ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަބޫދާބީއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތުރުކީވިލާތުގެ ބޮޑުވަޒީރު ރަޖަބް ޠައްޔިބް އުރުދުޣާނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ތުރުކީވިލާތާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތުރުކީވިލާތަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުވައިދޭ ޤައުމެއް ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް މިފަދަ އެހީތެރިކަމާއި އެއްބާރުލުން ލިބެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ތުރުކީވިލާތުން ވެދެމުންދާ އެހީތެރިކަން ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ތުރުކީއިން މިހާރު ދެމުންދާ އެހީތައް އިތުރުކުރެއްވިދާނެ ކަމަށާއި، ތުރުކީގެ ސްކޫލުތަކުގައި ކިޔެވުމުގެ ފުރުސަތުތައް ދިވެހި ކިޔަވާކުދިންނަށް އިތުރުކުރެއްވިދާނެ ކަމުގައި ވިދާޅުވިއެވެ.

ތުރުކީއަކީވެސް ރާއްޖެފަދަ ޑިމޮކްރެޓިކް ނިޒާމެއް ގެންގުޅޭ އިސްލާމީ ޤައުމެއްކަމަށްވުމާއެކު ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ހަރުދަނާ ކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ތުރުކީއިން އެހީތެރިކަމާއި އެއްބާރުލުން ދެއްވިދާނެ ކަމުގައިވެސް ތުރުކީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.