بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަރީފް، ޗެއަރމަން، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީ، ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުން، ބޯޑު ޑައިރެކްޓަރުން އަދި ކުންފުނީގެ ހީވާގި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، ކުންފުނީގެ 26 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، އެންމެހައި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު އަރިސްކުރަން. އަދި ހަމަ އެއާއެކު، ކުންފުނީގައި އެކި ދުވަސްވަރު މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށް، އެ ބޭފުޅުން އެ ކޮށްދެއްވި ޚިދުމަތް ފާހަގަކޮށް ޝުކުރު އަދާކުރަން.

އާދެ، ފެށުމުގައި މިރޭ އިޚްލާޞްތެރި ޚިދުމަތެއް، ދިގު މުއްދަތަކަށް ކުރައްވައިގެން އެކަމުގެ އަގު ވަޒަންކުރެވިގެންދިޔަ އެންމެހައި މުވައްޒަފުންނަށް، އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ދަންނަވައި، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އެ ލިސްޓުގެ އެންމެ ކުރިން މިރޭ ޖާގަ ހޯއްދެވި ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ލަޠީފަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ސްޓެލްކޯއަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއް. އާދެ، ވޭތުވެދިޔަ އަހަރުތަކުގައި ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކުންފުންޏެއް. މާލެއާއެކު، މާލެ ސަރަޙައްދުގެ ކައިރި ރަށްތަކުގެ ގާތްގަނޑަކަށް ތިރީސް ހަތަރުވަރަކަށް ރަށަށް ކަރަންޓުގެ ޚިދުމަތާއި، ފެނާއި އަދި ނަރުދަމާގެ ޚިދުމަތްވެސް ދޭ ކުންފުންޏެއް.

އާދެ، އެނގިވަޑައިގަންނަވާނެ، ގެނެވުނު ބަދަލުތަކާއެކު ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ވަނީ ބައްޓަން ކުރެވިފައި. މި ޒަމާނަކީ ޓެކްނޯލޮޖީގެ ޒަމާން. އެގޮތުން ހަމަ ޚާއްޞަކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދެއްވުމަށްޓަކައި ތިޔަބޭފުޅުން ކުރައްވަމުން ގެންދަވާ އެންމެހައި މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، މަސައްކަތްތަކެއް، ޚިދުމަތްތަކެއް މި ކޮށްދެވެނީ، މި ކުރެވެނީ، އޭގައި ސަބަބުތަކެއް އޮވެގެން. އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑުމެން ގޭގައި ތިބޭއިރު، ބޮކިތަކާ އެއްޗެތި ދިއްލިފައި ހުންނަ މަންޒަރު. އެއަރކޯންވެސް ޖެހިފައި ހުންނަ މަންޒަރު. ނުވަތަ އެނޫންވެސް އަޅުގަނޑުމެން ބޭނުންވާ ކަރަންޓުގެ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ފުރިހަމައަށް ލިބޭ މަންޒަރު. އާދެ، މި ހުރިހާ ކަންތައްތަކެއް މި ކުރެވެނީ، މި ޚިދުމަތްތައް އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް މި ލިބެނީ، ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރާ ޓީމަކުން އެ ކުރާ ބުރަ މަސައްކަތުން. އާދެ، މި މަސައްކަތްތައް މިގޮތަށް މި ކުރެވެނީ، ވަރަށް އިޚްލާޞްތެރި ނިޔަތެއްގައި، ވަރަށް ވަފާތެރިކަމާއެކު އެ މަސައްކަތް ކޮށްގެން.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، އަޅުގަނޑުމެންގެ ގޭތެރޭގައިވެސް އެކުވެރިކަން އެބައޮވޭ. އަޅުގަނޑުމެންނަށް ރަނގަޅު ޢާއިލާއެއް، ބަދަހި ޢާއިލާއެއް މި ޤާއިމުކުރެވެނީ، އެ އޮންނަ ގުޅުމެއްގެ މައްޗަށް. އެކަކު އަނެކެއްގެ މައްޗަށް އޮންނަ ހިތްހެޔޮކަމުގެ މައްޗަށް. އެކަކު އަނެކަކަށް އެ ވެދެވޭ އެހީތެރިކަމެއްގެ މައްޗަށް.

