ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ސޭޝެލްސްގެ ރައީސަށް ރާއްޖެއިން މަރުޙަބާ ދެންނެވުމަކީ، ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިވެރިކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަކީ އުފާފުޅުކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ.


މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސޭޝެލްސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ސޭޝެލްސްގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން މިދަތުރުފުޅުން ހާމަވެގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ މަސްލަޙަތު ހިމެނޭ ދެޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ފަތުރުވެރިކަމާ، މޫސުމަށް އަންނަ ބަދަލުތަކާ، ޒުވާނުންގެ ތަރައްޤީގައި އެއްބާރުލުން ދެއްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަކީ އުފެއްދުންތެރި މަޝްވަރާތަކެއްކަމަށާއި، އެމަޝްވަރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސޭޝެލްސްގެ ރައީސް ވަނީ، އިތުރު ދާއިރާތަކުން ދިވެހިރާއްޖެއާ ސޭޝެލްސްއިން ގުޅުން ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެއިން، ސޭޝެލްސްއާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1 ޖުލައި 1980ގައެވެ.