• މި އިންޓަރވިޔުގައި، ރާއްޖެ ޓީ.ވީ.ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ނައިބު ފައިޞަލް ނަސީމުގެ އަރިހުގައި ސުވާލުތައް ދެންނެވީ، އެތަނުގެ ހެޑް އޮފް ޕްރޮގްރާމް އެންޑް ކޯޑިނޭޝަން ޢާމިރު ސަލީމެވެ.

 

ޢާމިރު ސަލީމް:

އަޅުގަނޑުމެންގެ މި ޕްރޮގްރާމުގައި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް. މަރްޙަބާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ. ޝުކުރިއްޔާ.

ޢާމިރު ސަލީމް:

ކިހިނެއްތޯ ހާލުއަހުވާލު؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ވަރަށް ރަނގަޅު.

ޢާމިރު ސަލީމް:

ވަރަށް އުފާވެއްޖެ އިނގޭތޯ ބައްދަލުވީމަ. ފުރަތަމަ ކަމަކަށް، ފައިޞަލްގެ 50 ވަނަ އުފަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އަޅުގަނޑުމެން ރާއްޖެ ޓީ.ވީ.ގެ ހުރިހާ މުވައްޒަފުންނާއި، މެނޭޖްމަންޓާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަރިސްކުރަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ.

ޢާމިރު ސަލީމް:

ތާރީޚީ ވަގުތެއްގައި މި ބައްދަލުވީ އިނގޭތޯ. މީހެއްގެ ޙަޔާތުން 50 އަހަރު ފާއިތުވެގެން ދިއުމަކީ، ވަރަށް ބައިވަރު ތަޖުރިބާއާއި، ވަރަށް ގިނަ ކަންކަން ދަސްވެ، ވަރަށް ބޮޑަށް ދުނިޔެ އެނގިގެންދާނެ ދިއުމަކަށްވާނެތާ ދޮގެއްތޯ.

އެހެންވީމާ، އަޅުގަނޑުމެން ކޮންމެވެސްވަރަކަށް ފައިޞަލްގެ ޙަޔާތްޕުޅުގެ ވޭތުވެދިޔަ 50 އަހަރުގެ ބައެއް ވާހަކަ ދައްކާލާނަން. ހަމަ އެއާއެކު، ސިޔާސީގޮތުން މި ދުވަސްކޮޅު މިހުރި ބައެއް ވާހަކަތަކާ ގުޅޭގޮތުން ފައިޞަލް ދެކެވަޑައިގަންނަވާ ގޮތްވެސް އަޅުގަނޑު ސާފުކޮށްލެވޭތޯ މަސައްކަތް ކުރާނަން.

ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް، ނައިބު ރައީސްކަން އެންމެ ދިގު މުއްދަތެއްގައި ކުރެއްވި ބޭފުޅަކީ ފައިޞަލް. މާނައަކީ، ވަފާތެރިކަމާއެކު ނައިބު ރައީސް ކަމުގައި ހުންނެވި ބޭފުޅަކީ ފައިޞަލްއޭ އިނގޭތޯ. އެހެންވީމާ، ސިޔާސީ ވަރަށް ބޮޑު ބޭފުޅަކަށް ފައިޞަލް ވެވަޑައިގަންނަވާނެ ހަމަގައިމުވެސް އިނގޭތޯ.

ފުރަތަމަ ފަށާނީ އަޅުގަނޑަށް ހީވަނީ، ފައިޞަލްގެ ޙަޔާތްޕުޅުގެ އެންމެ ކުރީ ހިސާބުން ބައެއް ވާހަކަ. ހަނދުމަފުޅު ހުރި ބައެއް ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާކޮށްލެއްވިއްޔާ ރަނގަޅު. އެންމެ ކުރީގެ ބައެއް ހަނދާންތައް އިނގޭތޯ. އެއީ ރަށުގައި އުޅުއްވިއިރު، ތުއްޕުޅުއިރުގެ އެންމެ ކުރީގެ ބައެއް ހަނދާންތައް، އާދަޔާޚިލާފް ބައެއް ކަންކަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން އިނގޭތޯ. ޚާއްޞަކޮށް، ރާއްޖެ ޓީ.ވީ.ގެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑުގެ ޙަޔާތުގައި މިއަދު މިފަދަ ފުރުޞަތެއް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި.

އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް ޙަޔާތުގައި އަންނާނެ ދުވަސްތަކެއް އަޅުގަނޑުވެސް ގުނަމުން މިދަނީ. އާދެ، ކުޑައިރުގެ ކަންތައްތަކުގެ ހަނދާންތައް. އެނގިވަޑައިގަންނަވާނެ، އެ ދުވަސްވަރު ޚާއްޞަކޮށް، ރަށްރަށުގައި ދެން ވަރަށް ތަފާތު. މުޅި ރާއްޖޭގައިވެސް، މިހާރުގެ ކުދިންނަށް ސިކުނޑިއަށް ގެންނަން، ހިތަށް ގެންނަން ތަންކޮޅެއް ހަމަ އުނދަގޫވެސް ވާނެ. އޭރު، މީގެ ގާތްގަނޑަކަށް 50 އަހަރު ކުރީގެ ވާހަކަ. އެހެންނަމަވެސް، އަޅުގަނޑު ހަނދާން ހުރީ ގާތްގަނޑަކަށް މީގެ ސާޅީސް ހަތަރު އަހަރު، ސާޅީސް ފަސްވަރަކަށް އަހަރު ކުރީގެ ހަނދާންތައް.

އަޅުގަނޑަށް ދެން ހަމަ އަބަދުވެސް ހަނދާނަށް އާދޭ، އެންމެ ކުޑައިރުވެސް އުމުރުން ހަތަރު ފަސް އަހަރު، ހަ އަހަރުގައިވެސް، ކުޅިވަރު ކަންތައްތަކަށް އަޅުގަނޑަށް ވަރަށް ބޮޑަށް ވަދެވުނު ހަނދާން. އޭރު ދެން ފާރެއް ނުހުންނާނެތާ، އިންފާރެއް ނުހުންނާނެތާ ދޮގެއްތޯ. އޭރު މުޅި ނެއިބަރސް އަވަށްޓެރިންނަކީ، މުޅިން އެއްބައެއްގެ ގޮތުގައިތާ އޮންނަނީ. އެހެންވީމާ، އެގޮތުން އެކަން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ އޭރުވެސް.

ދެން މިހާރު އާންމުކޮށް ނުކުރާކަހަލަ، އޭރު ދެން ގޭމްސްއާ، އެކަހަލަ އެއްޗެއްސެއް ނޫންތާ ހުންނާނީ ދޮގެއްތޯ. އެހެންވީމާ، މުޅިންވެސް ކުޅިވަރުގެ ކަންތައްތަކުގައި މޫދަށް ދިޔުން. ދެން ފުވައްމުލަކުގައި އެނގިވަޑައިގަންނަވާނެ، އޮންނާނެ "ކިޅި" ދޮގެއްތޯ. އަޅުގަނޑުމެން މިކިޔާ. ދެން ހަމައެއާއެކު، ޚާއްޞަކޮށް، އަޅުގަނޑުގެ ބައްޕައަކީވެސް ވަރަށް މަސައްކަތްތެރި ބޭފުޅެއް. އެހެންވީމާ، އަޅުގަނޑުގެ ހަނދާނަށް އާދޭ، އަޅުގަނޑު ގޮވައިގެން ތަންތަނަށް ބައްޕަ ވަޑައިގަންނަވާނެ އެންމެ ކުޑައިރުވެސް. މަސައްކަތުގެ ކަންތައްތަކުގައި އުޅުއްވާއިރުވެސް، އަޅުގަނޑު ގޮވައިގެން އުޅުއްވާނީ. ދެން ހަނދާންތައް އެބަހުރި އިނގޭތޯ. އޭރު ރަށުގައި މަކްތަބު ހުރީ. މަކްތަބަށް އަޅުގަނޑު ދާއިރުވެސް އަޅުގަނޑު ބައިސްކަލެއްގެ ހުންގާނުމަތީގައި އިންޓޯލު ހަމެއް އަޅައިގެން، އަޅުގަނޑު ދިޔަ ހަނދާން އަޅުގަނޑުގެ އެބަހުރި.

އޭރުވެސް އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް މިއީ، ބުރުއެޅުން. ދޮންވެލި އޮންނާނެތާ ގޭގައި ދޮގެއްތޯ. ބުރުއެޅުމާއި ތަންތަނަށް އެރުން. އޭރު ފާރަށް އަރަން، ފުރާޅުމައްޗަށް އަރަން، ގަސްތަކަށް އަރަން. ދެން އެހެން އުޅުނުއިރު އެބަހުރި އެކޮޅުކޮޅުން ވެއްޓިފައިވެސް. އެހެންނަމަވެސް، އިރާދަކުރެއްވީތީ މާބޮޑު އަނިޔާއެއް ނުވޭ. އެ އުމުރުގައި އެހެން ދިމާވާ ކަންތައްތަކުގައި އާންމުކޮށް މާބޮޑު އަނިޔާއެއް ނުވާނެ. އެއީ ދެން އެކްސްޕީރިއެންސް އެކަހަލަ. ދެން މި ބައިސްކަލްގައިވެސް އަޅުގަނޑު އަނެއް ކޮޅަށް ހުރެގެން ދުއްވަން. އެކަހަލަ ކަންތައްތައް ހުރޭ. ހުރެއެއްނޫންތޯ ފީފާ. އަޅުގަނޑުމެން ކިޔާނީ ތެޔޮފީފާ. އެ ދަގަނޑު ފީފާ. އޭގެ މައްޗަށް އަރައި، އެ ފުރޮޅަމުން ދުއްވަން. އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ދުވަހަކީވެސް މުޅިން ހަމަ ކުޅިވަރުގެ ދުވަހެއް. އެކަމަކު ހެނދުނު ފެށިގެންދާނީ ޤުރްއާން ކިޔެވުމުން. ދެން އޭރު އެއީ އެންމެ ފަށައިގަންނަ ދުވަސްވަރުތާ ދޮގެއްތޯ.

ދެން އަޅުގަނޑުގެ ހަނދާނަށް އާދޭ، އަޅުގަނޑު ބައިވެރިކުރުވާނެ ވަރަށް ގިނަ ކަންކަމުގައި. އަޅުގަނޑަށްވުރެ ތަންކޮޅެއް އުމުރުން ދޮށީ، އަޅުގަނޑުގެ އެއްބަނޑު ބޭބެމެން، ތިމާގެ މީހުން ކުރާ ކަންކަމުގައިވެސް. ދެން ކީކޭތޯ ދަންނަވާނީ، ވަރަށް ކެއަރިންގ އިނގޭތޯ. ބައްޕަ ކުރައްވާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑު ބައިވެރިކުރުވާނެ.

ޢާމިރު ސަލީމް:

އާދެ، ކެއިން ބުއިން ކިހިނެއްތޯ؟ މިސާލަކަށް ފުވައްމުލަކަކީ މިހާރުވެސް އަލައަށް ވަރަށް މަޝްހޫރު ރަށެއް ދޮގެއްތޯ. ކައްޓޮޅި އަލަ. އޭރުގެ ކެއިން ބުއިންވެސް އެހެންތޯ، ފައިޞަލް ތުއްޕުޅުއިރުގައި؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކައްޓޮޅި، ދެން އެނގިވަޑައިގަންނަވާނެ، އެއީ އާންމުކޮށް ކެއުމުގައި ހުންނަ އެއްޗެއް ނޫން. ދެން އެހެންނަމަވެސް، ދެން އާންމުކޮށް އެ ދުވަސްވަރު ހަމަ އަޅުގަނޑުމެންވެސް ބަތްކަނީ. މާ ޚާއްޞަ އެއްޗެހިތަކެއް ދެން އޭރަކު ނުހުންނާނެތާ ދޮގެއްތޯ، މިހާރު މި ހުންނަ ކަހަލަ ތައްޔާރުކޮށްފައި ހުންނަ އެއްޗިއްސެއް ނުހުރޭ. ހަށިގަނޑަށް ފައިދާވާ އެއްޗެހި މުޅިންވެސް ހުންނާނީ. މިހާރު ހުންނަ ކަހަލަ ހަށިގަނޑަށް ގެއްލުންވާ ކަހަލަ އެއްޗެއް ހަމަގައިމުވެސް އޭރަކު ނުހުންނާނެ. އެ ދެން އަޅުގަނޑަށް ލިބޭ ޔަޤީންކަމެއް.

ޢާމިރު ސަލީމް:

ފުރަތަމަ ސްކޫލަކަށް ވަޑައިގެންނެވި ދުވަސް ހަނދުމަފުޅު އެބަހުރިތޯ، ރަސްމީ ހައިސިއްޔަތުން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، މާލޭގައި. އަޅުގަނޑު މާލެއައީ، 1985 ވަނަ އަހަރު. އެއީ، އަޅުގަނޑުގެ އުމުރުން 12 އަހަރު. ދެން ވަރަށް މަޖާ ކަމެއް އިނގޭތޯ. އޭރު އަޅުގަނޑުގެ ބޭބެ މާލޭގެ ސްކޫލަށް ދޭ. ދެން މާލެއަކު ފުވައްމުލަކުގެ މާގިނަ ބަޔަކު ނެތް، އަޅުގަނޑު ތިމާގެ މީހުންގެ ތެރެއިން ވަރަށް މަދު ބައެއް މާލެ އައީ. މުޅި ރަށަށް ބަލައިފި ކަމަށްވަންޏާވެސް، ވަރަށް މަދު ބަޔަކަށް މާލެ އައިސް، ކިޔެވުމުގެ ފުރުޞަތު މި ލިބެނީ. ދެން މިހާރު ކަމަށްވަންޏާ، ކީކޭތޯ ދަންނަވާނީ، އެއަށްވުރެ މާގިނަ މީހުން ތިބޭނެ ދޮގެއްތޯ، އެމެރިކާ ފަދަ ތަންތަނާ އަޅައިބަލާއިރުވެސް އެއް ރަށަކަށް ނިސްބަތްވާ. އޭރު އެހާވެސް މަދު. އަޅުގަނޑު ސްކޫލަކަށް ވަންނަން އައީ. ދެން އެހެންނަމަވެސް، ވީގޮތަކީ މާލެ އައިސްފައިވެސް ވަދެވުނީ މަދަރުސާއަކަށް. ދެން އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ބައްޕައާ އެ ޝަކުވާ ކުރިން. އަޅުގަނޑު ދެންނެވިން ސްކޫލެއް ނޫނެއް ނޫންހޭ، މަދަރުސާއެކޭ މިއީ. އަޅުގަނޑު ބޭނުމީ ސްކޫލަކަށް ވަންނާށޭ. ދެން ކޮންމެއަކަސް ފަހުން އީ.ޕީ.އެސް. އަށް ވަދެވުނީ. އޭރުގެ ޕްރިންސިޕަލަކީވެސް ބައްޕަގެ ރަޙްމަތްތެރި ބޭފުޅެއް. އެހެންވީމައާއި، އަދި އަޅުގަނޑުގެ ބޭބެ ސްކޫލްގައި ހުރުމާއެކު، ދެން އަޅުގަނޑަށް އީ.ޕީ.އެސް. އިން 1985 ވަނަ އަހަރު ޖާގަ ލިބުނީ. ދެން ވަރަށް އެހެންގޮތަކަށް އެކަންވެސްވީ އިނގޭތޯ. ގްރޭޑް ހަތަރަކަށް އަޅުގަނޑު ވަންނަން ޖެހެނީ. އަޞްލު ގްރޭޑް ހަތަރެއްގެ ފެންވަރެއް އަޅުގަނޑުގެއެއް ނެތް. ޚާއްޞަކޮށް، ހިސާބާއި އިނގިރޭސި މި ދެ މާއްދާގެ. އެހެންވީމާ، ވަންނަން މި ޖެހެނީ ގްރޭޑް ތިނަކަށް. ދެން އެހެންނަމަވެސް، އަޅުގަނޑު ބައްޕައަށް ދެންނެވީ އަޅުގަނޑަކަށް ނުކެރޭނެއޭ ވަންނާކަށް. އެއީ، ސޯޓުލާންޖެހޭތީ. އޭރުވެސް ފުޓްބޯޅަ ކުޅޭ. އެހެންވީމާ، ކަށިމަތި މާ ރީއްޗެއް ނުވާނެ. ހަމަ ވަރަށް ބޮޑަށް ހަލާކުވެފައި ހުންނާނީވެސް. އެހެންވީމާ، އަޅުގަނޑަށް ހަމަ އުނދަގޫ ވަނީ އޭރު ސޯޓުބުރި ލާފައި ދާން. އެހެންވީމާ، ކޮންމެއަކަސް އަޅުގަނޑަށް ފުރުޞަތު ލިބުނީ ގްރޭޑް ހަތަރަކުން. އެއީ، އަޅުގަނޑަށް ކުރިމަތިވި ވަރަށް ބޮޑު ޗެލެންޖެއް. އަޅުގަނޑުގެ ހުރި ފެންވަރަށްވުރެ މަތީ ގްރޭޑެއްގައި އުޅެންޖެހުމަކީ، އަޅުގަނޑަށް ވަރަށް އުނދަގޫވި ކަމަކަށްވީ.

ޢާމިރު ސަލީމް:

އެ ހިސާބުން ފެށިގެން ދެން، އޯލެވެލް އާ ހަމައަށް އީ.ޕީ.އެސް.ގައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ.

ޢާމިރު ސަލީމް:

ކޮބައިތޯ އެހާ ހިސާބަށް އީ.ޕީ.އެސް.ގައި އަހަރުތަކެއް ހޭދަކުރެއްވިއިރު، އަބަދު އެކީގައި އުޅުނު ބަޔަކު އުޅޭނެ ދޮގެއްތޯ. ނޫނީވިއްޔާ، ސްކޫލް ދައުރުގައި އެންމެ ގާތްކޮށް އުޅުއްވި ބޭފުޅުން. ކޮބައިތޯ އެ ބޭފުޅުން. ކޮން ބޭފުޅުންނެއްތޯ އެއީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އެނގިވަޑައިގަންނަވާނެ، އެ ދުވަސްވަރު ގްރޭޑް 4 ގައި، ޢުމުރުން 12 އަހަރުގައި އުޅުނީ. މާގިނަ ފޮޓޯތަކެއް ނުހުންނާނެ. އަދި މިހާރު މި ހުންނަ ގޮތަށް މުވާސަލާތީ ވަސީލަތްތަކެއް ނުހުންނާނެ. ސޯޝަލް މީޑިއާއެއްވެސް ނެތް. ދެން ހުރިހާ އެއްޗެއްވެސް ހަނދާނުގައި ހުންނަން ޖެހޭނީ. ފޮޓޯތައްވެސް ހަނދާނުގައި ހުންނަން ޖެހޭނީ.

