ބައިބައިވުން އުފެދިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަކީ، ދިވެހި ސިފައިންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމެއްކަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތު އޮތީ މިރޭ ކަޅުތުއްކަލާކޮށީގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބުދުﷲ ޝަމާލްއާ، ސިފައިންގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ސިފައިންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ފަރުދީ ހައިސިއްޔަތުން ވެސް، ސިފައިންގެ ކޮންމެ މީހެއްގެވެސް އެންމެ އިސް ވާޖިބަކަށް ހަދަންވީ، ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއްކަމަށެވެ. އަދި މިޒަމާނުގައި، އަޅުވެތިކަމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ކަށަވަރު ފަރުވާއަކީ، ސަރަހައްދީ އަދި ބައިނަލް އަޤުވާމީ ޞުލުޙަކަމަށާއި، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ޤައުމުތަކާއި އެކު ގުޅުންތައް ދަމަހައްޓައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ޚިދުމަތަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ޢިލްމީ ގޮތުން ޤާބިލު އަދި އަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭނެ ސިފައިން ދިވެހި ޢަސްކަރިއްޔާގައި މިހާރު އެބަތިބި ކަމަށެވެ. މީގެ އިތުރުން ދިވެހިންގެ ދިފާޢުގައި އަދި ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި، ދިވެހި ސިފައިން، އެއްގަމާ ކަނޑާ ވައިގެމަގުން ކުރަމުން އަންނަ މަސައްކަތްތަކާއި މަދަނީގޮތުން ކުރަމުން އަންނަ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ސިފައިންގެ ބޯހިޔާވަހިކަމަށާއި މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފަންނަށް ހުޅުމާލެ ފޭސް 2 ގައި ވެސް، 138 ޔުނިޓްގެ ފްލެޓް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މިއަހަރު ބީލަމަށް ލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ، މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ޢަސްކަރިއްޔާގެ ތަރައްޤީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ޤާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސިފައިންގެ ޤާބިލްކަން އިތުރު ކުރުމަށް، އެޑްވާންސް ވެޕަން ފަޔަރިންގ ސިމިއުލޭޓަރ ހޯދުމާއި، އެންޓި-ޑްރޯން ސިސްޓަމްތައް ހޯދުން ހިމެނޭކަމަށާއި، ކޯސްޓްގާޑުގެ ޚިދުމަތްތަކާއި، ސިފައިންގެ ފަޔަރ އެންޑް ރެސްކިޔޫގެ ޚިދުމަތްތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑެލް ޙާޞިލް ކުރެއްވި، ހަތަރު ރިޓަޔަޑް ޖެނެރަލުންނަށާއި، އެހެނިހެން މެޑަލްތައް ޙާޞިލްކުރެއްވި ސިފައިންނަށް މެޑެލް ޙަވާލުކޮށްދެއްވައި، އަދި ސިފައިންގެއަށް ރީތިނަން ހޯދައިދީފައިވާ ސިފައިންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވައި، އެހުރިހާ ފަރާތްތަކަށްވެސް މަރުޙަބާއާ ތަޙުނިޔާ ވިދާޅުވެފައެވެ.

ދިވެހި ސިފައިންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައި ވަނީ، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި، މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހުގައެވެ.