ޕްރޮޑިއުސަރ ޢިނާޔަތު ޢަލީ - ޕީ.އެސް.އެމް:

އާދެ، މި ބައިވެރިވުމަކީ ހަމަގައިމުވެސް މިކަން ކުރައްވަން ތިއްބެވި ކޮންމެ ބޭފުޅަކަށްވެސް، ކުދިންނާ ހަމައިން ފެށިގެން، ބޮޑެތި ހުރިހާ ބޭފުޅުންނާ ހަމައަށްވެސް، ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމެއް ނައިބު ރައީސްވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްވާކަމީ. އެހެންވީމާ، ވަރަށް އުފަލާއެކު އެކަން ފާހަގަކޮށް، އަޅުގަނޑުމެންގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ. މަރްޙަބާ.

ޕްރޮޑިއުސަރ ޢިނާޔަތު ޢަލީ - ޕީ.އެސް.އެމް:

އަޅުގަނޑުމެންގެ ސްޓޫޑިއޯއިން މި ވަގުތު ބައިވެރިވެވަޑައިގެން ދެއްވާ ކަމަށްޓަކައި އަދިވެސް އެއްފަހަރު ހަމަ ޝުކުރު ދަންނަވަން. މިއީ، ކިހާ މުހިންމު ކަމެއްތޯ، ކޮންމެ ފަރުދަކުވެސް އަމިއްލައަށް މިކަހަލަ ކަމަކަށް އިސްނަގައިގެން އެފަދަ ވަޢުދެއް ވުމަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ފުރަތަމަ ކަމަކަށް މިފަދަ ހަރަކާތެއް ހިންގަވާތީ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ޚާއްޞަކޮށް، ޕަރލޭ މޯލްޑިވްސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓޫރިޒަމް އިންޑަސްޓްރީޒް. ޚާއްޞަކޮށް، މި ތިން ފަރާތަށް އަޅުގަނޑު ޝުކުރު އަދާކޮށްލަން. މިކަމުގައި މި ކުރައްވާ މަސައްކަތްތައް، އަދި ވަކިން ޚާއްޞަކޮށް، ޕަރލޭ މޯލްޑިވްސް އިންވެސް މި މަސައްކަތް އެތައް އަހަރުތަކެއް ވަންދެން ކުރިއަށް ގެންދަވާތީ، އެކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށް ހީވަނީ، މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކާ އަޅުގަނޑުމެން އަޅައިބަލާއިރުވެސް، މިއަދުގެ މި ހަރަކާތުގައި މިކުރާ މަސައްކަތްތައް ކުރުން އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ރާއްޖޭގައި. ދުނިޔޭގެ ތިމާވެށްޓަށް، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށްޓަށް މި ދިމާވެފައި ހުރި ގޮންޖެހުންތަކާއި، އަންނަ ބަދަލުތަކާއި، ލިބޭ ގެއްލުންތަކުން ސަލާމަތްވުމުގެ އެ ވިސްނުންވެސް އެންމެ ބޮޑަށް ނެރެންޖެހޭ އެއް ޤައުމުގެ ގޮތުގައި ހަމަގައިމުވެސް އަޅުގަނޑުމެންނަށް ދިވެހިރާއްޖެ ފާހަގަ އެބަ ކުރެވޭ. ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން، އަދި ދުނިޔޭގެ އެކި ފަންތީގެ އާންމު ޤައުމުތަކުގެ ފަރުދުންވެސް ތިމާވެށްޓާ ދޭތެރޭގައި ދުވަހަކުވެސް ކަންބޮޑުނުވާ މިންވަރަށް އެ ވާހަކަތައް އެބަ ދައްކާ.

މިއަދު އަޅުގަނޑުމެންގެ ތެރެއިން، އެންމެ ޢުމުރުން ދުވަސްވީ ބޭފުޅުން ފެށިގެން ގޮސް އެންމެ ތުއްތު ކުދިންނާ ހަމައަށްވެސް ތިމާވެށިން ކުރާ ނޭދެވޭ އަސަރުތަކާއި، ދުނިޔެ ހޫނުވުމާއި، މި ހުރިހާ ކަމެއްގެ ވާހަކަ އެބަ ދެކެވޭ. އަދި ހަމައެއާއެކު، ރާއްޖެއަށް ލިބިފައި މިވާ ޤުދުރަތީ މުއްސަނދިކަމާއި، ރާއްޖެއަށް އެންމެ ބޮޑު ނިޢުމަތެއްގެ ގޮތުގައި ލިބިފައި މިއޮތް، ރީތި މޫދާއި، ކަނޑާއި، ފަރުތަކާއި، ރީތި ގޮނޑުދޮށްތައް، ދޮންވެލި ބިން، ބީޗްތަކާއި ތަންތަން މިއީ، އެންމެންނަށް އެނގޭ ތަންތަން.

