بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުން، ދިވެހި ސިފައިން އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން، މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މުއައްސަސާތަކުގެ އިސްވެރިން، ސްކޫލްތަކުގެ މުދައްރިސުން އަދި އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުންނާއި، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، އައްޑުއަތޮޅުގެ މި ހިތްގައިމު ފަސްގަނޑުން، ދިވެހިރާއްޖޭގެ ފަޚުރުވެރި 58 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ، އައްޑޫ ލޮބުވެތި ރައްޔިތުންނާއި، އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދެންނެވުން.

އާދެ، މިފަދަ ދުވަހެއްގައި މިނިވަންކަން ހޯދައިދިނުމަށްޓަކައި، އަދި މިނިވަންކަން ދިފާޢުކުރުމަށްޓަކައި މަސައްކަތްކުރެއްވި، ޤައުމަށްޓަކައި ޖިހާދުކުރެއްވި ފަރާތްތަކުގެ ޒިކުރާ އަޅުގަނޑުމެން އާކުރަން އެބަޖެހޭ. އާދެ، ޢަލީރަސްގެފާނު، ބޮޑުތަކުރުފާނު އަދި ޝަހީދު ޙުސައިން އާދަމް، މި ފަސްގަނޑަށްޓަކައި ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި އެ ކުރެއްވި މަތިވެރި ޖިހާދުގެ މަތިން އަޅުގަނޑުމެން ހަނދާން އާކޮށް، އަޅުގަނޑުމެންގެ ނިމުމެއް ނެތް ޝުކުރު އެބޭފުޅުންނަށް އަޅުގަނޑުމެން ދަންނަވަންޖެހޭ. އަޅުގަނޑުމެންގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى މި ބޭފުޅުންނާއި އަދި ދިވެހި ޤައުމަށްޓަކައި ޤުރުބާންވި، ޖިހާދުކުރެއްވި އެންމެހައި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން. އާމީން.

އާދެ، މިނިވަންކަމަކީ ކިހާވަރެއްގެ ކަމެއްކަން، އަޅުގަނޑު ތަފްސީލުކޮށް އިތުރަށް ނުދެންނެވިނަމަވެސް، އަޅުގަނޑުގެ ކުރިން ވަރަށް ތަފްސީލުކޮށް، ވަރަށް ދިގުކޮށް، މިނިވަންކަމާ ގުޅޭގޮތުން ޤައުމެއްގެ، ދައުލަތެއްގެ މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލް އަޙްމަދު އަލާއުދީދީ ވަރަށް ބޮޑަށް ތިޔަބޭފުޅުންނާ ހިއްސާ ކުރައްވައިފި.

އާދެ، ޤައުމަކަށް ލިބޭނެ، ރައްޔިތަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެންމެ ބޮޑު އުފާވެރިކަމަކަށް ވާނީ މިނިވަންކަން. އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ، އަޅުގަނޑުމެންނަށް ގިނަފަހަރު ކަމެއްގެ، އެއްޗެއްގެ އަގު ވަޒަންކުރެވެނީ، އެ އެއްޗެއް އަޅުގަނޑުމެންގެ އަތުގައި ނޯންނަ ވަގުތަކު. ﷲ އިރާދަކުރެއްވީތީ، އެތަކެއް ސަތޭކަ އަހަރު ވަންދެން، އެތަކެއް ހާސް އަހަރު ކުރިންވެސް، އަޅުގަނޑުމެންނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް ކަމުގެ ވާހަކަ މިއަދުވެސް އެ ދެއްކެވީ. ދުނިޔޭގައި އެބަހުރި، މިއަދުވެސް މިނިވަންކަން ހޯދުމަށްޓަކައި، ދިފާޢުކުރުމަށްޓަކައި މަސައްކަތްކުރާ، މާ ކުރިއަރާފައިވާ، މާ ބޮޑެތި ޤައުމުތައްވެސް. އާދެ، އެފަދަ ޤައުމުތަކުގެ ކަންތައްތައް ހިނގާގޮތާއި، އަދި އެ ރައްޔިތުން ތަޙަންމަލު ކުރަމުންދާ ވޭނާއި، ތުރާތަކާއި، ހިތްދަތިކަން އަޅުގަނޑުމެންނަށް މިއަދު ވަރަށް ގާތުން ދަނީ ފެންނަމުން.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެބަޖެހޭ، މާޒީގައި އަޅުގަނޑުމެންގެ ޤައުމަށްޓަކައި ޝަހީދުވި، އަޅުގަނޑުމެންގެ ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއާއި، އެ ކުރެއްވި މަސައްކަތްޕުޅުތައް އަޅުގަނޑުމެންގެ ސިކުނޑިތަކަށް ގެނެސް، އަޅުގަނޑުމެންނަކީ ޤައުމުދެކެ ލޯބިވާ، ޤައުމިއްޔަތު ދިރުވައި، ޙުއްބުލްވަޠަން، ޤައުމީ ލޯބިން ފުރިގެންވާ ބައެއްގެ ގޮތުގައި ތިބެން.

އެނގިވަޑައިގަންނަވާނެ، މިނިވަންކަމެއް ދެމިއޮންނަނީ ހަމަޖެހޭ، އެކުވެރި، އެއްބައެއްވަންތަ ބައެއް، ޤައުމެއްގައި ތިބެގެން. ތަފާތު އެކި ބަދަލުތައް ޒަމާނަށް އެބަ އާދޭ. ކުރީގައި މި ޤައުމު އޮތް ގޮތަކަށް ނޫން، މިއަދު މި ޤައުމުގެ ކަންތައްތައްވެސް އޮތީ. އަޅުގަނޑުމެން މިވަނީ ގުޅިލާމެހިފައި. ކުރީގައިވެސް ބޯޓުތައް ހުޅަނގުން އިރަށް، އިރުން ހުޅަނގަށް ދަތުރުކުރާ ބީދައިން މިއަދު ދަތުރުކުރި ނަމަވެސް، ދުނިޔޭގެ ކަންތައްތައް މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. އެކިއެކި އޮއިވަރުތައް، އެކި ޒާތްޒާތުގެ އޮއިވަރުތައް އަޅުގަނޑުމެންނާ ހަމައަށްވެސް ވަނީ އަންނަން ފަށާފައި. މިއީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމެއް. ޤައުމަށްޓަކައި ކަމެއް ކޮށްދެވުމަކީ، ޤައުމަށްޓަކައި ޚިދުމަތެއް ކޮށްދެވުމަކީ، ކުޑަ ނަމަވެސް ކަމެއް ކޮށްދެވުމަކީ އެއީ، މިއަދު އަޅުގަނޑުމެންނަށް ލިބޭ އުފަލެއްގެ ގޮތުގައި ހަދަން އެބަޖެހޭ. އަޅުގަނޑުމެން ހުރިހާ އެންމެންވެސް ޤަބޫލުކުރަން އެބަޖެހޭ، ޤައުމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް މިލްކެއް. އަޅުގަނޑުމެންގެ ތަނެއް. އަޅުގަނޑުމެން އެންމެ ލޯބިވާންޖެހެނީ ޤައުމަށްޓަކައި. ޤައުމުގެ ކުރިއެރުމަށް، ޤައުމުގެ ހަމަޖެހުމަށް، ޤައުމުގެ ޞުލްޙަމަސްލަސް ކަމަށް، ޤައުމުގެ އަމާންކަމަށް، އުފާވެރިކަން ހޯދުމަށްޓަކައި އެއީ އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ކަމަކީ.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ތަފާތު އެކި ކަންތައްތައް ގިރާކުރެވިއްޖެ. އަޅުގަނޑަށް އެނގޭ، ވަރަށް ގިނަ ވަގުތު ހިނގައްޖެކަން. އާންމުގޮތެއްގައި މިފަދަ ޖަލްސާއެއްގައި އަޅުގަނޑުމެން ހޭދަކުރާ ވަގުތަށްވުރެ މާދިގުވެސް ވެއްޖެކަން. އެހެންނަމަވެސް، މިއީ ދެން އަހަރަކު އެއްފަހަރު މިގޮތަށް، އަޅުގަނޑުމެން މިދުވަސް މިގޮތަށް ސްޓޭޖްމަތީގައި މިހެން ފާހަގަ މިކުރަނީ. މިނިވަންކަމުގެ އިޙްސާސަކީ، އަޅުގަނޑުމެން ހަމަ ކޮންމެ ދުވަހަކުވެސް ފާހަގަކޮށް، އަގުވަޒަންކޮށް ކުރަމުންދާ ކަމެއް. އެހެންނަމަވެސް، މިގޮތަށް ތާރީޚު ބަޔާންކޮށްދީ، މިކަހަލަ ޖަލްސާއެއް މިގޮތަށް ބޭއްވޭ. އެހެންވީމާ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ މިކަހަލަ ދުވަހެއްގައި ތަންކޮޅެއް ދިގުކޮށް ތާރީޚުން ކަންތައްތައް ހިނގާފައި ހުރިގޮތްތައް އަޅުގަނޑުމެންނާ ހަމައަށް މިގެނެސްދެވެނީ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދަރިވަރުންނަށް ވަރަށް މުހިންމު ކަމަކަށްވާތީ.

