2011އިން 2015އަށް އ.ދ.އިން ރާއްޖެއަށް ވެދެއްވުމަށް ހަމަޖެހިފައިވާ އެހީތައް ވެދެއްވާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި މި މަޝްވަރާތަކުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް ލިބިވަޑައިގަންނަވާ އާމްދަނީ އިތުރުކުރެއްވުމަށާއި، ލިބިވަޑައިގަންނަވާ އާމްދަނީއިން ރައްޔިތުންނަށް ފައިދާ އިތުރުކުރުމަކީ، މިހާރު ކުރައްވަން ޖެހިވަޑައިގެންފައިވާ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް މިކަމުގައި ކުރިމަތިވާ ގޮންޖެހުންތަކެއް އެބަހުރިކަމަށް ވިދާޅުވަމުން، މިގޮތުން ހުރި ގޮންޖެހުންތަކަށް ބައްލަވާލެއްވިއެވެ.

ރާއްޖޭގައި ޑިމޮކްރަސީ އަދި މިވަނީ އޭގެ ޅަފަތުގައި ކަމަށާއި، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ރާއްޖެ ބަދަލުވެގެން އައިއިރު ހަރުދަނާ ކުރަންޖެހިފައިވާ ވަރަށް ގިނަ މުއައްސަސާތަކާއި ނިޒާމްތަކެއް ހުރި ކަމުގައި ނާއިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށްވުމާއެކު، ޒުވާނުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއްވެސް ފޯރުވައިދޭން ޖެހިފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިގޮތުން މަތީ ތަޢުލީމުގެ ފުރުސަތުތަކާއި، ވަޒީފާގެ ފުރުސަތުތަކާއި، އެކި ތަމްރީނުތަކަކީ ޤައުމުގެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށް އަހަންމިއްޔަތުކަން ދޭންޖެހޭ ކަންތައްތައްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މަސްތުވާތަކެތީގެ މައްސަލައަކީ، މިޤައުމަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށްވުމާއެކު، ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށްޓަކައި އެމީހުންނަށް އިތުރު ގޮތްތަކެއް ހޯދައިދޭންޖެހިފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި، މިމައްސަލަ ޙައްލުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި ގިނަ ކާމިޔާބީތަކެއްވެސް ހާސިލްކުރެވިފައިވާކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި އ.ދ.ގެ އެކިއެކި ޖަމާޢަތްތަކުގެ އެހީތެރިކަން ރާއްޖެއަށް އަބަދުވެސް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް ވިދާޅުވެ، ރާއްޖޭގައި މަސައްކަތްކުރާ އ.ދ.ގެ ހުރިހާ ޖަމާޢަތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ ވުޒާރާތަކުގެ ބައެއް ވަޒީރުންނާއި އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.