ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ޗެންނާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓެމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރ ކަލައިގްނަރ ކަރުނަނިދީއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖެއާއި ޓެމިލްނާޑޫއާ ދެމެދު ވަރަށް ޒަމާންވީ ގުޅުންތަކެއް އުފެދިފައިވާ ކަމަށާއި، ޘަޤާފީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ދެ ޤައުމުގެ ދެމެދުގައި ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރާއްޖޭގައި ލިބެން ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވަމުން، އިންޑިޔާގެ އަދި ވަކިން ޚާއްޞަކޮށް ޓެމިލްނާޑޫ ސްޓޭޓްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ރާއްޖެއިން މަރުޙަބާކިޔާނެ ކަމުގައި ވިދާޅުވިއެވެ. އަދި، މިގޮތުން ޗެންނާއީއާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ މަގުން ގުޅުވާލުމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ޗީފް މިނިސްޓަރާއެކު މަޝްވަރާ ކުރެއްވިއެވެ.

ޗީފް މިނިސްޓަރ ކަރުނަނިދީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވަރަށް ގިނަ ކިޔަވާ ކުދިން ޗެންނާއީގައި ތަޢުލީމް ޙާޞިލުކުރަމުންދާ ކަމަށާއި، މިހާރަށްވުރެ ގިނަ ފުރުޞަތުތައް ޗެންނާއީން ދިވެހި ކުދިންނަށް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޓެމިލްނާޑޫއިން ރާއްޖެއާދެމެދު ދެކެނީ ވަރަށް ގާތްގޮތަކަށް ކަމަށާއި، މިހާރު އުފެދިފައިވާ ގާތްގުޅުން އިތުރު ދާއިރާތަކުގައި ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޓެމިލްނާޑޫގެ ޑެޕިއުޓީ ޗީފް މިނިސްޓަރާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސީ.އައި.އައި.އިން އިންތިޒާމްކޮށްގެން މިހާރު ހިނގަމުންދާ "ޕާޓްނަރޝިޕް ފޯރަމް 2010"ގައި ބައިވެރިވެވަޑައިގަންނަވާ އިސްބޭފުޅުންގެ ޝަރަފުގައި އިންޑިޔާގެ މިނިސްޓަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ ރޭ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.