އާދެ، މި ދެންނެވި އަހަރުތަކެއް ފާއިތުވެގެންދިޔައިރު، އަޅުގަނޑުމެންނަށް ފެނިއްޖެ، ތަފާތު އެކި ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުން މިދިޔަ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ސަރުކާރަކުން އެންމެ އިސްކަންދޭންޖެހޭނެ ކަމަކަށް އޮންނާނީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން. ޞުލްޙަ ޤާއިމުކުރުން، ޤައުމުގެ އަމާންކަން ދެމެހެއްޓުން. ރައްޔިތުންނަށްޓަކައި ހަމަހަމަ އުޞޫލެއްގެތެރެއިން ކަންތައްތައް ކުރުން. ހަމަހަމަކަން ގެއްލިގެން ދިޔުމަކީވެސް އެއީ ވަރަށް ނުރައްކާތެރި ކަމެއް.

އެހެންވީމާ، މި ސަރުކާރުން އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް، ޚާއްޞަކޮށް، އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް، އަދި މުޅި ދިވެހި ޤައުމުގެ އެންމެހައި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މިއަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ޤައުމުގެ ހަމަޖެހުން. ހަމަޖެހުން ނެތް ތަނެއްގައި ކުރިއެރުމެއް ނޯންނާނެ. ދެން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމާ، އެކަމަށްޓަކައި ކުރެވޭ މަސައްކަތުގެ ނަތީޖާއަކީ، މިއަދު އަޅުގަނޑުމެންނަށް ރާއްޖޭގެ އުތުރާއި ދެކުނުންވެސް މި ފެންނަ ހަމަޖެހުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އުންމީދަކީ، މި ދިވެހި އެންމެހައި ރައްޔިތުންނާއެކު މި ކަންތައްތައް ކުރިޔަށް އޮތް ތާނގައިވެސް އެންމެ އިސްކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމެހެއްޓުން.

