ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގްރީސްގެ ރައީސް ޑޮކްޓަރ ކަރޯލޯސް ޕަޕޯލިއަސްއާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ގްރީސްގެ ރައީސާ ބައްދަލުކުރެއްވީ، އެމަނިކުފާނު "ވާރލްޑް ފިއުޗަރ އެނަރޖީ ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށް އަބޫދާބީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ގްރީސުން ރާއްޖެއަށް ވެދެއްވާފައިވާ ތަފާތު އެހީތަކަށްޓަކައި ގްރީސްގެ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި، ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތްގޮތާ ބެހޭގޮތުންވެސް ގްރީސްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު އަރުއްވައި، ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި، ރާއްޖެ ދާދިފަހުން އައި.އެމް.އެފް. ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައިވާކަންވެސް ހާމަކުރެއްވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލައިގެ މައްޗަށް ބައްލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިއީ ރާއްޖެ މިއަދު ކުރިމަތިލާން ޖެހިފައިވާ ވަރަށްބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އަދި ކޯޕަންހޭގަން ސަމިޓުން ނުކުތް ނަތީޖާއަކީ އެންމެ އުންމީދު ކުރެއްވި ނަތީޖާ ނޫން ކަމުގައިވެސް ވިދާވުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމާއި ޝިޕިންގގެ ދާއިރާއާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ޝިޕިންގ ކުންފުނީގެ ޙާލަތު މިހާރުވަނީ ވަރަށް ދަށްވެފައި ކަމަށާއި، އެ ކުންފުނި ހިންގާނެ އެކަށީގެންވާ ފަރާތެއް ހޯއްދެވުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ގްރީސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމާއި ޝިޕިންގގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި، މި ދެދާއިރާއިން ވަރަށްގިނަ ތަޖުރިބާތަކެއް ގްރީސް ޙާޞިލު ކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. ތިމާވެށީގެ ދާއިރާއަކީވެސް ގްރީސުން ވަރަށް ޝައުޤުވެރިވާ ދާއިރާއެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ނިޒާމެއް ގެންނެވުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅުތައް، ގްރީސްގެ ރައީސް ފާހަގަކުރައްވައި، އެކަމަށްޓަކައި މަރްޙަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބޫދާބީއަށް އިއްޔެ މިފެށްޓެވި ދަތުރުފުޅުގައި، ދުބާއީއަށް ވަޑައިގަތީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. ދުބާއީގެ ވައިގެ ބަނދަރުން ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް ޢުބައިދު ޙުމައިދު އާލްތާޔީރެވެ.