މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި ހައްޖާޖީންނަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ފުރުމަށް ހަމަޖެހިފައިވާ ހައްޖާޖީންނާއި، އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހައްޖާޖީންގެ ޙާލު އަހުވާލު އޮޅުންފިލުއްވާފައެވެ. އަދި އެމަނިކުފާނުގެ ހެޔޮދުޢާތައް ވަނީ ހައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ޙައްޖަކަށް އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ޙައްޖާޖީންނެވެ. 

ރައީސުލްޖުމްހޫރިއްޔާ، މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.