بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މަދަނީ ޖަމްޢިއްޔާތަކުގެ އިސް ވެރިން، ސިވިލް ސޮސައިޓީ އެވޯޑް ޙާޞިލްކުރާ ޖަމްޢިއްޔާތައް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މުޖްތަމަޢު ބާރުވެރިކުރުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން، ރާއްޖޭގެ ތާރީޚުގައިވެސް ސިވިލް ސޮސައިޓީ އެވޯޑްގެ ނަމުގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތަޢާރަފްކުރެއްވީތީ، މިނިސްޓަރ އަޙްމަދު މަޚްލޫފަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މި އެވޯޑްގެ އެންމެހައި ކަންތައް އިންތިޒާމު ކުރައްވައި ވިލަރެސް ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަން.

އަދި މިރޭ މަދަނީ ޖަމްޢިއްޔާތަކުގެ އެވޯޑް ޙާޞިލުކުރާ 10 ޖަމްޢިއްޔާއަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔައި ހެޔޮއެދުންތައް ފޮނުވަން. މިރޭ އެވޯޑް ޙާޞިލުކުރާ ޖަމްޢިއްޔާތަކުގެ ތެރޭގައި، މުޖްތަމަޢުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ އަދި އެހާމެ އަގުހުރި ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތައް އެބަހުރި.

މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ ވަރަށް ގިނަ އަހަރުތަކެއްވީ ޖަމްޢިއްޔާތައް ވެސް މީގެތެރޭގައި ހިމެނޭ. އޭގެ ތެރޭގައި، މީގެ 43 އަހަރު، 39 އަހަރު، 27 އަހަރު އަދި 25 އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ ޖަމްޢިއްޔާތައް އެބަހުރި. އަދި ވަރަށް އަގުހުރި ޚިދުމަތްތަކެއް ދެމުން އަންނަ، ވަރަށް ހަގު ޖަމްޢިއްޔާތައް ވެސް އެބަހުރި.

މި އެވޯޑްގެ އެންމެ މުހިންމު ބޭނުމަކީ، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް މަދަނީ ޖަމްޢިއްޔާތަކުން އަމިއްލައަށް އިސްނަގައިގެން ކުރާ ކަންކަމުގެ އަގުވަޒަންކުރުން. އަދި މުޖުތަމަޢު ބާރުވެރިކުރުވުމުގައި، އެފަދަ ޖަމްޢިއްޔާތަކުން އަދާކުރާ މުހިންމު ދައުރާ މެދު ހޭލުންތެރިކަން އިތުރުކުރުން. އަދި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުމަކީ ވެސް މި އެވޯޑްގެ ވަރަށް މުހިންމު މަޤްޞަދެއް.

ކޮންމެ މުޖްތަމަޢެއްގައި ވެސް މަދަނީ ޖަމްޢިއްޔާތަކަކީ، އެ މުޖްތަމަޢެއް ޙަރަކާތްތެރިކުރުވާ މައި އިންޖީނު. އެ އިންޖީނު ހިނގާ ވަރަކަށް، އެ މުޖްތަމަޢެއްގެ ހަކަތަ އިތުރުވެ ބުންވަރު އިތުރުވޭ. އެ މުޖްތަމަޢެއްގެ އިޤްތިޞާދީ މިސްރާބު އަމާން އައްސޭރިއަކަށް ސީދާކޮށްދިނުމުގައި ވެސް މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ވަރަށްފުޅާ.

ޑިމޮކްރެސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މަދަނީ ޖަމްޢިއްޔާތަކަށް. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޙަރަކާތްތައް، އެ ބައެއްގެ ތެރޭގައި ހިންގައިދޭ މައި ކެނބަކީވެސް މަދަނީ ޖަމްޢިއްޔާތައް.

ބަދަލަކަށް އެދިގެން މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެން އެންމެން އުފުލި އަޑުތައް، ރާއްޖޭގެ ދުސްތޫރީ ފޮޅުވަތްތަކުގައި ލިޔެވިގެން ދިޔައީ، މަދަނީ ޖަމްޢިއްޔާތަކުންވެސް ވަރަށް މުހިންމު ދައުރެއް އަދާކޮށްގެން. އެއީ ފެންނަން އޮތް ޙަޤީޤަތް.