ޢާމިރު ސަލީމް:

އޭރު ދެން މާ ހަނދާން ގަދައޭ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ގްރޭޑް 4 ގައި. ދެން މި ދެންނެވި ގޮތަށް ޗެލެންޖެއް. މާލޭ ބަހުރުވަވެސް އަޅުގަނޑަށް ނޭނގެ. ދެން ވަރަށް އުނދަގޫވާނެ ދޮގެއްތޯ. އެހެންވީމާ، ކްލާހުގައިވެސް ވާގޮތަކީ، ރަށުބަހުން އަޅުގަނޑަށް ގިނައިން ވާހަކަ ދެއްކެނީ. އެހެންވީމާ، ދެން ކުޑަކޮށް އުނދަގޫވި. އެހެންނަމަވެސް، ކުޑަކުދިންވީމާ، އެހެން އެއްޗެކޭ މީހަކު އަދި އެހެން ކުއްޖަކު ބުންޏަސް، އެވެސް ވާނީ މަޖާ ކަމަކަށް، އެހެން ނޫންތޯ. އެހެންވީމާ، އެ ހުރިހާ ކަމެއް އައި.

ދެން އަޅުގަނޑާ އެއް ކުލާހެއްގައި ހަނދާން ހުރޭ މިހާރުގެ، މި ވަގުތުގެ މަޖިލީހަށް ބަލައިފި ކަމަށްވަންޏާވެސް، އަޅުގަނޑުގެ ކްލާސްމޭޓުން ވަރަށް ގިނަ. އަޅުގަނޑާ އެކުގައި އޭރު އުޅުއްވި. އަޅުގަނޑު އުޅުނީ އަށާރަ ވަނަ މަޖިލީހުގައި. އެމް.ޕީ. ޢަލީ ޢާޒިމާއި އަދި މިހާރުވެސް މެންބަރު އިމްތިޔާޒު ފަހުމީއާއި، މެންބަރު ޢަލީ މަޢުރޫފާއި އަދި ޢަލީ ޢާރިފް، މި ހުރިހާ ބޭފުޅުންނަކީ އަޅުގަނޑާ އެކުގައި، އަޅުގަނޑާ އެއް ކްލާހެއްގައި އުޅުއްވި ބޭފުޅުން. އަދި އެ ނޫނަސް، މިހާރުވެސް ހަމަ ވަރަށް އިސް، ރަނގަޅު މަގާމުތަކުގައި، ވަރަށް ރަނގަޅު، ތަޢުލީމީ ބޭފުޅުން އަދި އެކި ގޮތްގޮތުން ވަރަށް ކާމިޔާބު ބޭފުޅުން، އާދެ، އަޅުގަނޑުގެ ކްލާސްމޭޓުން އެކި ދާއިރާތަކުގައި އެބަ ތިއްބެވި. ހަމަ ކުޅިވަރުގެ ދާއިރާގައި، ވިޔަފާރީގެ ދާއިރާގައި އަދި ޚިދުމަތުގެ ދާއިރާގައި އަދި ޑޮކްޓަރީކަމުގައްޔާއި، އެކިއެކި ދާއިރާތަކުގައި ހަމަ އެބަ ތިއްބެވި.

ޢާމިރު ސަލީމް:

ކިޔަވައި ވިދާޅުވުމުގެ އިތުރުން، އީ.ޕީ.އެސް.ގައި އުޅުއްވިއިރު އިތުރަށް ކުރެއްވީ ކޮން ކަމެއްތޯ؟ އެކްސްޓްރާ ޙަރަކާތްތަކުގައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ކުޅެން އުޅުނީ. އަޅުގަނޑު މާލެ އައިސްފައި އުޅުނީ މއ. ސަމިޓްގައި. އެއީ އަޅުގަނޑުގެ ދޮންމަންމަގެ ގެ. ދެން އެއީ ގެޔަކީ. އެހެންނަމަވެސް، އަޅުގަނޑުމެން ތިބެނީ އަބަދުވެސް ކޮޓަރިއެއްގައި. އަޅުގަނޑުގެ ބައްޕަ މާކުރިއްސުރެ ފެށިގެންވެސް ކޮޓަރިއެއް ހިފާފައި ހުންނާނެ. އުމުރުން 12 އަހަރުން ފެށިގެން ދެން އަޅުގަނޑާ ބޭބެއާ ދެ މީހުން ހަމަ އެކަނި ކުލީ ކޮޓަރިއެއްގައި އަޅުގަނޑުމެން އުޅެމުންދިޔައީ. އެއީ، އަޅުގަނޑުމެން މާލެއަށް އައިސްފައި އުޅެންޖެހުނު ގޮތަކީ. ބޭބެވެސް އަޅުގަނޑަށްވުރެ ދެތިން އަހަރު ދޮށީ. އެހެންވީމާ، އެހާ އުމުރުން އަދި ދޮށްޓެއް ނުވާނެތާ ދޮގެއްތޯ. އަޅުގަނޑު ރަށުގައި އުޅުނުއިރުވެސް މުޅިންވެސް ފުޓްބޯޅަ ކުޅުނީ، އަޅުގަނޑުމެންގެ ގެއާ އިންވެގެން އޮންނަ ގޯޅިތެރޭގައި. ފުޓްބޯޅައަކީ އޭރު ލިބޭ އެއްޗެއް ނޫން. އެހެން ނަމަވެސް، ނަސީބު ކަންދިމާކުރި ގޮތުން އަޅުގަނޑަށް ލިބޭ ފުޓްބޯޅަ. ފުއްޕާހަމުގައި ފޮތިއޮޅައިގެން ކަހަލަ ގޮތަކަށް ކުޅެނީ. އެހެންނަމަވެސް، އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް އޭރުވެސް ގެނެސްދެއްވާ ފުޓްބޯޅަ.

ދެން އެހެންވީމާ، ފުޓްބޯޅައިގެ ފޯރީގައި މާލެއަށް އާދެވުނީ. ދެން އަޅުގަނޑުމެން އައި ދުވަސްވަރަކީ އެނގިވަޑައިގަންނަވާނެ، 1985 އަކީ، ދިވެހިރާއްޖޭގައި ފުޓްބޯޅައިގައި އަދި މިހާތަނަށް އެންމެ ފޯރިގަދަވި އަހަރު. ވިކްޓްރީ ސްޕޯޓްސް ކްލަބް ތަށި މިލްކުކުރި އަހަރު. އޭރު ނިއުރޭޑިއަންޓް އެއީ އެންމެ ގަދަ އެއް ކްލަބް. އެހެންވީމާ، އެ ފޯރީގައި އަޅުގަނޑަށްވެސް ހަމަ ކުޅެން ފެށުނީ. ދެން މުޅިންވެސް ކުޅުން އޮތީ. ފުޓްބޯޅައާއި ކްރިކެޓާ. ޚާއްޞަކޮށް، އެ ދެ ކުޅިވަރު ކުޅުނީ. އީ.ޕީ.އެސް.ގައިވެސް ވީގޮތަކީ، އެ ދުވަސްވަރު އިންޓަރ ސްކޫލް މުބާރާތްތަކަކީ، ވަރަށް ބޮޑަށް ޝައުޤުވެރިކަން އޮންނަ މުބާރާތްތަކެއް. ސަރުކާރުންވެސް އޭރު ސްކޫލްތަކުގެ ޚާއްޞަކޮށް، އިންޓަރ ސްކޫލް މުބާރާތްތައް ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް، ވަރަށް ބޮޑަށް ކުރިއެރުވި. އެގޮތުން، ފުޓްބޯޅަ މުބާރާތުގައްޔާއި، ކްރިކެޓް މުބާރާތުގައި އަޅުގަނޑު ސްކޫލަށް ކުޅުނިން. ދެން ކޮންޓިނިއުކޮށް އަޅުގަނޑަށް ނޭޝަނަލް ޓީމާ ހަމައަށް އާދެވި، ސްކޫލްގެ ކެޕްޓަންކަމާ އެކީގައި، ކްރިކެޓްގައިވެސް ދެން އަޅުގަނޑު ކުރިއަށް ދިޔައީ. މާލެއަށް ކިޔަވަން އަޔަސް ދެން އެކި ކުދިން ތަފާތުވާނެތާ. ބައެއް ކުދިން ރަށަށް ދާނީ ކިޔެވުމުގެ ރޮނގުން ވަރަށް މަތީ ފާސް، ނޫނީ އޭ ރިޕޯޓް ހޯދައިގެން. ދެން އެހެންނަމަވެސް، ކަން ދިމާކުރިގޮތުން، އަޅުގަނޑަށް ކުޅިވަރުގެ ރޮނގުން ލިބުނު އެއްޗެއް ލިބުނީ ސެޓްފިކެޓެއްގެ ގޮތުގައި، ނޫނީ ރިމާރކެބަލް އެއްޗެއްގެ ގޮތުގައި.

ދެން އެހެންނަމަވެސް، ކިޔެވުމުގައިވެސް އަޅުގަނޑު އެކަނި އުޅުނިން. ޓިއުޝަނެއް ނުނަގާ ހަމައެކަނި އަޅުގަނޑުގެ ބޭބެ ޠާޙާ ނަސީމްގެ އެހީއާ އެކީގައި، އަޅުގަނޑުވެސް ހަމަ ބަރާބަރަށް ފާސްވަމުން ދިޔައީ. ވަނަތައްވެސް ލިބެމުން ދިޔައީ. އެހެންވީމާ، ގޯހެއް ނޫން އެއްގޮތަކަށްވެސް.

ޢާމިރު ސަލީމް:

ވަރަށް ޅައުމުރުން ފެށިގެން ބޭބެއާއި ދެ ބޭފުޅުން މާލޭގައި އެހެން ކޮޓަރިއެއްގައި އުޅުއްވައި، އެ ހުރިހާ ކަމެއްގައި އުޅުއްވީ. މިހާރު ރަށްރަށުން އައިސް މާލޭގައި ކިޔަވަން މިހެން ތިބޭއިރު، ވަރަށްގިނަ ފަހަރަށް ވަރަށް ގިނަ މަސައްކަތް ކޮށްގެން އުޅޭނީ ދޮގެއްތޯ. ކިހިނެއްތޯ އެ ދިރިއުޅުއްވުން. ކޮންކޮން ކަންކަމެއްތޯ ކުރައްވަން ޖެހެނީ. މިސާލަކަށް، ބައެއްފަހަރަށް އިސްކުރުދޮށަށް ގޮސް ފެން ގެނައުމާއި، އާދެ، އަޅުގަނޑުވެސް ކުރި ކަންކަން އެއީ އިނގޭތޯ. ކިހިނެއްތޯ އެ ދުވަސްވަރުގެ ކަންކަން އޮންނަނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑުމެން މުޅިންވެސް އުޅުނީ ކޮޓަރި ކުއްޔަށް ހިފައިގެން. މާލޭގައި ގާތްގަނޑަކަށް ހަތަރު ފަސް ގެއެއްގައި އަޅުގަނޑުމެންނަށް އުޅެވުނު. ދެން ދާއިމީކޮށް އަޅުގަނޑުމެން އެއް ގެއެއްގައި ވަރަށްގިނަ ދުވަހު އުޅުނިން. އެއީ މއ. ސަމިޓް. 1985 އިން ފެށިގެން އެގޭގައި އުޅެވުނު. ދެން އަޅުގަނޑުމެންގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ތިބީ ބޭބެއާއި ދޮންމަންމަ. ބޭބެއަކީ، މަނާގޭ އިބްރާހީމް މަނިކު މއ. ސަމިޓް. ދެން މި ބޭބެ އެއީ ވަރަށް ރަނގަޅު ބޭފުޅެއް. އަޅުގަނޑުމެންނަށް، ކުދިންނަށް ވަރަށް ހެޔޮ. އަޅުގަނޑުމެންގެ ފަސް ފިރިހެން ކުދިން ތިބީ. އެއީ ބޭބެގެ ދެ ކުދިންނާއި އަދި އަޅުގަނޑުގެ ދޮންމަންމަގެ އަޅުގަނޑުގެ ބޭބެއާއި، އިތުރަށް އަދި އެއް ކުއްޖަކު ހުރޭ ޢަބްދުﷲ ފަތުޙީ އަޅުގަނޑާ އެކުގައި ސްކޫލްގައިވެސް އުޅުނީ.

އެހެންވީމާ، އަޅުގަނޑުމެންގެ ފަސްބެއިން ދެން އެ އުޅުނުއިރު، އަޅުގަނޑުމެން ކުރާ ކަމަކަށް އޮންނަނީ ހަމަ ކުޅުން. ހަމަ ފަސް މީހުންވެސް ކުޅުން. ހިއްކި ތަނަށް ދާނީ. ބަންދު ދުވަހެއް ކަމަށްވަންޏާ، ފަތިހު ފަސްގަޑި ބައިގައި ކުޅެން ދާނެ. ސްކޫލް ދުވަސްތަކުގައި މެންދުރުފަހު ސްކޫލް ނިންމާލާފައި، އެކެއް ޖަހާއިރު ކްރިކެޓް ކުޅެން. ހަވީރު ހަތަރެއް ޖަހާއިރު ފުޓްބޯޅަ ކުޅެން. ކުޅުން އަޅުގަނޑުމެންގެ ކަމަކީ. ބޭބެއާއި ދައްތަ އަޅުގަނޑުމެންނަކަށް އެހެން އިތުރު އެއްވެސް ކަހަލަ މަސައްކަތެއް ކުރާކަށް ނުޖައްސަވާ. އަޅުގަނޑުމެން ލައްވައި މާބޮޑު އެހެން ކަންތައްތަކެއް ދުވަހަކުވެސް ހަމަ ނުކުރައްވާ. އަޅުގަނޑުމެންގެ ތެރެއިން ފަސް ބެއިންނަށް އޮންނަނީ، ކުޅިވަރު ކުޅުމާ، ދެން ކިޔަވާނީ ދޮގެއްތޯ. އެހެންވީމާ، ވަރަށް ރަނގަޅަށް އަޅުގަނޑުމެންނާ ދޭތެރޭގައި ޚާއްޞަކޮށް، އަޅުގަނޑާ ދޭތެރޭގައި ވަރަށް ރަނގަޅަށް ކަންތައްތައް ކުރެއްވީ.

ޢާމިރު ސަލީމް:

ވަރަށް ޅައުމުރުގައި ވަޒީފާވެސް އަދާކުރައްވަން ފަށްޓަވައިފި. އަޅުގަނޑަށް އެނގިފައިވާ މަޢުލޫމާތު ގޯސް ނޫނިއްޔާ، ރާއްޖޭގެ ރިޒޯޓެއްގައި އެންމެ ހަގު އުމުރުގައި މެނޭޖަރުކަން ކުރެއްވި ބޭފުޅަކީވެސް ފައިޞަލް އިނގޭތޯ. އުމުރުން 20 އަހަރުގައި ރިޒޯޓެއްގެ މެނޭޖަރުކަން ލިބިވަޑައިގެންފި. އެ ވާހަކައަށް އަޅުގަނޑުމެން ދިޔުމުގެ ކުރިން އަޅުގަނޑުގެ ހިތަށްއަރަނީ، މިހާރުގެ އަނބިކަނބަލުންނާ ބައްދަލުވީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ބައެއް މީހުން ބުނަނީ ތަންކޮޅެއް ލަހުންނޭ އަޅުގަނޑަށް މީހަކާ އިނދެވުނީ. ދެން އެއީ އުމުރުން އޮނަތިރީސް އަހަރުގައި. ދެން މީގައި ވާގޮތަކީ އަޅުގަނޑުމެން ސްކޫލް ނިމުނުގޮތަށް މިއުޅެނީ ރިޒޯޓުގައި. ދެން ރިޒޯޓުގައި އުޅޭއިރު ރަށަށްވެސް ދެވޭލެއް މަދުވާނެތާ. ގިނަގިނައިން ދެން ނާންނާނެތާ މާލެއަކަށްވެސް. އެހެންވީމާ، އެކަހަލަ ގޮތަކަށް ދެން ދިމާވެފައި އޮތީ ކަންނޭނގެ. ދެން އަޅުގަނޑުގެ އަންހެނުންނަކީ ފުވައްމުލަކު ކުއްޖެއް. ދެން އެހެންނަމަވެސް، މާލެއިން ދިމާވީ. ކުރީގައި އެނގިގެނެއް ނޫން. ދެން އާންމުކޮށް، ފުވައްމުލަކުގެ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑު ދަންނަން. ދެން ވަރަށް ބޮޑަށް ގާތް ރަޙްމަތްތެރިކަން އޮވޭ. ރަށުގެ އެންމެންވެސް އެނގޭ. ދެން އެހެންނަމަވެސް، އަޅުގަނޑުގެ އަންހެނުން އަޅުގަނޑެއް ނުދަންނަން އެގޮތަކަށް. ރަށުންވެސް ފެނިފައި، ބައްދަލުވެފައެއް ނެތް. ދެން ހަމަ މާލެއިން ދިމާވީ. މާލެއިން ދިމާވެފައި، ދެން އެ ދުވަސް ޖެހުނީ އިނގޭތޯ. ދެން އަޅުގަނޑަށްވެސް ފަށައިގަންނަ ހިސާބަށް ދިޔައީ. ދެން އެ ވަގުތުވީ މިހާރުގެ އަންހެނުންވެސް ބޭނުންވެފައި ހުރީ ޙަޔާތެއް ފެށުމަށް. ދެން އެކަހަލަ ގޮތަކަށް ދެން ދިޔައީ.

ދެން ކޮންމެ މީހެއްގެވެސް ހުންނާނެތާ ނުދެއްކޭނެ ވާހަކަވެސް ދޮގެއްތޯ. ހުރިހާ ވާހަކައެއް ދައްކަންވެސް ފަސޭހައެއް ނުވާނެތާ.

ޢާމިރު ސަލީމް:

މިހާރު ދެ ބޭފުޅުންވެސް އެބަތިބި ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ތިން ކުދިން.

