ރާއްޖޭގައި މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ބާސްކެޓް ބޯޅަ މުބާރާތް، ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2023 ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފްވެރިކޮށްދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިރޭ، ސޯޝަލް ސެންޓަރުގައެވެ.    
މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތައް ފަހުގައި މިރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެއާ ބަންގްލަދޭޝްއެވެ.  މެޗު ފަށްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެޓީމުގެ ކުޅުންތެރިންނާއި ސަލާމްކުރައްވާފައެވެ. އަދި މިމެޗު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.   
މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު  ބައްދަލުކުރީ ނޭޕާލާއި ބޫޓާނެވެ.   
މިމަހުގެ 14އިން 22އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ، ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގައި، ބައިވެރިވެފައި ވަނީ، ބޫޓާން، ބަންގްލަދޭޝް ، ނޭޕާލް، ޕާކިސްތާނުގެ އިތުރުން ދިވެހިރާއްޖެއިންނެވެ.     
މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމް ވަނީ، މުބާރާތުގެ ކުރިން އިންޑިއާގެ ބެންގަލޫރުގައި ތަމްރީނު ހޯދާފައެވެ.   
މިއީ މިދައުރުގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ ތިންވަނަ ބާސްކެޓް ބޯޅަ މުބާރާތެވެ. ރާއްޖެއަކީ، ބައިނަލްއަޤުވާމީ ކުޅިވަރުގެ މުބާރާތްތައް ބާއްވާ ޤައުމެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ، ދިވެހި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވާދަކޮށް ކުރިޔަށް ދިޔުމަށް ފުރުޞަތުތައް ފަހިކޮށް ދެއްވުމެވެ.