އާދެ، އަޅުގަނޑުމެންގެ މަސައްކަތުގެ މައިދާނުންވެސް، އޮފީސްތަކުންވެސް، އަޅުގަނޑުމެންނަށް ފެންނަންވީ، މިފަދަ ކަންތައްތައް. އަޅުގަނޑަށް ނުފެންނަ ހިސާބު ދުރުންވެސް މޫނުތައް އެބަ ފާހަގަކުރެވޭ. ގާތްގަނޑަކަށް 1500 އެއްހާ މުވައްޒަފުން ހިމެނޭ ސްޓެލްކޯގައިވެސް އޮތީ މިފަދަ ރޫޙެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ރާއްޖޭގެ އެތައް ރަށެއްގައި މި ޚިދުމަތްތައް ދެމުންދާއިރު، އަދި މާލޭ އޭރިޔާގެ މި ގުޅުން ވަރުގަދަކަން ފާހަގަކޮށްލަން އަޅުގަނޑު ބޭނުން.

އާދެ، އެނގިވަޑައިގަންނަވާނެ، އެއީ ގޭތެރޭގައިވިޔަސް، އަދި އަޅުގަނޑުމެންގެ އޮފީހުގައިވިޔަސް، އަދި ޤައުމުގައިވިޔަސް، އަޅުގަނޑުމެންނަށް ޚިދުމަތެއް މި ދެވެނީ، މި ދެންނެވި ރޫޙުގައި މަސައްކަތްކޮށްގެން. އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެހީތެރިވެދީގެން. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އުފަންވަނީ، މާމޮޅު މީހެއްގެ ގޮތުގައެއް ނޫން. އެއްވެސް އެއްޗެއް އަޅުގަނޑުމެންނަކަށް އެވަގުތަކު ނޭނގޭ. އަޅުގަނޑުމެން އުނގެނޭ އެއްޗެއް، އަޅުގަނޑުމެންނަށް އުނގަންނައިދޭ އެއްޗެއް، މަސައްކަތަށް އަޅުގަނޑުމެން ގުޅުނީމާ އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ ފަރާތްތަކުން އަޅުގަނޑުމެންނަށް ކިޔައިދޭ އެއްޗެއް، ދަސްކޮށްދޭ އެއްޗެއް، އަޅުގަނޑުމެންނަށް ދަސްވެގެން މިދަނީ.

އަޅުގަނޑު މީގައި ދަންނަވާލަން އޮތީ، ތިޔައިން ހަމަ ކޮންމެ ބޭފުޅަކަށް ދަސްވާ ކޮންމެ ކަމެއްގެ ފައިދާ އޮތީ މުޅި ޤައުމަށޭ. އެހެންވެ އަޅުގަނޑުމެން އަބަދުވެސް ވިސްނުން ބަހައްޓަންވީ، އަނެކާއަށް އެއްޗެއް ކިޔައިދީ، ތިމާއާ އެއްފަދައިން، ތިމާގެ ނަފްސަށް ތިމާ އެދޭގޮތަށް، އަނެއް މީހާއަށްވެސް ކަންތައްތަކެއް ދަސްކޮށްދިނުމަށްޓަކައި އަބަދުވެސް އެހީތެރިވެދޭ މީހެއްގެ ގޮތުގައި ވުމަށް. އެ ރޫޙުގައި އަޅުގަނޑުމެން މަސައްކަތްކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އަބަދުވެސް އޮންނާނީ، ހިތްހަމަޖެހޭފަދަ މާޙައުލެއް. ރައްޔިތުން ގަބޫލުކުރާފަދަ، ރައްޔިތުން އެންމެ އެދޭފަދަ ޚިދުމަތްތަކެއް އަޅުގަނޑުމެންނަށް ދެވިގެންދާނެ. އާދެ، އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި.

މި ޚިދުމަތަށާއި، ޤައުމެއްގެ ކުރިއެރުމަށާއި، މި ހުރިހާ ކަމަކަށް ވިސްނާލާއިރު، ދުނިޔޭގެ އެކި ޤައުމުތައް އަޅުގަނޑުމެންނަށް އެބަ އަޅައިކިޔޭ. އަޅުގަނޑުމެން ވިސްނާލަންވީ، ކިތަންމެ ވަސީލަތްތައް ގިނަ، ވަސީލަތްތައް މުއްސަނދި ޤައުމަކަށްވިޔަސް، އެ ޤައުމެއްގައި، އަޅުގަނޑު މި ދެންނެވި ކަންތައްތައް އެކުވެރިކަމާއި، ޤައުމު ކުރިއެރުވުމުގެ ވިސްނުމާއި، ހަމަޖެހުމަށް މަސައްކަތް ކުރުމާއި، އެ ވިސްނުން ނެތް ކަމަށްވަންޏާ، އެއީ ކިތަންމެ ބޮޑު ޤައުމަކަށްވިޔަސް، އަދި ކިތަންމެ ރިސޯސްފުލް، ކިތަންމެ ވަސީލަތްތައް ގިނަ ޤައުމަކަށްވިޔަސް، ކުރިއަރާފައެއް ނެތްކަން. އަޅުގަނޑުމެންނަށް އެބަ ފެނޭ، ދުނިޔޭގެ އެކި ހިސާބުތަކުން، އަޅުގަނޑުމެން އަޑުއަހަން، ތެލުގެ މުއްސަނދިކަން ވަރަށް ބޮޑަށް ލިބިފައިވާ ޤައުމެކޭ، ގޭހުގެ މުއްސަނދިކަން ވަރަށް ބޮޑަށް ލިބިފައިވާ ޤައުމެކޭ، ނޫނީ ވަރަށް ބޮޑު ޕޮޕިއުލޭޝަނެއް އޮތް ޤައުމެކޭ.