ޢާމިރު ސަލީމް:

ތިން ކުދިންވެސް އެބަތިބި. ކޮންކަހަލަ ބޭފުޅެއްގެ ގޮތުގައިތޯ އަނބިކަނބަލުން ސިފަކުރައްވަނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ޢާމިރު ދެން އެނގިވަޑައިގަންނަވާނެ، މިހާރު ދެން ވަރަށްގިނަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ދޮގެއްތޯ، ދިރިއުޅުމުގައި އެންމެ މުހިންމީ ދަރިން ދޮގެއްތޯ. ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމަކީ އެންމެ މުހިންމު ކަމަކީ. ކަންދިމާކުރި ގޮތުން، އަޅުގަނޑު އަބަދުވެސް އުޅެންޖެހުނީ ރަށުން ބޭރުގައި. ނޫނީ އަންހެނުން ދަރިންނާއެކު ރަށުން ބޭރުގައި. އެއީ، އަޅުގަނޑުގެ ދޮށީ ދަރިފުޅުގެ ފަރުވާއަށްޓަކައި. އުމުރުން ފަސްމަހުން ފެށިގެން، ހަ މަހުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި. އެހެންވީމާ، އެއީ އަންހެނުން ކުރި ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑަށް ފެނުނީ ވަރަށް ހިތްވަރުގަދަ އަންހެނެއްގެ ގޮތުގައި. ޚާއްޞަކޮށް، އަޅުގަނޑުގެ ދޮށީ ދަރިފުޅަށް ވަރަށް ބޮޑަށް ކެއަރިންގ ދިން. އެ ކަންތައްތައް އަޅުގަނޑަށް ވަރަށް ބޮޑަށް ފެނުނު. ދެން ހުރި ދަރިފުޅަށްވެސް، ބޭނުންވާވަރަށް އަޅުގަނޑަށް އަޞްލު ވަގުތު ނުދެވޭ. އެއީ، މަސައްކަތުގައި ރަށުން ބޭރުގައި އުޅެންޖެހުމާއެކު. ދެން މަސައްކަތް ކުރަންޖެހޭނެ ދޮގެއްތޯ. ކަންދިމާކުރި ގޮތުން އަންހެނުންނަކީ ޓީޗަރެއް. ދިމާވިއިރުވެސް ޓީޗަރެއް އިނގޭތޯ. ދެން އެހެންނަމަވެސް، މި ދެންނެވި ގޮތަށް، އެއް ޤައުމުން އަނެއް ޤައުމަށް އެގޮތަށް އުޅެން ޖެހުނީމާ، އެ މަސައްކަތެއް ނުކުރެވޭނެތާ ދޮގެއްތޯ. އަންހެނުންނަށް ޖެހުނީ މަސައްކަތް ހުއްޓާލަން. އެހެންވީމާ، އަޅުގަނޑު ޖެހޭނެތާ ދޮގެއްތޯ، މިހާރު ދިމާވިގޮތުން ވަރަށް ބޮޑަށް މަސައްކަތަށް ވިސްނަން. އެއީ، އުޅެންޖެހުނު ގޮތުން އަންހެނުންނަށް ނެތް މަސައްކަތެއް ކުރެވޭކަށް. ކުދިންގެ ކަންތައްތައް ވަރަށް ރަނގަޅަށް ގެންދިޔަ. ދެން އެއާއެކު، އަޅުގަނޑަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. އަޅުގަނޑުގެ ޙަޔާތުގެ ކޮންމެ ކުރިއެރުމެއްގައި އަންހެނުންނަކީ، އޭގެ އެއްބައި އިނގޭތޯ. އަބަދުވެސް ކޮންމެ މީހެއްގެވެސް ޙަޔާތުގެ ބައިވެރިޔާއަކީ، އެއީ އެމީހަކު ކުރާ މަސައްކަތުގެވެސް ކާމިޔާބީގެ ހަމަ ފިފްޓީ ޕަސެންޓް. އެހެންވީމާ، އަޅުގަނޑު ބަލަނީ އަޅުގަނޑުގެ ފިފްޓީ ޕަސެންޓެއް ނޫންކަމަށް. އަޅުގަނޑުގެ ސިކްސްޓީ ޕަސެންޓަށް ކަމަށް އަޅުގަނޑު މި ބަލަނީ.

ޢާމިރު ސަލީމް:

އަނބިކަނބަލުންނަކީ ދޮގެއްތޯ.

އާދެ، ދެމީހުން އެކުގައި ކުރާ މަސައްކަތުން ޙަޔާތެއް ކާމިޔާބުވަނީ ދޮގެއްތޯ. އެއީ، އެންމެންވެސް ޤަބޫލުކުރާނެ ކަމެއް. ދެން ބައެއްފަހަރު ޕަސެންޓޭޖް ތަފާތެއް އުޅޭނީ ދޮގެއްތޯ. އެހެން ނޫންތޯ. އެކަހަލަ ގޮތަކަށް ދަނީ.

ވަޒީފާއަކަށް ފުރަތަމަ ވަޑައިގެންނެވި ދުވަސް ހަނދުމަފުޅު އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ވަޒީފާއަށްދިޔަ ފުރަތަމަ ދުވަހުވެސް ހޯރަފުށީ މީހަކާ ދިމާވީވެސް އިނގޭތޯ. އަޅުގަނޑުގެ އުމުރުން އޭރު 18 އަހަރު. ޢާމިރު، އަޅުގަނޑު ސްކޫލްގައި އުޅުނުއިރުވެސް، މާގިނަ ކަންތައްތަކެއް އަޅުގަޑުގެ ސިކުނޑިއަކަށް ނާދޭ. މިހާރު ދެން އޮންނާނެތާ ޕައިލެޓް ޓްރޭނިންގއާއި، މެޑިކަލް ޑޮކްޓަރަކަށްވުމާއި، ދެން އެހެން ގޮސް، ލޯޔަރަކަށްވުމާ، ވަރަށް ތަފާތު ދޮގެއްތޯ. މިހާރު އެބަހުރިތާ ޗޮއިސްތައް ދޮގެއްތޯ. އޭރަކު ދެން ނޭނގޭނެތާ ރަށުގައި އުޅޭއިރު. ދެން އެ ހުރިހާ އެއްޗެއް ކިހިނެއްތޯ އަޅުގަނޑުމެންނަށް އެނގޭނީ. ކޯޗަކުންތޯ ފެންނާނީ. ދެން އެހެންނަމަވެސް، އަޅުގަނޑު ކުޑައިރުވެސް، އަބަދުވެސް މަންމަގާތު، ބައްޕަގާތު ބުނާނެ، އަޅުގަނޑު ބޮޑުވެގެން ވާނަމޭ، ބޯޓުދަތުރުކުރާ މީހަކަށް، ކެޕްޓަނަކަށް އިނގޭތޯ. ދެން ރިޒޯޓު މެނޭޖަރަކަށް. އެ ދެމެދުގައި އަޅުގަނޑު މުޅިންހެން އުޅުނީ. ދެން އެއީ، މާކުރީގައި އަޅުގަނޑުގެ ސިކުނޑީގައި ހުންނަ ކަމެއް އިނގޭތޯ. އޭރު ފާސްނުވެއްޖިއްޔާ ރިޕީޓްވާނެ ނޫންތޯ. ދެން އޭރު އަޅުގަނޑުމެންނަށް ގްރޭޑް އަށަކަށްވެސް މި ދެވެނީ، ގްރޭޑް އަށެއްގެ ވަކި ސްޓްރީމަކަށް މި ދެވެނީ، ޖޭ.އެސް.ސީ. އިން ފާސްވެގެން ދޮގެއްތޯ. އަޅުގަނޑުމެންގެ ބެޗް އެންމެފަހުން ޖޭ.އެސް.ސީ. ހެދީ. އެއީ ޖޫނިއަރ ސްކޫލް ސެޓްފިކެޓް. ދެން އެއްގޮތުން ރަނގަޅުވެސް ކަމެއް އެއީ. ދެން އަނެއްހެން ވަރަށް ބޮޑަށް ކިޔަވަން ޖެހުނު އިނގޭތޯ އޭރު އެގްޒާމަށްވެސް. ދެން ފާސްވެގެން ކޮންމެއަކަސް ގްރޭޑް 8 އަށް ގޮސްފައި، ވަކި ސްޓްރީމަކަށް މިދެވެނީ ފާސްވީމާ. ދެން ގޮސް ހަމަ އަޅުގަނޑުމެންނަށް އޯލެވެލްގައިވެސް ސްކޫލްގެ ފަރާތުން ބައިވެރިވެވޭނީ، އަނެއްކާ ވަކި އެންޓްރަންސް ޓެސްޓެއްވެސް ހަދައިގެން. ސްކޫލް ނަމުގައި ބައިވެރިވެވޭނީ. އެހެން ނޫނީ އަނެއްކާ ދާންޖެހޭނީ ކުލަހެދުމުގައި. އެ ވެދާނެ ފަހަރެއްގައި ސްކޫލްތަކުގައި އެވްރެޖް މަތިކުރަން ކަމަށްވެސް ދޮގެއްތޯ. އެކަހަލަ ކަމަކަށްވެސް ވެދާނެ.

ކޮންމެ ގޮތެއްވިޔަސް، މާލޭގައި ކިޔަވަން އައިސް އުޅުމަކީ، ފަސޭހަ ކަމަކަށްނުވާނެ. މައިންބަފައިންނާ ދުރުގައި އުޅުމަކީ އެއްވެސް ބަޔަކަށް މާ ހިތްފަސޭހަ ކަމެއް ނޫން. ހުރިހާ އެންމެންނަށް ކޮންމެ ވަގުތަކީ އުފާވެރި ވަގުތަކަށްވެސް ނުވާނެ ދޮގެއްތޯ. އެއީވެސް ސެކްރިފައިސްއެއްތާ ދޮގެއްތޯ. ކުދިންވެސް ވަރަށް ހިތްވަރާއެކު، ޚާއްޞަކޮށް، ރަށްރަށުން އައިސްފައި މަސައްކަތް ކުރަނީ. އެހެންވީމާ، އަބަދުވެސް އަޅުގަނޑުގެ ސިކުނޑީގައި ހުރި ޓައިމްވޭސްޓް ނުކުރާން.

އޯލެވެލް ނިމޭ ދުވަހުވެސް ބަލާނީ މަސައްކަތަށް ދާށޭ. ފަހުން އިތުރަށް ކިޔަވާނީ މަސައްކަތް ކޮށްގެންނޭ. ދެން އިނަފްއޭ އެ ހިސާބަށް. އެއީ ކޮންޓިނިއު ކުރަން ވެއްޖިއްޔާ، ބައްޕަމެންނަށް މާ ބަރު ބޮޑުވާނެއޭ. ދެން އެހެންވީމާ، އެ ވިސްނުމުގައި ހުރީ. ދެން ކޮންމެއަކަސް ނަސީބު ކަންދިމާކުރި ގޮތުން، އަޅުގަނޑު އޯލެވެލް ނިންމާފައި، މާގިނަ ދުވަސްތަކެއްނުވެ، ވަރަށް އަވަސް ފުރުޞަތެއްގައި އަޅުގަނޑަށް ވަޒީފާ މި ލިބުނީ. ދެން އަޅުގަނޑު ހިތަށްއެރި ވަޒީފާއަކަށް ދާނަމޭ. ދެން ގޮސްފައި ފަހުން އަދި އިތުރު ރަނގަޅު ކަމެއްވެސް ބެލޭނެތާ ދޮގެއްތޯ. އިއްތިފާޤުން އަޅުގަނޑުގެ ހިތް ވަރަށް އެދޭކަހަލަ ގޮތަކަށް ދިމާވީ. އެއީ ލަންކަންފިނޮޅު ޕެރެޑައިސް އައިލެންޑް، އޭރު ވިލާ ކުންފުންޏަށް ލިބުނު ވަގުތާ ދިމާވީ. ދެން އެވަގުތު އެތާ ހުންނެވީ، އަޅުގަނޑުގެ ތިމާގެ ބޭފުޅެއް. ފުވައްމުލަކު ޢަބްދުﷲ އަޙްމަދު ކިޔާނީ. ކޮންމެވެސް މީހަކު ބުނީ ޢަބްދުﷲ ބެ ހުންނަނީ ޕެރެޑައިސް އައިލެންޑްގައޭ. އެ ރަށް ހަދަން ފަށަނީއޭ. ކުރީގައި އޮތް ލަންކަންފިނޮޅު ތަޅާލަނީއޭ. އެއީ، ރަނގަޅު ތަނެއް ނޫންހޭ ފައިޞަލްއޭ. ކޮންމެއަކަސް އަޅުގަނޑަކަށް ނޭނގެ ކާކު ކަމެއް. އަޅުގަނޑުގެ ބޭބެ ކަމަށްވެސް ވެދާނެ. ދެން ޢަބްދުﷲ ބެއަށް ގުޅީ. ގުޅީމާ ކޮންމެއަކަސް، ޢަބްދުﷲ ބެ މި ވަޒީފާ އަޅުގަނޑަށް ހަމަޖައްސައިދީފި. ވަޒީފާ ހަމަޖެއްސިފަހުން، ދެން ޤާސިމް އިބްރާހީމް، އެއީ އަޅުގަނޑުގެ ބައްޕަގެވެސް ވަރަށް ގާތް ރަޙްމަތްތެރިއެއް. ފަހުން އަޅުގަނޑު ފުރަން އުޅެނިކޮށް ބައްޕަ ވިދާޅުވެއްޖެ، ޤާސިމް ވިދާޅުވިއޭ ބައްދަލުކުރާށޭ. ތިމަންނާގެ ދަރިއެކޭ ފައިޞަލަކީ. ތިކޮޅަށް ވަޒީފާ ހަމަޖެހިފައޭ އޮތީ. ދެން ކޮންމެއަކަސް އަޅުގަނޑު މި ގެންދެވީ. ގެންދަވާފައި ވަރަށް ނަސޭހަތް ދެއްވި އަޅުގަނޑަށް. އުޅެންޖެހޭނެ ގޮތްތައް ކިޔައި ދެއްވި. ދެން އަޅުގަނޑު ވަރަށް ޅަ. އަށާރަ އަހަރުވިއްޔާ އުމުރުން.

ދެން ކޮންމެއަކަސް ވަރަށް ހިތްވަރާއެކު ޢަޒުމެއްގައި އަޅުގަނޑު ހުރީ އިނގޭތޯ. ދެން އަޅުގަނޑު ބޭނުންވޭ، ހިތުގައި އޮވޭ އަޅުގަނޑު ވާނަމޭ މެނޭޖަރަކަށް. ދެން ކޮންމެއަކަސް ހަމަޖެހުނުތަނާއެކު، އަޅުގަނޑު ގޮވައިގެން، އެއް ނަންބަރު ފާލަމަށް އަޅުގަނޑުގެ ބައްޕަ ވަޑައިގެންފައި، ލޯންޗަކަށް ލާފައި ފުރުވާލީ. އެކަމަކު އަޅުގަނޑު ގާތު ބައްޕަ ވިދާޅުވީ، ބުރަކަށީގައި ފިރުމާލާފައި ވިދާޅުވީ، "އެނބުރި ފައިޞަލް ނާންނައްޗޭ." އަޅުގަނޑަށް ދެން އެނގިއްޖެ، އޭގެ މާނައަކީ، ދެން އަޅުގަނޑު ކާމިޔާބު މީހަކަށް ވުމަށްޓަކައި މަސައްކަތް ކުރުމަށާއި، ދާ ކޮންމެ ތަނެއް ގޯސްވެގެން ނައުންކަން. ގޭގައި ކާން ހުންނަ އެއްޗެހި، އެތަނުން ނުލިބޭނެއޭ. ނިދަންޖެހޭނީވެސް ވަރަށް ވައްތަރަކަށޭ. މަސައްކަތޭ ކުރަންޖެހޭނީ. މަސައްކަތް ބުރައޭ، ނޫނީ ތިމަންނާމެން ހަނދާންވަނީއޭ ކިޔާފައި ނާންނައްޗޭ ދޮގެއްތޯ. އިރާދަކުރެއްވީތީ، ދެން ރަނގަޅު އިނގޭތޯ. އަޅުގަނޑު ހަމަ ދިޔައީ. ވަރަށް އުނދަގޫ ދުވަސްތަކެއް އެއީ. އެހެންނަމަވެސް، ބޭރު ޤައުމުތަކުގެ މީހުންނާއި ދިވެހީންނާއެކު، ގާތްގަނޑަކަށް ހައެއްކަ ސަތޭކަ، ހަތް ސަތޭކަ މީހުންނާ އެކީގައި މަސައްކަތް ކުރިން ދެ އަހަރެއްހާ ދުވަހު.

އެހެންވީމާ، އެއީ އަޅުގަނޑުގެ ފެށުން އިނގޭތޯ. އަޅުގަނޑަށް ވަރަށް ގިނަ ކަންތައްތައް، މަސައްކަތްތައް ދަސްވި. ބިލްޑިންގ ކޮންސްޓްރަކްޝަން މި ޑިވެލޮޕްމަންޓް އޮތީ. އެހެންވީމާ، މަސައްކަތް ކުރާ ފަރާތްތަކުގެ ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުގެ ގްރޫޕްތައް އުޅެނީ. ކޮންޓްރެކްޓް ގްރޫޕްތައް. އެހެންވީމާ، އެ ފަރާތްތަކުންވެސް އަޅުގަނޑަށް ވަރަށް ގިނަ ކަންތައްތައް ދަސްވި. އަދި ޚާއްޞަކޮށް، އަޅުގަނޑުގެ އޭރުގެ ބޮސް، އަޅުގަނޑުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ، ޤާސިމް އިބްރާހީމްގެ ތިމާގެ ބޭފުޅެއް. މަޙްމޫދު އާދަމް ކިޔާ ބޭފުޅެއް. ވަރަށް ހެޔޮ. އަޅުގަނޑުމެންނަށް މަސައްކަތް ދެއްކެވުން ނޫން ކަމެއް ނޯވޭ. އަބަދު މަސައްކަތް. ދެން ވިދާޅުވާނެ ބުރަކުރާކަށް ނޫނޭ. ދެން ރަނގަޅުވާނެއޭ ފައިޞަލްއޭ. ގިނަ ކަންތައް ކުރިވަރެކޭ ރަނގަޅީ. އެހެންވީމާ، ދެން ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުންވެސް ހަމަ ވަރަށް ގިނަ ފިލާވަޅުތައް، ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދިޔަ.

