بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

އެސް.ޓީ.އޯ.ގެ ސީ.އައި.އޯ.، އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ސަޢީދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، އެސް.ޓީ.އޯ.ގެ ވަރުގަދަ އައި.ޓީ. ޓީމު، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ކުންފުނިތަކުގެ އިސްވެރިން، އަދި ޚާއްޞަކޮށް، އެސް.ޓީ.އޯ.ގެ އެންމެހައި ހީވާގި މުވައްޒަފުންނާއި އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ހަމަ ފުރަތަމަވެސް ދަންނަވާނީ، މިއީ ވަރަށް ރަނގަޅު ފެށުމެކޭ. އެނގިވަޑައިގަންނަވާނެ، މުޅި ދުނިޔެއަށް ޓެކްނޯލޮޖީގެ ދާއިރާގައި މި އަންނަނީ، ވަރަށް ބޮޑެތި ބަދަލުތަކެއް. މި ފަހުގެ ދުވަސްތަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ފެންނަނީ، ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ތަން. ވޭތުވެދިޔަ ދުވަސްތަކަށް ބަލައިފި ކަމަށްވަންޏާ، ޚާއްޞަކޮށް، ކޯވިޑުގެ ދުވަސްތަކުގައި ފެނިގެންދިޔަ، ވަކިން ޚާއްޞަކޮށް، ޖަޒީރާ ރަށްތަކެއްގެ ގޮތުގައި މި ރާއްޖެ އޮތް ހިނދު، އާންމު އުސޫލުން އަޅުގަނޑުމެން ކަންތައްތައް ކުރަމުންދާ ގޮތަށް ކުރާ ކަމަށްވަންޏާ، ޚިދުމަތްތައް ހޯދުމަށާއި، ލިބިގަތުމަށްޓަކައި ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި. އެހެންނަމަވެސް، ޓެކްނޯލޮޖީއާ އެކު، އަޅުގަނޑުމެންނަށް އެތައް ފަސޭހަތަކެއް، އެތައް ކަންތައްތަކެއް، ހަލުވިމިނެއްގައި ކުރެވުނު. އޭގެ ތެރޭގައި، އަޅުގަނޑު ހަމަ އެންމެ ބޮޑަށް ފާހަގަކުރަން ޝޮޕިންގ. ބާޒާރު ކުރުމުގެ ކަންތައްތައް ވަރަށް ހަލުވިމިނެއްގައި ކުރިއަށްދިޔަ.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ޔޫތު، ޚާއްޞަކޮށް، ރާއްޖޭގެ ރައްޔިތުންނަކީ، މިކަހަލަ ކަންތައްތަކަށް ވަރަށް ފަސޭހައިން އަހުލުވެރިވާ ބައެއް. ދުނިޔެއަށް ތަޢާރުފް ވެގެންދާ ކޮންމެ އާ ކަމަކަށް، ވަރަށް ފަސޭހައިން އެޑިކްޓްވާ ބައެއް. ޚާއްޞަކޮށް، ރާއްޖޭގެ ޒުވާނުން ވަރަށް ފަރިތަ. މި ފަހުގެ ދުވަސްތަކަށް ބަލައިފި ކަމަށްވަންޏާ، އެބަ ފެނޭ، މި ދާއިރާއިން އަޅުގަނޑުމެން ކުރި ހޯދަމުންދާ މިންވަރު. ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވިޔަސް، ދިވެހިން މި ދާއިރާއަށް ޝައުޤުވެރިވާކަމާއި، އަދި އެހެން މީހުންގެ ސަމާލު ކަމަށް ދިވެހިން އަންނަ މިންވަރު. އެހެންވީމާ، މިއީ އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވާ ކަމެއް.

އެނގިވަޑައިގަންނަވާނެ، މިއާއެކު، ސަރުކާރުންވެސް ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ފަށްޓައިފައި. އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން، މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއެކު ކުރިއަށް އެބަދޭ. އެވެސް އަޅުގަނޑު މި ދެންނެވި ގޮތަށް ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތައް ހޯދައި ދިނުމަށްޓަކައި.

