ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ބިނާކުރުމަށްޓަކައި ތައްޔާރު ކުރައްވާފައިވާ ދެ ހުށަހެޅުމެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ހުށަހަޅުއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި ދެބައްދަލުވުމުގައި، މިދެހުށަހެޅުމާއި، އެއާގުޅޭ ޑިޒައިންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވީ، ހޮންކޮންގ އާއި ނޯވޭގެ އިސް ދެ އާކިޓެކްޓުންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ތައްޔާރު ކުރައްވާފައިމިވާ ހުށަހެޅުމަކީ، އިންޑިޔާގެ ޖީ.އެމް.އާރު ކުންފުންޏާ އެކުގައި މިދިޔަ އަހަރު ސޮއި ކުރެވިފައިވާ އެމް.އޯ.ޔޫ އާ ގުޅިގެން ތައްޔާރު ކުރެވުނު ހުށަހެޅުމެކެވެ. މި ޑިޒައިންތަކަކީ ދިވެހިރާއްޖޭގެ ޤުދްރަތީ އުފެދުމުގެ ރީތިކަމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ޑިޒައިންތަކެކެވެ. އަދި މި ޑިޒައިންތައް ފަރުމާ ކުރެވިފައިވަނީ، ހަނިމާދޫ އެއަރޕޯޓްގެ ޓަރމިނަލް ޢިމާރާތްތައް މޫދުގައި ބިނާކުރާގޮތަށެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިޤްތިޞާދީ ދާއިރާގައި މަސައްކަތް ކުރައްވާ ސަރުކާރުގެ އިސްބޭފުޅުން، މި ހުށަހެޅުންތަކާ ބެހޭގޮތުން ކުރެއްވި ސުވާލުތަކަށް، ޕްރޮޖެކްޓް ތައްޔާރު ކުރެއްވި ދެބޭފުޅުން ޖަވާބު ދެއްވިއެވެ.

ޖީ.އެމް.އާރު ކުންފުނިން ހުށަހެޅުއްވި މި ޕްރޮޖެކްޓާބެހޭ އިތުރު ޓެކްނިކަލް ދިރާސާތައް ކުރިއަށް ގެންދަވާ ގޮތަށް ސަރުކާރުން މިއަދުވަނީ ނިންމަވާފައެވެ.