ހއ. އުތީމު ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރި ބައި އަދި އެރަށު ޣާޒީ ބަންޑާރައިން ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އެރަށަށް ވަޑައިގެން ހުޅުވައިދެއްވި އުތީމު ޞިއްޙީމަރުކަޒަށް އަލަށް އިތުރުކުރި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ޔުނިޓާއި ކައުންސިލިންގ ރޫމުގެ އިތުރުން ގަރާޖު ހިމެނެއެވެ. މި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްގެންނެވެ. ޣާޒީ ބަންޑާރައިން ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމުގެ މަސައްކަތް ކޮށްފައި ވަނީ ބަދަހި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިމިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.