އެހެން ނަމަވެސް، އެފަދަ ޤައުމެއްގައިވެސް، ހަމަޖެހުމަށް ލޯބިނުކުރާ ރައްޔިތަކު އުޅޭކަމަށްވަންޏާ، ކުރިއަރައިގެންދާ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ދެން އޮތީ އޭގެ ބަދަލު. އޭގެ އަނެއްކޮޅު. ކިތަންމެ ޤައުމު ކުޑަވިޔަސް، އެއްވެސްކަހަލަ ވަސީލަތެއް ނެތަސް، އެކުވެރި މާޙައުލެއްގައި، މުޅި ޤައުމު ކުރިއެރުވުމަށްޓަކައި، އެންމެން އެކުގައި މަސައްކަތްކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، ދުނިޔޭގެ އެއްވެސް ވަސީލަތަކާ ނުލައި، ކުރިއަރައިފައިވާ ޤައުމުތައް. އަޅުގަނޑުމެންގެ ވަރަށް ކައިރި ހިސާބުންވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ މިފަދަ ޤައުމުތައް.

މީގެ ފަންސާހަކަށް އަހަރު ކުރިން، އެ މީހުންގެ ތަރައްޤީގެ ކަންތައްތައް ފެށިއިރު އެއްވެސް އެއްޗެއް އަތަކު ނެތް. ހުރިހާ ކަމަކީވެސް އުފެއްދި ކަންތައްތައް. މީހުންވެސް ބިނާކުރީ. އެކަމަކު އެ ކާމިޔާބަކަށްވީ، އެ މީހުން އެ ޤައުމީ ކުރިއެރުމަށް ޖާގަ ދިނުމަށްޓަކައި އެ ބަދަހިކުރި ގުޅުން. ޤައުމުގެ ތަރައްޤީގައި އެންމެ މުހިންމު ކަމަކީ، އެކުވެރިކަން ކަން ދަނެގެން މަސައްކަތް ކުރުން. އެހެން މީހުންނަށްޓަކައި އެ އަދާކުރި މެހްމާންދާރީ. އަބަދުވެސް އެހީތެރިވެދިނުމުގެ ރޫޙެއްގައި އެ ކުރި މަސައްކަތްތައް.

އާދެ، އަޅުގަނޑުމެންނަށް ފޮތްތަކުން ފެނޭ، ދިވެހިރާއްޖެއާ ގުޅޭގޮތުން، މީގެ ގާތްގަނޑަކަށް 1600 އަހަރު ކުރިން، އެ ހިސާބުގައިވެސް ރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަރާތްތަކުން ލިޔެފައި އެބަވޭ. ޕިރާޑްގެ ދަތުރުނާމާގައި އަދި އިބުނު ބަޠޫޠާގެ ރާއްޖޭގެ ތާރީޚީ ފޮތްތަކުގައިވެސް ލިޔެފައި އެބަހުރި، ދިވެހިންނަކީ އޭރުވެސް ވަރަށް އެކުވެރި، ވަރަށް ގުޅުން ވަރުގަދަ، އެކަކު އަނެކަކަށް ވަރަށް ކަމޭހިތާ، މެހްމާނުންނަށް މެހްމާންދާރީ އަދާކުރާ، ވަރަށް ރަނގަޅު ހިތްހެޔޮ ބައެއް ކަމަށް. އަޅުގަނޑުމެންނަށް އެކަން މިހާރުވެސް ފެނޭ. ޚާއްޞަކޮށް، އެކިއެކި ކަންތައްތައް އަޅުގަނޑުމެންނާ ކުރިމަތިވާއިރު، އެކިއެކި ކާރިސާތައް ޚާއްޞަކޮށް، ދެރަ ކަންތައްތައް އަޅުގަނޑުމެންނާ ދިމާވާއިރު، އެ ލިބިގެންދާ އެހީތެރިކަމާއި، އެ މީހުންނަށް އެ އަޅާލައި މިންވަރު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ.

