ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމުން ދެކުނު އޭޝިޔާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، މިސް ކްރިސްޓީނާ އަލްބަރޓިންއާ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މަސްތުވާތަކެތީގެ ކަންތައްތައް މިހާރުގޮސްފައިއޮތް ހިސާބާއި، މި މައްސަލަ ޙައްލުކުރުމަށް އިތުރަށް އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ނައިބު ރައީސާއި މިސް އަލްބަރޓިނާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މިކަން ޙައްލުކުރެއްވުމަށް ސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، މިކަމަކީ ހަމައެކަނި ސަރުކާރުން މަސައްކަތް ކުރައްވައިގެން ޙައްލުވާވަރަށްވުރެ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެ، މިކަމުގައި އަމިއްލަ މަދަނީ ޖަމްޢިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ވަރަށް މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ މަދަނީ ޖަމްޢިއްޔާތަކެއް މިހާރުވެސް ހަރަކާތްތެރިވަމުންގެންދާކަމަށާއި، ސަރުކާރުން ބޭނުންފުޅުވަނީ މިފަދަ އިތުރު ޖަމްޢިއްޔާތަކެއް އުފެދި ހަރުދަނާވެގެން ދިޔުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިސް އަލްބަރޓިން ދެއްކެވި ވާހަކަފުޅުގައިވެސް، މިފަދަ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި މަދަނީ ޖަމްޢިއްޔާތައް ހަރުދަނާ ކުރެއްވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޤާނޫނުތައް ތަންފީޒުކުރާ ފަރާތްތަކުގެ ދައުރެއްވެސް މިކަމުގައި އެބައޮތް ކަމަށާއި، އެތެރެވާ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގެ އިތުރުން، މިކަން ކުރާ ފަރާތްތަކަށް އަދަބު ދެވި އަދަބު ތަންފީޛުވެގެން ދިޔުމަކީވެސް، މަސްތުވާތަކެތި ހުއްޓުވުމަށް އެޅޭނެ ބާރެއް ކަމުގައި ވިދާޅުވިއެވެ.

ޔޫ.އެން.އޯ.ޑީ.ސީ.ގެ ފަރާތުން ރާއްޖޭގައި ހިންގުމަށް ރާއްވަވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުންވެސް މިސް އަލްބަރޓިން ނައިބު ރައީސަށް މަޢުލޫމާތު އެރުވިއެވެ.