بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޢާލަމްތަކުގެވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، ޔޫ.އެން.އެފް.ޕީ.އޭ.ގެ ކަންޓްރީ ޑައިރެކްޓަރ، ޔޫ.އެން.ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ދައުލަތުގެ އިސް ބޭފުޅުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުމެންނަށް މިއަދު ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓުން ފެނިގެން މިދިޔައީ، ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރައިގެންދިޔަތަން. އަދި ހަމައެއާއެކު، ރާއްޖޭގައި މިހާރު މީހުން ދިރިއުޅޭ އާބާދީ ފަސްލައްކައަށްވުރެ މަތީގައި އުޅޭކަމުގެ ރިޕޯޓް، ކުރެވުނު މަސައްކަތުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އަޅުގަނޑު ހަމަ އެންމެ ފުރަތަމަވެސް، ޚާއްޞަކޮށް، މިނިސްޓަރ އޮފް ޕްލޭނިންގ އަދި ސެންސަސްގެ ބޯހިމެނުމުގެ މަސައްކަތުގައި އުޅުއްވި ހުރިހާ ފަރާތްތަކުން އެ ކުރެއްވި މުހިންމު މަސައްކަތް ފާހަގަކޮށް، އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ދެންމެ ފެނިގެންދިޔަ ރިޕޯޓް، މިއީ ޤައުމެއްގެ ކުރިމަގަށް، ޤައުމެއްގެ މުސްތަޤްބަލަށް، ކަންތައްތައް ރޭވުމަށްޓަކައި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންވީ ކަންތައްތަކާއި، ޚާއްޞަކޮށް، އިސްކަންދޭންވީ ކަންތައްތައް އެނގިގެންދިޔަ ރިޕޯޓެއް. ތަފާތު ދާއިރާތަކުން ކަންތައްތައް ހުރިގޮތް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. މާލޭ އޭރިއާގައާއި، އަދި ރާއްޖޭގެ ރަށްރަށުގައި އެކިއެކި ފުރުޞަތުތައް، އެކިއެކި ކަންތައްތައް ހުރިގޮތް ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް މި ރިޕޯޓުން ފެނިގެން ހިނގައްޖެ.

އާދެ، އެނގިވަޑައިގަންނަވާނެ، މިއަދު ވަރލްޑް ޕޮޕިއުލޭޝަން ޑޭ، އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، އެންމެ ބޮޑު އިސްކަމެއްގެ ގޮތުގައި މިއޮތީ، ޚާއްޞަކޮށް ޖެންޑަރ އީކްއަލިޓީ. ނޫންކަމަށްވަންޏާ، އަންހެން ބޭފުޅުންނަށް، އަންހެނުންނަށް އޮތް، ފުރުޞަތުތަކުގެ މައްޗަށް. ސަބަބެއް އޮވެގެން، އަޅުގަނޑުމެންނަށް މި މައުޟޫޢުގައި ޚާއްޞަކޮށް، އަންހެން ބޭފުޅުންނާ ގުޅޭގޮތުން، އަންހެނުންނާ ގުޅޭގޮތުން ވަރަށް ދިގުކޮށް ވާހަކަ ދެއްކިދާނެ. އަދި ވަކިން ޚާއްޞަކޮށް، ރާއްޖެކަހަލަ ކުދި ޖަޒީރާތަކުގެ މައްޗަށް ހިމެނޭ ޤައުމެއްގައި، މާކުރިއްސުރެ ފެށިގެންވެސް ފުރުޞަތުތައް ނުވަތަ ރިސޯސް މަދުން އޮތް ތަނެއްގައި، އަންހެނުންގެ ރޯލު އޮތްގޮތާމެދު އަޅުގަނޑުމެންނަށް ވާހަކަ ދެއްކިދާނެ.

އާދެ، އަޅުގަނޑު ހަމަ އެންމެ ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ އެންމެ ކުރީ ހަނދާންތަކާއި، އަޅުގަނޑުމެންނަށް އިވިފައި ހުރި އަޑުތަކާއި، ފޮތްތަކުން ފެނުނު ކަންތައްތަކަށް ބަލައިލާއިރުވެސް، ރާއްޖޭގެ އަންހެން ބޭފުޅުންނަކީ، ޒަމާނުއްސުރެ ފެށިގެން ވަރަށް މަސައްކަތްތެރި ބައެއްކަން. އެނގިވަޑައިގަންނަވާނެ، ރަށްރަށުގައި ކަންތައްތައް ހުރިގޮތް. އަދި އަޅުގަނޑަށްވުރެ މާ ސާފުކޮށް، އެ ކަންތައްތައް ފެނިވަޑައިގެންފައި، އަދި އެ ކަންތައް އެނގިވަޑައިގެންފައި ތިއްބެވި ބޭފުޅުން، މި ޙަފްލާގައިވެސް އެބަ ތިއްބެވި. އާދެ، އަޅުގަނޑު ދަންނަވަން މިއުޅެނީ، ވަރަށް ބޮޑެތި ޒިންމާތަކެއް ނަންގަވައި، ވަރަށް ރިސޯސްއެއް ނެތި، ވަރަށް ދަތިގޮތަކަށް ކަންތައްތައް އޮތް ހިނދުވެސް، ޚާއްޞަކޮށް ދަރިންގެ ކަންތައްތައް ހެޔޮގޮތުގައި ބަލައި، މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ޢާއިލާގެ ހަމަޖެހުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރިއްސުރެ ފެށިގެން މިއަދާ ހަމައަށް ކުރަމުން އައި ވާހަކަ.

އާދެ، އެއް އަޑަކަށް އަޅުގަނޑުމެން މިއަދު އަންހެނުންނަށް ފުރުޞަތު އިތުރުކުރަންޖެހޭ ވާހަކައާއި، މުޖުތަމަޢުގެ ކަންތައްތައް ނިންމުމުގެ ފުރުޞަތު އޮންނަންޖެހޭނެ ވާހަކަ ދައްކަނީ، ޙަޤީޤަތުގައިވެސް އޭގެ ވަރަށް ބޮޑު ބޭނުމެއް އޮވެގެން. އަޅުގަނޑުމެން މި ފުރުޞަތުތައް ފަހިނުކޮށް ޤައުމެއްގައި، މުޖުތަމަޢެއްގައި ހަމަޖެހުމެއް ޤާއިމެއްނުކުރެވޭނެ. ހަމަހަމަ ފުރުޞަތުތައް އޮތުމުން، ޤައުމަށް އޭގެ ފައިދާތަކެއް އެބަކުރޭ. އެނގިވަޑައިގަންނަވާނެ، އަންހެނުންނަށް ލިބޭ ފުރުޞަތުތަކުގެ ނަތީޖާއަކަށް ވެގެންދަނީ، ވަކިވަކި ފަރާތްތައް އެމްޕަވަރ ވެގެންދިޔުން. އަދި މުޅި ޢާއިލާ ވަރުގަދަވެގެން ދިޔުން. މުޖުތަމަޢުތައް ދުޅަހެޔޮވެ، ހުރިހާ ގޮތަކުންވެސް ފުދޭ މުޖުތަމަޢަކަށް ބަދަލުވެގެން ދިޔުން. އެއާއެކު ދެން ފެންނަނީ، މުޅި ރަށާއި، މުޅި ޤައުމުގެ ތަރައްޤީއަށާއި، މުޅި ޤައުމުގެ ހަމަޖެހުމަށް، އޭގެ ސަބަބުން ބަދަލު އަންނަ މަންޒަރު. މިއަދު ޚާއްޞަކޮށް، މިފަދަ ދުވަސްތައް ފާހަގަކުރުމުގެވެސް ބޭނުމެއް އޮވޭ. މިއީ ހަމައެކަނި ޕޮޕިއުލޭޝަން ވަކި ހިސާބަކަށް ދިޔައިމާ، އެ ކަންތައްތައް މީހުން ކައިރީގައި ބުނެލުމަށްޓަކައި ކުރާ ކަމެއް ނޫން.