މިއަދުވެސް އަޅުގަނޑުމެން މި އަންނަނީ އެފަދަ ވަރަށް މުހިންމު ކަންތައްތަކަކަށް އަޑު އުފުލަމުން. އެއް ކަމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުން. އުސް ބިންތަކާ ޚިލާފަށް، އަޅުގަނޑުމެން ދިރިއުޅެމުން މި އަންނަނީ، ވަރަށް ތިރި ޖަޒީރާ ރަށްތަކެއްގައި. މޫސުމީ ބަދަލުތަކުން ކުރިމަތިވާ ހާދިސާތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ސީދާގޮތުން ކުރިމަތިވާ ނުރައްކާތަކެއް.

އެ ނުރައްކާ ކުޑަކުރުމަށްޓަކައި، ރާއްޖޭގެ މާޙައުލީ ނިޒާމު ހަލާކުވިޔަ ނުދީ ދިރުވައި ބެލެހެއްޓުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް. ހަމައެކަނި މި ވަގުތު މި ޖަޒީރާތަކުގައި އުޅެންޖެހިފައި ތިބި އަޅުގަނޑުމެންނަށްޓަކައެއް ނޫން. އަޅުގަނޑުމެން މި ފަސްގަނޑަށް ދޫކުރާ، ކުރިމަގުގެ ޖީލުތަކަށްޓަކައި ވެސް، މި ވެށި ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

އެކަމުގައިވެސް މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކުރެވިއްޖެ ނަމަ، އަޅުގަނޑުމެންގެ އަމާޒަށް ވާޞިލުވުމަށް ވަރަށް ފަސޭހަވާނެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ދޭންޖެހޭ އެއް ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުން. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ބައިވެރިވެގެން ޚާއްޞަ މަސައްކަތްތަކެއް ފެށުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އަޅުގަނޑު ދަންނަވަން.

އޭގެ އިތުރުން، މިވަގުތު އަޅުގަނޑުމެން އަމާޒު ހިފަންޖެހޭ އަނެއް ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި އިޖްތިމާޢީ މައްސަލަތަކުގެ މައްޗަށް. އެކަމަށް ޙައްލު ހޯދުމަށް. މީގެ ހަތަރު ރޭ ކުރިން ވެސް މި ވާހަކަ އަޅުގަނޑު އައްޑޫ ސިޓީގައި އިޝާރާތް ކުރިން. އެހެންނަމަވެސް، ކަމުގެ މުހިންމުކަމުން މިރޭ ވެސް ހަމަ އެ ވާހަކަ އަޅުގަނޑު ތަކުރާރު މި ކޮށްލަނީ.

މި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އިޖްތިމާޢީ އެތައް މައްސަލަތަކެއް އެބަހުރި. އެކި އަތޮޅުތަކުގައި އަދި އެކި ރަށްރަށުގައި އެފަދަ މައްސަލަތައް ހުރީ އެކިވަރަށް. އަދި ހުރި މައްސަލަތަކާއި އޭގެ ބާވަތްތައް ވެސް ތަފާތު. ބައެއް ރަށްރަށުގައި ވައްކަމުގެ މައްސަލަތައް އެބަހުރި. އެހެން ބައެއް ރަށްރަށުގައި ވައްކަމުގެ މައްސަލަތައް ނުވެސް ނެތޭ ބުނެވޭހާ މަދު.

ގޭންގު ކުށްތަކަކީވެސް، ޙައްލުކުރަން ޖެހިފައިވާ އިޖްތިމާޢީ ބޮޑު މައްސަލައެއް. މަސްތުވާތަކެތީގެ މައްސަލައަކީ ވެސް މުޅި ރާއްޖެއަށް ފެތުރިފައި އޮތް ވަރަށް ބޮޑު މައްސަލައެއް. ނަމަވެސް، އެކި އަތޮޅުތަކާއި އެކި ރަށްރަށުގައި އެކަން އޮތީ އެކި މިންވަރަށް. މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުވަމުންދާ ވަރަކަށް، އަޅުގަނޑުމެންގެ ތެރޭގައި ހުރި އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތައް ޙައްލުވާން ފަށާނެ ކަމަށް އަޅުގަނޑު ދެކެން. ނޫނީ އެ މައްސަލަތައް މަދުވާން ފަށާނެ.

