بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާގެ ރައީސް އަލްފާޟިލް އަޙްމަދު ޢަލީ މަނިކު، ނައިބު ރައީސް ޢަބްދުލްޢަޒީޒް ޔޫސުފް، އިސްރަށްވެހިންގެ ޖަމުޢިއްޔާގެ އިސް މެންބަރުން، އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އިސްރަށްވެހިން؛

އަޅުގަނޑު ވަރަށް ލޯތްބާއެކު، ހުރިހާ ބޭފުޅުންނަށް އިސްލާމްދީނުގެ އެންމެ ރިވެތި ސަލާމުން ސަލާމް ދަންނަވަން.

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއަށް 10 އަހަރު ފުރިގެންދާ މި މުނާސަބަތުގައި، އަޅުގަނޑު ތިޔަ އެންމެހައި ލޮބުވެތި ބޭފުޅުންނަށާއި އަދި ދިވެހިރާއްޖޭގެ އެންމެހައި އިސްރަށްވެހިންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން.

އާދެ، އަޅުގަނޑުގެ ކުރިމަތިން އަޅުގަނޑަށް މި ފެންނަނީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިގެން ދައުލަތުގެ އެންމެ މަތީ ޢިއްޒަތް އެރުވިފައިވާ ބޭފުޅުން. އާދެ، އެއްވެސް ޝައްކެއްނެތް، ދައުލަތުން، މި ޤައުމުން އެކަން ފާހަގަކޮށްފައިވަނީ، ސަބަބުތަކަކާ ހެދި.

އާދެ، މިއަދު އަޅުގަނޑުގެ ހިތަށްއަރަނީ، ދެންމެ ޖަމުޢިއްޔާގެ ނައިބު ރައީސް އެ ވިދާޅުވީ ޒުވާނުންނާ އެއްވަރަށް އަދިވެސް ކަންތައްތައް ކުރައްވާ ވާހަކަ، ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކަމަށް. އާދެ، މިއަދު ތިޔަބޭފުޅުން ޤައުމީ ޚިދުމަތް ކުރެއްވި ދުވަހު ވަނީ ނަމޫނާ ދައްކަވާފައި. ވަރަށް ފުރިހަމައަށް އިޚްލާޞްތެރިކަމާއެކު އެ ޚިދުމަތް އަދާކޮށްދެއްވާފައި. އެހެންނޫންނަމަ، އަޅުގަނޑު ކުރީގައި މި ދެންނެވި އެ ޝަރަފު، އެ ޢިއްޒަތް، އެ އަގުވަޒަން ކުރުމެއް ހަމަގައިމުވެސް ނެތީސް.

އާދެ، މިއަދު ތިޔަބޭފުޅުންނަކީ ޢިލްމާއި ޙިލްމުން ފުރިގެންވާ ތަޖުރިބާހުރި ބޭފުޅުން. ދުނިޔޭގައި ދެމިތިއްބެވިހާ ހިނދަކު، ކޮންމެވެސް އެއްކަމެއް އަޅުގަނޑު ގަބޫލުކުރަނީ، ކުރެއްވޭނެއޭ. ކުރީގައި މި ދެންނެވިގޮތަށް، އަޅުގަނޑު ދަންނަވާހިތެއްނުވޭ ޒުވާން އުމުރެކޭ، ތިޔަބޭފުޅުން ޢަމަލީގޮތުން ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވިއިރު، މަސައްކަތްކުރެއްވީ. މިއަދު އެ ކަންތައްތައް ކުރަން މިތިބީ އެހެން ބައެއް. އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ، ތިޔަބޭފުޅުންގެ ތަޖުރިބާއާއި، ތިޔަބޭފުޅުންނަށް ފެނިވަޑައިގެންނެވި ކަންތައްތައް ވަރަށް މުހިންމު. ޤައުމެއް ކުރިއަރައި މިދަނީ، ވަކި ބަޔަކު ހަމައެކަނި ކުރާ މަސައްކަތްތަކަކުންނެއް ނޫން. އެކި އުމުރުފުރައިގެ، ހުރިހާ އެންމެންގެ ވިސްނުމާއި ފިކުރު، ކަންތައްތަކުގައި ބޭނުންކޮށްގެން.

