ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ޗެންނާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޭޝިޔާގައި ހުންނަ ވިންޑް ޓަރބައިން އުފައްދާ އެންމެ ބޮޑު ކާރުޚާނާ، ވިންވިންޑަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، އެތަނުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައަކީ، މިހާރު ހަމައެކަނި ސަރުކާރުތަކުން ޝައުޤުވެރިކަން ދޭކަމެއް ނޫން ކަމަށް ވިދާޅުވެ، މިކަމަށް އިންވެސްޓްކުރުމުގަޔާއި، މިކަމުގެ ވިޔަފާރީގައި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ ބައިވެރިވުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އަމާޒަކީ ކާބަން ނިއުޓްރަލް ޤައުމަކަށްވުން ކަމަށާއި، މިއަމާޒަށް ވާޞިލުވުމަށްޓަކައި ބޭނުންވާ ޓެކްނޯލޮޖީ ހޯދުމަށް ސަރުކާރުން ޝައުޤުވެރިވެވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވިންވިންޑްގެ ސީ.އީ.އޯ މިސްޓަރ ނާރަޔަން ކުމާރު ދެއްކެވި ވާހަކަފުޅުގައި، ތިމާވެށީގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދު މެންދުރު އެމަނިކުފާނުގެ ޝަރަފުގައި ކޮންފެޑަރޭޝަން އޮފް އިންޑިޔަން އިންޑަސްޓްރީޒުން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗެންނާއީއަށް ވަޑައިގަތީ ރޭ މެންދަމުގެ ވަގުތެއްގައެވެ.