ދެންމެ މިނިސްޓަރ އަސްލަމް ވިދާޅުވި، 1987ވަނަ އަހަރު އޮތް ފަސް ބިލިއަނުގެ ވާހަކަ. ހަމައެއާއެކު މި އަހަރު، މިއޮތީ އަށް ބިލިއަނަށް. އެ ވާހަކަ ބުނާކަށް ނޫން ވަރލްޑް ޕޮޕިއުލޭޝަން ޑޭ ފާހަގަކުރަނީ. މިއަދު އަޅުގަނޑުމެން ފާހަގަކުރާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. ފުންކޮށް ބަލަން އެބަޖެހޭ، ކަންތައްތައް އޮތްގޮތާމެދު. އަޅުގަނޑުމެން ދައްކާ ވާހަކަތަކާއި، އަޅުގަނޑުމެންގެ އެކިއެކި ފޮތްތަކުގައި ލިޔެވިފައި ހުރި ކަންތައްތަކާއި، ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކުގައި އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ކަންތައްތަކާ އެއްގޮތަށް ކަންތައްތައް ކުރެވެނީ ކިހާވަރަކަށްތޯ، ކޮން މިންވަރަކަށްތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، ޖެންޑަރ އީކުއަލިޓީ ބިލެއްވެސް ވަނީ ފަރުމާކުރެވިފައި. އަޅުގަނޑު ހަނދާންވާ ގޮތުން ކަމަށްވަންޏާ، 2014 ވަނަ އަހަރު ނުވަތަ 2015 ވަނަ އަހަރު. ވަރަށް ގިނަ ކަންތައްތަކެއް ހިމެނިފައި ވަނީ. ވަރަށް ގިނަ ފުރުޞަތުތަކެއް ލިއްބައިދޭ ގޮތަށް ފަރުމާކުރެވިފައި އޮތީ. ހަމައެއާއެކު، އަބަދުވެސް ސަރުކާރުތަކުން ދައްކާ ވާހަކައެއް، ޖެންޑަރ އީކުއަލިޓީގެ ވާހަކަ. އަންހެނުންނަށް ފުރުޞަތުތައް އިތުރުކުރާ ވާހަކަ. އަޅުގަނޑުމެންގެ މި ސަރުކާރުން މިނިސްޓްރީއެއް ޤާއިމުކޮށް، ވަސީލަތްތައް ޤާއިމުކޮށް، ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެނގިވަޑައިގަންނަވާނެ، ތަރައްޤީ މި އަންނަނީ، އަޅުގަނޑު ކުރީގައިވެސް މި ދެންނެވި ގޮތަށް، ހުރިހާ ދާއިރާއަކުން ފުރުޞަތުތައް ލިބިގެން. ފުރުޞަތުތައް އިތުރުވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. އަޅުގަނޑު މަޖިލީހުގައި ހުރިއިރު، ތިބި އަދަދަށްވުރެ މިއަދު އެއް ދައުރު ފަހުން އައި މަޖިލީހުގައި، ތިއްބެވި އަންހެން ބޭފުޅުންގެ އަދަދު މަދު. އަޅުގަނޑުމެން ރެޔާއި ދުވާލު، ތާއަބަދު މި ދައްކާ ވާހަކައަކީ، ސިޔާސީ ދާއިރާ، އިޤްތިޞާދީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވަންޖެހޭ ވާހަކަ. ފުރުޞަތުތައް ހޯދައިދޭ ވާހަކަ އެބަ ދެއްކޭ.

އެހެންނަމަވެސް، ގާތްގަނޑަކަށް ތިން ހަތަރު އަންހެން މެންބަރުން، މުޅި ޤައުމުގެ ރައްޔިތުން ތަމްސީލު ކުރުމުގެ ތެރޭގައި، 87 މެންބަރުން ހިމެނޭ މަޖިލީހެއްގައި ތިބުން އެއީ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން ކުޑަކޮށް ވިސްނާލަންޖެހޭ ކަމެއްހެން. ޙަޤީޤަތުގައި އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ކޮންކަމެއްތޯ؟ ވަރަށް ސާފު. ޤައުމުގެ ތަރައްޤީ. ޤައުމުގެ ހަމަޖެހުން. އެހެންކަމަށްވަންޏާ، އަޅުގަނޑު މިއަދު ހަމަ އަންހެން ބޭފުޅުންނަށް ގޮވާލަން، ޚާއްޞަކޮށް ތިޔަބޭފުޅުން މި ކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އިތުރަށް މިފަދަ ވަގުތުތައް އަންނައިރު. މިކަމުގައި އިތުރަށް ވިސްނަވާ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ފަހަތުގައި މިކަމުގައި ތިބޭނަން. އެއީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، ކުރީގައިވެސް މި ދެންނެވި ގޮތަށް، ހަމަހަމަ އަޑު އެބަ އޮންނަންޖެހޭ މުޖުތަމަޢުގައި. އެނޫން ގޮތަކަށް އެއީ ކާމިޔާބު އޮތް ކަމަކަށް ގަބޫލުނުކުރެވެނީ.

