އިނގިރޭސިވިލާތުގެ ތިމާވެށްޓާބެހޭ ވަޒީރު އެޑް މިލިބޭންޑާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރައްވައި، ކޯޕަންހޭގަން އެކޯޑަކީ ކާމިޔާބު އެއްބަސްވުމަކަށް ހެދުމާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

"ވާރލްޑް ފިއުޗަރ އެނަރޖީ ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބޫދާބީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޑް މިލިބޭންޑާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޯޕަންހޭގަން އެކޯޑް ކާމިޔާބު އެއްބަސްވުމަކަށްވާނީ ދުނިޔޭގެ ހުރިހާ ޤައުމެއްވެސް މިއެއްބަސްވުމުގައި ސޮއިކޮށް މިއެއްބަސްވުމުގައިވާ ގޮތަށް ޢަމަލުކުރަން ފެށުމުން ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމުތަކުން މިއެއްބަސްވުމުގައި ސޮއިކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ދިވެހި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ބެހޭގޮތުން އެޑް މިލިބޭންޑަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. މިގޮތުން އެމަނިކުފާނުގެ ސްޕެޝަލް އެންވޯއި އިބްރާހިމް ޙުސައިން ޒަކީ ގެންދަވަނީ ޤައުމުތަކުގެ އިސްބޭފުޅުންނަށް ގުޅުއްވައި މިކަމާބެހޭ މަޝްވަރާތައް ކުރިއަށް ގެންދަވަމުން ކަމުގައި ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް ޤާނޫނީގޮތުން ލާޒިމްކުރާ އެއްބަސްވުމަކަށް އާދެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކޯޕަންހޭގަން އެކޯޑްގައިވާ ކަންތައްތައް ހާސިލުކުރުމަށް މަގުޗާޓެއް އޮތުމަކީވެސް އެހާމެ މުހިންމު ކަމެއް ކަމަށް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. އަދި، މިއެކޯޑްގައި އިތުރު ޤައުމުތައް ސޮއިކުރުވުމަށް ދެޤައުމު އެކީގައި މަސައްކަތް ކުރެއްވުމަށްވެސް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.