އާދެ، އަޅުގަނޑުމެން އެބަޖެހޭ، މި ކަންތައްތައް ދަމަހައްޓަން. އަޅުގަނޑުމެން ޙަޤީޤަތުގައިވެސް އިސްކުރަންވީ އަޅުގަނޑުމެންގެ ޤައުމު. ޤައުމަށް ރަނގަޅު ގޮތް ވާން އޮތް ކޮންމެ ގޮތަކީ އެއީ، ކޮންމެ މީހަކުވެސް އެދޭގޮތް ކަމަށް ހަދަން އެބަޖެހޭ. މި ޤައުމު މި ހިމެނެނީ އެތައް ރައްޔިތުންނެއްގެ މައްޗަށް. އަޅުގަނޑު ކުރީގައިވެސް ދެންނެވި ގޮތަށް، މި ޤައުމަށް ލިބޭ ކޮންމެ ރަނގަޅަކީ، ކޮންމެ އުފާވެރިކަމަކީ އެއީ، އަޅުގަނޑުމެން އެންމެންނަށް ލިބޭ ކަމެއް. ދެރަ ނިކަމެތި ކަމެއް ލިބިގެންދާއިރު، އެ ކަމަކީ ހުރިހާ ރައްޔިތުންނަށް، ކޮންމެ ޢާއިލާއަކަށް ލިބިގެންދާ ކަމެއް.

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ވިސްނުން އެބަޖެހޭ އެ ދިމާއަށް ގެންދަން. ޤައުމަށް އެންމެ ރަނގަޅު ގޮތަކީ، ތިމާގެ އަތޮޅަށް އެންމެ ރަނގަޅު ގޮތް، ރަށަށް އެންމެ ރަނގަޅު ގޮތް، މުޖުތަމަޢަށް އެންމެ ރަނގަޅު ގޮތް. އެ ގޮތްތަކަށް އެ މަގުން އަޅުގަނޑުމެން ދާންވީ. އެބައެއްގެ ފަހަތުން އަޅުގަނޑުމެން ދާންވީ. އެމީހެއްގެ ފަހަތުން އަޅުގަނޑުމެން ދާންވީ.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މީގެ ކުރީގައި، ދުށް ދުނިޔެއެއް ނޫން އަޅުގަނޑުމެންނަށް މި ފެންނަނީ. ބަދަލުވެގެންދާ މި ދުނިޔޭގައި، ކަންބޮޑުވުން ހުރި އެތައް ކަންކަމެއް އެބަހުރި. ކުރީގައި އަޑުނާހާ އެތައް ކަމެއް އަޅުގަނޑުމެންނާ ހަމައަށް، މީގެ ދެތިން އަހަރު ކުރިން އަތުވެއްޖެ. އަޅުގަނޑުމެން ތަޖުރިބާ ނުކުރާ އެތައް ކަމެއް އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެ. އަޅުގަނޑުމެން ހީނުކުރާ އެތައް ކަމެއް އަޅުގަނޑުމެންނާ ހަމައަށް އަތުވެއްޖެ.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ކަންތައްތަކަކީ އެއީވެސް، އަޅުގަނޑުމެން ވަރުގަދަ ގުޅުމަކާއެކު މަސައްކަތް ނުކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެކަމުގެ ކާމިޔާބީއާ ގާތަށްވެސް ދެވެންހުރި ކަންތައްތަކެއް ނޫން. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވެށްޓަށް ލިބެމުންދާ ގެއްލުންތަކާ، މިއިން ކޮންމެ ކަމަކީ އެއީ، އަޅުގަނޑުމެން އެންމެން، މުޅި ޤައުމު އެކީގައި މަސައްކަތްކޮށް، އެކަމުގެ ޙައްލު ހޯދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް.

އަދި އެއާއެކު، އަޅުގަނޑުމެންނަށް އެބަ އެނގޭ، ދުނިޔޭގެ އިންފްލޭޝަން އޮތް ގޮތް. އަޅުގަނޑު ކުރީ ރެޔަކުވެސް ދެންނެވިން، އަޅުގަނޑުމެންނާ މާދުރުގައި ހުރި އުފެއްދުންތެރި ޤައުމުތަކުގައިވެސް ތަކެތީގެ އަގުތައް މާ މައްޗަށް އަރައިފިއޭ މިހާރު. އިންފްލޭޝަން އޮތީ މާ މަތީގައި. އަޅުގަނޑުމެންނަކީ މިއީ، އެ ތަންތަނުން، އެ މީހުން އުފެއްދީމާ، އެ ތަކެތި ގަނެގެން ގެންނަ މީހުން. މި ހުރިހާ ކަމަކަށް އަޅުގަނޑުމެން އެޖަސްޓް ވާންޖެހޭ. ދުނިޔެއަށް އަންނަ އެކިއެކި ބަދަލުތައް އަބަދުވެސް އަޅުގަނޑުމެންނާ ހަމައަށް އަންނާނެ. އަންނަ ބަދަލުތަކާއެކު، އަޅުގަނޑުމެންގެ ލައިފް ސްޓައިލް، އަޅުގަނޑުމެންގެ އުޅުން، އަޅުގަނޑުމެން ބަދަލުނުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް އަރާ ހަމައެއް ނުކުރެވޭނެ.

