ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، (ޤާނޫނު ނަންބަރު 12/2008: ރިޔާސީ އިންތިޚާބުގެ ޤާނޫނު)އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލް 21 ޖޫން 2023 ގައި ތަސްދީޤު ކުރައްވައިފިއެވެ.

މިބިލަކީ، ޖޫން 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިޤާނޫނަށް އިޞްލާޙް ގެނެސްފައިވަނީ، 5 ވަނަ މާއްދާގެ (ރ) އަށެވެ. މިގޮތުން އެމާއްދާއަށް ގެނެސްފައިވާ މައިގަނޑު އިޞްލާޙަކީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ކުރިން ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ، (ޤާނޫނު ނަންބަރު 12/2008: ރިޔާސީ އިންތިޚާބުގެ ޤާނޫނު)އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލް ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.