ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙަންމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 3 ފަނޑިޔާރުން ސޮއިކުރައްވައި، 21 ޖަނަވަރީ 2010 ދުވަހު ނެރުއްވާފައިވާ ޤަރާރު ނެރުއްވުމުގައި، ޤާނޫނުއަސާސީގެ 165 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ބޭނުން ކުރައްވާފައިވަނީ، ހައިކޯޓުގެ ފަނޑިޔާރަކު އިންތިޚާބު ކުރުމުގައި ގެންގުޅުއްވި ހަމަތަކުން ބޭރުން، ޑިމޮކްރަސީގެ ރިވެތި އުޞޫލުތަކާ ޚިލާފަށް ކަމަށާއި، އަދި ދީމުޤްރާޠީ މުޖްތަމަޢެއްގައި ޤަބޫލު ކުރެވޭ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށް، އެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، މިކަމާ ގުޅޭގޮތުން އެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. މި ބާރު ބޭނުންކުރައްވާފައިވަނީ، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރާމެދު ރައްޔިތުންގެ ކުރީމަތީގައި އިތުބާރު ގެއްލޭފަދަ ގޮތެއްގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.
އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަކިކުރެއްވުމުގައި، ހައިކޯޓުން ޢަމަލުކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 165 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުންކަމަށްވީނަމަވެސް، ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން ލިބިދޭ ކޮންމެ ބާރެއްގެ ބޭނުންހިފަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް، މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޤާނޫނުއަސާސީގެ 165 ވަނަ މާއްދާގެ ދަށުން، ޢަބްދުލްޣަނީ މުޙަންމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް، ހައިކޯޓުގެ 3 ފަނޑިޔާރަކު ސޮއިކުރައްވައި ޤަރާރެއް ނެރުއްވާފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަބްދުލްޣަނީ މުޙަންމަދު 26 ޖުލައި 2009 ދުވަހު ހަމަޖައްސާފައިވާ ހަމަޖެއްސުން ނިމުމަކަށް އައިސްފައިވާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދަށް ދަންނަވާފައެވެ.
ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 11 ވަނަ މާއްދާގައި، ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިޝަނަށް ޢައްޔަންކުރި ފަރާތުން އެމަޤާމަށް މީހަކު އަލުން ޢައްޔަންކުރަންވާނެ ކަމަށް ބުނެފައިވާތީ، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނުމަށްޓަކައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ނަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ދަންނަވާފައެވެ.