ޢާމިރު ސަލީމް:

އާދެ، ފުރަތަމަ ކުރައްވަން ޖެހިވަޑައިގަތީ ކޮންކަމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދިޔަގޮތަށް ގޮސްފައި އަޅުގަނޑާ މި ހަވާލުވީ އޮފީހުގެ ހުރިހާ ކަމެއް. އަޅުގަނޑު ހުރިހާ އެންމެން ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓަރީތައް ބެލެހެއްޓުމާއި، މުސާރަ ޝީޓުތައް ހެދުމާއި، މުސާރަ ނެގުމާއި، މުސާރަ ދިނުންވެސް އެ ހުރިހާ ފަރާތްތަކަކަށް. އޭރު ބަލާކަމަށްވަންޏާ، ދިވެހިންގެ މުސާރައަކީ، ފަސްލައްކަ ފަންސާސް ހާސް، ހަލައްކަ ރުފިޔާ ޖުމްލަ. ގާތްގަނޑަކަށް ތިރީސް ފަސްހާސް، ސާޅީހަކަށް ހާސް ޑޮލަރު ދޭ، ބޭރު މީހުންނަށް. އަދި ކޮންޓްރެކްޓް ގްރޫޕްތަކަށް ހުރިހާ ސިޓީތަކެއް ލިޔުމާއި، އޮފީހުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރީ. އަދި މުވައްޒަފުންގެ ކެއިން ބުއިމުގެ ހުރިހާ ކަމެއް، އަޅުގަނޑު ބަދިގެއަށް ވަދެ ބަލަން. ދެން ހަމަ އެއާއެކު، އެ މީހުންގެ ނިދުމުގެ ކަންތައްތައް ހުންނަ ގޮތާއި، އެ ހުރިހާ ކަމެއް ބެލެހެއްޓުން އަޅުގަނޑަށް އޮވޭ.

ދެން ހަމަ އެއާއެކު، މި ގްރޫޕްތަކަށް ބޭނުންވާ ސާމާނު ހޯދުން އޮންނާނެތާ ދޮގެއްތޯ. ރޭނުމާއި، ސިމެންތި ޖެހުމާއި، ވަޑާމުގެ ކަންތައްތަކާއި، ފުރާޅު ހިޔާކުރުމާއި، ރަށުތެރެ ސާފުކުރުމާއި، މި ހުރިހާ ކަމެއްގައި، އެންމެ އިސްކޮށް އަޅުގަނޑު ހުންނަނީ. ދެން ހަމަ އެހެންމެ، އޮފީހަށް ބޭނުންވާ އެއްޗެތި ފޯރުކޮށްދިނުމުގައި އެހެން މީހުން މެދުވެރިކުރަން. އަދި އަޅުގަނޑު ސީދާ އެ ތަކެތި ހޯދައިދެން. ޢާމިރު، ބޭރު މީހުންގެ ހަތްދިހަ ފަސް ޕަސެންޓް އެއީ ސިންގަޅަ މީހުން. ދެން އޭރަކު އަޅުގަނޑަކަށް ސިންގަޅަ ބަހެއް ނޭނގެ. ދެން އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ، މި ބަސްވެސް ދަސްކުރަންވާނެއޭ. ކިހިނެއްހޭ މި މީހުންނާ ވާހަކަ ދައްކާނީ. އެ މީހުންނަކަށް އިނގިރޭސިއެއް ނޭނގެ. ދެން ދިވެހި ނޭނގޭނެތާ އެ މީހުންނަކަށް.

ދެން ކޮންމެއަކަސް އަޅުގަނޑުގެ ޝައުޤުވެރިކަން ހުރީ ބަސް ދަސްކުރަން. ދެތިން ހަތަރު މަސްތެރޭގައި ސިންގަޅަބަސް ދަސްވެއްޖެ. ދެން ތަމަޅަ މީހުންވެސް އުޅުނު. ދެން އެހެންވީމާ، ތަމަޅަބަސްވެސް އަޅުގަނޑަށް މެނޭޖް ކޮށްލެވޭވަރުވޭ.

ޢާމިރު ސަލީމް:

މިހާރުވެސް ފަރިތަކޮށް ދައްކަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ސިންގަޅަބަސް ވަރަށް ރަނގަޅަށް އިރާދަކުރެއްވީތީ، އަޅުގަނޑަށް ދަސްވެއްޖެ. އެހެންވީމާ، ވީގޮތަކީ، ބޭރުމީހުންނާއި އަދި ޚާއްޞަކޮށް، ރާއްޖޭގެ މި ދިވެހިން ތަންކޮޅެއް އުމުރުން ދުވަސްވީ މީހުން ގިނައީ. ވަރަށް ރަނގަޅު ޓީމް ވާރކް އިނގޭތޯ، އަޅުގަނޑުގެ އެހެން މުވައްޒަފުންނާއެކު، ވަރަށް ގިނަ ކަންތައްތަކުގައި އުޅުނީ ﷲ އިރާދަކުރެއްވީތީ. އޭގެތެރެއިން ހުރިހާ ކަމެއްގައި އަޅުގަނޑު އުޅުނީ. ރިޒޯޓެއް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި، ހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑަށް އުޅެވުނީ.

ޢާމިރު ސަލީމް:

އިއްތިފާޤުން ހަމަ މެނޭޖަރެއްގެ ރޯލު ފުރަތަމަވެސް އަދާކުރެވެން ފެށްޓުނީ ދޮގެއްތޯ. ދެން ދެ އަހަރު ފަހުން މެނޭޖަރަކަށް ބަދަލުވީ ދޮގެއްތޯ.

ކޮބައިތޯ ހޮބީއަކީ؟ އެއްވެސްވަރަކަށް ލަވަ ވިދާޅުވެ އުޅުއްވިންތޯ އެއްވެސްއިރެއްގައި؟ ކޮބައިތޯ ކުޅިވަރުގެ އިތުރުން، މުނިފޫހިފިލުވުމަށް ކުރައްވާ ކަމަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކުޅިވަރު އެންމެ ބޮޑަށް. ދެން އޭގެ އިތުރަށް، ލަވަ ކިޔުން އޮންނާނެތާ ދޮގެއްތޯ. ދިވެހި ލަވަ، ހިންދީ ލަވަ އަޅުގަނޑަށް ވަރަށް ރީތި. މިހާރުވެސް ހިންދީ ލަވަތައް އަޅުގަނޑަށް ވަރަށް ރީތި. ދެން އަޅުގަނޑުގެ ހަނދާނަށް އާދޭ އިނގޭތޯ، އެންމެ ކުޑައިރުގެ ލަވަތަކުގެ ތެރެއިން، "ޖުދާއީގެ މާރުގައީ މުޖެ ތޭރީ ޖުދާއީ." ދެން އެހެން ގޮސް އެ ދުވަސްވަރުގެ ލަވައެއް "ދިލްމޭހެ ތުމް." ދެން އަޅުގަނޑުމެން ސްކޫލަށް ދާއިރުވެސް، ކޮންމެ ދުވަހަކު ހެނދުނު އަޑުއިވޭނެ. ދެން ހަމަ ލަތާގެ ލަވަތަކާއި، އާޝާ ބޯސްލޭ، މުޙައްމަދު ރަފީޢު، ކިޝޯރު، ދެން ހަމަ ލަވައަށް ހުސްވޭ އިނގޭތޯ. ބައެއްފަހަރު ގެއްލޭ. އެހާވެސް ރީތި އެ ލަވަތައް.

ޢާމިރު ސަލީމް:

ކޮބައިތޯ އެންމެ ގިނައިން ބެއްލެވި ފިލްމަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ހިންދީ ފިލްމުތޯ؟ އަޅުގަނޑު އާންމުކޮށް ހިންދީ ފިލްމު ބަލައި އުޅުނީ. އަޅުގަނޑު ވަރަށް ކުޑައިރު ފުވައްމުލަކުގައި އަޅުގަނޑުގެ ބައްޕަ ޓީ.ވީ. އެއް ގަނެދެއްވި. އެއީ 1984 ގައި. އޭރު އަޅުގަނޑުމެންގެ ގޭގައި ކޮންމެ ރެޔަކު އޮންނާނެ ފިލްމު ދެއްކުން. 7 ފިލްމު ދައްކާނެ. އެނގިވަޑައިގަންނަވާ ދޮގެއްތޯ. "ނަޞީބު" އާއި، "ފިފްޓީ ފިފްޓީ" އާއި، "އާންކޭން"، "ގިސްމަތު"، "ގަރަމް ގަރަމް"، ދެން "ކާލިޔާ". ދެން އަޅުގަނޑު "ޑޮން"ވެސް ބެލިން އިނގޭތޯ. ދެން ސަންޖޭދަތުގެ "ރޮކީ"ވެސް ބެލިން. 1982 ވަނަ އަހަރޭ އަޅުގަނޑު ހަނދާންވަނީ. އެއީ، 1982، 1983 ހިސާބުގައި. ދެން "ބޭތާބު" ސަނީ ޑިއޯލްގެ. ދެން "ލަވް ސްޓޯރީ"، މިއީ ވަރަށް ރީތި ފިލްމެއް. އެހެން ގޮސް މާލެ އައިސްވެސް، ހުކުރު ދުވަސް ނައިސްގެން އަޅުގަނޑުމެން ތިބޭނީ. އެއީ މެންދުރުފަހު، 2:30 އޭ ހަނދާން ވަނީ. ސްޓާރ ސިނަމާ، ނޫނީ ނޭޝަނަލް ސިނަމާގައި ފިލްމް ދައްކާނެ. އަޅުގަނޑަށް ވަރަށް ރީތި ފިލްމަކަށްވީ "އިލްޒާމް" އިނގޭތޯ. ދެން "ނީލަމް" އަޅުގަނޑަށް ވަރަށް ފޭވަރިޓް އިނގޭތޯ.

ޢާމިރު ސަލީމް:

ނީލަމްތޯ އެންމެ ފޭވަރިޓީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އޭރު. ދެން އިލްޒާމް ބަލައިފައި. ދެން "އަފްސާނާ ޕިޔާރުކާ". ދެން މިކަހަލަ ފިލްމުތައް ފެނުނީމާ އޭރު ދެން ހަމަ ވަރަށް ހިތްހަމަޖެހުން ލިބޭ އިނގޭތޯ.

ޢާމިރު ސަލީމް:

ދެން ވަރަށް އުފާވެރި ކަމެއްތާ އޭރު އެއީ. އަޅުގަނޑުމެންވެސް ސްޓާރ ސިނަމާއަށް ފިލްމު ބަލަން ދިޔައިން އިނގޭތޯ. އޭރުގައި ވަރަށް ގިނައިން ކުރާ ކަމެއްތާ އެއީ ދޮގެއްތޯ. ރޭގައި މިވަނީ ފައިޞަލްގެ ބަޔޮގްރަފީއެއް ނެރުއްވާފައި އިނގޭތޯ. ކިހިނެއް، ކޮންގޮތަކަށް ކުރެވިފައި އޮތް ކަމެއްތޯ މިއީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ޢާމިރު، އަޅުގަނޑު އަބަދުވެސް ކޮންމެވެސްވަރަކަށް ނޯޓްކޮށް އުޅެން. އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް، ކޮންމެ ދުވަހަކުވެސް މަސައްކަތުގެ ތާވަލު ނޯޓުކުރުން. އަބަދުވެސް އަޅުގަނޑު މަސައްކަތަށް ނުކުތް ދުވަހުން ފެށިގެން، ގަނޑެއްގައި އަޅުގަނޑު ލިޔެލަން، އެ ދުވަހު އަޅުގަނޑު ކުރަން ކަނޑައަޅާ މަސައްކަތްތައް. ނިމުނީމާ ދެން ޓިކް ކޮށްލަން. ދެން އެހެންވީމާ، ކޮންމެވެސްވަރަކަށް އަޅުގަނޑުގެ ސިކުނޑިއަށް ނަގައިގަނެވިފައި ހުރީ ކަންތައްތައް. ދެން ހަމަ އެއާއެކު، އަޅުގަނޑު އަބަދުވެސް ލިޔަމުން އަންނަނީ، މި ދެންނެވި ގޮތަށް ކޮށްފައި ހުންނަ އެކިއެކި ކަންތައްތައް. އެއީ، ކުޅިވަރުގެ ކަންތައްތަކަށް ވިޔަސް، އަދި ފޮޓޯތަކާ އެއްޗެހިވިޔަސް، ވަރަށް ބޮޑަށް ރައްކާކުރަން. ކުޑައިރުގެ އެއްޗެހިތައްވެސް. މިހާރުވެސް އަޅުގަނޑުގެ ގްރޭޑް 10ގެ ޔުނިފޯމުވެސް އަޅުގަނޑު ރައްކާކޮށްފައި އޮންނާނެ. ފަޓްލޫނާއި ގަމީސް. އަޅުގަނޑު ދެން ކުޑައިރުގެ އެއްޗެހިތައް ބަހައްޓަން ބޭނުންވޭ ފިއުޗަރއަށް. ގިނަ އެއްޗެހި ގެއްލިއްޖެ އިނގޭތޯ. އެގޮތުން، އަޅުގަނޑަށް ލިޔެވިފައި، ނޯޓް ކުރެވިފައި ހުރޭ، ބައެއް މުހިންމު ކަންތައްތައް. ނޯޓް ކުރެވިފައި އަބަދުވެސް ހުރޭ.

1986 ވަނަ އަހަރުން ފެށިގެން ދެން އޭގެ ކުރީގައި ހިނގާފައި ހުންނަ ކަންތައްތައްވެސް އަޅުގަނޑުގެ ހަނދާނުގައި ހުރޭ. އެހެންވީމާ، ދެން ވީގޮތަކީ 1985 އިން ފެށިގެން ތަފާތު ގިނަ ކަންތައްތައް ކުރެވުނު ފުވައްމުލަކުގައިވެސް. ހަމަ ކުޅިވަރާއި، މުނިފޫހިފިލުވުމާއި، ޒުވާނުން ޝައުޤުވެރިވާނެ ކަންތައްތަކާއި، އަދި ޤުރްއާން މުބާރާތްތަކާއި، ދީނީ ނަސޭހަތް ދިނުމާ، ވަރަށް ގިނަ ކަންތައްތައް ނޯޓް ކުރެވިފައި ހުރީ. ހުރިހާ ފޮޓޯތަކާ އެއްޗެހިތައް ރައްކާކުރެވިފައި ހުރީ. އަޅުގަނޑު އަބަދުވެސް ދެކެން ބޭނުންވީ އަޅުގަނޑަށް މި ކުރެވުނު ކަންތައްތަކުގެ މައްޗަށް އޮންނަންވާނެއޭ ދެން ކޮންމެވެސް ކަހަލަ ސްޓޯރީއެއް. އޮތުމަކީ ރަނގަޅު ކަމެކޭ. ދެން އަޅުގަނޑަކީ ލިޔުންތެރިއެއްގެ ގޮތުގައި، ނޫނީ އަދަބިއްޔާތުގެ ތެރޭގައި އުޅުނު މީހެއްވެސް ނޫން. ދެން އެހެންވީމާ، އެ އެއްޗެހިތައް ހުރީ. ވަރަށް ގިނަ އިންޓަރވިއުތަކާ އެއްޗެހި ދިނިން އޭރު، މިހާރަކު ނޫން އިނގޭތޯ. މިހާރު މި ފަސް އަހަރަކު ނޫން. ކުރީގައިވެސް އަޅުގަނޑު ކުޅިވަރުގައި ކުރި ކަންތައްތަކުގެ ސަބަބުން އެކި ބޭފުޅުން، ނޫސްވެރިން ހަމަ ވަރަށް ގިނައިން ހުންނާނެ ސުވާލު ކުރައްވާފައި. ޢާމިރުގެ ބޭބެ މުޙައްމަދު ސަލީމާވެސް ހުންނާނެ އަޅުގަނޑާ ވަރަށް ގިނައިން ދިމާވެފައި. "މިހާރު" ގައި އަދި "ހަވީރު"ގައި އުޅުއްވިއިރުވެސް. އޭރުގައިވެސް އަޅުގަނޑުގެ ރައްޓެހިން އެއީ، "ހަވީރު"ގައި އެންމެ ކުރީގައި އެ އުޅުއްވި ބޭފުޅުންނަކީވެސް. އަދި ޓީ.ވީ. ދެން އޭރު އޮންނާނީ، "ހަވީރު" އާއި، "އާފަތިސް" ދޮގެއްތޯ. ކުޑަނެވި ޢައްބާސް ހުންނަވާނެ.

ޢާމިރު ސަލީމް:

ދެން އޮންނާނީ ޓީ.ވީ. މޯލްޑިވްސް ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ޓީ.ވީ. މޯލްޑިވްސް. އާދެ، އެ ނިމުނީ. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނާ އެކީގައި އަޅުގަނޑު އޭރުވެސް 1990ގެ ކުރީކޮޅު މަސައްކަތް ކުރަމުން ދިޔައީ، އެހެންވީމާ. އެ ހިސާބުން ފެށިގެންވެސް އެނގެން ފަށައިފި. ދެން މެދުތެރޭގައި ޚާއްޞަކޮށް، އަޅުގަނޑާ ވަރަށް ބޮޑަށް ގުޅުން އުފެދުނު. އެހެންވީމާ، އެގޮތަށް ހުއްޓާ، މިފަހަރު މިގޮތަށް ދެން އަޅުގަނޑުވެސް އެދިގެން ހުރީ. އަބަދުވެސް ކޮންމެވެސް ކަމެއް އޮންނާނެ. ވަރލްޑްކަޕްވެސް އޮވޭ. 1986 އިން ފެށިގެން، ޚާއްޞަކޮށް، 1998 އިން ފެށިގެން ކޮންމެވެސް މެގަޒިންއެއް ނެރުން ނޫނީ ކޮންމެވެސް ކަމެއް އޮގަނައިޒް ކުރުން އޮވޭ. އޭގެ ތެރެއިން އަޅުގަނޑާ ހަމައަށް ވަޑައިގަތީ ސާޢިދު. މި ފޮތް ލިޔުންތެރިޔާ، އޯތަރ. އަޙްމަދު ސާޢިދު ޢަލީ ވަޑައިގެންފައި، އިންޓަރވިއުއެއް ނެންގެވީ. ދެން މުޙައްމަދު ޢާޞިފް، މޮންދު އަޅުގަނޑަށް ވަރަށް ރަނގަޅު ބޭފުޅެއް އެއީ. ޚާއްޞަކޮށް، ޓީ.ވީ. އަށް އަޅުގަނޑު ނެރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި މުޙައްމަދު ޢާޞިފް މޮންދު، ޚަލީލް، އަދި ޓީ.ވީ. މާން، ޝަމީމް، މަސްޢޫދު. މި ބޭފުޅުން އަޅުގަނޑަށް ވަރަށް ބޮޑަށް ފުރުޞަތު ހޯއްދަވައިދެއްވި.

