بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އައްޑޫސިޓީ ކައުންސިލްގެ މެންބަރުން، ފުލުހުންގެ އިސް އޮފިސަރުން، މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ދައުލަތުގެ އިސް ވެރިން، ޚާއްޞަކޮށް، 35ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިންގ ކޯހުން މިއަދު ދަސްވެނިވާ އެންމެހައި ދަސްވެނިން، އަދި އެ ދަސްވެނިންގެ ލޮބުވެތި ބެލެނިވެރިން، ދުރާއި ގާތުން މި ރަސްމިއްޔާތު އަޑުއައްސަވަމުން އަދި ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، އަޅުގަނޑުގެ އެންމެ އިސްކަމެއްގެ ގޮތުގައި މި ދެކެނީ، 35 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިންގ ކޯސް ފުރިހަމަ ކުރެއްވި އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި މުބާރިކްބާދީ ދެންނެވުން. އާދެ، މި ފުރުޞަތުގައި، ތަމްރީނު ކޯސް ކާމިޔާބު ކުރުމަށްޓަކައި ފުރިހަމަ ގޮތެއްގައި މަސައްކަތްކޮށްދެއްވި ހުރިހާ އިންސްޓްރަކްޓަރުން، އެ ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، ހަމައެއާއެކު، މި މުހިންމު ޤައުމީ ވާޖިބަށް ކުރިމަތިލުމުގެ ހިތްވަރު ދެއްވައި، އެ ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވިކަމަށްޓަކައި މި ހުރިހާ ދަސްވެނިންގެ ލޮބުވެތި މައިންބަފައިންނަށާއި، އަދި އެންމެހައި ބެލެނިވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މިއީ ވަރަށް މުހިންމު ޚިދުމަތެއްގެ ފެށުން. މިއީ، ޤައުމީ ޚިދުމަތުގެ ފެށުން. ޤައުމެއްގައި ފުލުހުންގެ ޚިދުމަތް މުހިންމުވާނެ މިންވަރު، އަޅުގަނޑުމެން އެންމެންނަށްވެސް އެބަ ވިސްނޭ. އާދެ، އެނގިވަޑައިގަންނަވާނެ، ޤައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް، އެންމެ ބޭނުންވާ ކަމަކީ، އަމާންކަން. ހުރިހާ ރައްޔިތުން ޙިމާޔަތް ކުރެވިފައިވާ ވެށްޓެއް ޤާއިމުވެފައި އޮތުން. އާދެ، މިކަންތައްތައް ކުރުމުގައި، ރައްޔިތުންނާ އަބަދުވެސް އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ، ދިވެހި ފުލުހުން.

އާދެ، ތަފާތު އެކި ގޮންޖެހުންތަކާއެކު، ރައްޔިތުންނަށްޓަކައި އަމާންކަން ޤާއިމުކުރުމަށް ރެޔާއި ދުވާލު ފުލުހުން އެ ކުރައްވާ މަސައްކަތްތައް އަބަދުވެސް އަޅުގަނޑުމެން ފާހަގަކުރަން. އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ވޭތުވެދިޔަ އަހަރުތަކުގައި، ޚާއްޞަކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، އިތުރުކުރުމަށްޓަކައި، ތަފާތު ގިނަ މަސައްކަތްތައް ކުރެވިގެން ދިޔަތަން.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުން، ޚާއްޞަކޮށް، ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެކަމަށް ބޭނުންވާ އިކުއިޕްމެންޓް ހޯދައިދިނުމާއި، އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، އަދި ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ހޯދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އާދެ، މިއިން ކޮންމެ ކަމެއްވެސް މި ކުރެވެނީ އަންނަ ބަދަލުތަކާ އަރާހަމަކުރުމަށްޓަކައި. އެނގިވަޑައިގަންނަވާނެ، މީގެ އަހަރުތަކެއް ކުރިން، ކަންތައްތައް އޮތް ގޮތަކަށް ނޫން މިއަދު ކަންތައްތައް މިއޮތީ. ކުށް ކުރުމުގެ ވެށި ނުވަތަ އެކަމަށް މުޢާމަލާތް ކުރަންޖެހޭގޮތް، އެ ކަންތައްތަކަށް ކުރިމަތިލާންޖެހޭ ގޮތްތަކަކީވެސް، ބަދަލުވަމުން އަންނަ ކަންތައްތައް. އަޅުގަނޑު ހަމަ މި ފުރުޞަތުގައި، ޚާއްޞަކޮށް ފުލުހުންގެ މުއައްސަސާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، އަދި ފެންވަރު ރަނގަޅުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެއްވާ އަހަންމިއްޔަތު ފާހަގަކޮށް، އެ މަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ފަހުގެ އަހަރުތަކަށް ބަލައިފި ނަމަވެސް، އަޅުގަނޑުމެން އެންމެ އިސްކަން ދޭންޖެހޭ ކަމަކަށް މިއޮތީ އިޖުތިމާޢީ ދުޅަހެޔޮކަން. ކޮންމެ ޤައުމެއްގައިވެސް ތަފާތު އެކި ބާވަތްތަކުގެ މައްސަލަތައް ހުރޭ. ރައްޔިތުންގެ މެދުގައި ތަފާތު އެކި ކަންތައްތައް އަބަދުވެސް ހިނގާ. އެގޮތުން، އަޅުގަނޑުމެންގެ ތެރޭގައިވެސް ދުވަހުން ދުވަހަށް ރަނގަޅު ކުރަންޖެހޭ، އިޞްލާޙު ކުރަންޖެހޭ އެފަދަ ކަންތައްތައް އެބަހުރި. އަޅުގަނޑު ފާހަގަކުރަން، ވޭތުވެދިޔަ ދުވަސްތަކުގައި، ޚާއްޞަކޮށް އިޖުތިމާޢީ ދާއިރާގައި، މުޖުތަމަޢުގެ ތެރޭގައި ހުންނަ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ކުރެވެމުން ދިޔަ ގިނަގުނަ މަސައްކަތްތައް.

އާދެ، މީގައި އަޅުގަނޑުމެން މިއަދު ވިސްނާލަންވީ، އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ފުލުހުންގެ މުއައްސަސާ ހަމައެކަނި ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ސާމާނު ހޯދައި، އަދި ތަމްރީނު ފޯރުކޮށްދީ، ކަންތައްތައް ކުރުމަކުން އެކަނިވެސް މި ކަންތައްތަކުން އަޅުގަނޑުމެން އެ ބޭނުންވާ، އެންމެ ބޭނުންވާ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެކަން. ޤައުމެއްގެ ގޮތުގައި، ތަރައްޤީއާއި އަމާންކަމާއި ތަހުޒީބު ބޭނުންވާ ކަމަށްވަންޏާ، ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން އަޅުގަނޑުމެން ގަބޫލުކޮށް، ޤައުމުގެ އަމާންކަން، ޤައުމުގެ ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށްޓަކައި، ދެމެހެއްޓުމަށްޓަކައި އެންމެން މަސައްކަތް ކުރަންޖެހޭ. ހަމައެކަނި ޔުނީފޯމް ބޮޑީސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ކަންތައްތައް އޮތުމަކީ އެއީ، އެންމެ ރަނގަޅު ގޮތެއްނޫން.

އަޅުގަނޑު ކުރީގައިވެސް މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެވެސް މިއަދު މިވަނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިނގާ ކަންތައްތަކާއި، އެ އޮއިވަރުތަކުގައި ޒަމާނަށް އަންނަ ބަދަލުތަކާއެކު ޖެހިފައި. އަޅުގަނޑުމެންނާ ހަމައަށް އަންނަ ކޮންމެ ކަމަކީ، ރަނގަޅު ކަމަކަށް ނުވެދާނެ. އެހެންނަމަވެސް، މިއަދު މުޅި މުޖުތަމަޢުން، މުޅި ރައްޔިތުން ޤަބޫލުކުރަންވީ، އޭގެތެރޭގައި ހުރި ރަނގަޅު ކަންތައްތައް ހޯދައި ބަލައި، އަދި ގޯސް ކަންތައްތައް ދޫކޮށްލައި، އެ ކަންތައްތަކައިގެން ކުރިއަށް ދިޔުމަށް.