މިއަދު މިކަމަށް ތަފާތު ގިނަ ގޮތްގޮތުން ވިސްނިދާނެ. ރާއްޖެއަކީ، މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކާ އަޅައިބަލައިފި ކަމަށްވަންޏާ، މުޅި ކަނޑު ފެތުރިފައި މިއޮތީ އުތުރުން ދެކުނަށް. އިރުން ހުޅަނގަށް. ނުވަދިހަ ނުވަ ޕަސެންޓަށްވުރެ ބޮޑީ އަޅުގަނޑުމެންގެ ކަނޑު. އެގޮތުންވެސް އެބަޖެހޭ ޚާއްޞަކޮށް، އޯޝަން ރައްކާތެރި ކުރުމަށްޓަކައި، ހިމާޔަތް ކުރުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދުރަތީ ހަދިޔާއަކަށް މިވަނީ، އަޅުގަނޑު ކުރީގައި މި ދެންނެވި، ދޮންވެލި ގޮނޑުދޮށްތަކާއި، ރީތި ފަރުތަކާއި، ކަނޑުތަކާއި، ރީތި ނަލަނަލަ ކުދިކުދި ޖަޒީރާ ރަށްތަކެއް. މި ރަށްތައް ހިމާޔަތްކޮށް، ގޮނޑުދޮށްތައް ހިމާޔަތްކޮށް، ރީތިކޮށް، އެއްވެސް މީހެއްގެ ފުށުން ފަރުތަކަށް ލިބޭ ގެއްލުން ކުޑަވާނެގޮތަށް، ކޮންމެ ކަމެއް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޤައުމަށް ލިބިފައިވާ ނަސީބަކީ، ޤުދުރަތީ ރީތިކަމުން އަޅުގަނޑުމެންނަށް ލިބޭ ނަފާ.

ދިވެހިރާއްޖޭގައި މިހާރުވެސް ހިނގަމުންދާ ސަތޭކަ ހަތްދިހަވަރަކަށް ރިޒޯޓާއި، އަދި އެތައް ސަތޭކަ ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތަކާއި، މި ހުރިހާ ފަރާތްތަކަށް މި އަންނަ ފަތުރުވެރިން، އެއީ އަޅުގަނޑުމެންނަށް އޮތް ނަޞީބަކީ. އެކި ޤައުމުތަކަށް އެކި ކަންތައްތައް މި އޮންނަނީ. ބައެއް ޤައުމުތަކަށް އެބަހުރި، ތެލުގެ މުއްސަނދިކަން. ގޭހުގެ މުއްސަނދިކަން. އެގޮތުން އަޅުގަނޑުމެންނަށް މިއޮތީ، ޓުއަރިޒަމުން، ފަތުރުވެރިކަމުން. މި ރީތި ރަށްތަކުގެ ނަފާ އަޅުގަނޑުމެންނަށް މި ލިބެނީ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ގަބޫލުކުރަންވީ، ދުނިޔޭގައި މީހުން ގިނަވެ، ޤައުމުތަކުގައިވެސް މީހުން ގިނަވެ، އެ ފަރާތްތަކުން ތިމާވެށްޓަށް ލިބޭ ގެއްލުމުގެ ސަބަބުން، މި ކަންތައްތަކަކީ މިއީ އަޅުގަނޑުމެންގެ ކޮންމެ މީހަކު، ކޮންމެ ސިޓިޒަންއެއްވެސް ސީރިއަސްކޮށް ވިސްނައި، އެ ފަރުދީ ޒިންމާ އަދާނުކޮށްފި ކަމަށްވަންޏާ، ދާދި އަވަހަށް އަޅުގަނޑުމެންގެ އަތުން ބީވެގެންދާނެ އެއްޗެއް. ގެއްލިގެން ހިނގައްޖެ އެއްޗެއް އަނބުރާ ހޯދުމަކީ އެއީ ނުވާނެ ކަމެއް. ފަރުތައް ހަލާކުވެއްޖިއްޔާ، އަޅުގަނޑުމެންނަށް ރިޕެއަރއެއް ނުކުރެވޭނެ. ބައެއްކަހަލަ ތަކެއްޗަކީ، އިންޖީނު ނުވަތަ އަމިއްލައަށް އުފައްދާ އެހެނިހެން ތަކެއްޗަކީ، ވަރަށް ފަސޭހައިން ރިޕެއަރ ކުރެވޭ އެއްޗެތި.