އާދެ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ޚާއްޞަކޮށް، އައްޑުއަތޮޅަށް އާދެވުމަކީ. އުމުރުން ވަރަށް ހަގު، ވަރަށް ކުޑައިރުވެސް އަޅުގަނޑަށް އައްޑުއަށް އާދެވޭ. އާދެ، އެއްދުވަސްވަރެއްގައި އަޅުގަނޑުމެންނަށް އަޑުއިވޭނެ، އަޅުގަނޑުމެންގެ ކާފަމެން ދާނީ ކޮޅުނބަށް. އަޅުގަނޑުމެންގެ މާމަ އަންނާނީ އައްޑުއަށް. ވަރަށް ކުރީގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. މީގެ ގާތްގަނޑަކަށް ސާޅީސް ފަސްވަރަކަށް އަހަރު ކުރިން. މާމަ އައްޑުއަށް މި އަންނަނީ ހަސްފަތާލަށް، ޞިއްޙީ ފަރުވާ ހޯދަން. ވިސްނަވާ، އޭރުވެސް އައްޑޫ ކުރިއަރާފައި އޮތްވަރު. ވިޔަފާރީގެ ރޮނގުންނާއި، ޞިއްޙީ ރޮނގުން. ޢިލްމީ، ތަޢުލީމީ ޤާބިލް އެތައް ބައެއް. މިއަދު އަޅުގަނޑުމެންނަށް މުޅި ޤައުމުގެ ތަރައްޤީގެ ތެރެއިން މި ފެންނަ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އައްޑޫ ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑޭ. ޚާއްޞަކޮށް، ޢިލްމީ ބޭފުޅުން ވަރަށް ގިނަ އަތޮޅެއް މިއީ. ދިވެހިރާއްޖޭގެ މުޅި ކުރިއެރުމުގެ ބޮޑު ހިއްސާއެއް އައްޑޫ ރައްޔިތުން، މުޅި އައްޑުއަތޮޅު އެބަ ހިއްސާކުރޭ. އެހެންވީމާ، މި އަތޮޅުގެ ފަސްގަނޑުގައި ފައިޖެހުމަކީ، މި އަތޮޅަށް އާދެވުމަކީ އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑާ ދޭތެރޭގައި މޭޔަރ އެ ދެއްކެވި ވާހަކަތަކަށް ދެން އަޅުގަނޑު ދަންނަވާނެ އެއްޗެއް ނޭނގެ.

ސަރުކާރުން ވަޢުދުތަކެއް ވަނީ އެއީ ކޮންމެ ބަޔަކު އަޔަސް ކުރަންޖެހޭ ކަންތައްތަކެއް ކަމަށްވާތީ. ދެން ކުރާނެ ކަމެއްކަމަށް ބަޔާންކޮށް، އެ ވާހަކަ ކޮންމެވެސް އެއް ދުވަސްވަރެއްގައި އެ ރަށްރަށަށް ވަޑައިގެން ދައްކަވަނީ، ޔަޤީންކަމެއް ދިނުމުގެ ބޭނުމުގައި. އެއީ އޮޕްޝަނެއް ނޫން. އަޅުގަނޑު ޤަބޫލުކުރަނީ އެއީ ކުރަންޖެހޭނެ ކަމެއް ކަމުގައި، ކޮންމެ ބަޔަކު ތިއްބަސް.

އެހެންނަމަވެސް، އަޅުގަނޑު ހަމަ މިއަދު ފާހަގަކުރަން ބޭނުން، ޚާއްޞަކޮށް، ތިޔަބޭފުޅުން ތިއްބެވީމާ. އަޅުގަނޑުމެން މި ދެންނެވި ކަންތައްތަކާއި، އޭގެ ފަހުން ހިނގައިދިޔަ ކަންތައްތަކާއި، އަދި ރާއްޖޭގެ މުސްތަޤްބަލަށް ވިސްނާފައި، އައްޑޫގެ ކުރިއެރުމަށް، އައްޑޫގެ މުސްތަޤްބަލަށް ވަރަށް މުހިންމު މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ފެށިއްޖެ. އެނގިވަޑައިގަންނަވާނެ، މޭޔަރގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި، އަޅުގަނޑުވެސް، އަޅުގަނޑު މި ދެންނެވީ އަޅުގަނޑުގެ މާމަގެ ވާހަކަ ފެށިއިރުވެސް ހަސްފަތާލެއްގެ ވާހަކަ ދެންނެވިން. އަޅުގަނޑުމެންގެ އުންމީދަކީ މިހާރު އައްޑޫގައި ޤާއިމުކުރެވިގެން، ޚިދުމަތްދެމުން މިދާ އައްޑޫ އީކްއެޓޯރިއަލް ހޮސްޕިޓަލްގެ ފެންވަރު އަދި އެއަށްވުރެވެސް މާ ބޮޑުތަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް، ފުޅާ ދާއިރާއެއްގައި އެ ޚިދުމަތްދެވި، ސަރަޙައްދުންވެސް ގިނަ އަދަދަކަށް ޚިދުމަތްތައް ހޯދުމަށްޓަކައި މީހުންނަށް ފަސޭހަކަމާއެކު އާދެވޭނެ ގޮތަށް ކަންތައްތައް ކުރުން.

