ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މީޑިއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ.

ގުޅިފައިވާ ބަޔާންދެއްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ސޭޝެލްސް ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ޖަޒީރާތަކުގެ ރަށްވެހީންގެ ހައިސިއްޔަތުން އާދަކާދަތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅީގައިވެސް އެއްގޮތް އެތައް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު، ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، ދެ ޤައުމުގެ އިޤްތިޞާދަށްވެސް ކަނޑުރޯދިން ބޮޑެތި މަންފާތަކެއް ލިބޭކަމާ އަދި ދެ ޤައުމުގެ ޞުލްޙައާއި ސަލާމަތްތެރިކަން ގުޅިފައިވަނީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއެކު ކަން ފާހަގަކުރައްވާފައެވެ.

ގުޅިފައިވާ ބަޔާން ދެއްވަމުން ދެބޭފުޅުން ވަނީ ދެޤައުމަށްވެސް އޮތް އެންމެބޮޑު އެއް ކަންބޮޑުވުމަކީ މޫސުމީ ބަދަލުތަކާ ގުޅިގެންކުރާ ނޭދެވޭ އަސަރުތައްކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކުގެ ސަބަބުންކުރިމަތިވާ ގޮންޖެހުންތަކާއި ތަރައްޤީގެ މަގުގައި ދެ ޤައުމުގެ ތަޖުރިބާއާއި އަދި ދެ ޤައުމަށް ވެސް ޙައްސާސް މައްސަލަތަކަށް ޙައްލު ހޯދުމުގައި މިހާރަށް ވުރެ ބޮޑަށް ގުޅިގެން، އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މިއަދު ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމާއި އަދި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައިވާކަމުގައި ވިދާޅުވެފައެވެ.

މިއަދު ދެޤައުމުގެ ދެމެދު ސޮއިކުރި ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާގުޅޭ އެއްބަސްވުމާއެކު ދެޤައުމުގެ ރައްޔިތުން ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތު ފުޅާވެ، ދެ ޤައުމުގެ ދެމެދުގައި ހިނގާ މުޢާމަލާތްތައް އިތުރުވެގެންދިއުމަށް މަގު ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ދެޤައުމުގެ ދެމެދު ސޮއިކުރި އިތުރު އެއްބަސްވުންތަކާއެކު ދެޤައުމުގެ ދެމެދު އެއްބާލުން އިތުރުކޮށް ތަޖުރިބާ ބަދަލުކުރުމާއި ހިނގާ ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރު އިތުރުވެގެންދާނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާ ސޭޝެލްސްގެ ރައީސް ވަނީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އަލަށް ފެތުރެމުން އަންނަ ސަލާމަތީ މައްސަލަތައްކަމަށްވާ ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ ވަގުފާރިއާއި، ނިރުބަވެރިކަމާއި، ޤާނޫނާ ޚިލާފަށް، ޤަވާޢިދުތަކުގެ ބޭރުން ޑޮކިއުމަންޓު ނުކުރެވޭގޮތަށް މިސަރަޙައްދުގައި ކުރެވޭ މަސްވެރިކަންފަދަ ސަލާމަތީ މައްސަލަތަކަށް ހައްލު ހޯދުމަށް ދެޤައުމުން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ. އަދި މިއަދު ސޮއިކުރި، ޕްރޮޓޮކޯލް އޮން ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމް އެންޑް އަދަރ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސްއަކީ، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަސައްކަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅިފައިވާ ބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސޭޝެލްސްގެ ރައީސް ވަނީ ކުރިއަށް އޮތްތަނުގައި ރާއްޖެއާއި ސޭޝެލްސްއާ ދެމެދު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިވެ، ބައިނަލްއަޤުވާމީ މައިދާނުގައިވެސް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.