އެހެން ނަމަވެސް، ޤުދުރަތީ ރީތިކަމާއި، ޤުދުރަތީ ގޮތުން މި އަންނަ ކަންތައްތަކުން ލިބޭ ގެއްލުމަކީ، އަޅުގަނޑުމެން އިންސާނުންނަށް ރިޕެއަރ ކުރެވޭނެ ކަންތައްތަކެއް ނޫން. މިއަދު އަޅުގަނޑުމެން ކުރި މަސައްކަތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކަންތައްތައް ކުރިއަށް ގެންދެވެން އޮތީ.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، ދިވެހިރާއްޖޭގެ އެންމެ އުމުރުން ދުވަސްވީ ބޭފުޅުން ފެށިގެން ގޮސް ތުއްތު ކުދިންނާ ހަމައަށް، ފަރުދީ ޒިންމާ އަދާކޮށް އަޅުގަނޑުމެންގެ މި ރަށްތަކުގެ މާޙައުލަށް، ތިމާވެށްޓަށް، ކަނޑު، ފަރަށް، ގޮނޑުދޮށްތަކަށް، އެނޫންވެސް އެއްވެސްގޮތަކަށް، ގެއްލުމެއް ލިބޭނޭ ގޮތަކަށް ކަންތައްތައް ނުކުރުމުގެ ވަޢުދުވެ، އަޅުގަނޑުމެން އެ ވަޢުދާ އެއްގޮތަށް އެ ކަންތައްތައް ކުރުމަކީ އެއީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށްޓަކައި، އަޅުގަނޑުމެންގެ އަމިއްލަ މުސްތަޤްބަލަށްޓަކައި، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށްޓަކައި، އަޅުގަނޑުމެންގެ ޅަދަރިންނަށްޓަކައި، އަޅުގަނޑުމެންނަށް ކުރެވޭ ކަމެއް. އެއީވެސް އަޅުގަނޑުމެންނަށް މިއަދު ޗޮއިސްއެއް އޮތް ކަމެއްވެސް ނޫން. މޫސުމަށް އަންނަ ބަދަލުތަކަކީ އެއީ، އަޅުގަނޑުމެންނަށް ޗޮއިސްއެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެން ޖެހެނީ އެ ކަންތައްތައް ކުރަން. ކަރބަން މަދުކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަންޖެހޭ. ފެހިކުރުމުގެ މަސައްކަތް ކުރަން އެބަޖެހޭ. ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ކުރަން އެބަޖެހޭ. ޕްލާސްޓިކުން އެ ލިބޭ ގެއްލުންތައް، އެވެސް މިއަދު އަޅުގަނޑުމެން ކިޔައިނުދިނަސް، ހުރިހާ ފަރާތްތަކަށް އެބަ އެނގޭ. އަޅުގަނޑުމެންނަކީ ޚާއްޞަކޮށް، ދިވެހިންނަކީ ކަނޑުން ބާނާ މަސް ކައިގެން، އެއީ އަޅުގަނޑުމެން އެންމެ ކުޑައިރުވެސް، އަޅުގަނޑުމެންގެ ކަނޑު ރޯދިން، ދިރިއުޅޭ ބައެއް. އަދި އޭގެ އިތުރަށް، އޭގެ ނަފާވެސް ލިބޭ ބައެއް. އެހެންވީމާ، ކަނޑުތަކުގައި ދިރިއުޅޭ މަސްތައް ސަލާމަތް ކުރުމަށްވެސް، އޭގެ ހެލްތަށްވެސް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އަޅުގަނޑުމެން ކުރާ ކަންތައްތަކުން މި ލިބޭ ހުރިހާ ގެއްލުމެއް މި ލިބެނީ. އިންސާނުންގެ އެކްޓިވިޓީސް، އިންސާނުންގެ އެކްޝަންތަކުގެ ސަބަބުން.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ އިލްތިމާސްކޮށް، އާދޭހާއެކު ހުރިހާ ރައްޔިތުންނަށް ގޮވާލަން ބޭނުންވަނީ، މިގޮތަށް މި ހިންގޭ ހަރަކާތްތަކަކީ އެއީ، ޙަޤީޤަތުގައިވެސް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، މިކަމުގައި އެންމެންވެސް ތެދުވެ، އަތުކުރި އޮޅައިގެން އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމަށް.

އެސިސްޓެންޓް ޕްރޮޑިއުސަރ / ޕްރެޒެންޓަރ އިސްމާޢީލް ޙައްސާން - ޕީ.އެސް.އެމް:

ހަމަގައިމުވެސް ވަރަށް ރަނގަޅު ވާހަކަތަކެއް، ނައިބު ރައީސްގެ ވާހަކަފުޅުންވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ކުދިކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން ހަމަ އެއް ޤައުމެއްގެ ގޮތުގައި، އެންމެ ބޮޑު އަސަރު، ކްލައިމެޓަށް މި ކުރާ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެ ވާކަން މިއިން އެނގިގެން މިދަނީ. އެހެންނޫންތޯ!

ޕްރޮޑިއުސަރ ޢިނާޔަތު ޢަލީ - ޕީ.އެސް.އެމް:

އާދެ، މިކަމުގައި އެކި ފަރާތްތަކުން އިސްނަގައިގެން، އެކި ޖަމުޢިއްޔާތަކުން އިސްނަގައިގެން، މިކުރާ ކަންތައްތަކުގައި އަބަދުވެސް ވަރަށް ގިނަފަހަރަށް ފެނިގެންދަނީ، އެ ދުވަހެއްގައި އެ ކަމެއް ނިމިގެންދާ ތަން. އެކަމަކު މިހާރު އަޅުގަނޑުމެންނަށް އެބަ ފެނޭ، ސަރުކާރުގެ އެންމެ މަތީ ފަންތީން ފެށިގެންގޮސް އެންމެ ތުއްތު ކުދިންނާ ހަމައަށް، އެޑިޔުކޭޝަން މިނިސްޓްރީއާއި އެކި ފަރާތްތައް ގުޅިގެން، ހަރަކާތްތައް ކުރިއަށްގެންދާ ތަން. އެކަމަކު ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ނައިބު ރައީސް، ޕަރސަނަލީ ކޮބައިތޯއޭ ކުރައްވާ ކަންތައްތަކަކީ؟ މިހާރު މި ޕްލެޖުގައި ބައިވެރިވެވަޑައިގެން ދެއްވީމާ. ކޮބައިތޯއޭ ނިންމަވާފައިވާ ކަންތައްތަކަކީ؟ އެގޮތަށް މީގެ ފަހުން ތިމާވެށްޓަށް ރައްކާތެރިވުމުގެ ގޮތުން، ނޫނީވިއްޔާ، ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ޕަރސަނަލީ ކުރައްވާނެ ކަމެއް އެބައޮތްތޯއޭ؟ ހަމަ އަޅުގަނޑުމެންގެ ބެލުންތެރިނަންވެސް ވަރަށްބޮޑު މިސާލަކަށް ވެގެންދާނެ ކަންނޭނގެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ކަންދިމާކުރި ގޮތުން، ހަތާވީސްވަރަކަށް އަހަރު ޓޫރިޒަމް އިންޑަސްޓްރީގައި، އަޅުގަނޑު މަސައްކަތް ކުރިން. އޭރުވެސް އަޅުގަނޑުމެން ރިޒޯޓުތަކުން އެންމެ މުހިންމުކަމެއް، އެންމެ ބޮޑު ފޯކަސްއެއް ދީފައި ހުރީ، ޚާއްޞަކޮށް ގޮނޑުދޮށްތައް ރީތިކޮށް ބޭއްވުމަށާއި، އަދި ފަރުތަކަށް ލިބިދާނެ ގެއްލުމަކުން އެ ތަންތަން ސަލާމަތް ކުރުމަށާއި، ރީތި މާޙައުލެއް ބޭއްވުމަށް. އޭރުވެސް އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން މި ވިއްކާ އެއްޗަކީ އެއީކަން. ރާއްޖޭގައި ވިއްކާ އެއްޗަކީ، ގޮނޑުދޮށާއި، ރީތި މުރަކަ ފަރުތަކާއި، ރީތި ނޫ މޫދާއި، ވިލުތައް. އަސްލު މި އަޅުގަނޑުމެންނަށް މި ވިއްކެނީ. މިއީ އަޅުގަނޑުމެންގެ ހޮސްޕިޓަލިޓީގެ އެންމެ ބޮޑު އެއް ބަޔަކީ. ފަތުރުވެރިންނަށް ވެލްކަމް މިކިޔަނީ އެ ކަންތައްތައް.

އެހެންވީމާ، އޭރުވެސް ކަންދިމާކުރި ގޮތުން، އެ ދާއިރާގައި އުޅެވުނީމާ އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް އެ ކަންތައްތައް ދަސްވި. އަޅުގަނޑު ރިޒޯޓުގައި އުޅުނުއިރުވެސް ފާހަގަވީ، ފަތުރުވެރިން ޚާއްޞަކޮށް ތަހުޒީބު މުޖުތަމަޢުތަކުން، ޤައުމުތަކުން އެ އަންނަ ފަތުރުވެރިންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮންނަނީ، ތިމާވެށްޓަށް ގެއްލުމެއް ލިބިދާނެ، ތިމާވެށި ހަޑިވެދާނެ އެއްވެސް ކަމެއް ވެދާނެތީ. އެހެންވީމާ، ތަންތަނަށް އެއްޗެތި އުކާނުލާންވީ. ފަރުތައް ސަލާމަތް ކުރަންވީ.

ދެން އަޅުގަނޑު ޕަރސަނަލީ ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑު ނިސްބަތްވާ ރަށްވެސް ސާފުކުރުމުގެ ޕްރޮގްރާމްތައް މީގެ ވިއްސަކަށް އަހަރު ކުރިން، އަޅުގަނޑު އަމިއްލައަށް ހިންގިން. ތުނޑި ސާފުކުރުމާއި، ރަށުތެރެ ސާފުކުރުމުގެ އެ މަސައްކަތް ކޮމިއުނިޓީން މީހުން ނެރެގެން، މީގެ ވިއްސަކަށް އަހަރު ކުރިންވެސް އަޅުގަނޑު ކުރިން. މާބޮޑު އެއްޗެއް އެނގިގެނެއް ނޫން، އޭރު އެކަންކުރީ. ދެން ހަޑިކަން އެނގޭތީ. އެއްޗެހިތައް އުކާލާފައި ހުންނަ މަންޒަރު ފެނުނީމާ ހަޑި.

އެހެންވީމާ، ތިމާވެށްޓަށް އަސްލު ކުރާ އަސަރެއް އެހާބޮޑަށް އޭރަކު އަދި ނޭނގޭ. އެހެން ނަމަވެސް، ލޮލަށް ހަޑިތާ. މަގުމަތީގައި ފުޅިތަކާއި، ޓިޝޫ ޕޭޕަރުތަކާއި، ނެޕީތަކާއި، ނޫނީވިއްޔާ އެނޫންވެސް އެއްޗެހިތައް ހުންނަ މަންޒަރު ބަލައިލަން. އަދި އަޅުގަނޑުމެން ތަންކޮޅެއް ފުޅާކޮށް ވާހަކަދައްކާ ކަމަށްވަންޏާ، މިއަދު އެންމެ ކަންބޮޑުވާ އެއްކަމަކަށް މިއޮތީ، އޭގެ ސަބަބުން ދިމާވެދާނެ ބަލިމަޑުކަމެއް. އެހެންވީމާ، އެވެސް އަޅުގަނޑުމެން އެއްފަރާތުން އަނެއްކާ ވިސްނަންޖެހޭ ކަމެއް. ޕަބްލިކް ހެލްތަށް އަޅުގަނޑުމެން ވިސްނަންޖެހޭ. އެންމެންގެ ދުޅަހެޔޮކަމަށާއި، ފުރިހަމަ ޞިއްޙަތަކަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ.