ދެން ކޮންމެއަކަސް މޮންދު ވިދާޅުވެގެން، ސާޢިދު ޢަލީ އަޅުގަނޑާ ހަމައަށް މި ވަޑައިގަންނަވަނީ. ދެން އޭރު ނެގީ އެކަމަކު ފުޓްބޯޅައާ ގުޅޭގޮތުން. މި ޓީމެއްގެ ގޮތުގައި އަޅުގަނޑު އަބަދުވެސް ސަޕޯޓް ކުރަނީ، އާރޖެންޓީނާއަށް. ދެން އެގޮތަށް ލިޔުއްވުމަށްފަހު، ސާޢިދު ފަހުން، ގެޔަށް ވަޑައިގެންފައި، އަޅުގަނޑުގެ ކުއްޖަކާ ގުޅުއްވާފައި ވިދާޅުވީ، ތިމަންނާ ޝައުޤުވެރިކަން އެބަހުއްޓޭ، އަޅުގަނޑުގެ މި ކަންތައްތަކުގެ މައްޗަށް ފޮތެއް ލިޔުމުގެ. ދެން އަޅުގަނޑު ދެންނެވިން ވަރަށް ރަނގަޅޭ. ދެން އަޅުގަނޑުގެ ދަރިންނަށް ފެންނަން އޮންނާނެތާ ދޮގެއްތޯ. ހަމަގައިމުވެސް ދަރިންނަށް ފެންނާނެތާ ދޮގެއްތޯ. ބައްޕަ ނެތް ދުނިޔެއެއްގައިވެސް، ބައްޕަ ކޮށްފައި ހުރި ކަންތައްތައް ދޮގެއްތޯ. ފެނުނީމާ އެ ކުދިންނަށް ހަމަގައިމުވެސް އެއިން ކޮންމެވެސް ކަހަލަ ފައިދާތަކެއް ކުރާނެތާ ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑު އަބަދުވެސް ހަމަ ބޭނުންވެފައި ހުރި ކަމެއް. އެއީ ދެން މީގެ ފެށުމަކީ. މާރިޗު މަހުގެ 14 ވަނަ ދުވަހު ސާޢިދު މަސައްކަތް ފެށްޓީ. ދެން ވަރަށް ޝައުޤުވެރިކަމާއެކު އެ ބޭފުޅާ އެ ކަންތައް ކުރެއްވި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

މިއީ ޢާމިރަށް އިނގޭތޯ. ޢާމިރަށް އަޅުގަނޑު ދޭ ފޮތެއް.

ޢާމިރު ސަލީމް:

އާދެ، މި ފޮތް އަޅުގަނޑު ރޭގައި ކޮންމެވެސްވަރަކަށް ބަލައިވެސްލިން. ދެން ވަރަށް ގިނަ ވާހަކަ އެބަހުރި. ޕްރޮގްރާމްގެ ވަގުތު އޮތްގޮތުން، ފޮތުގައި ހުރި ހުރިހާ ވާހަކަތަކަށް ނުދާންވެގެން އަޅުގަނޑު ކުރުކުރުކޮށް މި ގެންދަނީ އިނގޭތޯ.

ސިޔާސީ ބޭފުޅެއް ފައިޞަލަކީ އިނގޭތޯ. ފަހަރުގައި އެންމެ ބޭނުންފުޅުވާ ޓެގްލައިނަކަށް ނުވެދާނެ. ފައިޞަލަކީ އިޖުތިމާޢީ މަސައްކަތްތަކުގައި ވަރަށް ބޮޑަށް މަޝްހޫރު ބޭފުޅެއް އިނގޭތޯ. އަޅުގަނޑުމެންނަށް މި ފޮތް ބަލައިލީމާވެސް، އަދި އެކިއެކި އިންޓަރވިއުތަކާއި، އެކިއެކި ބޭފުޅުންގެ ވާހަކަފުޅުތައް އަޑުއަހާލީމާވެސް އެނގޭ. ފުވައްމުލަކުގެވެސް އަދި ކާށިދޫގެވެސް އަދި އެހެން ތަންތާނގެ އިޖުތިމާޢީ ކަންކަމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކަންކަމާއި، ދެން މިހެން ގޮސް ވަރަށް ގިނަ ކަންކަމުގައި ހިލޭސާބަހަށްވެސް އަދި އެހެން ގޮތްގޮތުންވެސް، ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އެހެންވީމާ، އަޅުގަނޑަށް ހީވަނީ ފައިޞަލް ބޮޑަށް ދެން ބޭނުންފުޅުވާނީވެސް، އެ ނަމުން ކަންނޭނގެ މުޚާޠަބު ކުރަންވެސް. އެކަމަކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާފައި އެބަހުރި. ޚާއްޞަ މަޖިލީހުގައި މަސައްކަތް ކުރައްވާފައި އެބަހުރި. ސިޔާސީ ޕާޓީތަކުގައި މަސައްކަތް ކުރައްވާފައި އެބަހުރި. މިހާރު ނައިބު ރައީސް ކަމުގައި ތިޔަ ހުންނެވީ އިނގޭތޯ.

އެހެންވީމާ، ކޮންމެ ގޮތެއްވިޔަސް ސިޔާސީ ބޭފުޅެއްގެ ނަން އޮންނާނެ އިނގޭތޯ. މިހާރު މިއީ، ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ހަލަބޮލި ދުވަސްކޮޅެއް. ދެން އެކަމަކު، މާބޮޑަށް ހަލަބޮލިވެގެން ޤައުމުގައި މާ ބޮޑެތި ހަމަނުޖެހުންތަކެއް ހުރީކީ ނޫން. ރިޔާސީ އިންތިޚާބު އޮތީ ކައިރީގައި. މިހާރުވެސް ފައިޞަލް ތިޔަ ހުންނެވީ ނައިބު ރައީސްކަމުގެ މަގާމުގައި. ފައިޞަލް ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަކީ ޖުމްހޫރީ ޕާޓީ. މުޅިން އެހެން ދިމާއެއްގައި، އެހެން ކޯލިޝަނެއްގެ ކެންޑިޑޭޓެއް ނެރުއްވުމުގެ މަސައްކަތުގައި އެބަ އުޅުއްވާ. ފައިޞަލް އެބަ ފެނޭ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ބައެއް ކެމްޕެއިންތަކުން އިނގޭތޯ. ކިހިނެއްތޯ، ކޮންމެވެސްވަރަކަށް ވިދާޅުވެ ދެއްވަފާނަންތޯ، މިއީ ކިހިނެއް ކިހިނެއް ހިނގާ ކަމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ރަނގަޅު ނޫންތޯ ޢާމިރު. އަޅުގަނޑުގެ ޢާއިލާގެ ތެރެއިންނާއި، އަޅުގަނޑުގެ ރައްޓެހިންނާއި، އެކުގައި މަސައްކަތް ކުރެއްވި ފަރާތްތަކާ އަބަދުވެސް މިހެން ކޮންމެ ދުވަހަކުވެސް ވާހަކަދެކެވި އަބަދުވެސް އަހަން ކިހިނެއްހޭ؟ އެ ވާގޮތަކީ ހަމައެކަނި އަޅުގަނޑުގެ ލޮލަށް ފެންނަ، ނޫނީ އަޅުގަނޑުގެ ކަންފަތަށް އަޑުއިވޭހާ ގޮތަކީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑު އަބަދުވެސް އަހަން. ދެން އަޅުގަނޑުގެ އެއްބަނޑު މީހުންނާއި، އަޅުގަނޑުގެ ތިމާގެ މީހުން، ރަޙްމަތްތެރިން އަޅުގަނޑަށް ވަރަށް ހެޔޮއެދޭނެ ދޮގެއްތޯ. އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް އެކަމެއްގައެއް.

ދެން އެހެންވީމާ، އަޅުގަނޑު އަބަދުވެސް އަހާ ސާފުކުރަން. ކޮބައިހޭ، ބުނާށޭ އެންމެ ރަނގަޅު ގޮތަކަށް ކަންތައްތައް ނުކުރެވޭ ކަމަށްވަންޏާ. ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، މީގައި ސިޔާސީގޮތުން ތިޔަ ވިދާޅުވި ގޮތަށް، އަޅުގަނޑުވެސް ކިޔާހިތްވާ ބަހެއްވެސް ނޫން މިއީ އިނގޭތޯ. ސިޔާސީއަކީ އަޅުގަނޑު މާ ބޭނުންކުރާހިތްވާ ބަހެއް ނޫން. ދެން އެހެންނަމަވެސް، ސިޔާސީވާނެ މިހާރު ހުރިހާ އެންމެންވެސް ދޮގެއްތޯ. ކާކުތޯ ސިޔާސީ ނޫނީ މި ޤައުމުގައި. އެންމެންވެސް ސިޔާސީ މީހުން މިއީ. ދެން އެހެންނަމަވެސް، އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވި. ކަންކަމުގައި މަސައްކަތުގައި އުޅުމަށް. އަދި ޚާއްޞަ މަޖިލީހަށް ނުކުތުމަކީވެސް. އެއީ އިޢުލާނު ކުރެއްވި ދުވަހު، ބައްޕަ ވިދާޅުވި އިނގޭތޯ، ފައިޞަލް ކުރިމަތިލާން ބައްޕައަށް ފެނިވަޑައިގަންނަވައޭ. ދެން އޭރު އަޅުގަނޑުގެ ކޮއްކޮމެން ވަރަށް ކުޑަވާނެތާ ދޮގެއްތޯ. ދެން އެހެންނަމަވެސް، ފަހުން މިއައީ މަޖިލީހާއި ކާށިދޫ ދާއިރާގެ ކެމްޕެއިން މަސައްކަތާ އެއާ އެކީގައި. އައިއިރުވެސް އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރަކަށްވޭ، މިސާލަކަށް، އަޅުގަނޑުގެ ޚާއްޞަކޮށް، ފިރިހެން ކުދިންގެ ތެރެއިން ކަމަށްވަންޏާ، އަޅުގަނޑުގެ ކޮއްކޮ ގައިޞަރު ނަސީމް އިނގޭތޯ. އެއީވެސް ރިޒޯޓު ޗެނެލް މެނޭޖަރު ކަމުގައި. ދެން އަޅުގަނޑު އައި މަގުން އޭނާވެސް އެއައީ.

ދެން ހަމަ އެއާއެކު، ވަރަށް ބޮޑު ހިތްވަރަކަށްވި، އަޅުގަނޑުގެ އަންހެން ކޮއްކޮމެންގެ ތެރެއިންވެސް ހުރިހާ ކުދިންގެ އެ ސަޕޯޓް، އެއްބާރުލުން އޮތް. ސިޔާސީގޮތުންނޭ ތިޔަ ވިދާޅުވަނީ ދޮގެއްތޯ. އެކަމުގެ ތެރެއިން އަޅުގަނޑުގެ ކޮއްކޮ ނަޒޫވެސް އެއީ ހަމަ އަޅުގަނޑުގެ ކެމްޕެއިން ތެރޭގައި އުޅުނު. ވަރަށް ބޮޑު ހިތްވަރަކަށްވޭ އިނގޭތޯ. އެއީ، އެއްބަނޑު މީހުންގެ ސަޕޯޓް ލިބެންޏާ އެއީ ޑަބަލް އިނގޭތޯ. ކަމެއް ކުރާއިރުގައި، އެއްބަނޑު މީހުން ރަނގަޅު މަގު ދައްކައިދިނުން، އެއީ ވަރަށް ބޮޑު ސަޕޯޓަކަށްވާނެ.

ދެން ހަމަ އެއާއެކު، އަޅުގަނޑު މަސައްކަތުގައި އުޅުނުއިރު، އަޅުގަނޑުގެ ވެރިޔަކީ ޤާސިމް އިބްރާހީމް އިނގޭތޯ. ވަރަށް ރަނގަޅު ގުޅުމެއް އޮތީ. އަޅުގަނޑުގެ ވެރިޔަކަށް ހުންނަ ބޭފުޅެއްގެ ހިތްމަޖެހުން އަޅުގަނޑާމެދު އޮންނަންވާނެ ދޮގެއްތޯ، އެ ކަމެއް ކުރާއިރު. އަޅުގަނޑު އުފާކުރަން މިއަދު އިނގޭތޯ. އެއީ، އެތައް ފަހަރަކު އެކި ތަންތާނގައި، އޮނަރަބްލް ޤާސިމް އިބްރާހީމް ވިދާޅުވި، ވަރަށް ހިތްހަމަޖެހެއޭ އަޅުގަނޑުގެ މަސައްކަތާ ދޭތެރޭގައި. ދެން އެއާ އެކުގައި، މި ސިޔާސީ ކަންތައްތަކުގެ ތެރެއަށް އައީ އަޅުގަނޑު ޖުމްހޫރީ ޕާޓީގައި ހުރެގެން. ދެން އެނގިވަޑައިގަންނަވާނެ، ރަނިންގ މޭޓަކަށް ޕްރައިމަރީ އޮތީ 2018 ޖުލައި 13 ވަނަ ދުވަހު. އެ ކަންތައްތައް ދިޔައިރު، އެ ދުވަހުގެ ކަންތައްތައް ހިނގައިދިޔަ ގޮތާއި، މި ހުރިހާ ކަމެއް އެނގޭ. ދެން ކޮންމެއަކަސް ރައީސުލްޖުމްހޫރިއްޔާއާއެކު، އަޅުގަނޑަށް ފުރުޞަތު މި ލިބުނީ ދޮގެއްތޯ.

ދެން ޢާމިރު، މިހާރު މުޅިން އާ ޗެޕްޓަރއެއް، މުޅިން އާ ޞަފްޙާއަކަށް މި ދިޔައީ އިނގޭތޯ. އަޅުގަނޑު ބެލީ މިއީ އަޞްލު ޤައުމީ ކަމެކޭ. އަޅުގަނޑުމެންގެ އަމިއްލަ ގޮތްތައް ނެރުން ކަހަލަ ކަމެއް ނޫނޭ. ރައްޔިތުންގެ ކަމެކޭ. އެހެންވީމާ، މިކަމުގައި ވާނީ ވަރަށް ރަނގަޅަށް، ވަރަށް ޒިންމާދާރުކޮށޭ ކަންތައް ކުރަން. ދެން އެގޮތުން، ހުވާކުރުމުގެ ކުރިންވެސް އަޅުގަނޑު އޮނަރަބްލް ޤާސިމް އިބްރާހީމާ ބައްދަލުކޮށް، އަޅުގަނޑު ދެންނެވިން، މިހެން މިހެނޭ އަޅުގަނޑު ބޭނުންވަނީ މި ގޮތަށޭ. ވަރަށް ރަނގަޅަށް މަސައްކަތްތައް ކުރަން ބޭނުމޭ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިކަމާއި ތެދުވެރިކަމާއެކު، ވީހާވެސް ގިނަ މަސައްކަތޭ ކުރަން ބޭނުމީ. ދެން ވިދާޅުވީ، ފައިޞަލް ހަމަ ވަރަށް ރަނގަޅަށޭ މަސައްކަތް ކުރަން ޖެހޭނީ. ފައިޞަލް، ރައީސަށް ތެދުވެރިވާންޖެހޭނެއޭ. ވަފާތެރިވާންޖެހޭނެއޭ. ފައިޞަލް ހަމަ މަސައްކަތް ކުރިއަށް ގެންދާށޭ. ދެން ވީގޮތަކީ، އެހެންވީމާ ކަމަށްވެސް ވެދާނެ. ދެން އަޅުގަނޑު ޕާޓީގެ ކަންތައްތަކުގައިވެސް އެހާވަރަކަށް ބައިވެރިއެއްނުކުރައްވާ. މި ސިޔާސީ ކަންތައްތަކުގައި އެހާ ބޮޑަކަށް ބައިވެރިއެއްނުކުރައްވާ. އެކަމެއްވެސް ނޯވޭ. އަޅުގަނޑަށް އޮތީ، މިކަހަލަ މަސައްކަތްތަކުގައި އުޅުން.

އަޅުގަނޑު ޤަބޫލުކުރަނީ، ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނަ މީހެއް ކަމަށްވަންޏާ، މި ކިޔަނީވެސް އެހެން ދޮގެއްތޯ. ނައިބު ރައީސް، ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު. އެހެން ކަމަށްވަންޏާ، އެއްޗެއް ދޮގެއްތޯ އެ ބުނެވެނީ. އެއީ، ރައީސާ އެކުގައި މަސައްކަތް ކުރެވެންޖެހޭނެއޭ. ތެދުވެރިކަމާއެކު، ޤައުމަށް، ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަށޭ ކަންތައްތައް ކުރަންޖެހޭނީ. އެހެންވީމާ، އަޅުގަނޑު މި ގެންދަނީ އެގޮތަށް. އަޅުގަނޑު ޤަބޫލުކުރަނީ، މި ފަސް އަހަރު އަޅުގަނޑު ވިސްނަންޖެހޭނީ، ހަވާލުކުރެވިފައި އޮތް ޒިންމާ، އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް ކުރުމަށް. ދެން އަޅުގަނޑުގެ އެއްބަނޑު މީހުންނާއި، ރަޙްމަތްތެރިންނާއި، ރައްޓެހިންނާއި، އަދި ހެޔޮއެދޭ މީހުންވެސް އުޅޭނެތާ ދޮގެއްތޯ. ދެން އުމުރުން ފަންސާސް އަހަރުވާއިރު، ކޮންމެވެސްވަރަކަށް އެ ފަރާތްތަކުގެ އަޑު އަޅުގަނޑު ވަރަށް ބޮޑަށް އަހަން. ވަރަށް ގިނަ މީހުން ގާތު އަހައިގެން، އެންމެ ރަނގަޅަށް ކުރެވޭތޯ އަބަދުވެސް މަސައްކަތް ކުރަނީ. ހުރިހާ ބޭފުޅުންވެސް އަޅުގަނޑު ގާތު ވިދާޅުވަނީ، ރަނގަޅަށް ކުރައްޗޭ. ރައީސާއެކީ ރަނގަޅަށް މަސައްކަތް ކުރެވޭތޯ ބަލާށޭ. އެހެންވީމާ، އަޅުގަނޑު ބަލަނީ، އެ ގޮތަށް ގެންދެވޭތޯ މި ދައުރު ނިމިގެންދާއިރުވެސް.