އެނގިވަޑައިގަންނަވާނެ، އައްޑޫގެ ތަރައްޤީގައި މި ކުރެވެމުންދާ، މި ސަރުކާރުން މި ކުރެވެމުންދާ މަސައްކަތްތަކަކީ، އަޅުގަނޑު ދަންނަވާނީ އިންޤިލާބީ ބަދަލުތަކެކޭ. ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި، މި ގެނެވޭ ބަދަލުތަކުން، ބިން ބޮޑުކުރުމާއި، އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތަކާއި، ޓޫރިޒަމް ފުޅާވެގެން ދިއުމާއި، ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކާއި، ޞިއްޙީ ދާއިރާ ފުޅާކުރަން މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިންޤިލާބީ ބަދަލުތަކެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އައްޑޫގެ ތަރައްޤީއަށް ގެނެވޭނެ. އެ ކަންތައްތައް އަޅުގަނޑުމެން މި ސަރުކާރުން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރިޔަށް ގެންދަވާނެކަމުގެ ހަމަ ފުރިހަމަ ޔަޤީންކަން، އައްޑޫ ރައްޔިތުންނަށް މިއަދު މި މަޤާމުގައި ހުއްޓިހުރެ އަޅުގަނޑު ދަންނަވަން ބޭނުން.

އާދެ، އަޅުގަނޑުމެންނަށް އޮތީ އެކުގައި މަސައްކަތްކުރުން. އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތައް، ކުރީގައި އަޅުގަނޑު ދެންނެވިގޮތަށް ތަޖުރިބާ ކުރެވިއްޖެ. ޓެސްޓު ކުރެވިއްޖެ. ކޮބައިތޯ ރަނގަޅު ގޮތަކީ، އަޅުގަނޑުމެންނަށް އެނގިއްޖެ. އަޅުގަނޑުމެން އިންސާނުންގެ މައްޗަށް އޮންނަނީ ރަނގަޅު ގޮތުގެ މައްޗަށް، ނުރަނގަޅު ގޮތް ޚިޔާރު ނުކުރުން. އެއީ އިސްލާމްދީނުގައިވެސް ކަނޑައެޅިގެން ބާރުއަޅުއްވައި އަޅުގަނޑުމެންނަށް އަންގަވާފައިވާ ގޮތް. އެނގިވަޑައިގަންނަވާނެ، މި ޖަލްސާ ފެށިގެންދިޔަ، ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުންވެސް އަޅުގަނޑުމެންގެ މައްޗަށް اللهُ سُبْحَانَهُ وَتَعَالَى އަންގަވާފައިވަނީ އަޚްވަންތަކަން ޤާއިމުކޮށް، އަޚްވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބުމަށް. އެކުވެރި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބުމަށް. ދުޝްމަނުކަން ދޫކޮށްލަން. އެއީ މުޅި އިސްލާމްދީނުން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އަމުރު ކުރައްވާ ކަމަކީވެސް. އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ޚާއްޞަކޮށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް، ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެކުވެރިކަމާއި، އެއްބައެއްވަންތަކަމާއެކު، ޤައުމުގެ ތަރައްޤީ ހާސިލުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހެއޭ. އަޅުގަނޑުމެން ހީކުރިކަހަލަ ކަންތައްތަކެއް ނޫނޭ، ހީނުކުރާކަހަލަ އެތައް ކަންތައްތަކެއްވެސް އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެއޭ.