އެހެންވީމާ، މިއީ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުގެ އަމިއްލަ ނަފްސު، އަޅުގަނޑުވެސް އަބަދުވެސް ގަބޫލުކުރަން، އަޅުގަނޑުގެވެސް ޒިންމާއެއްކަން. އަދި އެހެން ހުރިހާ އެންމެންނަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ޒިންމާއެއް. އެއީ އަޅުގަނޑުމެން ދައްކައިދޭންޖެހޭ މީގެ މިސާލުވެސްމެ. އެކަމަކު އަޅުގަނޑު ދަންނަވަން އޮތީ މިއަދު، މި މިސާލު ދައްކަންޖެހެނީ ހުރިހާ އެންމެންނޭ. ޤައުމަކަށް ނިސްބަތްވާ ހަމަ ކޮންމެ ފަރުދަކަށް މިއީ މުހިންމު ކަމެއް. މި ޤައުމަށް ލިބޭ ކޮންމެ ފޮނި، ހިތްހަމަޖެހޭ، އުފާވެރިކަމަކީވެސް ދިވެހި ރައްޔިތުންނަށް ލިބޭ ކަމެއް. ހަމަ އެގޮތަށް، ދެރަ ނިކަމެތި އަދި ހިތާމަވެރި ކޮންމެ ކަމެއް ދިމާވިއަސް އެއީ، އަޅުގަނޑުމެން ރައްޔިތުންނަށް އެކަމެއް ހަމަ އެ ދިމާވަނީ.

އެނގިވަޑައިގަންނަވާނެ، ކުރީގައި އަޅުގަނޑުމެން އަޑުނާހައި، ނުދެކޭ އެތައް މަންޒަރުތަކެއް ހަމަ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އަޅުގަނޑުމެންނަށް އެބަ ފެނޭ، އުދަ އެރުމުގެ ކަންތައްތައް، ފެން ބޮޑުވުމުގެ ހާދިސާތައް، ގޮނޑުދޮށްތައް ގިރައިގެންގޮސް، ރަށްރަށަށް ވަރަށްބޮޑެތި ގެއްލުންތައް ލިބެމުންދާ މަންޒަރު. ދުނިޔޭގެ ތިމާވެށްޓަށް މި އަންނަ، މޫސުމަށް މި އަންނަ ބަދަލުތަކާއެކު ކަނޑުގަދަވުމާއި، ވިއްސާރަވުމާއި، ވައިގަދަވުމާ، އޭގެ ސަބަބުން ލިބޭ ގެއްލުންތައް މިއީ، ހަމަ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ކުރިމައްޗަށް މިހާރު އަންނަ ކަންތައްތައް.

އެހެންވީމާ، މި ހުރިހާ ކަމަކަށް ވިސްނައި އަޅުގަނޑުމެން އެބަ ވާންޖެހޭ، ތިމާވެށި ދެކެ ލޯބިވާ ބަޔަކަށް. ޤައުމުދެކެ ލޯބިވާ ބަޔަކަށް ވާން އެބަޖެހޭ. ތިމަންނާގެ ރަށް، ތިމަންނާ އުޅޭ ތަން އެއީ، އަދި ކޮންމެ ރަށަކަށްވިޔަސް އެއީ ވަޒަންކަން ދަނެގެން، އަޅުގަނޑުމެންގެ ގޯތިގެދޮރާއި އަޅުގަނޑުމެންގެ އެއްބަނޑު ތިމާގެ މީހުންދެކެ، ދަރިންދެކެވާ ލޯބި ޤައުމަށްޓަކައި، ޤައުމަށް، ރަށަށް، އަޅުގަނޑުމެން ވާން އެބަޖެހޭ. އެފަދަ ގޮތަކަށް ނޫނީ، އަޅުގަނޑުމެންނަކަށް ރީތިކޮށް ނުބޭއްވޭނެ. އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންނަށް ހިމާޔަތެއް ނުކުރެވޭނެ. ތިމާވެށި ހިމާޔަތެއް ނުކުރެވޭނެ. އެކްޝަނުން ކުރެވޭނީ. ވާހަކަ ދައްކައިގެނެއް ނުވާނެ. އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކުވެސް ވާހަކަ ދެއްކިދާނެ. އެކަމަކު އެކްޝަން ނުގެނެވޭހާ ހިނދަކު، އަޅުގަނޑުމެންނަށް މިއިން ކުރާނެ އެއްވެސް ފައިދާއެއް ނެތް.