އާދެ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި ޚަރަދު ކުޑަކުރަންޖެހޭ. ޚާއްޞަކޮށް، މިއަދުގެ މި މުނާސަބަތާވެސް ގުޅުންހުރި ކަމެއް، އެނަރޖީ ސޭވިންގއަކީ. އަޅުގަނޑުމެންނަށް މާބޮޑަށް ފާހަގަނުކުރެވިދާނެ. ފަހަރެއްގައި ގޭތެރޭގައި ހުންނަ ބޮކިތައް ދިއްލިފައި ހުންނައިރު، އެކަހަލަ އެތައް ހާސް ގެއެއްގައި ބޭކާރުގޮތުގައި ބޮކިތައް ދިއްލިފައި ހުންނަ ކަމަށްވަންޏާ، އޭގެ ވަރަށް ބޮޑު އިމްޕެކްޓެއް އަންނާނެ އަޅުގަނޑުމެންގެ ލޯޑަށް.

އެނގިވަޑައިގަންނަވާނެ، މި ވޭތުވެދިޔަ މަސްދުވަހަށް ބަލައިފި ކަމަށްވަންޏާވެސް އަޅުގަނޑުމެންނަށް ދުވަހަކުވެސް ރެކޯޑު ނުކުރެވޭވަރުގެ އަދަދަކަށް ޑިމާންޑް ބޮޑުވެފައި އޮތީ. ތިޔަބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެ. އަޅުގަނޑު އެ ވާހަކަ ކިޔައިދޭކަށް ނުޖެހޭނެ. މިފަދަ ކަންތައްތަކަށް ވިސްނައި، ސަމާލުކަންދޭ ބަޔަކަށް އަބަދުވެސް އަޅުގަނޑުމެން ވާން އެބަޖެހޭ. ދުނިޔެއަށް އަންނަ މިފަދަ ބަދަލުތަކަށް އަޅުގަނޑުމެން އެޖަސްޓްވާން އެބަޖެހޭ. ރަނގަޅު ގޮތްތައް އަބަދުވެސް ހޯދާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. ކޮންމެ މީހަކުވެސް ރަނގަޅު ވާހަކައެއް ދައްކައިފި ކަމަށްވަންޏާ، ހެޔޮ އެއްޗެއް ބުނެފި ކަމަށްވަންޏާ، އެ ވާހަކައެއް ގަބޫލުކުރުމަކީ އެއީ، އަޅުގަނޑުމެންގެ ގައިގައި ހުންނަން ޖެހޭނެ ސިފައެއް. އަޅުގަނޑުމެންނަށް ކެރެންވާނެ. އެކަން ކުރުމަކީ އެއީ، އެއްގޮތަކަށްވެސް ދެރަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކިގެނެއް ނުވާނެ. އެހެން މީހަކަށް އިޙްތިރާމްކޮށް، އެހެން މީހަކު ބުނާ އެއްޗެއް މި ދެންނެވި ގޮތަށް އަޑުއަހާލުމަކީ އެއީ، ކުރަން ހަމަ ރަނގަޅު ކަމެއް. އަޅުގަނޑު ހިތަށްއެރީ، މިހާ މުހިންމު ޚިދުމަތެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއްގެ ކުރިމަތީގައި ހުރެގެން މިކަހަލަ އެއްޗެއް އަޅުގަނޑު މިއަދު ބުނެލުމަކީ ހަމަ ކޮށްލަން ޖެހޭނެ ކަމެކޭ.

އާދެ، އަޅުގަނޑަށް އެނގޭ، ސްޓެލްކޯއިންވެސް ތިމާވެށްޓާ ރައްޓެހި އާދެ، ހަކަތަ، މީގެ ނިޒާމް ވަރުގަދަކޮށް، ފުޅާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ. އަޅުގަނޑު މިހެން ދަންނަވާއިރު، އެ އިސްކަން ދެއްވައިގެން އެ ކުރެއްވި މަސައްކަތުގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ.