އަޅުގަނޑުގެ ވާހަކަކޮޅު އަޅުގަނޑުވެސް މި އުޅެނީ ހައްތަހާވެސް ހަމަ ކުރުކުރެވޭތޯ ބަލަން އިނގޭތޯ. އެހެންނަމަވެސް، ބައެއް ކަހަލަ މުހިންމު ކަންތައްތައް ހުރީމާ، ވަގުތު، އަޅުގަނޑަށްވެސް ތަންކޮޅެއް ދިގުވެގެން މިދަނީ. އާދެ، ކޯވިޑުގެ ވާހަކަ އަޅުގަނޑު ނުދެންނެވި ނަމަވެސް، އަދި މިހާރު އަޅުގަނޑުމެންނަށް އަސަރުކުރާ، ދުނިޔޭގައި ހިނގަމުންދާ ކޮންފްލިކްޓްތަކުގެ ވާހަކަތައް ނުދެންނެވި ނަމަވެސް، ވަރަށް ގިނަ ކަންތައްތަކެއް، ހީނުކުރާކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ތައްޔާރުވާންވީ ޚާއްޞަކޮށް، ދަރިވަރުން ތައްޔާރުވާންވީ ވާރކްފޯސް، ވަރުގަދަ ވާރކްފޯސްއެއް ޤައުމުގައި އޮންނާނެ ގޮތަކަށް ވިސްނުން ބަހައްޓައިގެން. ކޮންމެފަދަ ހާލަތެއްގައިވެސް އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންނަށް ހިފެހެއްޓޭނެ، ކުރިޔަށް ދެވޭނޭ ގޮތަކަށް އަޅުގަނޑުމެން ތައްޔާރުވާންޖެހޭ. މަސައްކަތްތެރި ބަޔަކަށް ދަރިވަރުން ވާންޖެހޭ. ކޮންމެ ދަރިވަރަކުވެސް ޤައުމަށްޓަކައި ޚިދުމަތެއް ކުރެވޭނޭފަދަ މަސައްކަތެއް ދަސްކުރަން ޖެހޭނެ. އަޅުގަނޑު ދަންނަވައިފިން. ދަރިވަރުންގެ ހަނދާނުގައި ފަހަރެއްގައި ނުފެންނާނެ އެ ދުވަހެއް. އެހެންނަމަވެސް، ތިޔަކުދިންގެ ކާބަފައިން، މި އައްޑުއަތޮޅުގެ ރައްޔިތުން، މީގެ އެތައް އަހަރެއް ކުރިން، ފަންސާސް، ފަސްދޮޅަސް، ހަތްދިހަ އަހަރު ކުރިން ވެގެންދިޔައީ ލާމަސީލު ބަޔަކަށް. ވަރަށް މަސައްކަތްތެރި، ހުނަރުވެރި، ޢިލްމީ ބަޔަކަށް.