ދެން އަޅުގަނޑު ފާހަގަކޮށްލާނަން، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ ފެށުންވެސް އައީ ސާފުކުރުމުގެ ޤައުމީ ހަރަކާތަކުން. ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވީ. ޤައުމުގައި އޭރު ތިއްބެވި އެންމެ އިސް ހުރިހާ ބޭފުޅުން، ރައީސްކަން ކުރެއްވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެން. އެއިންވެސް ބޭނުންވީ، މި ސަރުކާރުގެ ފެށުމުންވެސް އަޅުގަނޑުމެން ސަރުކާރުން ދައްކައިދޭން ބޭނުންވީ، މިކަމުގެ މުހިންމުކަން. ތިމާވެށީގެ މުހިންމުކަން. ސާފުތާހިރުވުމުގެ މުހިންމުކަން. އެހެންވީމާ އެއީ، ފެށުން އައިގޮތް. އޭގެފަހުންވެސް ތަފާތު ގިނަ ހަރަކާތްތައް ޚާއްޞަކޮށް، އެން.ޖީ.އޯސްތަކުން، ރިޒޯޓުތަކުން، ސްކޫލްތަކުން، އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުން، ކުންފުނިތަކުން އެބަ ހިންގާ.

އެހެން ނަމަވެސް، ދުނިޔޭގެ ޤައުމުތަކުގައިވެސް ކުރާ ކަމެއް މިއީ. އެންމެ ތަހުޒީބު ޤައުމުތަކުގައި. އެމެރިކާ، އޮސްޓްރޭލިޔާ، ނިއުޒިލެންޑް، ޔުނައިޓެޑް ކިންގްޑަމް، މިއިން ކޮންމެ ޤައުމެއްގައިވެސް ކްލީން އަޕް ޑޭސް އެބަ ބާއްވާ. ކްލީން އަޕް ވީކްސް އެބަ ބާއްވާ. ދެން އެވެސް ކުރަންޖެހޭނެ ކަމެއް. އެކަމަކު ހަމައެކަނި އަޅުގަނޑުމެން މިހެން ނުކުންނަ ދުވަހެއްގައި އެކަނި ކޮށްގެން، އެހެން ހުރިހާ ދުވަހަކު މަގުމައްޗަށް ކުނި އަޅައިފައި، ހަ މަސް ފަހުން ދުވަހެއް ފާހަގަކޮށްފައި، ސާފުކުރުމުގެ ވިސްނުން ގެންގުޅުން ކަމަކުނުދާނެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަންވާނެ. އެންމެ ބޮޑަށް ހިތްހަމަޖެހޭ ކަމަކީ، ތިމާ އަމިއްލައަށް އެއްވެސް އެއްޗެއް އުކާނުލުން. ތިމާއަށް ފެންނަ އެއްޗެއްވެސް ނެގުން. ހަޑިކަމެއް ނޫން އެއީކީ. އެއްގޮތަކަށްވެސް ހަޑިކަމެއް ނޫން. ލަދުގަންނަންޖެހޭ ކަމެއްވެސް ނޫން. ނިދާ ތެދުވެ އެނދު ރީތިކޮށްލުން. ތިމާ ބޭނުންކުރާ ފާޚާނާ ކޮންމެވެސް ވަރަކަށް ސާފުކޮށްލުން. ގޭތެރެ ސާފުކޮށްލުން. ހަމަ އެ ގޮތަށް މަގުމަތިވެސް ސާފުކޮށްލުމަކީ އެއީ، އެއްގޮތަކަށްވެސް ލަދުގަންނަންޖެހޭވަރުގެ ކަމެއްނޫން. އިންސާނަކަށްވީތީ، އަޅުގަނޑުމެން ހަމަ ޕްރައުޑް ވާންޖެހޭނެ ކަންތައްތައް އެއީ. އެކަހަލަ ކަމެއް ކޮށްލީމޭ ބުނުމުންވެސް އެއީ، ފަޚުރުވެރިވާންޖެހޭވަރުގެ ކަންތައްތަކެއް. އަޅުގަނޑު ގަބޫލުކުރަނީ އެގޮތަށް.

އެހެންވީމާ، މިއަދު އަޅުގަނޑަށް ފެންނަނީ، އަޅުގަނޑަށް ގަބޫލުކުރެވެނީ، ދިވެހިންނަކީ ވަރަށް ސާފުތާހިރުކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި. ދުނިޔޭގެ ޤައުމުތަކާ އަޅައިބަލައިފި ކަމަށްވަންޏާ ދިވެހިންނަކީ ނަލަކޮށް ތިބޭ ބައެއް. ހަމަ ރީތިކޮށް ތިބޭ ބައެއް. ސާފުތާހިރު ކަމަށް ހަމަ ލޯބިކުރާ ބައެއް. ކުޑަކުޑަ މައްސަލައެއް މި އުޅެނީ. ގޮނޑުދޮށްތަކާއި، މަގުތަކާއި، ބައެއްކަހަލަ ތަންތަނަށް ކުނި އެޅުން. މީހުންވެސް ގިނައީ. ޤައުމުގައި މީހުންވެސް ގިނައީ. އަދި އަރޓިފިޝަލް އެއްޗެހިތައްވެސް ގިނައީ. ފެންފުޅިތަކާއި، ޕްލާސްޓިކްތަކާ. އެހެންވެ ސަރުކާރުގެ އެބައޮތް، ނެޓް ޒީރޯ ޓާގެޓަށް ދަތުރުކުރުމުގެ ޗާޓެއް މިހާރު އެކުލަވައިލާފައި. އެއަށް މިހާރު ވާސިލުވުމަށްޓަކައި މަސައްކަތްތަކެއް މި ކުރަނީ. އެހެންވެ އެކަމަށް ދާންވެސް އަޅުގަނޑުމެން އެންމެން ހިތްވަރުލާފައި މަސައްކަތް ކުރަންވީ. އޭރުން ޕްލާސްޓިކުންވެސް އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ. އުކާލަންޖެހޭ ވޭސްޓް އަޅުގަނޑުމެންނަށް މަދުކުރެވޭނެ. ވޭސްޓް ކޮންމެ އެއްޗެއް ރޯ މެޓީރިއަލްއަކަށް ބަދަލުވެގެން މިހާރު މިދަނީ. ބަދަލުކުރުމުގެ އެ މަސައްކަތް އެބަކުރޭ އެއްބަޔަކު. އެހެންވީމާ، އެއީ ވޭސްޓަކަށް ނުވާނެ. ވޭސްޓްވެސް ވާނީ ރަނަށް ފަހުން. އެ މަސައްކަތް ކުރިއަށް މިދަނީ.