ޢާމިރު ސަލީމް:

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ވާދަކުރައްވާނެކަމާމެދަކު ޝައްކެއްނެތް އިނގޭތޯ. އެމް.ޑީ.ޕީ. ޕްރައިމަރީ ކާމިޔާބު ކުރައްވައި ޓިކެޓްވެސް ވަނީ ލިބިވަޑައިގެންފައި. ކެމްޕެއިންވެސް ފަށްޓަވައިފި. ފައިޞަލްވެސް ބައެއް ކެމްޕެއިންތަކުގައި އަޅުގަނޑުމެންނަށް ފެނޭ.

ރައީސަށް ތާއީދު ކުރައްވަންތޯ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު އެ ވާހަކަ ދައްކާފައި ނޫންތޯ އޮތީ. ވަރަށް ކުރިން އަޅުގަނޑު ދެންނެވިން، ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ލިބުމަކީ ވަރަށް މުހިންމު ކަމެކޭ. އެއީ ކުރަންޖެހޭނެ ކަމެއްގެ ގޮތުގައޭ އަޅުގަނޑު ޤަބޫލުކުރަނީ. ވަރަށް ކުރީގައި އަޅުގަނޑު އެކަން ފާޅުކޮށްފައި އޮންނާނީ.

ޢާމިރު ސަލީމް:

މިސާލަކަށް އިނގޭތޯ، ފައިޞަލް ނިސްބަތްވެވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީއަށް. ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހީމަށްވެސް އެބައޮތް ޓިކެޓް އަރުވާފައި. ފަހަރުގައި ޤާސިމްވެސް ވާދަކުރައްވަފާނެ. ނޫނީ ދެން އެ ބޭފުޅުންގެ ތެރެއިން ކޮމަން ކެންޑިޑޭޓެއް ނަގައި، އެބޭފުޅުން ތާއީދު ކުރައްވާ ބޭފުޅަކު ވެވަޑައިގެންފާނެ. އަދި ކަންތައްތައް ބަދަލުވެދާނެ ގޮތެއް ނޭނގެ. ސަރުކާރާ އެކުގައިވެސް ފަހަރެއްގައި ވަޑައިގެންފާނެ.

މިސާލަކަށް، ޤާސިމް ވާދަކުރައްވާ ޙާލަތެއްގައި، ފައިޞަލް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ލީޑަރު ޤާސިމަކީ. އެ ޙާލަތުގައި މިސާލަކަށް، ޖުމްހޫރީ ޕާޓީ ދޫކޮށްލައްވައިފައި ވަޑައިގެންވެސް އެކަން ކުރައްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ޢާމިރު، 2008، 2013 ގައި އޮނަރަބްލް ޤާސިމް އިބްރާހީމް ކުރިމަތިލައްވައިގެން، އަޅުގަނޑުވެސް އޭރު ވަރަށް ބޮޑަށް މަސައްކަތް ކުރިން. އަޅުގަނޑަށް ކުރެވުނު މަސައްކަތެއް ކުރީ އެ ކަންތަކަށް. އޭރުވެސް އަޅުގަނޑުމެންނަށް އެއް އަމާޒަކަށް މަސައްކަތް ކުރެވުނީ. ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ދެން މިއަދު އަޅުގަނޑު ހުރެ، އަޅުގަނޑު މާކުރިން ނިންމައިފިން އިނގޭތޯ. އަޅުގަނޑު ނިންމީ އެއީ ކޮންމެހެން މީހަކު އަޅުގަނޑު ގާތު އެދިގެނެއްވެސް ނޫން. އަނެއްހެން ނޭދޭ އެއްވެސް މީހަކު. ދުވަހަކުވެސް ނޭދޭ. އޮނަރަބްލް ޤާސިމް އިބްރާހީމް ވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑާ އެއްވެސްކަހަލަ ސިޔާސީ ވާހަކައެއް ހަމަ އެއްވެސް ވަރަކަށް ނުދައްކަވާ. އަޅުގަނޑާ ބައްދަލުވާ ފަހަރު، އަދި ފޯނުން ބައްދަލުވާ ފަހަރުތަކުގައިވެސް ޢާއިލާ ކަންތައްތަކުގެ ވާހަކަފުޅު ދައްކަވާނީ އިނގޭތޯ. އަޅުގަނޑާ ވަރަށްފަހުންވެސް ބައްދަލުވި. އަޅުގަނޑު ދިޔައިން. އެއީ، އަޅުގަނޑުގެ ހަމަ ބައްޕައެއް ފަދަ ބޭފުޅެއް އިނގޭތޯ. އަޅުގަނޑުގެ ލޯތްބާއި އިޙްތިރާމް އަބަދުވެސް އޮވޭ. އޮންނާނެތާ، ހަތާވީހަކަށް އަހަރު މިވީ. ސިޔާސީ ވާހަކަ ނުދައްކާވާ އެއްގޮތަކަށްވެސް. އެންމެފަހުން ބައްދަލުވީ މީގެ ދެތިން މަސް ކުރިން. އޭރުވެސް އަޅުގަނޑު ގާތު ވިދާޅުވީ، ފައިޞަލް ތިޔަ ކުރިއަށް ގެންދަވަނީ ރަނގަޅަށޭ. ރައީސުލްޖުމްހޫރިއްޔާއަށް އެއީ ކަންތައް ކުރަންޖެހޭނެ ގޮތޭ. އެއީ ނައިބު ރައީސެއްގެ ގޮތުގައި ހުންނަ މީހަކު ދެން އެހެން ވައްތަރަކަށް އުޅެން ފެށުމަކީ، އެހެންކަހަލަ ގޮތަކަށޭ މީހުން ދެކޭނީ. އަޅުގަނޑަށް އަޞްލު ހަމަ ނަސޭހަތް ދެއްވަނީ އިނގޭތޯ. އަޅުގަނޑަށް ހަމަ ވަރަށް ހެޔޮ އިނގޭތޯ.

އެހެންވީމާ، އަޅުގަނޑު ވިސްނީ ޤައުމަށް އެންމެ ރަނގަޅުވާނެ ގޮތަކީ ކޮބައިތޯ. ޢާމިރު، އަޅުގަނޑަށް ފެނޭ އެންމެ ކައިރިން، ރައީސްގެ އަރިހުގައި ހުންނައިރު، އަޅުގަނޑަށް ފެނޭ ރައީސް ކުރައްވާ މަސައްކަތްޕުޅުތަކާއި، އަނެއްކާ ހިތްޕުޅުގެ ސާދާކަން، އަނެއްކާ މީހުންނަށް ރައްޔިތުންނަށް ހެޔޮގޮތް އެދިވަޑައިގަންނަވާ ބޭފުޅެއްކަން. ދެން އަޅުގަނޑުގެ ޙަޔާތުގައި ހަމަގައިމުވެސް ސިޔާސީ، ނޫނީ މިކަހަލަ ވިސްނުންފުޅެއްގެ ބޭފުޅެއް އަޅުގަނޑު ހަމަ ނުދެކެން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަހަލަ ބޭފުޅެއް. މިހެން ދެންނެވީމާ، އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑާ ދޭތެރޭ އެހެން އެއްޗެއް ހީފުޅުނުކުރެއްވިޔާ އިނގޭތޯ. އެއީ، ވަރަށް ގިނަ ދުވަހު ވެރިކަން ކުރެއްވި ބޭފުޅުން މި ޤައުމުގައި އެބަ ތިއްބެވި ދޮގެއްތޯ. ކިތަންމެ ގިނަ ދުވަހަކުވިޔަސް، އަދި ކުޑަ މުއްދަތެއްގައި ކުރާ ބޭފުޅަކަށްވެސް ކުރެވިދާނެ ދޮގެއްތޯ ހަމަ. ދެން، ޢާމިރު އަޅުގަނޑުވެސް ފަސް އަހަރު، ދާއިރާއަށާއި އަދި ކުރީގައިވެސް ކަންތައްތަކެއް ކުރިން އިނގޭތޯ.

އެހެންވީމާ، އަޅުގަނޑުމެންނަށް އޭރުވެސް އެނގޭ، ރަށްރަށަށް ބޭނުންވާ ކަންތައްތައް. ފެނާއި ނަރުދަމާ ކިހާ މުހިންމުކަން. ރަށުގައި ތިބެގެން ޑޮކްޓަރުގެ ޚިދުމަތް ނުވަތަ ކައިރިން، މި ޚިދުމަތްތައް ލިބުމުގެ މުހިންމުކަން. ތަޢުލީމީ ކަންތައްތަކާއި، ސްކޫލްތަކުގެ ކަންތައްތައް ވަރުގަދަކޮށް، މި ކަންތައްތައް ކުރުން. އަނެއްކާ އެ ވަގުތެއްގައި ޤައުމުގައި، އެ ރަށެއްގައި ދިރިއުޅުމުގެ ޙާލަތު އޮންނަ މިންވަރަކަށް ބަލައި، މީހުންގެ އުޖޫރައާއި، ޢިނާޔަތްތަކާއި މުސާރަތައްވެސް އެކަށީގެންވާ މިންވަރަކަށް ގެނައުމަށް އެކަމާވެސް ވިސްނަންޖެހޭ. ކުޑަކުދިންނަށް ޚާއްޞަކޮށް، ތަޢުލީމަށް ހުޅުވައިލެވޭ ދޮރު އެއީ، ހާދަ ފުޅާ ދޮރެކޭ އިނގޭތޯ. އެހެންވީމާ، އަޅުގަނޑަށް ފެނުނީ ހަމަ އާދަޔާޚިލާފް ބޭފުޅެއްގެ ގޮތުގައި. ޤައުމެއްގެ ޙަޔާތުގައި އަޅުގަނޑު ޤަބޫލުކުރަނީ މިފަދަ ބޭފުޅެއް ލިބުމަކީ، އެއީ ހަމަ ބޮޑު ނަޞީބެއް ކަމަށް.

ނަޞީބު ހަމަ އަތުގައި ހިފީމާ، އަޅުގަނޑު ޤަބޫލުކުރަނީ، އިތުރު ފުރުޞަތެއް ދޭން އަދި އެބަޖެހެއޭ. ޓެސްޓް ކުރެވުނީއޭ އިނގޭތޯ. ޓެސްޓެޑް އިނގޭތޯ. މިހާރު ޢަމަލުން އެ ދެއްކެވީ ދޮގެއްތޯ. ބަސްމަދު. ބަސް ގިނަވާކަށް ނުޖެހޭ ދޮގެއްތޯ. މާ ބަސް ގިނަވެގެން، މާ ރަނގަޅު އެއްޗިއްސެއް ނުކިޔޭނެ. ބަސް ގިނަ ވެއްޖިއްޔާ ގޯސްވާނީ. ދެން ޢަމަލު ދޮގެއްތޯ. އޮންނަނީވެސް ބަސް މަދުކޮށްފައި، ޢަމަލު ގިނަކުރަން. އެއީ، އަބަދުވެސް އޮންނަ ގޮތް.

ޢާމިރު ސަލީމް:

އާދެ، އިއްޔެ ނިންމަވައިލައްވައިފި، ހއ. ދަތުރުފުޅު. އަޅުގަނޑަށް ހީވަނީ ރޭގެ ދަންވަރު މާލެ ވަޑައިގެންފިހެން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އަނެއްހެން ނެތީއޭ އިނގޭތޯ މީގައި ތަފާތެއް. 150 މީހުން ދިރިއުޅޭ ރަށަކަށްވިޔަސް އިނގޭތޯ. ދިހަ، ބާރަ، ފަނަރަ ހާހުގެ ރަށަކަށްވިޔަސް، އެއީވެސް ރައްޔިތުންނޭ ހަމަ. ކުޑަރަށަކަށް، ބޮޑުރަށަކަށްވިޔަސް. ރަނގަޅު ވާހަކަފުޅެކޭ އެ ދައްކަވަނީ. އެ ކުޑަ ރަށެއްގައިވެސް ތިބީ އިންސާނުން ނޫންތޯ.

ޢާމިރު ސަލީމް:

ހަމަ ވޯޓު ދެނީވެސް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ވޯޓު ބާއްވަވާ. ޞިއްޙަތު ބޭނުންވާނެ ނޫންތޯ. ތަޢުލީމު ބޭނުންވާނެ ނޫންތޯ. ޢާއިލާއެއް އޮންނާނެ ނޫންތޯ. އެހެންވީމާ، އެ މީހުންނަށް ފެނާއި ނަރުދަމާ ބޭނުންނުވާނެތޯ. ކަރަންޓް ބޭނުންނުވާނެތޯ. ޞިއްޙީ ކަންތައްތަކުގައި އެކަށީގެންވާ މިންވަރެއް ބޭނުންނުވާނެތޯ. ކޮންމެވެސްވަރެއް ތަޢުލީމު ބޭނުންނުވާނެތޯ. ދަތުރުފަތުރު ބޭނުންނުވާނެތޯ. ރަށު ބަންދުގައި މުޅި އުމުރަށް އެމީހުން ތިބެންވީތޯ.

އެހެންވީމާ، އެ ވިސްނުމުގައި މިކުރީ. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، މުޅިން ތަފާތު 5 އަހަރެއް މިދަނީ. އަދި އެހެނިހެން ކަންތައްތައް އަޅުގަނޑު ޙައިރާންވޭ އިނގޭތޯ. ޤާނޫނުއަސާސީ އެކުލަވައިލި މަޖިލީހުގައިވެސް އަޅުގަނޑަށް އިއްތިފާޤުން އިނދެވުނު. ހިންނަވަރު ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާވެސް އިންނެވި.

ކަންކަން ކުރަން ހަވާލުކޮށްފައި ތިބޭ ފަރާތްތަކަށް އެނގެންވާނެ ކަންކަން ކުރަން. އަޅުގަނޑުގެ ކުރީގެ ބޮސް، އަޅުގަނޑު އިޙްތިރާމް ކުރާ ބޭފުޅާގެ ވާހަކަވެސް އަޅުގަނޑު ދަންނަވައިފިން. އަޅުގަނޑާ ހަވާލުކުރެވިފައިވާ ޒިންމާތަކުގެ ކަންތައްތައް ކުރަންވާގޮތް ކިޔައިދެއްވާ، ނޫނީ މިހެން ހަދާށޭ ވިދާޅެއްނުވޭ. ދުވަހަކުވެސް ވިދާޅެއްނުވޭ. 

އެކިއެކި ދާއިރާތަކުން ކަންތައްތައް ހަވާލުވެފައި ތިއްބެވި ބޭފުޅުންގެ އަރިހުގައިވެސް ރައީސް ވިދާޅުވަނީ، ރަނގަޅަށް ފުރިހަމައަށް ކަންތައްތައް ކުރާށޭ. އެހެންވީމާ، މިއީ ހަމަ އާދަޔާ ޚިލާފް ބޭފުޅެކޭ އަޅުގަނޑު ދަންނަވާނީ.

ޢާމިރު ސަލީމް:

އަޅުގަނޑު ދެން ކުރިން އެ ކުރި ސުވާލަކީ، ޖުމްހޫރީ ޕާޓީގައި ދެން ހުންނަވައިގެން ކުރިއަށް ވަޑައިނުގެންނެވެންޏާ، ޕާޓީ ދޫކޮށްލައްވާފައިވެސް ވަޑައިގެން ހަމަ ރައީސް ފަހަތުގައި ހުންނަވާނަންތޯއޭ؟ ވަރަށް ގިނަ ރައީސުންނަށް އިތުބާރުކުރަން ފަސޭހަ ބައެއް ނޫން ނައިބު ރައީސުންނަކީ އިނގޭތޯ. ރާއްޖޭގެ ތާރީޚު އޮތީވެސް އެގޮތަށް އިނގޭތޯ. އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ، ވަރަށް ގިނަ މަސައްކަތް ފައިޞަލް ކުރައްވާ ތަން. ވަރަށް ގިނަ ހެޑްލައިންތަކުގައި، ފައިޞަލްގެ ވާހަކަވެސް އާދޭ އިނގޭތޯ. ހަމަ ވަރަށް ޢަމަލީކޮށް، ގިނަ ކަންކަމުގައި އުޅުއްވާ ތަން. ކިހިނެއްތޯ، ރައީސާ ވާހަކަދެކެވޭތޯ އެކި ކަންކަމުގައި؟ ނޫނީ ރައީސް ހަމަ އެހާވަރަށް އިތުބާރު އޮންނަނީތޯ. މިސާލަކަށް، ޖެހިލުންފުޅު ނުވަނީތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ރައީސް އަޅުގަނޑު ގާތުގައި ވިދާޅުވެފައި އޮންނަނީ، ތިމަންނާއަށް ފުރިހަމަ އިތުބާރު އެބައޮތޭ ދޮގެއްތޯ، ރައީސް ދެއްވާފައި އޮތް އިންޓަރވިއުއެއްގައިވެސް ވިދާޅުވެފައި އޮތް ބަސްފުޅެއް އެއީ. ތިމަންނާއަށް ހަމަ ފުރިހަމަ އިތުބާރު އެބައޮތޭ. ދެން އަޅުގަނޑަށްވެސް ކުޑަކޮށް އުނދަގޫވި އިނގޭތޯ. އެހެންވީމާ، ކުޑަކޮށް ޖެހޭނެ ނޫންތޯ ބަލައިލަން ދޮގެއްތޯ. ދެން ވިދާޅުވި، އެއްގޮތަކަށްވެސް އެހެން ހީނުކުރައްވާށޭ. ބަލަ ޤައުމަށްދޯއޭ އަޅުގަނޑުމެން އެންމެން ޚިދުމަތް ކުރަނީ، ޓީމެއް ނޫންހެއްޔޭ މިއީ. ކިހިނެއްހެއްޔޭ އެކަނި ހުރިހާ ކަމެއް އެކަކު ކުރާނީވެސް. އެހެންވީމާ، މަސައްކަތްތައް ހަމަ ކުރިއަށް ގެންދާށޭ. ދެން އަޅުގަނޑުމެން އަޞްލު ނުބަލަން އިނގޭތޯ، ކުދި ކަންތައްތަކަށް. ބައެއްފަހަރު މި ޖޯކު ޖަހައެއްނޫންތޯ، މަތީ ފާސްތައް، ސަނަދު ނަންގަވައިގެން ތިއްބެވި ބޭފުޅުން ތިއްބަވާނެތާ. ޖޯކުވެސް ޖަހާ ނޫންތޯ އަޅުގަނޑަށް. މިހާރު އިއްޔެވެސް އޮތް، ކޮންމެވެސް އެއް ބޭފުޅަކު ޖޯކުޖައްސަވާފައި. ބްރިޖުގެ ދެކޮޅުގައި ހުންނަ ޓްރެފިކް ލައިޓް އިފްތިތާޙް ކުރަން ނުދިޔައިމަ. އަޅުގަނޑަށް އަޞްލު ނުދެވުނީއޭ އިނގޭތޯ އެ އިފްތިތާޙް ކުރަން. ޕޮލިސްއިން ވަރަށް ބޮޑަށް ބޭނުންފުޅުވިއޭ. އަޅުގަނޑުމެން އެ މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އިނގޭތޯ. ބްރިޖްގެ ލައިޓް ބަދަލުކުރުމުގެ ކަންތައް ޕޮލިހާއި، ޕްލޭނިންގ މިނިސްޓްރީއާއި، އެއަރޕޯޓާއި، ހުޅުމާލެ އާބަންކޯއާ އެކީ އަޅުގަނޑުމެން މަސައްކަތްތަކެއްގައި އުޅޭތާ ދުވަސްކޮޅެއްވެއްޖެ. ދެން އެކަންވެސް ކުރެވިއްޖެ. ދެން އެކަހަލަ ކުދިކުދި ކަންތައްތައް ކުރީމާ މިސާލަކަށް ސްކޫލެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޭނުންކުރަން ލިފްޓެއް ހަރުކޮށްގެންވެސް އަޅުގަނޑަށް ސަނަދުވެރި ބޭފުޅުން އެބަހުއްޓޭ ޖޯކު ޖައްސަވާފައި އިނގޭތޯ. އައި.ޖީ.އެމް.އެޗް. ކުރިމަތީގައި ހުންނާނެ ކެނޮޕީއެއް. އަޅުގަނޑު އޭތި ހެއްދީ އެމް.ޑަބްލިޔު.އެސް.ސީ. އިން. ވާރޭ ވެހޭއިރު، މިސާލަކަށް، މިކަހަލަ ދުވަސްވަރު މާބަނޑު އަންހެނުންނާއި، އުމުރުން ދުވަސްވީ ބޭފުޅުންނާއި، ތުއްތު ކުދިންނަށް، ވަރަށް ފަސޭހަވާނެ އިނގޭތޯ. އިތުރު ބަސް ސްޓޮޕްތައްވެސް އަޅުގަނޑުމެން ހުންނާނެ، ހަދާފައި. ދެން އެކަހަލަ ކަންތައްތައް. ޓްރެފިކް ލައިޓް، އަނެއްކާ ދެން އެއީވެސް އަޅުގަނޑުމެން ކުރި ކަމެއް. މަގު ހުރަސްކުރަން.