އެހެންވީމާ، އަޅުގަނޑު ދަންނަވާހިތްއޮތީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އެންމެ އަގުބޮޑު ރައުސްމާލު، ޤައުމެއްގެ އެންމެ މުހިންމު ބަޔަކަށް މިވަނީ، އެ ޤައުމުގައި އަޅުގަނޑު މި ދެންނެވި ޚިދުމަތް ކޮށްދެއްވި ތިޔަބޭފުޅުން ފަދަ ޢިއްޒަތްތެރި ބޭފުޅުން.

ކަން ދިމާކުރި ގޮތުން މިއަދު އަޅުގަނޑުމެން މި ތިބީ، ޤައުމުގެ ކަންތައްތައް ބަލަހައްޓަން. ޤައުމުގެ ކަންތައްތައް ހުރިހާ އެންމެންނާ ގުޅިގެން ކުރަން. އަޅުގަނޑުމެންނަށް އިންތިހާއަށް ބޭނުންވޭ، އަބަދުވެސް ބޭނުންވޭ ތިޔަބޭފުޅުންގެ އިރުޝާދާއި ލަފާ. ތިޔަބޭފުޅުންނަށް ކަންކަމާމެދު ފެނިވަޑައިގަންނަވާ ގޮތް. މާ މޮޅަށް، މާ ރަނގަޅަށް ކިޔައިދެއްވޭނެ. އަޅުގަނޑު ދެންނެވިގޮތަށް މާގިނަ މަންޒަރު، ދުނިޔޭގެ މާގިނަ ކަންތައްތައް، ޤައުމުގެ މާގިނަ ކަންތައްތައް ފެނިވަޑައިގެންފައި އޮތީ.

އާދެ، ފާހަގަކޮށްލަންޖެހޭ، ތިޔަބޭފުޅުން ކަންތައްތައް ކުރެއްވި ދުވަސްވަރު. އެ ދުވަހު ކަންތައްތައް ކުރެއްވީ، ވަރަށް މަދު ވަސީލަތްތަކާއެކު. މިއަދު މި ހުރިގޮތަކަށް ފަސޭހަކޮށް ކަންތައްތަކެއް ނެތް. މި ޤައުމު އާދެ، ޖަޒީރާތައް، ރަށްތަކެއްގެ މައްޗަށް ފެތުރިފައި އޮތްއިރު، ޤައުމު ހިންގުމާއި ޚިދުމަތް ދިނުމުގެ ކަންތައްތަކަކީ، އޭރު އަދި މާ އުނދަގޫކޮށް އޮތް ކަންތައްތައް. ދަތުރުފަތުރުގެ ކަންތައްތަކަށް ބެލިކަމަށްވިޔަސް، މުވާޞަލާތީ ކަންތައްތަކަށް ބެލިނަމަވެސް، ވަރަށް ދަތި އުނދަގޫ ދުވަސްވަރެއްގައި ކަންތައްތައް އެގޮތަށް އޮއްވައި ތިޔަބޭފުޅުން އެ ކަންތައްތައް ކުރެއްވީތީ، އަޅުގަނޑު ހަމަ ހިތަށްއަރަނީ، އަޅުގަނޑުމެން އެކަމަށްޓަކައި ހާސް ޝުކުރު، ތިޔަ އެންމެހައި ބޭފުޅުންނަށް ދަންނަވަން ޖެހޭނެއޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އާދެ، މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ހުރިހާ އެންމެންގެވެސް، ހުރިހާ ބޭފުޅުންގެވެސް އަޑުއަހައިގެން ސަރުކާރުން ކަންތައްތައް ކުރިއަށް ގެންދާނީ. ޒުވާނުން، އުމުރުން ދުވަސްވީ ބޭފުޅުން، ހުރިހާ އުމުރެއްގެ. އެއީ މުހިންމު ކަމެއް ކަމަށް މިއަދުގެ ސަރުކާރުން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގަބޫލުކުރައްވަނީ. މިއަދުގެ މި ޤައުމުން، ޤައުމުގެ މަސައްކަތުގެ ތެރެއިން ތަރައްޤީއަށް ކުރާ ކަންތައްތަކުގެ ތެރެއިން، ރަނގަޅު ޖީލެއް ބިނާކުރުމަށް، އުފާވެރި ރާއްޖެއެއް ހޯދުމަށްޓަކައި ކުރާ މަސައްކަތުން، އެއްވެސް މީހެއް ބާކީކޮށްލުމަކީ އެއީ، އިންޞާފުވެރި ކަމެއް ނޫން. އެއީ ކުރެވޭނެ ކަމެއް ނޫން. އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއްވެސް ނޫން.