އެސިސްޓެންޓް ޕްރޮޑިއުސަރ / ޕްރެޒެންޓަރ އިސްމާޢީލް ޙައްސާން - ޕީ.އެސް.އެމް:

ވާހަކަފުޅު ނިންމަވައިލައްވަމުން ދެންމެވެސް ފާހަގަކުރައްވައިފި، ޚާއްޞަ ގޮތެއްގައި ހަމަ މި ސަރުކާރުން އިސްނަގައިގެން އަޅުގަނޑުމެންގެ މި ޤައުމަކީ، ތިމާވެށްޓާ ރައްޓެހި ނެޓް ޒީރޯ ޤައުމެއްގެ ގޮތުގައި ހެދުމަށް ވަރަށް ގިނަ މަޝްރޫޢުތަކެއް ފެށިގެން، މިއަދާ ހަމައަށް އައިއިރުގައިވެސް ކުރަމުން އަންނަކަން. ގަބޫލުފުޅު ކުރައްވަންތޯ، މި މަސައްކަތްތަކާ އެކީގައި އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެ ލާމަސީލު މިސާލަކަށް، ދުނިޔެއަށް ވެގެންދާނެ ކަމަށް؟ އަދި އެންމެންގެ އެއްބާރުލުން މިކަމަށް ލިބިއްޖެ ކަމުގައިވާނަމަ، ތިމާވެށްޓާ ރައްޓެހި ޤައުމަކަށް އަޅުގަނޑުމެންގެ މި ޤައުމު ހެދޭނެކަމުގެ ކިހާބޮޑު ޔަގީންކަމެއް އެބައޮތްތޯ؟ އަމިއްލަފުޅަށް ގަބޫލުފުޅު ކުރައްވާ ކަމަށްވާނަމަ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑަށް ހަމަ ސަތޭކަ ޕަސެންޓް އެބައޮތް އިނގޭތޯ. ސަބަބަކީ، ތިޔަބޭފުޅުން ބައްލަވާ، މީގެ ފަންސާސް އަހަރު ކުރިން، ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފެށިގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށް. ވަރަށް އާދައިގެ ގޮތަކަށް. ފަންސާސް އަހަރުގެ ތެރޭގައި ޓޫރިޒަމުން ހޯދި ހަމައެކަނި ކާމިޔާބީއަކީ، އެންމެ ހައި އެންޑް ރޫމްސްތަކާއި، ނޫނީ އެ ތަންތަން ލަގްޒަރީ، ފައިވް ސްޓާރ، ސެވަން ސްޓާރއަށް ބަދަލުކޮށްލުމެއްވެސް ނޫން. އެއާއެކީ ރިނިޔުބަލް ސޯސަރސް ބޭނުންކުރަން ފަށްޓައިފި. ޕްލާސްޓިކް މަދުކުރުމުގެ އެތައް ހަރަކާތްތަކެއް ފަށްޓައިފި. ފަރުތަކާއި މި ކަންތައްތަކުގެ އެތައް ޕްރޮގްރާމްތަކެއް ފަށްޓައިފި. ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ރިޒޯޓުތަކާއި ޓޫރިޒަމަށް ނިސްބަތްވާ ފަރާތްތަކުން އެ މަސައްކަތްވެސް ހަމަ ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަވާ. ބޭރު ދުނިޔެއިން އެ ކަންތައް ބަލައިގެންފި. ރާއްޖޭގައި ކުރާ ކަންތައްތައް ބަލައިގެން، އެގޮތަށް ކުރާ ކަންތައްތައްވެސް އެބަހުރި. ޚާއްޞަކޮށް ރިޒޯޓުތަކާއި، ރަށްތަކުގައި.

އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންނަށް މި މަސައްކަތްވެސް އެ ލެވެލަށް ހަމަ ގެންދެވޭނެ ކަމަށް. ދުނިޔޭގެ ހަމަ މިސާލެއްގެ ގޮތުގައި، އެ ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑުމެން ހަމަ ހިތްވަރުލާން ޖެހެނީ. އަޅުގަނޑުމެން މި ކަހަލަ ކަންތައްތައް ބަލަންވީ މިއީ، ޤައުމީ ކަންތައްތަކުގެ ގޮތުގައި. މިއީ ވަކި ބަޔަކަށް، ނޫނީ ވަކި މީހަކަށް ނިސްބަތްވާ، ވަކި ބަޔަކަށް ފައިދާވެސްވާ ކަމެއް ނޫން. މިކަމުން ފައިދާވާނީ މުޅި ޤައުމަށް.

