިލާވަޅުތަކެއް ދަސްކުރެވޭނެ ފަދައިން، މިނިވަން އިޤްތިޞާދެއް އުފެއްދުމުގައިވެސް އިންޑިޔާގެ ފަރާތުން ރާއްޖެއަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިން އޮތީ ސަރުކާރުގެ ބާރުގެ ދަށަށް މާބޮޑަށް ގޮސްފައިކަން ބަޔާންކުރައްވަމުން، މިކަމުގެ ސަބަބުން އިންވެސްޓްމަންޓާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުންވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، މިއަދު އިންޑިޔާވަނީ ދުނިޔެއަށް ހުޅުވާލެވިފައި ކަމަށް ވިދާޅުވެ، މިކަމުގެ ސަބަބުން މިވަގުތު ދުނިޔޭގައިވާ އެންމެ ބޮޑު އިޤްތިޞާދުތަކުގެ ތެރޭގައި އިންޑިޔާގެ އިޤްތިޞާދު ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަމިގޮތަށް ރާއްޖޭގެ އިޤްތިޞާދުވެސް ދުނިޔެއަށް ހުޅުވާލެވިއްޖެނަމަ ރާއްޖެއަށްވެސް މިކަމުގައި ކާމިޔާބު ހޯދޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާއިން ހޯދާފައި މިވާ ކާމިޔާބީތައް ފާހަގަކުރާއިރު ތާރީޚުން ޢިބްރަތް ލިބިގަންނަންޖެހޭނެ ކަމަށާއި، ޑިމޮކްރަސީ ބަލައިގަނެ އިޤްތިޞާދު މިނިވަން ކުރެވިއްޖެނަމަ، ރާއްޖޭގެ ރައްޔިތުންނަށްވެސް އަދަށްވުރެ މާ ފާގަތި ދުވަސްތަކެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިޔާގެ ރައީސާއަށާއި، ބޮޑުވަޒީރަށާއި، އިންޑިޔާގެ އެކުވެރި ރައްޔިތުންނަށް އަދި ރާއްޖޭގައި އެކި ވަޒީފާ ތަކުގައި ތިއްބެވި އިންޑިޔާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.