އެހެންވީމާ، އަޅުގަނޑު މި ދެންނެވީ، މި ސަރުކާރުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަބަދުވެސް ކަންތައްތައް ކުރިއަށް ގެންދާނީ، މަޝްވަރާއާއި، ލަފަޔާއި، އިރުޝާދު ލިބިގެން. ތިޔަބޭފުޅުން އެ ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރާ ބައެއްގެ ގޮތުގައި އަބަދުމެ ތިބެގެން.

އާދެ، ތިޔަބޭފުޅުން، ދެންމެ އެ ވިދާޅުވި އިސްރަށްވެހިންގެ މަރުކަޒު، އިރާދަކުރެއްވިއްޔާ، މާ ގިނަ ދުވަސްތަކެއް ނުވެ، އެ މަރުކަޒުގެ ޚިދުމަތް ފެށިގެންދާނެ. މިހާރު ކުރިއަށް ދަނީ ހުޅުވުމަށްޓަކައި ކުރަންޖެހޭ އެންމެފަހުގެ ތައްޔާރީތަކުގެ މަސައްކަތްތައް. އިރާދަކުރެއްވިއްޔާ، އެ ކަންތައްތައް އަޅުގަނޑުމެން ވަރަށް އަވަހަށް ނިންމައި، އެ މަރުކަޒަކީ، އަނެއްކާވެސް އިޖުތިމާޢީ ގުޅުން ބަދަހިކޮށް، އެއްތަނަކަށް ޖަމާވެވޭ މަރުކަޒަކަށް ވެގެންދާނެ. އޭގެ ސަބަބުންވެސް އަޅުގަނޑު ގަބޫލުކުރަނީ، ޒުވާނުންނަށް ފައިދާތަކެއް ކުރާނެ ކަމަށް. ދެން އަޅުގަނޑު މިހާރު ޒުވާނޭ ކިޔާ އުމުރަށްވުރެ، މިހާރު ދެން އަޅުގަނޑުވެސް މިދަނީ އަނެއްކޮޅަށް. އަޅުގަނޑަށް ހީވަނީ އެކަހަލަ ތަނެއް ހުރުމުންވެސް ޒުވާނުންނަށް، އޭގެ ފައިދާތަކެއް ވަރަށްބޮޑަށް ކުރާނެހެން. ތިޔަބޭފުޅުންގެ ފަރާތްޕުޅުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންވެސްދާނެ. އެހެންވީމާ، އެ މަރުކަޒުގައި އިރާދަކުރެއްވިއްޔާ، އެކިއެކި ކަންތައްތަކާ އެކު، ތިޔަބޭފުޅުންނަށް އެ ފުރުޞަތު ލިބޭނެ ގޮތް އަޅުގަނޑުމެން ވަރަށް އަވަހަށް ހަމަޖައްސާނަން.

ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވަނީ، އިތުރު މަރުކަޒުތައްވެސް ހެދުމަށް. އެނގިވަޑައިގަންނަވާނެ، ހަމަ އަޅުގަނޑުމެންގެ ލޮބުވެތި، ތިޔަފަދަ ޢިއްޒަތްތެރި، ޚިދުމަތްތެރި ބޭފުޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެބަ ތިއްބެވި. އެހެންވީމާ، އެ ފަރާތްތަކަށްވެސް އެ ފުރުޞަތު ހޯދައިދެވޭނެ ގޮތަކަށް އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އަޅުގަނޑުމެން ހުޅުމާލޭގައިވެސް މިފަދަ މަރުކަޒެއްގެ މަސައްކަތް، އެތަން ތައްޔާރު ކުރުމުގެ ކަންތައްތައް އަޅުގަނޑުމެން ފަށާނަން.