އެހެންވީމާ، ޤައުމީ ވިސްނުމެއްގައި އަޅުގަނޑުމެން މި ކުދި ޖަޒީރާ ރަށްތައް ރީތިކޮށް ނަލަކޮށް ބޭއްވުމުގެ ވިސްނުމުގައި، ސާފުކުރުމުގެ މަސައްކަތް ކޮށްފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަންވެސް ހަމަ ކާމިޔާބުވާނެ. ދިވެހިރާއްޖެ އޭރުން "މޯލްޑިވްސް" މަޝްހޫރުވެފައި އޮންނާނީ ހަމައެކަނި ޓޫރިޒަމްގެ ގޮތުގައެއް ނޫން. ހަމައެކަނި ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގައި އެންމެ ރަނގަޅަށް ހޮސްޕިޓާލިޓީ، މެހްމާންދާރީ އަދާކުރާ، އެންމެ ރަނގަޅު ކޮލިޓީ ސަރވިސް ދޭ ތަނެއްގެ ގޮތުގައި އެކަންޏެއް ނޫން. ތިމާވެށި ހިމާޔަތް ކުރުމާއި، ޕްރޮޓެކްޓް ކުރުމާއި، ކޮންޒަރވޭޝަނަށް އެންމެ ބޮޑު މަސައްކަތެއް ކުރާ ނަމޫނާ ޤައުމެއްގެ ގޮތުގައި. އޭގެ ސަބަބުން ރާއްޖެއަށް ކުރާ ފައިދާ އެތައް ގުނައަށް އިތުރުވެގެންދާނެ.

އަޅުގަނޑުމެންނަށް އޭގެ ސަބަބުން ފައިނޭންސް ހޯދުމަށްޓަކައި، އެކްސެސެބިލިޓީ އިތުރުވެގެންދިޔުމާއި، މި ހުރިހާ ކަމަކަށް މަގުފަހިވާނެ. އޭރުން އަޅުގަނޑުމެން އެންމެ އުފާވާނީ، ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މި ހުރިހާ ފަސޭހަތަކެއް ލިބެން ފެށީމާ. އުފާވެރިކަމެއް އޮތީ އެ ރަށްތަކުގައި ކަންތައްތައް ކުރެވި، ގޮނޑުދޮށްތައް ހިމާޔަތްކުރެވި، މިޓިގޭޝަނާއި އެޑަޕްޓޭޝަން ކަންތައްތަކަށް ފަންޑިންގ އޭޖެންސީތަކުންވެސް އަޅުގަނޑުމެންނަށް ގިނަ ފައިސާވެސް ލިބުނީމަ. އެންމެންނަށް އެ ބެހިގެންދާނީ އޭރުން.

އެހެންވީމާ، އަޅުގަނޑުމެން އެ މަސައްކަތް ކޮށްފި ކަމަށްވަންޏާ، ހަމަ އެއްވެސް ޝައްކެއްނެތް، ސްކޫލްތަކުން ފެށިގެންގޮސް އެންމެ އުމުރުން ދުވަސްވީ ބޭފުޅުންނާ ހަމައަށް، މިކަންކޮށް ހަމަ ނަމޫނާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ.

ޕްރޮޑިއުސަރ ޢިނާޔަތު ޢަލީ - ޕީ.އެސް.އެމް:

އާދެ، މިއަދު އަޅުގަނޑުމެން މި ފެށީ އަނެއްކާވެސް ހަމަ އާ ޢަޒުމަކާ އެކީ. ކޮންމެ ފަރުދަކުވެސް އެ ފަރުދެއްގެ ޒިންމާ އަދާކުރާނެކަމުގެ ވަޢުދުވަމުން. މި ވަޢުދުގައި ނައިބު ރައީސްވެސް ބައިވެރިވެވަޑައިދެއްވިކަމީ، ހަމަ މި ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކަށްވެސް އަދި މިކަމުގައި ބައިވެރިވެވަޑައިގެން ދެއްވަން ތިއްބެވި ހަމަ ހުރިހާ ބޭފުޅުންނަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ހިތްވަރެއް. އަޅުގަނޑުމެންނަށްވެސް، ވަރަށް އުފާވެރި އިޙްސާސެއް ހަމަ ކުރުވަނީ، ސާފުކުރުމުގެ މިކަހަލަ ކޮންމެ ހަރަކާތެއްގައި ޢަމަލީގޮތުންވެސް ބައިވެރިވެވަޑައިގަންނަވާ މަންޒަރު އަޅުގަނޑުމެންނަށް ފެނުމުން.

އަދިވެސް އެއްފަހަރު، ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ، އަޅުގަނޑުމެންނާއެކު ތިޔަ ހޭދަކޮށްލެއްވި ވަގުތުކޮޅަށްޓަކައި. އަދި އަޅުގަނޑުމެންގެ ދަޢުވަތު ގަބޫލުފުޅުކުރައްވައި ވަޑައިގެންދެއްވި ކަމަށްޓަކައި. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ޝުކުރިއްޔާ!