އާދެ، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން، އަޅުގަނޑުމެންނަށް ކުރެވިގެންދާ މަސައްކަތުން، ގިނަ ކަންތައްތަކެއް ފުރިހަމަވެސް އެބަކުރެވޭ. ޚާއްޞަކޮށް، ދެންމެ އެ ވިދާޅުވިފަދައިން، ދަރިމައިވުމުގެ، ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތައް އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން އަދި އަންހެން ބޭފުޅުންނާއި، މުޅި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުން، ދަށްކުރެވެމުން އެބަދޭ. އަދި އެނޫނަސް، އަޅުގަނޑުމެންނަށް ތަފާތު އެކި ކަންތައްތައް އަމާޒުކުރެވި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމުގެ ތެރެއިން، ޞިއްޙީ ކަންތައްތަކަށް ސަރުކާރުން ދެވޭ ޚާއްޞަ އަހަންމިއްޔަތުކަމުގެ ތެރެއިން، އެކިއެކި ކަންތައްތަކަށް އަޅުގަނޑުމެންނަށް އެޑްރެސް އެބަ ކުރެވޭ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދަންނަވާލަން އޮތީ، މި ސަރުކާރުން ކުރާ ހަމަ ކޮންމެ ކަމެއްގައިވެސް، ދެންމެ މިނިސްޓަރ އަސްލަމްވެސް އެ ފާހަގަކުރެއްވި ގޮތަށް، އަޅުގަނޑުމެންގެ ރީޖަންތައް ބެހިގެން، އެ ރީޖަން ތެރޭގައި، އިތުރު ޒޯންތައް ބެހިގެން، އަދި އޭގެތެރޭގައި އިތުރު ކްލަސްޓަރތަކަށް ބެހިގެންދާއިރު، މިއިން ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެންގެ ސަރުކާރުން ވިސްނާނީ މި ދެންނެވި ގޮތަށް ފުރުޞަތުތައް އިތުރުކުރުމަށްޓަކައި. އެއީ އަޅުގަނޑުމެން ގަބޫލުކުރަނީ، ޤައުމުގެ ތަރައްޤީ ކަމަށް.

އާދެ، އަޅުގަނޑުމެންނަށް މިއަދު މި އާދެވުނު ހިސާބަށް އަޅުގަނޑު ގަބޫލުކުރަނީ ހޯދިފައި އޮތް ކޮންމެ ކުރިއެރުމެއް އަޅުގަނޑުމެންނަށް ހޯދިފައި އޮތީވެސް، ވަރަށް ގިނަ ބޭފުޅުން ކުރެއްވި މަސައްކަތުން ކަމަށް. އާދެ، އަޅުގަނޑު މީގައި ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ޚާއްޞަކޮށް ޒަމާނުއްސުރެ ފެށިގެން ރަށްރަށުގައި އުފެދިފައި ހުރި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތައް. އަދި ރަށުގެ މުޖުތަމަޢުން ނަން ކިޔާލާވަރުގެ. އަޅުގަނޑު ދަންނަވާހިތް އޮތީ، ހަމަ ފާހަގަކުރެވޭ ވަރުގަދަ އަންހެން ލީޑަރުން ކުރީގައިވެސް، މިހާރުވެސް އެބަ ތިއްބެވިއޭ. ހަމައެއާއެކު، ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުމެންނަށް އެބަ ފެނޭ. އޭގެ ތެރޭގައި ހަމަ މާބޮޑުތަނުންވެސް ގިނައީ އަންހެން ބޭފުޅުން. އެން.ޖީ.އޯސްތަކާއި، ޖަމުޢިއްޔާތަކާއި، އަދި މިދެންނެވި ގޮތަށް، އެ ޝައުޤުވެރިކަމާއެކު، އަންހެނުންނާއި މުޅި ޤައުމުގެ ކުރިއެރުމަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅުން އަޅުގަނޑުމެންނަށް އެބަ ފެނޭ. މިއަދު މި ފެންނަ ނަތީޖާއަކީ، އަޅުގަނޑު ދަންނަވާނީ، މި ހުރިހާ ފަރާތްތަކުން މި ކުރައްވާ މަސައްކަތް.

އާދެ، އަޅުގަނޑުމެން ހަމަ ފިރިހެނުން ވިސްނާލަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި. އުފެދުމުގައިވެސް، އުޅުމުގައިވެސް، އަޅުގަނޑަށް ގަބޫލުކުރެވެނީ، ކުލުނާއި، ލޯތްބާއި، އޯގާތެރިކަމާއި، އަޅައިލުމާއި ހަމްދަރުދީ އިންތިހާއަށް ބޮޑު. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު މިގޮތަށް ސްޓޭޖަކަށް އަރައި، މިހެން ވާހަކަ މި ދައްކާލެވެނީ. އެ ލޯބި، އެ އަޅައިލުން، އެ ހަމްދަރުދީ، އަޅުގަނޑުމެންނަށް ލިބުނީތީ. އެ އަޅުގަނޑުމެންނަށް ލިބުނީ އަޅުގަނޑުމެންގެ ޅަފަތުން ފެށިގެން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އަންހެނެއްގެ ފަރާތުން. މުޅި ޢާއިލާގެވެސް ފާހަގަކޮށްލެވޭ މާމައިން، މުނިމާމައިން ފެށިގެން، ދައްތަމެން، މަންމަ، އެ ފަރާތްތަކުން އަޅުގަނޑުމެންނަށް އެ ލިބުނު ލޯބި، އަޅައިލުން، އަޅުގަނޑުމެންނަށް ނުލިބުނުނަމަ، ހަމަ ގައިމުވެސް އަޅުގަނޑުމެން ފިރިހެނުން މާފަހަތުގައި ތިބޭނީ. މާފަހަތުގައި، ނުފެންނަ ހިސާބުގައި އަޅުގަނޑުމެން ތިބޭނީ. އެހެންވީމާ، މިއީ އަޅުގަނޑުމެން މިކަހަލަ ދުވަހެއްގައި ވާހަކަ ދައްކާފައި، އަދި އެކަމަށްޓަކައި ވިސްނައި، ކުރެވެން އޮތް ކޮންމެ ކަމެއް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް.

އާދެ، އެނގިވަޑައިގަންނަވާނެ، ޤައުމެއްގައި އެންމެ މުހިންމު މިވަނީ، ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުން. ބަލައިލަމާ ހިނގާ ކޮންބައެއްތޯ މި ކަންތައްވެސް ކުރަނީ ރާއްޖޭގައި. އަޅުގަނޑަށް އެބަ ފެނޭ، އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުންވެސް. ތަޢުލީމީ ދާއިރާއަށް އަޅުގަނޑުމެން ބަލައިލަމާ ހިނގާ. ތަޢުލީމު އުނގަންނައި ދިނުމަށްޓަކައި، އެންމެ ޅަފަތުގައި، އަޅުގަނޑުމެން އެންމެ ތުއްތުއިރު މިދަނީ ޤުރްއާން ކިޔެވުމަށްޓަކައި. އަޅުގަނޑުމެން މާމަ، ދައްތަ، ނޫނީ ބޮޑުދައިތަ، ކޮންމެވެސް ބޭފުޅެއް. މިއަދު އަޅުގަނޑުމެން ސްކޫލްތަކަށް ދާއިރުވެސް، އަޅުގަނޑުމެންގެ އާންޓީން، ނޫނީ އަޅުގަނޑުމެންގެ ޓީޗަރުންގެ ގޮތުގައި ހަމަ ހީވާގި އަންހެން ބޭފުޅުން އެބަ ތިއްބެވި. ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް ޝައުޤާއެކު މަސައްކަތް ކުރައްވާ އަންހެން ބޭފުޅުން.

ދެން އޮތީ އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ބައްޔެއް ކަމެއް ދިމާވީ، އަޅުގަނޑުމެން ޞިއްޙީ މަރުކަޒަށް، ނޫނީ ހޮސްޕިޓަލަށް މިދަނީ. އަޅުގަނޑަށް ހެލްތު މިނިސްޓްރީގެ ބޭފުޅުންވެސް އެބަ ފެނޭ. ބައްޔެއްވެ، ނޫނީ އެއްވެސް އެކަހަލަ ކަމެއް ތަޙައްމަލުކުރާ ވަގުތަކީ އިންސާނަކަށް އެންމެ އަޅައިލުމާއި، ލޯތްބާއި، އެހީތެރިކަން ބޭނުންވާ ވަގުތު. އެ ވަގުތުވެސް އެއްގޮތަކަށްވެސް ކޮމްޕެއަރ ކުރާވަރެއްގައި ނޫން އޮތީކީ. އަންހެން ބޭފުޅުން މާގިނަ. އަދި މިއަދު ޤައުމުގެ ކަންތައްތައް ކުރުމުގައި އިސް ސަފުގައި ރަށްރަށުގެ ރަށު ކައުންސިލްގައި، އަދި ޕޮލިސީ ލެވެލްގައި، މަސައްކަތުގެ މައިދާނުން، އަޅުގަނޑުމެންގެ ކެބިނެޓުން، ގިނަ ދިމަދިމާގައިވެސް ކަންތައްތައް ކުރުމުގައި އަންހެން ބޭފުޅުންގެ ހިއްސާ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބަ ފެނޭ.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން އޮތީ، ސަރުކާރަކުން ސިޔާސަތެއް ކަނޑައެޅި ނަމަވެސް، އެކަން ކާމިޔާބު މިވަނީވެސް، މުޅި ޤައުމުގައި އެންމެން އެކުގައި ކުރެވޭ މަސައްކަތުން. ފަހަރެއްގައި އަޅުގަނޑުމެންނަށް ހީވެދާނެ، ސަރުކާރުން މަޝްރޫޢުތައް ހިންގައި ސިޔާސަތުތައް ކަނޑައަޅައިގެން، ދެންމެ މިނިސްޓަރ އަސްލަމް ވިދާޅުވިގޮތަށް، އެ ކަންތައްތައް އެގޮތަށް އޮތް ނަމަވެސް، ހަމަ އޮޓޯއަށް ލެވިގެން ކޮންމެ ކަމެއް ނުހިނގާނެ. އެއްވެސް ޤައުމެއްގައި އެގޮތަށް ކަންތައްތައް ވެފައެއް ނެތް. ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމުތައް، އަދި ހައެއްކަ ޤައުމު އެބައޮތް ދުނިޔޭގައި، ޕާލަމެންޓް ތަކުގައިވެސް އަންހެން ބޭފުޅުންގެ މެޖޯރިޓީ އޮތް. އެ ޤައުމު ތަކުގައިވެސް އެ ކަންތައްތައް ވެފައި އޮތީ ހަމަ ވަރަށް ގިނަ ބައެއްގެ މަސައްކަތް އޭގައި ހިމެނިގެން.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަންވެސް އޮތީ، މިއަދު އަޅުގަނޑުމެންނަށް މި ފެނުނު، ރިޕޯޓުން ދެން ކުރަންޖެހޭ ކަންތައްތައް، އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި، ސަރުކާރުގެ ސިޔާސަތާއެކު ކުރިއަށް ދިއުމަށްޓަކައިވެސް ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަމާ ހިނގާށޭ. އަޅުގަނޑުމެން އަބަދުވެސް ވިސްނަންވާނީ، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބި، އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ލިބި، ހަމަޖެހުމާއި އުފާވެރިކަން އެންމެ ރަނގަޅަށް ޤާއިމުވުން. ކޮންމެ އިންސާނަކުވެސް އެންމެ ބޮޑަށް އެދޭ ކަމަކަށް މި އޮންނަނީ އުފާވެރިކަން. އުފާވެރި ޢާއިލާއެއް، އުފާވެރި ރަށެއް، އުފާވެރި، އަމާން ރާއްޖެއެއް ހޯދުން. ޤައުމު ބިނާކުރުމަކީ އެއީ އެންމެން އެންމެ ބޮޑަށް އެދޭ އެދުން ކަމުގައިވާއިރު، އެގޮތަށް މަސައްކަތް ކުރަމާ ހިނގާށޭ. ޤައުމުގެ ހަމަޖެހުން، ޞުލްޙަ، އަމާންކަން، އަޅައިލުން، ރައްކާތެރިކަން، މިކަން ކުރާ ބައެއްގެ ގޮތުގައި، މިކަމުގެ ވާހަކަ ދައްކަމާ ހިނގާށޭ. ރަނގަޅު ކުރަންވީ ކަންތައްތަކުގެ ވާހަކަ ދައްކަމާ ހިނގާށޭ. ބުއްދިވެރި، ރަނގަޅު ސިކުނޑީގެ ވެރިން އެ ވާހަކަތައް ދައްކައިގެން ނޫނީ ނުވާނެ. ކިތަންމެ އަހަރުތަކެއްވިޔަސް، އަދި ފަސްއަހަރު ފަހުން، ދިހަ އަހަރު ފަހުން ރިޕޯޓް ނެރޭއިރުވެސް، ހަމަ ފަހަރެއްގައި މި ހުރިހާ ފިގަރސްތަކުން ހާސިލުކުރެވިފައި ހުރި ކަންތައްތައް ކާކަށްތޯ އެނގެނީ، ކުރިއަށްތޯ ދާނީ ފަހަތަށްދޯ ދާނީ. އެ ހުރިހާ ކަމެއް ބިނާވެގެން ވަނީ، މި ދެންނެވި ގޮތަށް، އެކަހަލަ މުޖުތަމަޢަކުން ޤައުމެއްގެ ރައްޔިތު ބައެއް ކުރާ މަސައްކަތަކުން.

