ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަބޫދާބީއަށާއި ބަޙްރައިނަށް ކުރެއްވި ދަތުރުފުޅާއި، އަދި މިހާރު މެޑްރާސްއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ލިބިވަޑައިގެންނެވި ފުރްޞަތުތަކުން ރާއްޖެއަށް ފައިދާކުރާނެ ކަމަށާއި، ރާއްޖެއަށް ލިބޭ އެހީތެރިކަން ބޮޑުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާ ރޭޑިއޯ ޚިޠާބުގައި، މިދަތުރުފުޅުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދަތުރުފުޅުގައި އެކިޤައުމުތަކުގެ ވެރިންނާއި، އަބޫދާބީއާއި ބަޙްރައިންގެ އެކިކުންފުނިތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅުތަކުގެ ތަފްޞީލު، މިއަދުގެ ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިވާހަކަފުޅުތަކުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައި ހުރި ކަންކަން ފާހަގަކުރެއްވި ކަމަށާއި، އެބޭފުޅުންނަށް ރާއްޖެއަށް އެހީތެރިކަން ދެއްވޭނެކަމާމެދު ޝައްކެއް ނުއުފެދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، ކަރަންޓްގެ ސަބްސިޑީޒް ދެއްވުމާ ގުޅޭގޮތުން ސަރުކާރުން ގެންނަވާ ބަދަލުގެ ތަފްޞީލުވެސް ހާމަކުރެއްވިއެވެ. މި ތަފްޞީލު ހާމަކުރައްވަމުން، ރަނގަޅު އާމްދަނީއެއް ނުލިބޭ ފަރާތްތަކަށް ކަރަންޓްގެ ސަބްސިޑީޒް ދެއްވުމުގައި ސަރުކާރުން މިހާރަށްވުރެ ބޮޑު އެހީތެރިކަމެއް ފޯރުއްވައިދެއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކަރަންޓް ބިލް ބޮޑުވެގެންދިޔައިރު، އެކަމާ ގުޅޭ އެންމެހާ މަޢްލޫމާތު ހުރިހާ ރައްޔިތުންނަށް ސާފުކޮށް ލިބިފައިނުވާތީވެ، އެކަން ފުރިހަމަގޮތުގައި ކުރިއަށް ގެންދެވިފައި ނުވަނީ ކަމަށް ސަރުކާރުން ގަބޫލު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު މިވަނީ މަޢްލޫމާތު ވަރަށް ބޮޑަށް ސާފުވެ، ފޯމްތައް ފުރާނެގޮތްވެސް ގިނަ ފަރާތްތަކަކަށް ސާފުވެފައި ކަމަށާއި، އެންސްޕާގެ ފަރާތުން ވީހާވެސް ގިނަ ބަޔަކަށް އެހީތެރިވެދެއްވުމަކީ، ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އާމްދަނީ މަދު މީހަކަށް ކަރަންޓް ބިލް ބޮޑުވެގެން، އެއޮންނަ ބުރަ އުފުލަން ނުޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަންސާސް މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް އުފެއްދެވުމަށް ސަރުކާރުން ޤަޞްދު ކުރައްވާފައިވުމާއެކު، އެކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ބައްލަވާލެއްވިއެވެ. މި ލޯނު އެކުދިން އަނބުރާ ދައްކަންޖެހޭނީ، ކިޔަވާ ނިމިގެން އައިސް، ދިގު މުއްދަތެއްގެ ތެރޭގައި ކަމަށާއި، އެމުއްދަތަކީ ދިހަވަރަކަށް އަހަރު ކަމަށް ހެއްދެވުމަކީވެސް ސަރުކާރުން މަސައްކަތް ކުރެއްވެން އޮތް ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަގަށް ވިސްނާވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި، ބޭނުންފުޅުވަނީ ވީހާވެސް ގިނަ ޒުވާނުންނަށް މަތީ ތަޢްލީމުގެ ފުރްޞަތު ލިބިގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.