ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ވާހަކަތަކުގައި ދެ ޤައުމުގެ އިސްބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ސޭޝެލްސްގެ ރައީސް ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އެޤައުމުގެ އިސްވެރިއަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުކަމުގައިވާތީ މިއީ ވަރަށް ތާރީޚީ ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު 2019 ވަނަ އަހަރު ސޭޝަލްސްއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އާ ކުރައްވަމުން އެދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް ކުރިއަށް އެޅިގެންދިޔަ ފިވަޅެއްކަން ފާހަގަކުރެއްވިއެވެ.
ދެބޭފުޅުންގެ ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުންތަކުގައި މިހާރު ގުނަމުންދަނީ މުޅިން އާ ދުވަސްތަކެއްކަން ފާހަގަކުރައްވައި ކުރިޔަތް އޮތް މަސްތަކާއި އަހަރުތަކަކީ ދެޤައުމުގެ ގުޅުންތައް އިތުރަށް ފުޅާވެގެންދާނެ ދުވަސްތަކެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެބޭފުޅުން ވަނީ ދެޤައުމުން އިސްކަންދޭ އެކިދާއިރާތަކުން ކުރިމަގުގައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ގުޅުންތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއާއި ކުޅިވަރާ ޒުވާނުންގެ ދާއިރާއާ ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންނާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީގޮތުން އެއްބާރުލުން އިތުރުކުރުމާއި ކައުންޓަރ ޓެރަރިޒަމް އަދި ސަލާމަތާގުޅޭ ކަންކަމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދެޤައުމުން ޙިއްޞާކުރާ އެއްގޮތް ކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކުން އެފަރާތްތަކުގެ ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ ސަބަބުން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެހެން މާޙައުލެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބި އާވިސްނުންތަކާއެކު މިދާއިރާއިން ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އެކި ސިނާޢަތްތައް ތަރައްޤީކޮށް އިޤްތިޞާދު ސިންދަފާތުކޮށް ފުޅާކުރުމަށްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ވިޔަފާރިތަކާ ގުޅިގެން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް ސޭޝެލްސްގެ އިންވެސްޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ތަމްރީނުދީ އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ރޮނގުން ދެޤައުމުން ގުޅިގެން މަސައްކަތްކުރަން ބޭނުންވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ އަހަރަކު ކުރިޔަށްގެންދާ ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގައި ބައިވެރިވުމަށް ސޭޝެލްސްއަށް ދައުވަތު ދެއްވާފާއެވެ.
މިއަދު ސޮއިކުރެވިގެންދިޔަ އެއަރ ކަނެޓްޓިވިޓީ އެއްބަސްވުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ރޮނގުން ގުޅުންތައް އިތުރަށް ބަދަހިގެންދިއުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އެއަރ ސަރވިސް އެގްރިމެންޓަކީ ދެ ޤައުމުގެ އިޤްތިޞާދު ކުރިއަރައިގެންދިއުމަށް އެހީތެރިވުމަށް ކޮންމެހެން މުހިންމު ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާ ސޭޝެލްސްގެ ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުޑަކުރުމާއި ވިލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު ލޮސް އެންޑް ޑެމޭޖް ފަންޑުގެ މަސައްކަތް ވީހާވެސް އަވަހަށް ހިނގައިގަންނަ ގޮތް ހެދުމަށް ވެސް ދެޤައުމުން ގުޅިގެން ކުރެވެންހުރި މަސައްކަތްކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. މި ފަންޑުގެ މަސައްކަތް އަވަސްކުރުމަކީ މުސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެބޮޑަށް ފޯރާ ޤައުމުތަކަށް ލިބޭ އެހީތެރިކަމަކަށް ވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ސޭޝެލްސްގެ ރައީސް ވަނީ ކައުންޓަރޓެރެރިޒަމާއި ހައްދުފަހަނައަޅާދިއުން ފަދަ މައްސަލަތަކާ ކުރިމަތިލުމުގައި ދެޤައުމުން ގުޅިގެން އެކުގައި، އާ ވިސްނުންތަކަކާއެކު މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ދެބޭފުޅުން ވަނީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.
ދެޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަތައް ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ދެޤައުމުގެ ދެމެދު ބޭއްވުނު ރަސްމީ ވާހަކަތަކުގެ ކުރިން ދެބޭފުޅުން ވަނީ ވަކިން ބައްދަލުކުރައްވައި ވެސް މަޝްވަރާކުރައްވާފައެވެ.