އާދެ، މިގޮތުން މިއަދު ޚާއްޞަކޮށް ދިވެހި އެންމެހައި ޒުވާނުންނަށާއި، އަދި ދިވެހި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޤައުމަކީ ކޮންމެ ރައްޔިތެއްގެވެސް، ކޮންމެ ފަރުދެއްގެވެސް ޤައުމު ކަމަށް. ވަކި ޔުނީފޯމެއް އެޅުމުން، ވަކި ވަޒީފާއެއްގައި މީހަކު ހުރުމުން، އެއީ ޤައުމީ ލޯބި އަދި އިތުރުވާކަމަކަށް ވާކަށް ނުޖެހޭ. ޤައުމީ ލޯބި، ޙުއްބުލްވަޠަން، ޤައުމަށް ހެޔޮއެދުން އޮންނަންޖެހެނީ، އެ ޤައުމަކަށް ނިސްބަތްވާ ހަމަ ކޮންމެ މީހެއްގެ ހިތުގައި. ޤައުމަށް ލިބޭ އުފަލަކާއި، ޤައުމަށް ލިބޭ ހިތާމައަކާއި، ދަތި އުނދަގޫ ކޮންމެ ކަމަކަށް ބަލާއިރު، އެއީ، އުފާވެރިކަމެއް ކަމަށްވަންޏާ، އެ އުފާ އަޅުގަނޑުމެންނަށް ލިބިގެންދޭ. ހަމައެއާއެކު އެއީ ހިތްދަތި، އުނދަގޫ ކަމެއް ކަމަށްވަންޏާ، އަޅުގަނޑުމެންގެ ހަމަ ކޮންމެ ޢާއިލާއަކުންވެސް، ކޮންމެ މީހަކުވެސް، އެ ކަންތައްތައް ތަޙައްމަލުކުރަން އެބަޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އެހާ ތަފްސީލުކޮށް ނުދެންނެވި ނަމަވެސް، އެއީ ކާރިސާއެއްގެ ގޮތުގައި ހިނގާ ކަމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ތެރެއިން ހަމަ ހުރިހާ އެންމެން އެކަމެއް ތަޙައްމަލު ކުރަންޖެހޭ. އަދި އަޅުގަނޑުމެންގެ ރަށެއްގައި، ވެށީގައި ހިނގާ ކަމެއްގެ ސަބަބުން، ދެން އެ ދިމާވާ ހިތާމައަކީވެސް މުޅި ޢާއިލާތަކަށް، ގިނަ ބަޔަކަށް އޭގެ ހިތްދަތިކަން ލިބިގެންދާ ކަމެއް. އެހެންވުމުން، މިއަދު މިހާރު މި އަންނަ ބަދަލުތަކާއެކު، އަޅުގަނޑުމެން ހޯދަން ބޭނުންވާ ތަރައްޤީއާއި، އެ އަމާންކަމުގެ ބޭނުމުގައިވެސް މަސައްކަތްކުރަން އެބަޖެހޭ.

އާދެ، މިއަދު ޒުވާނުން އިސްކަންދޭންވީ، ޤައުމަށްޓަކައި ޚިދުމަތްކުރަން. ޤައުމަށް ޚިދުމަތްކުރުމަކީ އެއީ، ފަޚުރެއް ކަމަށް ދެކެން އެބަޖެހޭ. އަޅުގަނޑުމެންގެ ޤައުމީ ސަލާމް ކިޔާއިރު، އަޅުގަނޑުމެންގެ ހިތަށް ގެންނަން އެބަޖެހޭ އެއީ، އަހަރެމެންގެ ޤައުމޭ، އަހަރުމެން ޙުރުމަތްތެރިކޮށްހިތާ އެންމެ ލޯބިވާ ޤައުމޭ. އަޅުގަނޑުމެންގެ ކުރިއަށް އަންނަން އޮތް ޖީލުތަކާއި އަދި މިއަދުގެ ޒުވާނުން އެ ކަންތައްތައް ޤަބޫލުކުރަން އެބަޖެހޭ.