މުޅި ރާއްޖެއަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް، ދުވަހަކުވެސް ފޯރުކޮށްނުދެވޭ މިންވަރަށް، ރަށްރަށުގެ އިންޖީނުގެތަކަށް އަޅުގަނޑުމެންނަށް ޖަނަރޭޓަރު ސެޓް ފޮނުވިއްޖެ. ކޭބަލް ބަދަލުކުރެވިއްޖެ. ޓްރާންސްފޯމަރުތައް ބެހެއްޓިއްޖެ. އެތައް ބައިވަރު އިންޖީނުގެތަކެއް އަޅުގަނޑުމެންނަށް ރީ-ލޮކޭޓް ކުރެވިއްޖެ. މިކަމާ ގުޅުންހުރި އެތައް ކަމެއް ކުރެވިއްޖެ. އެއާއެކު، މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި، އެންމެ މުހިންމު ކަންތައްތައް ޚާއްޞަކޮށް، ރާއްޖޭގެ އަތޮޅުތަކަށް، ރަށްތަކަށް ޒަމާނުއްސުރެ ފެށިގެން ދިމާވެފައި އޮތް އެއްކަމަކީ، އަތޮޅުތަކުން އެކި ޚިދުމަތްތައް ނުލިބުން. ތަންކޮޅެއް ބޮޑަށް އަޅައިނުލެވިފައި އޮންނަނީ. އެއީ މާލެއިން ޚިދުމަތްތައް ލިބޭތީ. އެ ޚިދުމަތްތައް ހޯދަން މާލެއަށްވެސް އާދޭ. އެހެންވީމާ، އެކަހަލަ ގޮތަކަށް ތަންކޮޅެއް ބޮޑަށް ދޫދެވިފައި އޮންނަނީ.

އެހެން ނަމަވެސް، އަދުގެ ރައީސަށް ފެނިވަޑައިގަތީ، އެއީ ނޫންކަން ރަނގަޅުގޮތަކީ. ރަށާއި އަތޮޅުން ޚިދުމަތްތައް ލިބެން އެބަޖެހޭކަން. އާދެ، އެގޮތުން ޚާއްޞަކޮށް، ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ރަށާއި، އަތޮޅުން ޚިދުމަތް ލިބޭ އެތައް ކަންތައްތަކެއް މިދަނީ ކުރެވެމުން. ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމާއެކު، ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައް މިދަނީ ހުއްޓުމެއްނެތި. މިއަދުވެސް އަޅުގަނޑާ މެނޭޖިންގ ޑައިރެކްޓަރ ޝަރީފާ ދެމީހުންވެސް މެންދުރުފަހު އުޅެންޖެހުނީ، އެކިއެކި ސްކޫލްތަކުގެ އެކިއެކި ކަންކަމުގައި. އަޅުގަނޑުމެންގެ ލެވެލްއިން ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވާ މަސައްކަތްތަކަށްވެސް އެހީތެރިވެދޭން. އެހާވަރަށް އަޅުގަނޑުމެން އެ ދާއިރާއަށްވެސް އަހަންމިއްޔަތުކަން އެބަދެން.

އާދެ، ވަކި ކަމެއް ނޫން. ބަނދަރުތަކާއި، ރަށްތަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި، މަގުތަކުގައި ތާރުއެޅުމާއި، އެތައް ކަންތައްތަކެއް މިދަނީ ހުއްޓުމެއްނެތި. މިއީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިއަދު އެންމެ މުހިންމު ކަންތައްތައްކަން އެނގިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތައް. އާދެ އާރު.ޓީ.އެލް.އަށް އެކަނި ވިސްނާލިޔަސް، ލިބުނު ފަސޭހަކަން. އުތުރުގެ އަތޮޅުތަކުން އަޅުގަނޑުމެންނަށް ފެށުނީ. އިރާދަކުރެއްވިއްޔާ، ހުވަދުއަތޮޅުގައި އެ ނެޓްވާރކްގެ ދަތުރުތައް ދާދި އަވަހަށް ފެށިގެންދާނެ. ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭހާ ފަސޭހަކަން، ޖީބަށް ލުއިކަން، މިއިން ކޮންމެ ކަމަކުން ލިބިގެން މިދަނީ. އާދެ، ވަކި ކަމެއް ނޫން އޮތީ. މިގޮތަށް ވާހަކަދައްކަން ފަށައިފި ކަމަށްވަންޏާ ނިންމާލާނެ ވަގުތެއް އަޅުގަނޑަކަށް ހިއެއްނުވޭ އަންނާނެހެންވެސް.

