ދިވެހި މާޙައުލުގައި އުޅެ ބޮޑެތިވަމުން އައިނަމަވެސް، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ފުންކޮށް ވިސްނަންޖެހޭ ޤައުމީ މައްސަލައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި، ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެޖަމުޢިއްޔާގެ 13 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ ފަންނުތައް ދިރުވައި އާލާކުރުމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި
ދިވެހި ބަސް ދިރުވައި އާލާކުރުމާއި އަދަބީ ދާއިރާތަކުން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ ހިދާޔަތަށް ފަހުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ ދިވެހިންގެ މާދަރީ ބަސްކަން ފާހަގަކުރައްވައި ދިވެހިންގެ އަމިއްލަ ޅެންވެރިކަމާއި ލިޔުންތެރިކަމާއި އަދި ވަކި ފަންނެއްގެ ގޮތުގައި ވާހަކަ ދެއްކުންތެރިކަމާއި ބަހުސްކުރުން ފަދަ ދިވެންނަށް ލިބިފައިވާ އަދަބިއްޔާތުގެ މުއްސަނދިކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ދިވެހިންގެ އަދަބީ ފަންނުތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރައްވައި
މަދަރަސީ މާޙައުލާއި އަދި ޢާންމު މުޖްތަމަޢުގައި އަދަބީ ފަންނުތަކަށް ދަރިންގެ ސިކުނޑިތައް ހުޅުވައިދޭ ވެއްޓެއް އޮންނަންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ ބަހަކުން ތަޢުލީމު އުނގެނުނު ނަމަވެސް، އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުމަކީ، އުނގެނެމުންދާ އަނެއް ބަހުގެ މުއްސަނދިކަން ލިބިގަތުމަށް އެޅޭ ވަރަށް ބޮޑު ބާރެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދިންގެ ތޫނުފިލިކަމާއި ޢިލްމީ ޤާބިލުކަން ވަރަށް މަތީގައި ހުރިނަމަވެސް ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރުކަން ފާހަގަކުރައްވާފައެވެ. އަދި މި މައްސަލަ ޙައްލުކުރުމަކީ ސަރުކާރާއި އަދީބުންނާއި ބަހުގެ އުސްތާޒުންނާއި އަދި މުޅި މުޖުތަމަޢުގެ ވެސް މަސްއޫލިއްޔަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ އަވަސް ޙައްލެއް ނުހޯދައިފިނަމަ އިޢާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް އަދަބިއްޔާތަށް ކުރިމަތިވެދާނެ މައްސަލައެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެކި ޢުމުރުފުރާތަކަށް އަމާޒުކޮށްގެން، އެ ޢުމުރުފުރަޔަކާ އެކަށީގެންވާ، އޮއްޓަރު ހުރި ފޮތްތައް ދިވެހި ބަހުން ލިޔެ ޢާންމުކުރަމުން ގެންދިއުމަށް އަދީބުންނަށާއި ބަހުގެ އުސްތާޒުންނާ އަދި ލިޔުންތެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިން ކިޔަން އެކަށީގެންވާ އޮއްޓަރު ހުރި ޢިބްރަތްތެރި ދިވެހި ފޮތްތައް، ގިނަ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުން 1، 2 އަދި 3 ވަނަ ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.