އެހެންވީމާ، ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން އޮތީ، ހަމަގައިމުވެސް އަޅުގަނޑުމެންނަށް އެންމެ މުހިންމީ، އަޅުގަނޑުމެންގެ ޤައުމު. އެންމެ ބޮޑީ ޤައުމު. އަޅުގަނޑުމެންނަށް އެންމެ ބޭނުންވަނީ، އުފާވެރި، ދުޅަހެޔޮ، ޞިއްޙަތެއްގައި ދެމިތިބޭ ރައްޔިތެއް. ތުއްތު ކުދިންނަށް އެ ކުދިންގެ ޙައްޤުތައް އަޅުގަނޑުމެންނަށް އަދާކުރެވޭ. އަންހެން ބޭފުޅުންނަށް އިތުރު ފުރުޞަތުތައް ހޯދައިދެވޭ، ޢުމުރުން ދުވަސްވީ ބޭފުޅުންގެ ޙައްޤުތައް ހިމާޔަތްކޮށް އަޅައިލައި، އޯގާތެރިކަމާއެކު އަޅައިލެވޭ. އެ ވާހަކަ ދައްކަމާ ހިނގާށޭ. އިޤްތިޞާދީ ބޮޑު ބަދަލަކަށް ޑަބަލް ކުރެވޭނެ ވިސްނުން ނެރެ، މަސައްކަތުގެ މައިދާނުގައި އުޅޭ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ފިރިހެނުންނާއި އަންހެނުން ވަމާ ހިނގާށޭ. ޤައުމު ކުރިއެރުވުމުގެ ވާހަކަ ނޫން އެހެން ވާހަކައެއް އަޅުގަނޑުމެންނަށް މުހިންމުވާންވީ އެއްވެސް ސަބަބެއް ހަމަ އަޅުގަނޑަކަށް ނޭނގެ. ޤައުމު ނޫން އެއްޗެއް އަޅުގަނޑުމެންނަކަށް ފެންނާކަށް ނުޖެހޭ. ރަނގަޅު ނަތީޖާ ހާސިލުކުރެވޭނެ ހަމައެކަނި ގޮތަކީ، އެންމެ ގޮތެއް. އެއީ އެކުގައި އެންމެންނަށް މަސައްކަތް ކުރެވިގެން.

ހިތުތެރޭގައި އުފެދޭނެ ކިތަންމެ ކަންތައްތަކެއްވެސް. އެހެންނަމަވެސް، އެހެން މީހުންގެ މައްޗަށް ޙަސަދަވެރިވުމާއި، ނުބައި ވިސްނުންތައް ގެންގުޅުމާއި، މިއީ ތަހުޒީބު މުޖުތަމަޢުގެ ބަޔަކު އުޅެން ވިސްނާނެ ގޮތެއްވެސް ނޫން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވައިފައި މިވަނީ، އެކުއެކީގައި އުޅުމަށް. މި ބިންމަތީގައި އެކުވެރިކަމާއެކު، ތަފާތު އެކި ވިސްނުންތަކުގެ މީހުން އެކުއެކީގައި އުޅެ، ކުރާ މަސައްކަތުން ޤައުމު، މުޅި ދުނިޔެ، މުޖުތަމަޢުތައް ކުރިއަށް ގެންދިއުމަށް. މިއީ ސާފުކޮށް އަޅުގަނޑުމެންނަށް އެނގޭ ކަމެއް.