އެހެންވީމާ، އަޅުގަނޑުމެންގެ މުޅި ޤައުމުގެ ރައްޔިތުން މިއަދު މަސައްކަތްކުރަން އެބަޖެހޭ، އެ ދުވަސް އަޅުގަނޑުމެންގެ ތެރޭގައި މުޅި ޤައުމުގައި ބާއްވަން. ޚާއްޞަކޮށް، ތިޔަކުދިން ޢަޒުމް ކަނޑައަޅަން އެބަޖެހޭ. ޤައުމަށްޓަކައި ކޮށްދެވޭ ކޮންމެ ކަމަކީ ތިމާގެ ހިތުން ޤަބޫލުކުރެވޭ، ހިތަށް އުފާވެރިކަން ލިބޭ ކަމެއްގެ ގޮތުގައި ހެދުމުގެ ޢަޒުމް އަޅުގަނޑުމެން ގަދަކުރަން އެބަޖެހޭ. ޤައުމުގެ ދިފާޢުގައި، ޤައުމުގެ މިނިވަންކަން، ޤައުމުގެ ހަމަޖެހުން، އަމާންކަން، އަމާން ރާއްޖެއެއް އަބަދުމެ އޮންނާނެ ގޮތަކަށް ކޮންމެ ކަމެއް ކުރުމުގެ ވިސްނުން ގެންގުޅެން އެބަޖެހޭ. އެކަކު އަނެކަކަށް އަޅައިލާ، އެހީތެރިވެ، ހެޔޮބަސް ބުނާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވާން އެބަޖެހޭ. ދުޝްމަންކަމާއި، ޢަދާވާތްތެރިކަމާއި، މީހުންނަށް މަލާމާތްކުރުމާއި، ފުރައްސާރަ ކުރުމާއި، ފިތުނަފަސާދަ އުފެއްދުމުގެ ކަންތައްތަކަކީ މާޒީކަމަށް ބަލާފައި، ކުރިޔަށް އޮތީ ހަމަޖެހުމާއި، ހެޔޮބަސް ބުނުމާއި، އެކުގައި މަސައްކަތްކުރުމާއި، ތަރައްޤީއަށް ވާސިލުވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުންކަން ހިތުގެ އަޑިން ޤަބޫލުކޮށް، އެކަމަށްޓަކައި އަޅުގަނޑުމެންގެ މުޅި ޤައުމު އެކުގައި ތެދުވެގެން އަތާއަތް ގުޅައިލައިގެން، ހިތާހިތުން އަޅުގަނޑުމެން މި މަސައްކަތް ކުރަން އެބަޖެހޭ. އެހެންނޫނީ އަނެއްކާވެސް އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ މުޅިން އެހެންކަހަލަ ކަންތައްތަކަކާ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ދިގުވެއްޖެހެން ހީވަނީ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ﷲ އިރާދަކުރެއްވިއްޔާ، އެކުގައި ކުރެވޭ މަސައްކަތަކުން އަޅުގަނޑުމެންނަށް އޮތީ ކާމިޔާބީއޭ. އާދެ، އައްޑޫ ރައްޔިތުން އަބަދުވެސް އަޅުގަނޑުމެންނަށް މި ފަސްގަނޑުން އެ ދެއްވާ މެހްމާންދާރީ ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް ޚާއްޞަކޮށް، އައްޑޫ މޭޔަރ އަދި އައްޑޫ ސިޓީ ކައުންސިލްގެ އެންމެހައި މެންބަރުންނަށާއި، އަދި އައްޑޫގެ ޢިއްޒަތްތެރި މެންބަރުންނަށްވެސް، އަދި މިއަދު އަޅުގަނޑުމެންނާ އެކުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންނާއި، ހުރިހާ ރައްޔިތުންނާއި އަދި ޚާއްޞަކޮށް، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ހުރިހާ މުދައްރިސުން މީގައި ހިމަނައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު ތާއަބަދަށް މިނިވަންކަންމަތީގައި ލެހެއްޓެވުން. ޤައުމުގެ ތަރައްޤީއާއި ޤައުމުގެ އަމާންކަމަށްޓަކައި އަޅުގަނޑުމެންކުރާ ހެޔޮ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ޤައުމައިގެން ކުރިޔަށް ދިއުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. ދިވެހި ޤައުމާއި ރައްޔިތުންނަށް އަދަށްވުރެ ފަހި ދުވަސްތަކެއް މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.