އެނގިވަޑައިގަންނަވާނެ، މިއަދު ވަގުތެއް ނެތް. އަޅުގަނޑުމެން ކުރަންޖެހޭ ގިނަގުނަ ކަންތައްތަކެއް އެބަހުރި. ދުނިޔޭގައި ކުރިއަރާފައި ހުރި ހުރިހާ ޤައުމަކަށް ބަލައިފި ކަމަށްވަންޏާ، ކުރިއަރާފައި އޮތީ މަސައްކަތް ކޮށްގެން. ދުނިޔޭގެ ޤައުމުތަކުގެ މީހުން ވަރަށް ބުރަކޮށް މަސައްކަތް ކުރޭ. ވަގުތެއް ނޯވޭ ބޭކާރު ކުރާކަށް. މިއަދު ރާއްޖެވެސް މިވަނީ އެ ގޮތަށް.

އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުގެވެސް ސިޔާސަތަކީ، ދެވޭ އެންމެ ބޮޑު އަހަންމިއްޔަތު ކަމަކީ، ރައްޔިތުންނަށް ފަސޭހައިން، އަވަސް ހަލުވި ޚިދުމަތްތައް ހޯދައިދިނުން. ގިނަ ތަންތަނަށް ގޮސްގެން ޚިދުމަތްތައް ހޯދުމުގެ ބަދަލުގައި، އެއްތަނަކުން ބޭނުންވާ ކަންތައްތައް ހަމަޖެހިގެން ދިއުން. މި މަހުގެ ތެރޭގައި ވަން ގަވް ސަރވިސް ފެށިގެން މިހާރު މިދިޔައީ. އޭގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް އެބަވޭ.

އަޅުގަނޑު މިއަދު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވޭ އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ، ކުރިއަށް އޮތްތަނުގައި މި ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން، ރައްޔިތުންނަށް ލުއިފަސޭހަކޮށް ރައްޔިތުންގެ ވަގުތު ބޭކާރު ނުވާނޭ ގޮތަކަށް، ދައުލަތުގެ ފަރާތުން ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ޚިދުމަތްތައް ވީހާވެސް ބޮޑަކަށް ހޯދައި ދިނުން.

އާދެ، އަޅުގަނޑު ފާހަގަކުރަން ބޭނުން، މިއަދު މި ހުޅުވިގެންދާ މި ސްޓޯރގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ކޮށްދޭނެކަން. އެނގިވަޑައިގަންނަވާނެ، އެސް.ޓީ.އޯ.އަކީ އަބަދުވެސް ޒަމާނާ ވަރަށް ރައްޓެހި، ރައްޔިތުންނަށް ޚިދުމަތްތައް އެންމެ ފަސޭހައިން، އެންމެ ރަނގަޅަށް ދެވޭނީ، ކޮން ގޮތަކުންތޯ ބަލައި، އެ ގޮތަކަށް ކަންތައް ކުރާ ކުންފުންޏެއް. ވޭތުވެދިޔަ ދުވަސްތަކުގައިވެސް، އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ރައްޔިތުންނަށް އެއްތަނަކުންވެސް ފަސޭހަކަމާއެކު، ޚިދުމަތްތައް ހޯދައިދިނުމަށްޓަކައި މި ރޮނގުން އެސް.ޓީ.އޯ. އިން ކުރަމުންދާ މަސައްކަތްތައް. މުޅި ރާއްޖެއަށް އެސް.ޓީ.އޯ. ވަނީ ފުޅާވެފައި. މުޅި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ބަލައިފި ކަމަށްވަންޏާ، އެސް.ޓީ.އޯ.ގެ ޚިދުމަތް ކޮންމެވެސް އެއްގޮތަކަށް ނުލިބޭ ރައްޔިތަކު ނުހުންނާނެ.

