ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައިސްލެންޑްގެ ރައީސް އޮލާފޫރ ގްރިމްސަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައިސްލެންޑަކީ ރާއްޖެއާ ވަރަށް އެއްގޮތް ޤައުމެއް ކަމަށާއި، މިޤައުމުން އެކި ދާއިރާތަކުގައި ރާއްޖެއަށް ތަޖުރިބާ ޙާޞިލު ކުރެއްވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަކޮށް، މަސްވެރިކަމުގެ ދާއިރާގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން އައިސްލެންޑްގެ މަސްވެރިކަމާބެހޭ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގައި މަސްވެރިކަން ކުރަމުން ގެންދާގޮތް ދިރާސާ ކުރުމާއި އަދި ރާއްޖޭގެ މަސްވެރިކަމުގެ ތަޖުރިބާކާރުން އައިސްލެންޑަށް ދަތުރުކޮށް، މަޢްލޫމާތު ބަދަލުކޮށް، މިރޮނގުން ގިނަ ކަންތައްތަކެއް ޙާޞިލު ކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އައިސްލެންޑަކީ ރިނިއުބަލް އެނަރޖީގެ ރޮނގުން ކުރިއަރާފައިވާ ޤައުމަކަށްވުމާއެކު، އެ ތަޖުރިބާ ޙިއްޞާ ކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައިސްލެންޑްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އ.ދ.ގެ ޔުނިވަރސިޓީ އޮފް ފިޝިންގ އެންޑް ޖިއޮތަރމަލް އެނަރޖީ ޑިޕާޓްމަންޓް ޤާއިމު ކުރެވިފައިވަނީ އައިސްލެންޑްގައި ކަމަށްވުމާއެކު، މިދާއިރާއިން އެ ޔުނިވަރސިޓީއިން ތަމްރީނުތައް ހިންގަމުން ގެންދާ ކަމަށް ވިދާޅުވެ، ރާއްޖޭގެ މަސްވެރިކަމުގެ ތަޖުރިބާކާރުންނަށްވެސް މި ޔުނިވަރސިޓީން ފުރްޞަތު އެބައޮތް ކަމުގައި ވިދާޅުވިއެވެ. އައިސްލެންޑްގެ ރައީސްގެ ވާހަކަފުޅުގައި، އައިސްލެންޑަކީ 81 އިންސައްތަ ރިނިއުބަލް އެނަރޖީއަށް ބިނާވެފައި އޮތް ޤައުމެއް ކަމަށާއި، ތިމާވެށީގެ މައްސަލަތަކަކީ އައިސްލެންޑަށްވެސް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، ގްރެނާޑާގެ އެމްބެސެޑަރ އަދި ޔޫ.އެން.ގައި ހުންނަވާ ގްރެނާޑާގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް އެމްބެސެޑަރ ވިލިއަމްސްވެސް ހިމެނިވަޑައިގަންނަވައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، "އައޯސިސް"ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަނީ ގްރެނާޑާއިންނެވެ. މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ، ކޯޕަންހޭގަންގެ އެއްބަސްވުމަށް އައޯސިސް ޤައުމުތަކުގެ އެއްބާރުލުން ހޯއްދެވުމާ ބެހޭގޮތުންނެވެ. އައޯސިސްގެ ވީހާވެސް ގިނަ ޤައުމުތަކުން ކޯޕަންހޭގަން އެކޯޑްގައި ސޮއިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިޤައުމުތަކުގެ އެއްބާރުލުން ހޯއްދެވުމަށްޓަކައި މިރޮނގުން ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.