ޢާމިރު، 1999 ގައި އަޅުގަނޑު ފުވައްމުލަކު ހުރިހާ ދޯނި، ބޮއްކުރާފަހަރަށް ލައިފްޖެކެޓް ދިނިން އިނގޭތޯ. ކަނޑުވާތީވެ މީހުން. ބަމްޕަރުވެސް އަޅުގަނޑު ހެދިން އިނގޭތޯ ފުވައްމުލަކުގައި ވަރަށް ކުރީގައި. 15، 17 އަހަރު ކުރިން. ސަރުކާރުން ރައީސް އަޅުގަނޑުމެން ގާތުގައި ވިދާޅުވެފައި އޮވޭ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާށޭ. މަގުމަތީގެ އެކްސިޑެންޓްތަކާ މި ކަންތައްތައް މަދުކުރަން. އެހެންވެ، ޚާއްޞަ މަސައްކަތްތަކެއް ކުރާ ކޮމިޓީއެއް އޮންނާނެ. އެގޮތުން، ހުރަސްކުރާ ޓްރެފިކް ލައިޓުގެ ޕެޑެސްޓްރިއަން ކްރޮސިންގ ހުޅުމާލޭގައި މިހާރު ހުންނާނެ. ރަނގަޅު ގޮތުގައި ރައްޔިތުން އެ ބޭނުންކުރާ ކަމަށްވަންޏާ، އެކްސިޑެންޓްތަކުގެ ވަރަށްބޮޑު ބައެއް ސަލާމަތްވާނެ އިނގޭތޯ. އޭރުން އެތައް ފުރާނަތަކެއް ސަލާމަތްވާނެ. އެއަށްވެސް ޖޯކުޖަހާފައި ހުރޭ. އެކަހަލަ ކަންތައްތައް ކޮށްގެންވެސް.

ޢާމިރު ސަލީމް:

އެންމެ ގިނަ މީހުން ސާފުކޮށްލަން ބޭނުންވާނެ އެއްކަމަކީ، މިހާރު ދެން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުގައި ތިޔަ ހުންނެވީ އިނގޭތޯ؟ ދެން މި ދައުރު މި ނިމެނީ. މި އަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެންބަރު 9 ގައި ބޭއްވޭނެ. މީގެ ދެ ދުވަސް ފަހުން ކެންޑިޑޭޓުންގެ ނަން ހުށަހެޅުން އެބައޮތް. ކިހިނެއްތޯ، ކުރިއަށް އޮތް ދައުރުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވާދަކުރައްވާއިރު، ރަނިންގމޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް އެއްވެސްކަހަލަ ހުށަހެޅުމެއް ނޫނީވިއްޔާ، އެކަހަލަ މަޝްވަރާއެއް އެބައޮތްތޯ؟ ނޫނީވިއްޔާ، ކިހިނެއްތޯ ފައިޞަލްގެ ކުރިމަގު އޮތީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު އޮންނާނެ ދަންނަވާފައި ދޮގެއްތޯ، އަޅުގަނޑަކީ ވަކި ޝަރުޠުތަކަކަށް ކަންތައްތައް ކުރާ މީހެއް ނޫން އިނގޭތޯ. ސީދާ މިވެނި ކަމެއް ކުރީމާ އެވެނި ކަމެއް ކުރީމައޭ އަޅުގަނޑު މިކޮޅުން ކުރާނީ. ދެން އެކޮޅުން ލިބޭ އެއްޗަކަށް ނޫން ބަލާނީ، ކޮންމެ އެއްޗެއް ލިބުނަސް ރަނގަޅު ދޮގެއްތޯ. އެހެން އަގު ކިޔަން ވަރަށް އުނދަގޫވާނެ އިނގޭތޯ. ދެން އަޅުގަނޑުވެސް ދަންނަވައިފިން ދޮގެއްތޯ، ހަމަ އިޖުތިމާޢީ މަސައްކަތްތަކުގައި އަޅުގަނޑަށްވެސް މިއުޅެވެނީ. ހަމަ ޙަޤީޤަތުގައިވެސް ހަމަ ޝައުޤުވެރިކަމާއެކު ޤައުމަށް އަދި އަޅުގަނޑުގެ ހިތުގައި ރައްޔިތުންނާ ދޭތެރޭގައި އޮތް ލޯތްބާ އެކީގައި، މި ޤައުމަށް ރަނގަޅު ގޮތްވުމަށް އަޅުގަނޑުވެސް ހަމަ އެދެނީ. ރަށްރަށުގެ ކުރިއެރުމާއި، ތަޢުލީމީ، ޞިއްޙީ އަދި އެނޫން ކަންތައްތައްވެސް ކުރިއެރުމަށް އެދެނީ އިނގޭތޯ. ޓުއަރިޒަމް ދާއިރާގައި އަޅުގަނޑު އުޅުނީ. އެހެންވީމާ، އޭގެ ނަފާ އަޅުގަނޑުމެންނަށް އެތައް ގުނައެއް އިރާދަކުރެއްވިއްޔާ އިތުރުކުރެވޭނެ. އަދި އަޅުގަނޑުމެންނަށް އިޤްތިޞާދު ފުޅާކޮށްލެވޭނެ މާބޮޑަށްވެސް.

އެހެންވީމާ، ފުރުޞަތުތައް އެބަހުރި. ހުރި ރިސޯސެއް އަދި ޑަބަލް ކުރެވޭނެ އިނގޭތޯ. އެހެންވީމާ، ކުރެވިދާނެ ކިތަންމެ ކަންތައްތަކެއް އެބަހުރި، ޚާއްޞަކޮށް ޒުވާނުންނަށް. އަޅުގަނޑުމެން ފަށާފައި ހުރި މަސައްކަތްތައް އެބަހުރި އިނގޭތޯ. އަޅުގަނޑުމެންވެސް މި ދައުރުގައި ފެށި ކަންތައްތަކުގެ ތެރޭގައި އެބަހުއްޓޭ، ކޮންޓިނިއު ކުރަންޖެހޭނެ ކަންތައްތައް. ވަރަށް ގިނަ އިނގޭތޯ. ކޮންމެ ކަމަކީ ވަކި ހިސާބަކުން ފުލުސްޓޮޕް ޖަހާލާ ކަންތައްތަކެއް ނޫނެއްނޫންތޯ. އެ ކަންތައް އިމްޕްރޫވް ކުރުން އޮވޭ. ނޫނީ ކޮންޓިނިއު ކުރުން އޮވޭ. އެހެންވީމާ، އަޅުގަނޑު މި މަގާމުގައި ހުރެގެން، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި ކަންތައްތައް ޚާއްޞަކޮށް، ސޯޝަލް ސެކްޓަރގެ ކަންތައްތަކުގެ ތެރެއިން މީހުން ބިނާކުރުމުގެ ކަންތައްތަކާއި، ޒުވާނުން މުޖުތަމަޢަށް ނެރެ، އެ މީހުންނަކީ މުޖުތަމަޢަކަށް އެންމެ ބޭނުންވާ ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި އަދި ހޭލުންތެރި ކުރުވުމުގެ އިތުރުން، އަދި ސްކޫލް ދައުރުން ފެށިގެން ކުދިން މަސައްކަތަށް އަހުލުވެރިކުރުވުމުގެ، މިކަހަލަ ބައިވަރު މަސައްކަތްތައް އެބަހުރި އިނގޭތޯ. ޓުއަރިޒަމް ދާއިރާގެ އެކި މަގާމުތަކާއި، އިތުރަށް މީހުން ތައްޔާރުކުރުމާއި، އެތައް ކަންތައްތަކެއް އެބަހުރި. އެހެންވީމާ، ކަންތައް ހާފްވޭ ތްރޫ ހުއްޓާލާފައި، ގެޔަށްވަދެ ހުރުމަށްވުރެ ބޮޑަށް އަޅުގަނޑުވެސް އެދޭ ކަމަކީ، އެދެނީ، އެ މަސައްކަތްތައް ކޮންޓިނިއު ކުރުމުގެ ފުރުޞަތު އަޅުގަނޑަށް އަދި ލިބުން. އެހެންވީމާ، އެގޮތުން ޝައުޤުވެރިވޭ. އަޅުގަނޑަށް ވަރަށް އުނދަގޫ، އަޅުގަނޑު މިވެނި ކަމެއް ބޭނުން، އެވެނި ކަމެއް ބޭނުން، ދެން އެހެން އުޅޭއެއްޗެއް ނޫން ދޮގެއްތޯ. އެއީ އެހާ ހަޑި ކަންތައްތައް. މިވެނި ކަމެއް ދޭންޖެހޭނެއޭ. މަށަށް ދޭން ޖެހޭނެއޭ މިވެނި ކަމެއް. މިވެނި މީހަކަށް ދީގެން ނުވާނެއޭ. ނޫނީ އެހެން މީހެއް ބުނެފާނެ މިސާލަކަށް، ވަކި މީހެއް ބުނެފާނެ، މިވެނި މީހަކަށް ދޭ ކަމަށްވަންޏާ، ތިމަންނާމެން ބައިވެރިނުވާނަމޭ. އެއީ، ދެން ރަނގަޅު ގޮތެއް ނޫން ދޮގެއްތޯ.

ޢާމިރު ސަލީމް:

މާނައަކީ ފުރުޞަތު ލިބިވަޑައިގަތިއްޔާ، ތިކަން ކުރުމުގެ ޝައުޤުވެރިކަން އެބަހުއްޓޭ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އާދެ. އަޅުގަނޑުގެ ޙަޔާތުގައި ހަމަ ބޮޑުބައިގައި އަޅުގަނޑަށްވެސް މިއުޅެވެނީ ކުޑަ މިންވަރަކަށް ނަމަވެސް މިގޮތުގައި. ދިވެހި ޤައުމޭ އަޅުގަނޑުމެންނަށް ފެންނަން އޮތީ. ދިވެހި ރައްޔިތުންނަށްޓަކައި ކުރާ ކޮންމެ ކަމެއްގައި އަޅުގަނޑުގެ ޝައުޤުވެރިކަން އަޅުގަނޑު ފާޅުކޮށްފައި އޮންނާނީ. ދެން ކަން ނިންމެވުމަކީ، އެއީ ދެން މުޅިން އެހެން ކަމެއް. އަޅުގަނޑުގެ ކަމަކީ އަޅުގަނޑާ ހަވާލުކުރާ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ކުރުން ދޮގެއްތޯ. ދެން އަނެއްހެން އެހެން ފަރާތަކުން ނޫންތޯ ނިންމަވާނީ.

ޢާމިރު ސަލީމް:

ވަރަށް ކުރުކޮށް ވިދާޅުވެދެއްވަފާނަންތޯ، ކޮމަން ކެންޑިޑޭޓެއް ނެރެވިދާނެތޯ އޮޕޮޒިޝަނުން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ޢާމިރު، މިހާރު 2018 އާއި މިއަދާ އަޅުގަނޑުމެންނަށް ކޮމްޕެއަރ ކުރެވޭނޫންތޯ. 2018 ގައި ނިކަން ބައްލަވާ ޤާސިމް އިބްރާހީމް. ޚިދުމަތްތެރި ބޭފުޅެއް ދޮގެއްތޯ. މުޅި ޤައުމަށް އެތައް އަހަރުތަކެއް ވަންދެން. ޚިދުމަތް ކުރެއްވި. ކިހިނެއްތޯ؟ ޖަލަށްލީ. ވިޔަފާރި ގާތްގަނޑަކަށް ހަލާކުވެ ނިމޭ ހިސާބުގައި ދޮގެއްތޯ އޮތީ. ހަމަ އެންމެން ބަންދުކޮށް، އަޅުގަނޑުމެންގެ އިބްރާހީމް ސިޔާދު، ކޮންކަހަލަ ރަނގަޅު ބޭފުޅެއް އެއީ. އަޅުގަނޑަށް އެނގޭ. އަޅުގަނޑު އުޅެނީ އުރާލައިގެންނޭ ކުރީގައި. އިބްރާހީމް ސިޔާދު ކުޑައިރު ކޮނޑަށްލައިގެން އަޅުގަނޑު އުޅުނީ. އެފަދަ ރަނގަޅު ކުއްޖެއް އިނގޭތޯ. އަޚްލާޤު ރަނގަޅު، ކޮންފަދަ ރަނގަޅު ކުއްޖެއް އެއީ. ޤައުމުގައި މަދުވާނެ އިނގޭތޯ. އެކަމަކު ޖަލަށޭ އިނގޭތޯ ލީ. ހެޔޮނުވާނެ ނޫންތޯ.

ދެން އޭރު ކަންތައްތައް ކިހިނެއްތޯވީ. ރައީސް މައުމޫން ޖަލަށް. ރައީސް ނަޝީދު ދޮގެއްތޯ. މަސައްކަތް ކުރެއްވި ބޭފުޅެއް. ޝައިޚް ޢިމްރާން. ދެންވެސް އެފަދަ މީހެއް ހުރި ކަމަށްވަންޏާ ޖަލުގައި. ދެން ތިބި މީހުންވެސް ޖަލުގައި. އަޅުގަނޑު ކިރިޔާ ސަލާމަތްވީ އިނގޭތޯ. ކިރިޔަކިރިޔާ ސަލާމަތްވީ. ހަމަ ހަނިގޮތަކަށް އަޅުގަނޑު ސަލާމަތްވީ ޖަލަށްނުގޮސް. އެހެންވީމާ، އޭރު އޮތް ރޫޙު ތަފާތު. އޭރު ސަރވައިވަލްއަށް މަސައްކަތްކުރާ ގޮތަށް، ސަލާމަތަށްޓަކައި މަސައްކަތްކުރީ. ބިރުވެރިކަން ދޮގެއްތޯ އޭރު އޮތީ. ދެން އަޅުގަނޑު މިހެން ވާހަކަ ދެއްކީމާ، އަޅުގަނޑު ދެކެވެސް ހިތްހަމަނުޖެހޭ ބަޔަކު އަނެއްކާ ތިބެދާނެ. އެކަމަކު އެ މީހުން ވިސްނާލަންވާނެ ދޮގެއްތޯ، އަޅުގަނޑު ދޮގުތޯ މި ހަދަނީ. ދެން މިއަދު ޖަލަށް ލުމެއްނެތް. ނޫސްވެރިންނަށް، ޢާމިރުމެންނަށް އެނގޭނެ. އެ ދުވަހު އޮތް އެ ކަމެއް އެހެނެއް ނެތް. ނުފޫޒުތަކެއް ނެތް ދޮގެއްތޯ. އެ ބިރުވެރިކަމެއް ނެތް.

އެހެންވީމާ، މިއަދު ކޮންމެހެން އަދި އެކަހަލަ ވާހަކަތައް ދެކެވުނު ނަމަވެސް، އަޅުގަނޑަކަށް ހީއެއްނުވޭ އެއީ ވާނެ ކަމެއްހެނެއް. ކުރީފަހަރު ނެތެއްނޫންތޯ ސުވާލެއް ދޮގެއްތޯ. ކޮމަން ކެންޑިޑޭޓެކޭ ހަމަ ނުބުނެވި އޮތީ. ހަމަ ބުނީ އެންމެން އެކުވީ. އަދި މިވެނި ބޭފުޅެކޭ ދޮގެއްތޯ. ސީދާ މި އިންނެވީ އެ ބޭފުޅާ. އެކަމަކު މިއަދު ވާގޮތަކީ، ދެން ކޮންމެ ގޮތެއްވިޔަސް ހަމަ ވެރިކަން ކުރަން ބޭނުންވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ ދޮގެއްތޯ. ދެން އެއީ ޙަޤީޤަތް ދޮގެއްތޯ.