އާދެ، ގިނަ ވާހަކަތަކެއް، ޖަމުޢިއްޔާގެ ނައިބު ރައީސް ޢަބްދުލްޢަޒީޒް ޔޫސުފް ދައްކަވައިފި. އެނގިވަޑައިގަންނަވާނެ، އެއްވެސް ކަމެއް އެންމެ ފުރަތަމަ މި އޮންނަނީ ފުރިހަމަކޮށެއް ނޫން. އެއްފަހަރު ވަކިގޮތަކަށް ކަމެއް ކުރީތީވެ، އެކަން އެގޮތަށް އޮންނާކަށްވެސް ނުޖެހޭ. މުޅި ދުނިޔެއަށް އަންނަ ބަދަލުތަކާއި، ދިރިއުޅުމުގެ ކަންތައްތަކަށް އަންނަ ބަދަލުތަކާއި، އަޅުގަނޑުމެންގެ ވިސްނުމަށް އަންނަ ބަދަލުތަކާ، މި ހުރިހާ ކަމަކާއެކު ކަންކަން އަބަދުވެސް ދާނީ، ދާންޖެހޭނީ ބަދަލުވަމުން. އެ ބަދަލުވާއިރު ބަދަލުވާން މިޖެހެނީ، ބަދަލުކުރަން ޖެހެނީ، ކުރީގައި އޮތް ވަރަށްވުރެ ރަނގަޅަށް. އެއީ ކޮންމެ ކަމެއް ވިޔަސް.

އެހެންވީމާ، އަޅުގަނޑު މިހުރީ ދެއްކެވި ވާހަކަތައް ވަރަށްބޮޑަށް އަޑުއަހައިގެން. ދެން އަޅުގަނޑަށް އެނގޭ ވަރަށްބޮޑަށް އަޑުއަހަން ޖެހޭނެކަންވެސް. އެހެންވީމާ، އަޅުގަނޑު ސިކުނޑިއަށް ހުރިހާ ވާހަކަތަކެއް ވަރަށްބޮޑަށް މިހާރު ނަގައިވެސްފިން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތްކުރާނީ، ތިޔަ ވިދާޅުވި ކޮންމެ ކަމަކަށްވެސް ގެނެވެން އޮތް ކޮންމެ ހެޔޮ ބަދަލެއް ގެނައުމަށް. އަޅުގަނޑު ގަބޫލުކުރަނީ، ފަހުންވިޔަސް ރަނގަޅު ކަމެއް ވެއްޖިއްޔާ ޖެހޭނީ ކުރާށޭ. ކަމެއް ލަސްވުމަކީ އެކަމެއް ނުކޮށް، އަދި ދޫކޮށްލަންޖެހޭ ކަމެއް ކަމަކަށްވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ، ހުއްޓުމެއް ނެތި ކަމަކަށްފަހު ކަމެއް، ކަމަކަށްފަހު ކަމެއް، އަޅުގަނޑުމެން ކުރަމުންދާނަން. މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ މި ޒަޢާމަތުގައި ކުރިއަށް އޮތް ތާނގައިވެސް، އިރާދަކުރެއްވިއްޔާ، ހެޔޮ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން.

އަޅުގަނޑުމެންގެ ތަރައްޤީގެ ކަންތައްތަކަށް، ފަސޭހަކުރުމަށްޓަކައި ކުރާ ކޮންމެ ކަމެއްގައި، އިރާދަކުރެއްވިއްޔާ، ކަމެއް ޑިޒައިން ކުރެވިގެންދާއިރުވެސް މި ހުރިހާ ކަމަކަށް އަޅުގަނޑުމެން ރިޢާޔަތްކުރާނަން. އަޅުގަނޑުމެންނަށް އެނގޭ އެއީ، ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި، އަޅުގަނޑުމެން ނެރޭ ލޯންޗްތަކަށްވިޔަސް، މިއިން ކޮންމެ ކަމަކީ، ހުރިހާ އުމުރުފުރައެއްގެ ބޭފުޅުން ބޭނުންކުރައްވާނެ އެއްޗެއްކަން ދަނެގެން. އެހެންވީމާ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ތެރެއިން ޚާއްޞަކޮށް، އިސްރަށްވެހިންނަށް ފަސޭހަވާނެ ގޮތްތަކަށް، އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދީގެން، އެ ކަންތައްތައް ކުރާނެ ވާހަކަވެސް އަޅުގަނޑު ހަމަ މިއަދު، ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން.