ސްޓެލްކޯއަށް ބަލައިފި ކަމަށްވަންޏާ، ސީ.އެސް.އާރު.ގެ ދަށުންނާއި، އެކި ގޮތްގޮތުން މީހުން ބިނާކުރުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަޅުގަނޑަށް ވަރަށް ކައިރިން ފެނޭ. އަޅުގަނޑަށް ވަރަށް ކައިރިން މަސައްކަތް ކުރެވޭ ސްޓެލްކޯގެ މެނޭޖްމެންޓާއި، ސްޓެލްކޯގެ މުވައްޒަފުންނާއެކު އެކި ކަންކަމުގައި. އެކި ތަންތަނަށް އެކިކަންކަން ކޮށްދެވިއްޖެ. އަދި މީހުން ބިނާކުރުމަށްޓަކައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގިއްޖެ. ސްކޮލަރޝިޕްތަކާއި، ތަފާތު އެކި ކަންތައްތައް ކުރެވިއްޖެ.

އެނގިވަޑައިގަންނަވާނެ، ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު ސަމާލު ކަމެއް، އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވި އެއްކަމަކީ މީހުން ބިނާކުރެއްވުން. އެ ރޮނގުންވެސް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަނީ ބޭނުމަކު. އަޅުގަނޑުމެންނަށް އެބަ އެނގޭ، ރާއްޖޭގެ ނަރުދަމާ ނިޒާމު، ރިނިއުބަލް އެނަރޖީ، މި ހުރިހާ އިންޖީނުގެތައް ޒަމާނީ ޓެކްނޯލޮޖީއަށް ބަދަލުވެގެންދާއިރު، އެ ކަންތައްތައް ކުރާނެ ބަޔަކުވެސް ތިބެންޖެހޭކަން. މެޝިން އޮޕަރޭޓް ކުރާނެ މީހުން ބޭނުންވޭ. މެޝިން ހަމައެކަނި ބަހައްޓާފައި، އެ ދަބަރަށްވާން، ހަލާކުވާން ދޫކޮށްލުމަކީ އެއީ، މި ސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅެއް ނޫން. އެހެންވީމާ، މި ހުރިހާ ކަންތައްތަކަކުން އަޅުގަނޑުމެންނަށް ތަރައްޤީ މި ހޯދެނީ.

އާދެ، އަޅުގަނޑު ކުރުގޮތަކަށް މި ދަންނަވާލީ، މިއަދު ކުރެވެމުންދާ މަސައްކަތްތައް. ހަމަ އަދިވެސް އެއްފަހަރު ޚާއްޞަކޮށް، ސްޓެލްކޯގެ މުވައްޒަފުން ރެޔާއި ދުވާލު ކުރައްވާ މަސައްކަތްތައް އަޅުގަނޑު ވަރަށްބޮޑަށް ފާހަގަކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ކުރިއަށް މި އޮތް ދުވަސްތަކަކީ، މާތްވެގެންވާ ޙައްޖު މޫސުމުގެ ޙައްޖުގެ ދުވަސްތައް. އަޅުގަނޑުމެންނަކީ މުސްލިމުން. މިއީ، ސައްތައިންސައްތަ މުސްލިމް ޤައުމެއް. ކޮންމެ ވަގުތަކުވެސް އަޅުގަނޑުމެން ދަންނަން އެބަޖެހޭ، އެކަކު އަނެކަކަށް ކޮށްދޭ ކުޑަކުޑަ ހެޔޮ ކަމަކުން، ބުނެލާ އެންމެ ހެޔޮ ބަހަކުން، އަޅާ އެންމެ ރަނގަޅު ފިޔަވަޅަކުން، އެތައް ގިނަގުނަ ޘަވާބެއް ލިބިދޭކަން. އެހާ ފަސޭހަ. ހަމަ ހެޔޮ ބަހެއް ބުނުމުންވެސް އަޅުގަނޑުމެންނަށް ޘަވާބު ލިބިގެންދަނީ. އަޅުގަނޑުމެން ވިސްނަންވާނެ، އަޅުގަނޑުމެން މި ހުރިހާ މަސައްކަތެއްކޮށް، އާމްދަނީ ހޯދައި، ޢާއިލާ ބިނާކޮށް، ޤައުމު ތަރައްޤީކޮށް، މި ހުރިހާ ކަމެއް އަޅުގަނޑުމެން މިކުރާ ޙަޤީޤީ މަޤްޞަދަކީ ކޮބައިކަން. އަޅުގަނޑުމެންނަށް އޮތީ، މި ދުނިޔޭގައި މިގޮތަށް މަސައްކަތްކޮށް، ރަނގަޅު މީހެއްގެ ގޮތުގައި އަޅުގަނޑުމެން އުޅުން. މި މަސައްކަތް ކުރަނީ އާޚިރަތް ހޯދުމަށްޓަކައި. ބާއްޖަވެރި ކުރުމަށްޓަކައި.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ވިސްނަންވީ، އެހެން މީހުންނަށް މަލާމާތްނުކޮށް، ހަޑިހުތުރު ބަސްތައް ނުކިޔުމަށް. ދެރަ ކަމެއް ނޫން، ދިމާވާ ކޮންމެ މީހަކަށް ހީލުމަކީ. މީހަކު ރަނގަޅަށް ކަމެއް ކޮށްފިއްޔާ، ރަނގަޅު ކަމެކޭ ބުނުމަކީ އެއީ، އެއްގޮތަކަށްވެސް ދެރަ ކަމެއް ނޫން. އެއީ ދެރަވުމެއްވެސް ނޫން. މީހަކު ކައިރިއަށް އަންނަ ވަގުތު، ކޮޅަށް ތެދުވެލާފައި، އެ މީހަކަށް ސަލާމްކޮށްލުމަކީ ހަމަ ރީތި ކަމެއް.

