ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، (ޤާނޫނު ނަންބަރު 11/2008: އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ބިލް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މިބިލަކީ، ޖޫން 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނަށް ގެނެސްފައިވާ އިސްލާޙްތަކަކީ، އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރު ކުރުމާއި، އެޤާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް، މާއްދާއެއް އިތުރު ކުރުމެވެ. މިގޮތުން މިޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ، (ޤާނޫނު ނަންބަރު 11/2008: އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ބިލް ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.