ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މެލޭޝިޔާގެ ބޮޑުވަޒީރު މުޙަންމަދު ނަޖީބު ޓުން ޢަބްދުއްރައްޒާޤާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެލޭޝިޔާއަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ އަދި އަދާކުރަމުން ގެންދާ ޤައުމެއްކަން ފާހަގަކުރައްވަމުން، މެލޭޝިޔާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތަކަށްޓަކައި މެލޭޝިޔާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މެލޭޝިޔާއަކީ، ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ކުދިން ކުދިން މަތީ ތަޢުލީމް ޙާސިލްކުރަމުންގެންދާ ޤައުމެއްކަން ފާހަގަކުރައްވަމުން، މިހާގިނަ ދިވެހިކުދިން މެލޭޝިޔާއަށް މިދާ އެންމެ މުހިންމު ސަބަބަކީ، އެޤައުމުން ލިބެން ހުންނަ ތަޢުލީމުގެ ފެންވަރު ރަނގަޅުވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ އިޞްލާޙީ މަސައްކަތްތަކުގައިވެސް މެލޭޝިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށާއި، ވަކިން ޚާއްޞަކޮށް ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު މޫސާ ޙިޠާމް މި މަސައްކަތުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ކަމުގައި ވިދާޅުވިއެވެ.
މެލޭޝިޔާގެ އިޤްތިޞާދީ ހާލަތު މިހާރު ހުރިގޮތާމެދު މެލޭޝިޔާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވަމުން، އިޤްތިޞާދު މިހާރު ދަނީ ކުރިއަރަމުން ކަމަށާއި، އިޤްތިޞާދު ރަނގަޅު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ކަމުގައި ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މެލޭޝިޔާ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.