ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ މަސައްކަތްތެރި ކުދިންތަކެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިގޮތަށް އެދިވަޑައިގަތީ މިއަދު ހަވީރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި "ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާޙަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސްކޫލް ކުދިން ތަރުބިއްޔަތުކުރުމުގައި ޓީޗަރުން މިހާރުވެސް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާއިން ތަމްރީނުތައް ހިންގައި މީހުން ބިނާކުރުމަށާއި އަދި ޓީޗަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދުނިޔެއަށް އަންނަ ބަދަލުތަކަށް ޓީޗަރުންވެސް ހޭނުމުގެ މުހިންމުކަން ފާހަގަކުރައްވައި އައު މަޢުލޫމާތާއި ޢިލްމު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންދިއުމަށް ހިތްވަރުދެއްވިއެވެ. އަދި ކުދިން ތަރުބިއްޔަރު ކުރުމުގައި މުޖުތަމަޢުގެ ތެރޭގައި ހުރި އެކި ނުރަނގަޅު އޮއިވަރުތަކުގައި ނުޖެހި ކުރިޔަށްދެވޭނެ މަގު ކުދިންނަށް ދައްކައިދީ ކުދިންގެ ތަރުބިއްޔަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމަނިކުފާނު ޓީޗަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

"ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން"ގެ ނަމުގައި ބޭއްވި މި މިފޯރަމަކީ، އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ލިމިޓެޑްގެ މާލީ އެހީގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގުޅިގެން އިންތިޒާމުކޮށްފައިވާ ފޯރަމެކެވެ. މި ފޯރަމަކީ މުދައްރިސުންގެ ފެންވަރުމަތި ކުރުމާ، އޯ ލެވެލަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާ، އުނގަންނައި ދިނުމުގެ މާޙައުލުން ކުރެވޭ ތަފާތު ތަޖުރިބާ ޙިއްސާ ކުރުމުގެ ތެރެއިން އުނގެނުން ފަހި ކުރުމުގެ މަޤުޞަދުގައި ބޭއްވި ފޯރަމެކެވެ. މި ފޯރަމުގައި މާލޭ ސަރަޙައްދުގެ ސްކޫލް ތަކުގެ ގްރޭޑް 10،9 އަށް ކިޔަވައިދެއްވާ 258 ޓީޗަރުން ބައިވެރިވިއެވެ. މި ފޯރަމްގައި މަޢުލޫމާތު ދީފައިވާ މާއްދާ ތަކުގެ ތެރޭގައި އިނގިރޭސި ،ހިސާބު،ފިޒިކްސް، ކެމިސްޓްރީ ، ބައޮލޮޖީ، ގެ އިތުރުން އާރޓް އެންޑް ޑިޒައިން އަދި ކޮމްޕިއުޓަރ ސައިންސާއި މެރިންސައިންސް ހިމެނޭއިރު ފޯރަމުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައި ވަނީ، ރާއްޖެއާ ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

އެކި ސެޝަންތަކަށް ބަހާލައިގެން މިއަދު ބޭއްވި މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިފޯރަމްގައި ބައިވެރިވެރިވި ސްކޫލްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.