ޢާމިރު ސަލީމް:

މައްސަލައެއްވެސް ނޫން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

މައްސަލައެއް ނޫނެއް ނޫންތޯ. ކީއްވެގެންތޯ ނުކުރަންވީ. ހަމަ ވެރިކަން ކުރައްވަންވީ ނޫންތޯ. އެއީ، ޤައުމަށްޓަކައިވާ ލޯބި ނޫންތޯ. ވެރިކަން ކުރަން ބޭނުންވޭ. ވެރިކަން ބޭނުމޭ ތިމަންނާ. އެއީ ލޯބި ނޫންތޯ. ޤައުމަށް ޚިދުމަތެއް ނޫންތޯ ކޮށްދެއްވަން އެ އުޅުއްވަނީ. އެކަމަކު ދެން އަނެއްހެން އެންމެ މީހަކަށް ލިބެނީ ދޮގެއްތޯ. އެހެންވީމާ، ހުރިހާ އެންމެންނަކަށް ނުވާނެ ދޮގެއްތޯ. އަޅުގަނޑަކަށް ނުފެނޭ ދެން އެހެނެއް. އަޅުގަނޑަށް ހީވަނީ ހަމަ މީގައި ރަނގަޅު ގޮތަކީ، ހަމަ ފުންކޮށް ވިސްނަވާލުންހެން އިނގޭތޯ. ތަޢުލީމީ ބޭފުޅުންނޭ މި ތިއްބެވީ އިނގޭތޯ. އަނެއްކާ ނުލާހިކު ސަނަދުވެރި ބޭފުޅުން އެބަ ތިއްބެވި މީގެ ތެރޭގައިވެސް އިނގޭތޯ. ދެން ވިސްނަވާފައި، ޤައުމަށް ކުރެއްވި ޚިދުމަތްތަކަށާއި، ޤައުމަށް އެންމެ ރަނގަޅުގޮތަށް ވިސްނުން، އަޅުގަނޑަށް ހީވަނީ މާ ރަނގަޅުވާނެހެން. ބިރުވެރިކަމެއް ނެތް. ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށްވެސް އަމާންކަން. އަމާން، އުފާވެރި ރާއްޖެއެއް ނޫންތޯ އަޅުގަނޑުމެން އެންމެން ބޭނުންވަނީ.

އެހެންވީމާ، އެ ޙާލަތު ދެން އޮތް ކަމަކަށް ނުފެނޭ. އަޅުގަނޑަށް ހީވަނީ ހަމަ މިހާރުގެ ރައީސް ކޮމަން ކެންޑިޑޭޓަކަށް ހަމަ ރަނގަޅުހެން. ކުރީގައިވެސް ކޮމަން ކެންޑިޑޭޓް ނޫންތޯ؟ ދެން މިހާރުވެސް ކޮމަން ކެންޑިޑޭޓަކަށް ރަނގަޅު ނޫންތޯ؟ ދެން ކޮންމެގޮތެއްވިޔަސް މިހާރު އެއް ދައުރު ނޫންތޯ ދެން ވެރިކަން ކުރެވޭނީ.

ޢާމިރު ސަލީމް:

އެހެންވީމާ، އެގޮތަށް އެންމެން އެއްބައިވެގެން ކޮށް ނިންމާލަންވީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އެއްބައިވެގެން ނިންމާލަންވީ. ދެން އަނެއް ބުރުގައި އަނެއްކާ ހިފާނީ. ކޮމަން ކެންޑިޑޭޓަކަށް ހިފާނީ. އެ ފުރުޞަތު އޮންނާނެ. މުޅިން އާ ދެ މީހަކު ނޫންތޯ ދޮގެއްތޯ.

ޢާމިރު ސަލީމް:

ވަގުތުވެސް ވަރަށް ކުޑަވެއްޖެ އިނގޭތޯ. ވަރަށް ކުރުކޮށް ވިދާޅުވެދެއްވަފާނަންތޯ، ޙަޔާތްޕުޅުގައި މިދިޔަ 50 އަހަރު ތެރޭގައި ދޫނުކުރައްވައި ހިފެހެއްޓެވި ކަމެއް؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ޢާމިރު، އަޅުގަނޑު ދެން ރޭގައިވެސް ދެންނެވިން، އަޅުގަނޑުގެ ބައްޕަ، އަޅުގަނޑަށް ދެން ހަމަ މަންމަ، ބައްޕަވެސް އަބަދުވެސް އަޅުގަނޑު ގާތުގައި ވިދާޅުވާނީ، އަޚްލާޤުގެ ވާހަކަ އިނގޭތޯ. އަދަބު އަޚްލާޤު ހިފަހައްޓައި، މީހުންނަށް އިޙްތިރާމްކުރަން ޖެހޭނެއޭ. ދީނަށް ލޯބިކުރާ ކުއްޖެއްގެ ގޮތުގައި، ދެން މަންމަ، ބައްޕަ އަބަދުވެސް ކިޔާނީ. ދެން އެ މީހުންނަށް ބޮޑެއްނުވާނެތާ އަދި 50 އަހަރުވިޔަސް. މަސައްކަތެއް ދަސްކުރައްޗޭ، ދެ ތިން މަސައްކަތް. އެއް ކަމެއް ނޫނޭ. އަޅުގަނޑު މި ދެންނެވީ ކޮންމެހެން ޑޮކްޓަރަކަށްވެފައި، ޕައިލެޓަކަށް އަނެއްކާ ވާންޖެހޭނެއެކޭ ނޫން. ދެން މަސައްކަތްތެރިކަން ދަސްކުރައްޗޭ. އެހެން މީހުންނަކީވެސް، މުހިންމު މީހުން ކަމުގައި އަބަދުވެސް ބަލައިގަންނައްޗޭ. ބަލައިގެން ކަންކަން ނިންމުމުގައި، ތިމާގެ އަމިއްލަ ވިސްނުމުގެ މައްޗަށް ކަންކަން ނުނިންމައްޗޭ. އެހެން މީހުންގެ ރައުޔު ހޯދަންޖެހޭނެއޭ. އެއީ، ވަރަށް އެހެންކަހަލަ ގޮތަކަށް ވެދާނެއޭ. ގިނަ ބައެއްގެ މަޝްވަރާ ނުވަތަ ވިސްނުމާ އެކީ އަބަދުވެސް ކަން ކުރަން އުޅެންވާނީ.

ޢާމިރު ސަލީމް:

އެއީ ދޫނުކުރައްވައި ހިފެހެއްޓެވި ބައެއް ކަންކަން ދޮގެއްތޯ؟ މީހަކު އެ ކަމެއް ކުރީމާ، ވަރަށްބޮޑު އުފަލެއް ފައިޞަލަށް ލިބޭނެ ކަމަކީ ކޮބައިތޯ؟ ކުރުކުރުކޮށް ވިދާޅުވަންޏާ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދެން އުފާވާ، ވަރަށް ގިނަ ކަންތައްތައް ހުރޭ އިނގޭތޯ. އަޅުގަނޑުވެސް އަބަދުވެސް މީހަކު ކަމެއް ކޮށްދީފި ކަމަށްވަންޏާ، މީހުންނަށް ޝުކުރުވެރިވަން އިނގޭތޯ. އެޕްރިޝިއޭޓް ކުރަން. އަޅުގަނޑު ހަމަ އުފާވޭ އިނގޭތޯ. އަޅުގަނޑުގެ ރައްޓެހިން ހަމަ އަޅުގަނޑާ ދޭތެރޭގައި އަޅުގަނޑަށް ރަނގަޅަށް ކަމެއް ކުރެވިއްޖިއްޔާ، އެކަމުގެ ރަނގަޅު ވާހަކަ، އަދި ހަމަ އެއާއެކު، އަޅުގަނޑަށް ގޯސްކޮށް މިސާލަކަށް، ކިރިޔާވެސް ގޯސްކޮށް ކަމެއް ކުރެވިއްޖިއްޔާ، އެ ކަމެއްގެ ވާހަކަ އަދި ވިދާޅުވީމާ އަޅުގަނޑު އަޞްލު އަދި މާ އުފާވޭ. މާ އުފާވޭ އިނގޭތޯ. އަޞްލު ލޯތްބަކީ އެއީ ނޫންތޯ ދޮގެއްތޯ؟ ލޯތްބަކީ ގޯހެއް ހެދޭ ވަގުތު މަލާމަތްނުކުރުން ދޮގެއްތޯ. މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަނީ އަބަދުވެސް މަލާމަތް ކުރުން، ހުތުރު ބަސްތައް ބުނުން ދޮގެއްތޯ. ވަރަށް ވިސްނޭ ބޭފުޅުން ދޮގެއްތޯ. އޭގެ ބަދަލުގައި ފައިޞަލްއޭ މިގޮތަށޭ ގެންދާނީ ބުނީމަ އިނގޭތޯ. އަޅުގަނޑު އަދި މާ އުފާވާ ކަމެއް އެއީ.

ޢާމިރު ސަލީމް:

މީހަކު އެ ކަމެއް ކުރީމާ އެންމެ ބޮޑަށް ދެރަފުޅުވާނީ ކޮންކަހަލަ ކަމެއް ކުރިއްޔާތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ވަރަށް ދެރަވޭ އިނގޭތޯ، ހަޑި ހުތުރު ބަހުން މުޚާޠަބު ކުރީމާ. ވަރަށް ދެރަވޭ. ހަޑި ހުތުރު ބަސްތައް އިނގޭތޯ. ޚާއްޞަކޮށް، ދެން އެއްބަނޑު، ނޫނީ ދަރިން، ނޫނީ މައިންބަފައިން، އެއްވެސް މީހަކަށް ނިސްބަތްކޮށް އަދި ކިތަންމެ ސިޔާސީވިޔަސް، އަނެއްހެން މުޖުތަމަޢުގެ ތެރޭގައި، އެހެން މީހުންގެ އަބުރު ރައްކާތެރިކުރަންވާނެ، އަޅުގަނޑުގެ ވާހަކައެއް ނޫން މި ދައްކަނީ. އެހެން މީހުންގެ އަބުރެއްވެސް އޮންނާނެ ނޫންތޯ، އިންސާނެއް ވެއްޖިއްޔާމު. ޢިއްޒަތަކީ އެއީ. އިންސާނާއަށް މާތްރަސްކަލާނގެ ދޮގެއްތޯ ޢިއްޒަތް ދެއްވީ.

ޢާމިރު ސަލީމް:

ފައިޞަލް ކޯފާވާނީ މީހަކު ކީއްކުރިއްޔާތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދެން އަނެއްހެން ރުޅިއައިސްގެން، ދެން ވަކި ކޮންކަމެއްތޯ ވާނީ. އެހެންވީމާ، އަޅުގަނޑު އެގޮތަށް ވިސްނަނީ. ދެން އަނެއްކާ އަމުދުން މިހާރު 50 އަހަރުވީ ދޮގެއްތޯ. އަޅުގަނޑު ދެން ކޮންމެ ދުވަހަކުވެސް ވިސްނަން، ދެން ކުރިއަށް އޮތް ދުވަސްތަކުގައި މިއަށްވުރެ ރަނގަޅަށް ކަންތައްތައް ކުރެވޭނީ ކިހިނެއްތޯ. އެހެންވީމާ، އަޅުގަނޑު ރުޅިނައިސް ހުރެވޭތޯ ބަލަން އިނގޭތޯ މިހާރު. ޕޭޝަންސް އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ބަލަން.

ޢާމިރު ސަލީމް:

ކޮފީ ބައްލަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ކޮފީ އެއީ އަޅުގަނޑުގެ ހިތްހަމަޖެހުން. ދެން އަޅުގަނޑު ސިނގިރެޓް ބޮއި، އެކަހަލަ ކަންތަކެއް ނުކުރަން ދުވަހަކުވެސް.

ޢާމިރު ސަލީމް:

ކަޅުސައި؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކަޅުސައިވެސް ބޯނަން ކާގަޑީގައި. ކާންއުޅޭ ގަޑީގައި. ދެން އަނެއްހެން ކޮފީއެއް ބޯލަން. ދެން އެވެސް މިހާރު ވާގޮތަކީ، ބޭނުންވާހާ އެއްޗެއް ނޯވޭ ކެވޭކަށް ޢާމިރު. މި އުމުރަށް އައިމާ ދެން. މިހާރު ހުންނަނީ ފާޑުފާޑުގެ އެއްޗެހިތައް ހަދާފައި. ދެން އަޅުގަނޑުގެ ރައްޓެހިން ތިބޭނެ، ވަރަށް ގިނަ ޑޮކްޓަރުން އިނގޭތޯ. އެހެންވީމާ، އެ މީހުންގެ ކިބައިންވެސް އެހެންނޫނީ، ސަލާމަތެއް ނުވާނެ ނޫންތޯ. ފާޑުފާޑުގެ އެއްޗެތި ކަންޏާ އެމީހުން އަބަދުވެސް ހުއްޓުވާނެތާ ދޮގެއްތޯ.

ޢާމިރު ސަލީމް:

އެހެންވީމާ، ނިންމާލުމުގެ ގޮތުން އިނގޭތޯ، ޝުކުރުގެ އެއްޗެއް ވިދާޅުވެލައްވަން ވާނެ ނޫންތޯ. ވަރަށް ކުރުކޮށް ވިދާޅުވެދެއްވާ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ހަމަ އަޅުގަނޑުގެ ޢާއިލާއަށް، މަންމައަށް، ބައްޕައަށް އަދި އަޅުގަނޑުގެ އަންހެނުންނަށް އިނގޭތޯ. އަޅުގަނޑުގެ ތިމާގެ އެއްބަނޑު އެއްބަފާ ހަމަ ހުރިހާ މީހުންނަށާއި، ގާތް އެކުވެރިންނަށް އަދި ޖުމުލަކޮށް ހަމަ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ބޭނުން ޝުކުރު ދަންނަވާލަން. އެއީ، ވަރަށް ގިނަ ބައެއްގެ ލޯބި އަޅުގަނޑަށް ލިބޭތީ އިނގޭތޯ. އަޅުގަނޑު މިސްކިތަށް، ސަހަރާއަށް ނުވަތަ މަގުމަތިން، ޕާރކުތަކުން ދާއިރުވެސް، އަނެއްހެން އެއްޗެއްގޮވާ ނުހަދާ. ހަމަ ވަރަށް ރަނގަޅު ރައްޓެހިން. ސަލާންކޮށްލައި، ވާހަކަދައްކާލައި، ކިހިނެއްތޯ އަހާލާ.

އަޅުގަނޑު ބޭނުންވަނީ މިއަދު ރައްޔިތުންނަށް ދަންނަވާލަން. ދެން ފަސް އަހަރު. ޢާމިރު ތިޔަ ވިދާޅުވީ މިހާރު މި ދައުރު ނިމެނީއޭ. ދެން އެހެންވީމާ، ދައުރުގެ ހިނގައިދިޔަ ދުވަސްތަކާއި، ކުރީގައިވެސް އަޅުގަނޑު ކުރި ކޮންމެ ކަމެއްގައްޔާއި އަދި ޚާއްޞަކޮށް، މި ފަސް އަހަރު އަޅުގަނޑަށް އެހީތެރިވެދެއްވި، ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާއި، އަދި ސަރުކާރުގެ ޚާއްޞަކޮށް، ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާ އިނގޭތޯ. އަދި ސަރުކާރުގެ އެހެނިހެން މަގާމުތަކާއި، ޕްރައިވެޓް ސެކްޓަރގައި ކުންފުނިތަކުގެ ވެރިން އިނގޭތޯ. ވަކި ކުންފުންޏެއް ނޫން. ކުންފުނިތަކުގެ ވެރިންނާ ވަރަށް ގާތްކޮށް، އެކީގައި މަސައްކަތް ކުރެވިއްޖެ. ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކީގައިވެސް އިނގޭތޯ. ސްކޫލްތަކުގެ ޕްރިންސިޕަލުން، ޑޮކްޓަރުން، ޚާއްޞަކޮށް، އެ ބޭފުޅުންގެ ފަރާތުން ވަރަށް އެހީތެރިކަން ލިބުނު އިނގޭތޯ. އެ ބޭފުޅުންވެސް ވަރަށް މަތިވެރި ޚިދުމަތެއް އެ ކުރައްވަނީ.

އެހެންވީމާ، މި ހުރިހާ ފަރާތްތަކަށް، އަދި ވަކިން ޚާއްޞަކޮށް، މި ކޯވިޑްތެރޭގައި އަޅުގަނޑުމެން އުޅުނު ދުވަސްތަކުގައި އިނގޭތޯ. އެ ކުރެވުނު މަސައްކަތުގައި އެހީތެރިވެދެއްވި ފަރާތްތަކަށާއި، އެކުގައި މަސައްކަތްކުރި އެންމެންނަށް އަޅުގަނޑު ހަމަ ޚާއްޞަކޮށް، ރައީސް އިނގޭތޯ. އަޅުގަނޑު ހަމަ ބޭނުންވޭ، ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ޝުކުރެއް ދަންނަވަން. މިއަދާ ހަމައަށް އަޅުގަނޑާ އެއްވެސް މައްސަލައެއް ނުޖެހި، ވަރަށް ހިތްހެޔޮކަމާއެކު، އަޅުގަނޑުގެ މައްޗަށް އަދި އިތުބާރު ކުރައްވައި، ވަރަށް ރަނގަޅު ބަސްފުޅެއްވެސް ވިދާޅުވެފައި އެބައޮތް މި ފޮތުގައިވެސް އިނގޭތޯ. އެހެންވީމާ، ދެން އަޅުގަނޑު ވަރަށް ޙައިރާންވެސްވެއްޖެ އިނގޭތޯ، ރައީސް މިގޮތަށް ސްޓޭޓްމަންޓެއް އަޅުގަނޑާ ބެހޭގޮތުން ދެއްވީމަ. ދެން ކާކުތޯ، ކޮން ރައީސެއްތޯ މިކަހަލަ ބަސްކޮޅެއް ދެއްވާނީ. ނުދެއްވާނެ. ނައިބު ރައީސަކަށް ނުދެއްވައެއް ނޫންތޯ؟

ޢާމިރު ސަލީމް:

ދެއްވާނެ ފުރުޞަތެއްވެސް ނެތޭ އިނގޭތޯ. ނައިބު ރައީސުންގެ ކަންތައް ހުރީ އެކަހަލަ ގޮތަކަށް ނޫނެއްނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ. އެހެންވީމާ ޖުމްލަކޮށް އަދި ރާއްޖޭގެ މީޑިޔާ އިނގޭތޯ. ނޫސްވެރިންވެސް ހަމަ ވަރަށް ރަނގަޅު އިނގޭތޯ. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު އަދާކޮށްލަން.

ޢާމިރު ސަލީމް:

ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ، ފައިޞަލް އަޅުގަނޑުމެންގެ ޕްރޮގްރާމަށް ވަގުތުކޮޅެއް ދެއްވީތީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ޝުކުރިއްޔާ!