އެހެންވީމާ، އަޅުގަނޑުމެން މި ކަންތައްތަކަށް އެބަޖެހޭ ވިސްނަން. ގެއްލިގެން، ނެތިގެންދާ ރީތި އާދަތައް އަޅުގަނޑުމެން ގެންނަން އެބަޖެހޭ. އަޅުގަނޑުމެން ޚާއްޞަކޮށް ބޮޑެތި މީހުން، މިކަހަލަ ނަމޫނާ ދައްކައިގެން އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ދަރިންނަކީ އެންމެ ރަނގަޅު ދަރިންނަށްވާން. އަޅުގަނޑަށް ހަމަ ޔަޤީން، ތިޔައިން ކޮންމެ ބޭފުޅަކުވެސް، މި ދުނިޔޭގައި އެންމެ ބޭނުންވާނެ އެއް ކަމަކަށް އޮންނާނީ، ދަރިން ހެޔޮގޮތުގައި، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، ދިރިއުޅުމަށް އަހުލުވެރި، މަސައްކަތްތެރި، އެހެން މީހުނަށް އިޙްތިރާމުކުރާ ރަނގަޅު ބަޔަކަށްވުން. އެއީ، އަޅުގަނޑުމެން އެންމެ ބޮޑަށް އެދޭ އެދުން. އަޅުގަނޑުމެން އެގޮތަށް އެދޭ ކަމަށްވަންޏާ، ފުރަތަމަ އަޅުގަނޑުމެން ޖެހޭނީ އެހެން އުޅެން. އަޅުގަނޑުމެން އެ ނަމޫނާވެސް ދައްކަންޖެހޭނެ.

އެހެންވީމާ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، ތިޔަ ހުރިހާ ބޭފުޅުންނާއި، އަދި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން، އަބަދުވެސް އެކުވެރިކަން އާލާކޮށް، ހެޔޮ ބަސްތައް ބުނެ، ރަނގަޅަށް އުޅުން. ކާކަށްތޯ އެނގެނީ، ކޮންއިރަކު ކަމެއް ނިމިދާނީ. އަޅުގަނޑުމެންނަށް އެނގޭ ކަމެއް ނޫން އެއީ. ގަޑިޖެހުނީމަ ހަމަ އެ ނިމުނީ. އެއްގޮތަކަށްވެސް އެނގޭ ކަންތައްތަކެއް ނޫން އެއީކީ.

އާދެ، އަޅުގަނޑުމެންގެ ޤައުމުގެ އެންމެފަހުގެ ޙައްޖާޖީންގެ ގްރޫޕްވެސް ވަނީ މަތިވެރި އަޅުކަމަށް މައްކާއަށް މިއަދު ފުރާފައި. އެ ހުރިހާ ފަރާތްތަކަށް ބާއްޖަވެރި، މަބްރޫރް ޙައްޖަކަށް އަޅުގަނޑު އެދެން. އަޅުގަނޑުމެން އެންމެން އަބަދުވެސް އެދެނީ، ދިވެހި ޤައުމަށް ހުރިހާވެސް ރަނގަޅު ގޮތްތަކެއް ވުމަށް. ދިވެހި ރައްޔިތުންނަށް އަބަދުވެސް ރަނގަޅު، މޮޅު ގޮތްތައް ވުމަކީ، އެއީ ތާއަބަދު އަޅުގަނޑުމެން ބޭނުންވާ ގޮތް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެން ދިވެހިންނަކީ، އުޚުއްވަތްތެރި، ވަރަށް އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވެދޭ ބައެއްގެ ގޮތުގައި ލެއްވުން. ދިވެހިރާއްޖެއަށް އަދަށްވުރެ ފެހި، ފަހި މާދަމާއެއް ދައްކަވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.