ގޭންގު ކުށްތައް ވެސް މި އޮންނަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައި. ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ކުށްތަކަށް ބެއްޔަސް، އަދި މާރާމާރީ އާއި ވައްކަމުގެ މައްސަލަތަކަށް ބެއްޔަސް، މިއިން ކޮންމެ މައްސަލައެއްވެސް، ނުސީދާ ގޮތުން ގޮސް ހުއްޓޭ އެއް ދިމާލަކީ މަސްތުވާތަކެތީގެ މައްސަލަ.

މި ހުރިހާ ކަންކަމަކީ ވެސް މުޖްތަމަޢުގެ ތެރޭގައި އުފެދޭ އިޖްތިމާޢީ މައްސަލަތައް. މިއީ ހަމައެކަނި ހަރުކަށި އަދަބު ދީގެން ހުއްޓުވޭނެ ކަންކަމެއް ނޫން. މި ފަދަ މައްސަލަތަކަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ، އެފަދަ މައްސަލަތައް އުފެދުމަށް މެދުވެރިވާ ސަބަބުތަކުން މީހުން ދުރުކުރުމަށް، އެ މުޖްތަމަޢެއްގެ ތެރެއިން މަސައްކަތް ކުރުން.

ޢާއިލީ މައްސަލަތަކަކީ ވެސް ބައެއް ރަށްރަށުގައި ހުރި މައްސަލަތަކެއް. އަންހެނުންނާއި ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައްވެސް އެކި ރަށްރަށުގައި އެކިވަރު. އެފަދަ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް އަޅުގަނޑުމެން ޤާއިމުކުރުމުން، އެ ނިޒާމުގެ ތެރެއިން ހުށަހެޅިފައި ހުރި މައްސަލަތަކަށް ބެލުމުން، މުޖްތަމަޢުގައި އެކަން ފެތުރިފައި އޮތް މިންވަރު އަޅުގަނޑުމެންނަށް ތަޞައްވަރު ކުރެވޭ. އަދި އެ މައްސަލަތައް މެދުވެރިވާ ސަބަބުތައް ނައްތާލައި، އެފަދަ މައްސަލަތައް ޙައްލުކުރަން ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ވެސް އަޅުގަނޑުމެންނަށް ވަޒަންކުރެވޭ.

މިއީ އަޅުގަނޑުމެންނަށް ޙައްލު ނުކުރެވޭވަރުގެ މައްސަލައެއް ނޫން. އަޅުގަނޑަށް ފެންނަ ގޮތުގައި މިކަމުގެ ޙައްލު އަޅުގަނޑުމެންގެ އަތުގައި އެބައޮތް. އެ ޙައްލު ހޯދަން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ބާރެއްކަމަށް އަޅުގަނޑު ދެކެނީ، ރާއްޖޭގައި މި އޮތް ޖަޒީރާވަންތަ ސިފަ. ކޯވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމުގައި ވެސް އަޅުގަނޑުމެން އަމާޒު ހިފީ ކޮންމެ ރަށެއްގެ ޙާލަތަށް ރިޢާޔަތްކޮށް، ލާމަރުކަޒީ އުސޫލަކުން އެ ބަލި ކޮންޓްރޯލް ކުރުމަށް.

މި ދެންނެވި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި ވެސް އަޅުގަނޑުމެންނަށް އެ މަގުން ހިނގިއްޖިއްޔާ ނަތީޖާ ޙާޞިލުކުރުން ފަސޭހަވާނެ. އަދި މިކަމުގައި ރަށްރަށުގެ މަދަނީ ޖަމްޢިއްޔާތަކުން އިސް ނެގުމުން ނަތީޖާ ނެރުން އަދި އެއަށްވުރެ މާ ފަސޭހަވާނެ. އެ ރަށެއްގައި ހުރި އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްޢިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރި ކަމެއް.