ދެން އަޅުގަނޑު ކަހަލަ މީހަކު މި ވާހަކަ ދައްކަން ތަންކޮޅެއް އުނދަގޫވެސްމެ. ކުރިމަތީގައި ތިއްބެވީ، މާ ބޮޑަށްވެސް މިކަހަލަ ކަންތައްތައް އެނގިވަޑައިގަންނަވާ ބޭފުޅުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. މިކަމުގައި ވަރަށް ފުންނާބު އުސް ބޭފުޅުން އަޅުގަނޑަށް އެބަ ފެނޭ، އަޅުގަނޑުގެ ކުރިމަތިން. ޖެންޑަރ މިނިސްޓަރު، ފުއާދު ތައުފީޤު އެބަ ފެނޭ. މިނިސްޓަރ އަސްލަމް، ވަރަށް ތަޖުރިބާކާރު ބޭފުޅުން. ތަންކޮޅެއް އުނދަގޫވެސްވޭ އަޅުގަނޑަށް ތިޔަބޭފުޅުން ތިއްބަވާ މަޖިލީސްތަކުގައި މިކަހަލަ ވާހަކަދައްކަން. ދެން އެހެންނަމަވެސް، އަޅުގަނޑު މިއަދު ހުރި މަގާމުގެ ގޮތުން، އުމުރާ ނުގުޅޭ ވާހަކަތައްވެސް ދައްކަން އެބަޖެހޭ. އެކަމަކު ދެން އަޅުގަނޑު ބަލައިލީމާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ ބޮލާ އެއްޗެހިވެސް މި ހުންނަނީ، އުމުރުން ތަންކޮޅެއް ދުވަސްވީ މީހެއްގެ ގޮތުގައި. އެހިސާބަށް ދެން އަޅުގަނޑުވެސް މި ދަތުރުކުރަނީ މިހާރު.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން، ޤައުމަށްޓަކައި އެންމެން އެއް ވާނެއްގައި، އެއް ރާގެއްގައި މަސައްކަތްކޮށް، ކާމިޔާބު މަންޒިލަކަށް ދިއުމަށް ސަރުކާރުން ޚާއްޞަކޮށް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވާ މަސައްކަތާ އެކީގައި ކުރިއަށް ދިއުމުގެ މުހިންމު ކަމަށްވުރެ އެހެން އެއްވެސް މުހިންމު ކަމެއް ނެތްކަން ފާހަގަކުރަމުން، މި މަސައްކަތް ކުރައްވައި، ޚާއްޞަކޮށް މި ތަފްސީލު ރިޕޯޓެއްގެ ގޮތުގައި މި ކަންތައް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ މުޙައްމަދު އަސްލަމް އަދި ބޯހިމެނުމުގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުއްވި އެންމެހައި ފަރާތްތަކަށް، ވޮލަންޓިއަރުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ވޮލަންޓިއަރުންގެ ގޮތުގައިވެސް އެތައް ސަތޭކަ ކުދިންނެއް ހަރަކާތްތެރިވި. މުޅި ރާއްޖޭގައި، ވަރަށް ގިނަބަޔަކު ރެޔާއި ދުވާލު ގިނަ ދުވަސްތަކެއް ވަންދެން ދަތި އުނދަގޫ ގޮތްތަކަށްވެސް މަސައްކަތްތައް ކުރެއްވި.

ހަމައެއާއެކު، އަޅުގަނޑުމެންނަށް، ޔޫ.އެން. އެޖެންސީތަކުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޔޫ.އެން. ކަންޓްރީ ޓީމަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. މުޅި ދިވެހި ރައްޔިތުން ޤައުމަށްޓަކައި އެވީ ޤުރުބާނީއާއި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ޤައުމުގެ ކުރިއެރުމަށްޓަކައި ކުރާ އެންމެހައި މަސައްކަތްތައް ފާހަގަކޮށް، މުޅި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން މި ޤައުމުގެ އެންމެހައި ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވައި، ހެޔޮބަސް އަހައި، ހެޔޮބަސް ބުނާ، ހެޔޮ ކަންތައްތައް ކުރާ ބައެއްގެ ގޮތުގައި ލައްވައި އަދި ޤައުމުގެ ކަންތައްތަކުގައި، ޤައުމު ތަރައްޤީ ކުރުމުގެ ހެޔޮ ވިސްނުން އަޅުގަނޑުމެންނަށް ތާއަބަދު ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.