އާދެ، ޚާއްޞަކޮށް، ފުލުހުންގެ އިދާރާގެ ކަންތައްތައް، ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ގިނަ ކަންތައްތަކެއް ކުރުމަށްޓަކައި، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްތައް މީގައި ހިމެނޭ. އަޅުގަނޑަށް ވޭތުވެދިޔަ އަހަރުތަކުގައި، ފުލުހުންނާއެކު ކޮންމެވެސް ވަރަކަށް މަސައްކަތްތައް ކުރެވުނު. އަޅުގަނޑަށް މިއިން ކޮންމެ ކަމަކުންވެސް އެނގިގެންދިޔައީ ޚާއްޞަކޮށް، ކޮމިޝަނަރ އޮފް ޕޮލިސް އަދި ކޮމިޝަނަރގެ ދަށުން ފުލުހުންގެ އިދާރާ ހިންގެވުމަށްޓަކައި ތިއްބެވި ބޭފުޅުން ކަންކަމަށް ދެއްވާ އަހަންމިއްޔަތު ކަމާއި ސަމާލުކަން. ފުލުހުންގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި، ފުލުހުންގެ އޮފިސަރުން އެ ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް ޢިމްރާން ޢަބްދުﷲ އަށާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ އިސްވެރިންނަށާއި، ދިވެހި އެންމެހައި ފުލުހުންނަށް ޖުމްލަ ގޮތެއްގައި އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން އިސްކުރަންވީ ރިވެތި އަޚްލާޤު. އަޅުގަނޑުމެން މުޢާމަލާތު ކުރާއިރު، ވަކި މީހަކަށްވީތީ، ވަކި ގޮތަކަށް އަޅުގަނޑުމެން މުޢާމަލާތުކޮށް، އެގޮތަށް ކަންތައްތައް ކޮށްގެނެއް ނުވާނެ. އިންސާނެއް ކަމަށްވަންޏާ، އަބަދުވެސް ކަރާމާތާއެކު، އަޅުގަނޑުމެން އެމީހަކާ ދޭތެރޭގައި ކަންތައްތައް ކުރަންޖެހޭނެ. އާދެ، އެނގިވަޑައިގަންނަވާނެ، މި ޙަފްލާ ފެށިގެންދިޔައިރު އަޑުއިވިގެންދިޔަ، ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުންވެސް އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ ޢަދުލުވެރިކަމުގެ ވާހަކަ. ޢަދުލުވެރިކަމަކީ އެއީ، ވަކި މީހަކަށް ވަކި ރަށަކަށް، ވަކި ދިމާއަކުން، ވަކި ކުލައަކަށް ނިސްބަތްވާ އެއްޗެއް ނޫން. ޢަދުލުވެރިކަމާއި އިންޞާފު، ހަމަހަމަކަން، ތަފާތު ނުކުރުން، އިންސާނީ ކަރާމަތާއެކު، މީހުންނާ ދޭތެރޭގައި ޢަމަލުކުރުން، މިއީ ހަމަ އިންސާނަކަށްވީތީ، ކޮންމެ ތަނަކުން އަންނަ ކޮންމެ މީހަކާ ދޭތެރޭގައިވެސް ކަންތައްތައް ކުރަންޖެހޭ ގޮތް.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ޚާއްޞަކޮށް، މިއަދު މި ދަސްވެނިވާ އެންމެހައި ފުލުހުންނަށް ދަންނަވާލަން އޮތީ، މި ފެށުމަކީ، ރަނގަޅު ފެށުމެއްގެ ގޮތުގައި ޤަބޫލުކޮށް، ހިތުގެ އަޑީގައި، މި ދެންނެވި ކަންތައްތައް ބާއްވައި، އަދި އެކަން ޤަބޫލުކޮށްގެން، ތިޔަބޭފުޅުންގެ މަސައްކަތްތައް، ދެއްވާ ޚިދުމަތްތައް، ޤައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ކުރިއަށް ގެންދަވާށޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މި މުހިންމު ޙަފްލާގައި، މި ޤައުމީވަންތަ، މިއަދުގެ މި ރަސްމިއްޔާތުގައި، އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވީތީ، ޚާއްޞަކޮށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށާއި، އަދި ފުލުހުންގެ އިސްވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަބަދުވެސް ބަލަންވީ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ކުރުމަށާއި، ދިވެހި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށާއި، ދިވެހި ޤައުމަށް ވަފާތެރިވުމަށް. މިއީ، އަޅުގަނޑުމެންގެ ހިތުތެރޭގައި، އަބަދުވެސް ބާއްވަންޖެހޭ ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ދިވެހި ފުލުހުން ކުރައްވާ މަސައްކަތްތަކުގައްޔާއި، އަދި ދިވެހި ރައްޔިތުންގެ ހުރިހާ އުންމީދުތައް ފުރިހަމަ ކޮށްދެއްވުމަށް އެ ކުރައްވާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލެއްވުން. އަދި ދިވެހި ރައްޔިތުންނަށް، ދިވެހި ޤައުމަށް ތާއަބަދު އުފާފާގަތިކަން މިންވަރުކުރެއްވުން. އާމީން!