އެހެންވީމާ، މިފަދަ ޚިދުމަތެއް ޓެކްނޯލޮޖީގެ މި ޒަމާނުގައި އޭ.އައި. ބޭނުންކޮށްގެން މި ތަޢާރުފް ކުރެވިގެންދިޔަ ކަންތައްތަކަށްޓަކައި ޚާއްޞަކޮށް، އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑައިރެކްޓަރަށް އަދި ބޯޑު ޑައިރެކްޓަރުންނާއި އަދި އެސް.ޓީ.އޯ.ގެ އައި.ޓީ. ޓީމުގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މިއަދު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑަށް ހީވަނީ މިހާރު އަޅުގަނޑުމެން މިހެން ތިއްބާ، އަޅުގަނޑުމެން ބޭނުންވަނީ ކޮން ކަމެއްކަންވެސް ބުނެލާނެހެން. އެހިސާބަށް މިހާރު ޓެކްނޯލޮޖީ މިދަނީ. ފޭސް ރިކޮގްނިޝަނުން އަޅުގަނޑުމެންގެ މޫނަށް ބަލައިލައިފައިވެސް، އެ ރިކޮގްނައިޒް އެބަ ކޮށްލާ، އަޅުގަނޑުމެން ބޭނުންވާ އެތި. ފަހަރެއްގައި އަޅުގަނޑަށް ހީވަނީ، ދުވަސްކޮޅަކުން މަގުމަތީގައި ދުއްވާލައިފައި ގެއަށް ވަންނައިރު، ކޮތަޅެއްހެން އަންނާނީ ގެއަށް. ފޯނަށް މެސެޖެއް އައިސްފައި، މިއޭ ތިޔަ ބޭނުންވެގެން، ބެލި އެއްޗިއްސަކީ. ފިހާރަތަކާ ދިމާއަށް ބަލައިފި ކަމަށްވަންޏާ، އެ ފިހާރައަކުން. ވިންޑޯ ޝޮޕިންގ ކުރީގައި މި ކިޔައި އުޅެނީ. އެހެންވީމާ، ފަހަރެއްގައި މާ ބޮޑަށް ވިންޑޯ ޝޮޕިންގ ހަދައިފި ކަމަށްވަންޏާ، ކުރިއަށް އޮތް ދުވަސްތަކުގައި ގެއަށް އަންނަ ސާމާނު ވަރަށް ގިނަ ވެދާނެ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ފަހަރެއްގައި ވިސްނާލަންވެސް ޖެހިދާނެ. އެ ލެވެލްއަށް ދުނިޔޭގެ މި ޓެކްނޯލޮޖީ ކުރިއަރަމުން މިދަނީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން އޮތީ ޚާއްޞަކޮށް ޒުވާނުންނަށް، މިއީއޭ ފިއުޗަރއަކީ. މި ދާއިރާގައި މިހާރުވެސް، ވަރަށް ޝައުޤުވެރިކަމާއެކު ޒުވާނުން ކުރިއަރަމުން މިދަނީ. މަސައްކަތްތައް ކުރަންވީ، މިފަދަ ދާއިރާތަކަށް ހީވާގިކަމާއެކު ޒުވާނުން ވަންނަން. ޤައުމެއްގެ ޙަޔާތް، ޤައުމެއްގެ ފިއުޗަރ، ޤައުމެއްގެ އުޖާލާ މުސްތަޤްބަލް ފެނިގެންދިއުން ބިނާ މިވަނީ ޒުވާނުންގެ މައްޗަށް. އެހެންވީމާ، ކުރިއަރާ ބައެއްގެ ގޮތުގައި، އާ ކަންތައްތައް ދަސްކޮށް، ދުނިޔެއަށް އަންނަ މިފަދަ ބަދަލުތައް އަޅުގަނޑުމެން ދަސްކޮށް، އެއަށް ހޭނޭ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ.

އެހެންވީމާ، ޚާއްޞަކޮށް، ޒުވާނުންނަށް އަޅުގަނޑު މި ގޮވާލަނީ، މަސައްކަތައިގެން ކުރިއަށް ދިއުމަށް. އަދި އަޅުގަނޑުމެންގެ ކުރިއަށް އޮތް ދުވަސްތަކަކީ، ޒުވާނުންނަށް މި ދާއިރާއިން، ލިމިޓެއްނެތި ފުރުޞަތު ހުޅުވިގެންދާނެ ދުވަސްތަކެއް. މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި މިވަނީ، ޒުވާނުންނަށް ފުރުޞަތުގެ ދޮރު އިރާދަކުރެއްވިއްޔާ ފުޅާކޮށްލައްވަން. އެ ފުރުޞަތުތައް ކުރިއަށް އޮތްތާނގައި މާ ބޮޑަށްވެސް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ.

ނިންމާލަމުން އަދިވެސް އެއްފަހަރު، އެސް.ޓީ.އޯ.ގެ ބޯޑު ޑައިރެކްޓަރުންނަށާއި، އެސް.ޓީ.އޯ.ގެ ހީވާގި ޓީމަށް، ޚާއްޞަކޮށް، އައި.ޓީ.ގެ ވަރުގަދަ ޓީމަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް މިއަދު މިއީ. ދެންމެ އަޅުގަނޑު ބަލައިލިއިރު މެސެޖެއް އެބައޮތް. އަދިވެސް ބަލައިލާނަން. ރަނގަޅު ކަމަށް އަޅުގަނޑުގެ ފޯނުން މި ފެނުނީ. އެހެންވީމާ، ވަރަށް ބޮޑަށް އުފާކުރަމުން ވަކިވެލާނަން. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.