މި ދެންނެވި ފަދަ އިޖްތިމާޢީ ދާއިރާތަކުން ޚިދުމަތް ދޭ ޖަމްޢިއްޔާތައް މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި. މިރޭ އެވޯޑް ޙާޞިލުކުރި އޭޖްޑް ކެއަރ މޯލްޑިވްސްއަކީ ދޮށީ ޢުމުރުގެ މީހުންނަށް ޚިދުމަތްކުރާ ދަރުމަވެރި ޖަމްޢިއްޔާއެއް. ކެއަރ ސޮސައިޓީއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުގައި ވަކާލާތުކުރާ ޖަމްޢިއްޔާއެއް. ސްކައުޓް އެސޯސިއޭޝަނާއި ގާރލް ގައިޑް އެސޯސިއޭޝަނަކީ ވެސް، ހަރުދަނާ މުޖްތަމަޢެއް ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެ ޖަމްޢިއްޔާ.

އެކި ދާއިރާތަކުން ޚިދުމަތްދޭ މިފަދަ ކިތަންމެ ޖަމްޢިއްޔާއެއް މާލެއާއި އެކި ރަށްރަށުގައި އެބަހުރި. ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތައްވެސް މިހާރު އެބަ ހަރަކާތްތެރިވޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ތިމާވެށި ޙިމާޔަތް ކުރުމަށް ނުވަތަ ތިމާވެށި ޙިމާޔަތް ކުރުމުގެ ރޫޙު ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތް ކުރުމަކީ، ކޮންމެ މަދަނީ ޖަމްޢިއްޔާއެއްގެ މަޤްޞަދުތަކުގެ ތެރޭގައި މިހާރު ހިމަނަންވެއްޖެ ކަމެއް.

އަދި އެ ރަށެއްގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުމަކީ ވެސް، އެ ރަށެއްގެ މަދަނީ ޖަމްޢިއްޔާތަކުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. އެހެން މި ދެންނެވީ، މި ދެންނެވި ދެ މައްސަލައަކީ ވެސް އެއްވެސް ފަރުދެއް އަދި އެއްވެސް ރަށެއް އިސްތިސްނާނުވެ، އަޅުގަނޑުމެން ކޮންމެ މީހަކަށް އަދި ކޮންމެ މުޖްތަމަޢަކަށް ކުރިމަތިވެފައިވާ ބޮޑު ދެ މައްސަލައަށް ވާތީ.

ދިވެހި ރައްޔިތުން އުޅެން ބޭނުންވާ އުފާވެރި ދިރިއުޅުން، ދެކެން ބޭނުންވާ ޞުލްޙަވެރި ވެށި، އަދި ފާޅުކުރަން ބޭނުންވާ ހިނިތުންވުން، މި ހުރިހާ ކަމެއްވެސް ގުޅިފައި ވަނީ މި ދެންނެވި މައްސަލަތަކާ. އަޅުގަނޑުމެން މި ގެންނަ އިޤްތިޞާދީ ތަރައްޤީއާއި، ޞިއްޙީ ދާއިރާގެ ހެޔޮ ބަދަލުތަކާއި، ތަޢުލީމީ ގޮތުން އަންނަ ކުރިއެރުންތަކުން، ޙަޤީޤީ އުފާވެރިކަމެއް ޙާޞިލުވާނީ މި ދެންނެވި އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ލިބިގެން.

އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، ސިވިލް ސޮސައިޓީގެ އެވޯޑެއް ތަޢާރަފްކޮށް، މަދަނީ ޖަމްޢިއްޔާތަކަށް މުޅިން އައު ދިރުމެއް ލިބޭ މި ދަނޑިވަޅަކީ، މި ދެންނެވި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރުމަށް ވަރަށް މުހިންމު މުނާސަބަތެކޭ. އެކަމާމެދު ރާއްޖޭގެ ހުރިހާ ޖަމްޢިއްޔާތަކުން ވިސްނައި ފިޔަވަޅު އަޅާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އެކަމުގައި ކުރިއަށް ދިއުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ދުޢާ ދަންނަވަން. ދިވެހިންގެ މެދުގައި ހަމަޖެހުމާއި ޞުލްހަވެރިކަން ޤާއިމުކޮށް، ރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމަށް މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ހިތްވަރާއި ސާބިތުކަން ދެއްވާށި. އާމީން

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.