އާދެ، އަޅުގަނޑުމެން ސަރުކާރުން، މިހާރު ފަށައިފައިވާ މަސައްކަތެއް، އަޅުގަނޑަށް އަސްލު ތަންކޮޅެއް އުނދަގޫ ތިޔަބޭފުޅުންގެ އަރިހުގައި މިހެން ހުއްޓިހުރެގެން ދެން އެހާ ގިނަ ވާހަކަ ދައްކަން ފަސޭހައެއްވެސް ނޫން. އަޅުގަނޑު ހިތަށްއަރަނީ، ކޮން ވާހަކައެއްތޯ އަޅުގަނޑަށް ވަކި ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވޭނީ. ދެން އެހެންނަމަވެސް ސަރުކާރުގައި އަޅުގަނޑުމެން ތިބީތީވެ، އަޅުގަނޑުމެން މިކަހަލަ ވާހަކަ، އަޅުގަނޑުމެން ކުރަމުންދާ ކަންތައްތަކުގެ ވާހަކަ ދެންނެވުމަކީ، އަޅުގަނޑަށް ހީވަނީ ކޮށްލަންޖެހޭނެ ކަމެއްހެން.

އާދެ، ކުރީގައި ރާއްޖޭގެ މި ޕްރައިމަރީ ހެލްތު ކެއަރ، ތިޔަބޭފުޅުންނަށް އެކަންވެސް އެނގިވަޑައިގަންނަވާނެ. ތިޔަބޭފުޅުންގެ ދުވަސްވަރު ވަރަށް ރަނގަޅަށް އެ ކަންތައްތައް ކުރެއްވި. ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅުންވެސް އެބަ ތިއްބެވި. އެހެންނަމަވެސް، ފަހަކަށްއައިސްފައި އެންމެ ރަނގަޅަކަށް ނޫން އެ ކަންތައްތައް ކުރިއަށް ދިޔައީ. އެހެންނަމަވެސް، މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ މި ކަމަށް ޚާއްޞަ ސަމާލުކަމެއް އެބަ ދެއްވާ. އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަމަކަށް މިވަނީ، އިންސާނަކަށް އެންމެ މުހިންމު ކަމަކަށް މިވަނީ، ފުރިހަމަ ޞިއްޙަތެއްގައި ހުރުން. އެކަމަށްޓަކައިވެސް މިހާރު އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ފެށިއްޖެ. އިރާދަކުރެއްވިއްޔާ، މީގެ ސަބަބުންވެސް އަޅުގަނޑު ގަބޫލުކުރަނީ، ޚާއްޞަކޮށް ގޭގެއަށް ޒިޔާރަތްކުރުމާއި، ރަށްރަށުގައި ގޭގެއަށް ޒިޔާރަތްކޮށް، އުމުރުން ދުވަސްވީ ބޭފުޅުންގެ ކަންތައްތައް ބަލައި، ދޭންޖެހޭ އިރުޝާދާއި، ލަފާދީ، އަދި ދޭންޖެހޭ ޚިދުމަތްތައް ދިނުން ފަސޭހަވެގެންދާނެ ކަމަށް. މިކަމުގެ ސަބަބުންވެސް އަޅުގަނޑު ގަބޫލުކުރަނީ، ކުރިއަށް އޮތް ތާނގައި، ޚާއްޞަކޮށް، މީގެ އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ އެއްބަޔަކަށް އަޅުގަނޑުމެންގެ އިސްރަށްވެހިން ވާނޭ ކަމަށް.

އެނގިވަޑައިގަންނަވާނެ، އެންމެފަހުގެ ތަފާސްހިސާބަށާއި، އަދި މިހާރު މިދާ ރޭޓުން އަޅުގަނޑުމެންގެ ގްރޯތު މިއޮތްގޮތަށް ބަލައިފި ކަމަށްވަންޏާ، ލައިފް އެކްސްޕެކްޓެންސީއާ، މި ހުރިހާ ކަމަކަށް ވިސްނައިފިއްޔާ، 2030އަށް އަންނައިރު، އުމުރު ވަކިވަރަކަށް މައްޗަށް ދާނެ. އެގޮތަށް ގޮސް 2050އާ ހަމައަށް ދާއިރު، އަދި އެއަށްވުރެ މައްޗަށް ދާނެ. އެހެންވީމާ، މިއަދު ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް، ސަރުކާރުން މި ހުރިހާ ކަމަކަށް ވިސްނައިގެން ކަންތައްތައް ކުރަން އެބަޖެހޭ.

އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ދެންނެވި ކަންތައްތައް، ޚާއްޞަކޮށް، ޞިއްޙީ ކަންތައްތަކާ ގުޅުންހުރި ކަންތައްތައްވެސް އަޅުގަނޑުމެން މިގޮތަށް ކުރިއަށް ގެންދާނެ ވާހަކަ.

އާދެ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް އެކުގައި ކުރެވޭ މަސައްކަތުން ކަންކަން އިތުރަށް ހަރުދަނާވެގެން ދިއުން. ތިޔަބޭފުޅުންނާއެކު، އަޅުގަނޑުމެން މަސައްކަތް ކުރާނީ. އިރާދަކުރެއްވިއްޔާ، މި ސަރުކާރުން އެއްވެސް ބަޔަކު ބާކީކޮށް، ދޫކޮށްލާފައި ކުރާނެ އެއްވެސް ކަމެއް ނޯންނާނެ.

އަޅުގަނޑުމެން މިއަދު ތިޔަބޭފުޅުންގެ އަރިހުގައި، އެދެން އޮތީވެސް، ޤައުމުގެ ކަންތައްތައް ކުރުމުގައި، ހިންގުމުގައި، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހަމަ ކޮންމެ ކަމެއް އަޅުގަނޑުމެންނަށް ވިދާޅުވެ ދެއްވާށޭ. އަޅުގަނޑު މިހެން ދަންނަވާއިރު، ޝުކުރުވެސް އަދާކުރަން ބޭނުންވޭ. ވަރަށް ގިނަ ބޭފުޅުންނާ އަޅުގަނޑަށް ވަކިވަކިންވެސް ބައްދަލުކުރެވިއްޖެ. ވަރަށް އުފަލާއެކު އަޅުގަނޑު ބޭނުންވަނީ، ތިޔަބޭފުޅުންގެ އަރިހަށް ދާން. ދެން އެހެންނަމަވެސް، އަޅުގަނޑު އެހެން ދަންނަވާ ކޮންމެ ފަހަރަކު، ތިޔަބޭފުޅުން އެކަމަކަށް އިޖާބަ ނުދެއްވާ، އަޅުގަނޑާ ހަމައަށް ތިޔަބޭފުޅުން ވަޑައިގަންނަވަން ބޭނުންފުޅުވަނީ. އަޅުގަނޑު އެންމެ ބޭނުންވާގޮތެއްވެސް ނޫން އެއީ.

އެހެންނަމަވެސް، މުހިންމު ކަމަކަށް ވީ ތިޔަބޭފުޅުންގެ ފަރާތުން، އަޅުގަނޑަށް ދަސްވާނީ، އަޅުގަނޑުމެންނަށް ދަސްވާނީ ކޮންކަމެއްތޯ؟ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތްތަކަކީ ކޮބައިތޯ؟ އެހެންވީމާ، މި ވޭތުވެދިޔަ އަހަރުތަކުގައި، އެގޮތަށް އެކި ފަހަރު މަތިން ތިޔަބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް އެ ދެއްވި އިރުޝާދާއި ލަފައަށްޓަކައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ، ޒުވާނުންނާއި، މެދު އުމުރުގެ ބޭފުޅުންނާއި، އަދި އުމުރުން ދުވަސްވީ ބޭފުޅުންނާ، އެންމެން ގުޅިގެން، ޤައުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މި ކުރާ މަސައްކަތް، އަބަދުވެސް ވީހާވެސް ރަނގަޅަކަށް ކުރިއަށް ދިއުން.

ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ. އަދި އަޅުގަނޑުމެންގެ އިސް ރަށްވެހިންނަކީ، ފުރިހަމަ ޞިއްޙަތެއް ލިބިގެންވާ ބައެއްގެ ގޮތުގައި ލައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.